މޫސުމާއި ގުޅޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު (ރީކޯ) މޫސަ ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ އދގެ 74 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެންނެވި ދިވެހި ވަފްދުގައި އޭނާ ހިމަނާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މޫސަ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާ ނިއުޔޯކަށް ވަޑައިގެންނެވީ އަމިއްލަ ޚަރަދުގައި ކަމަށާއި، އަދި އަމިއްލަގޮތުން އެދަތުރު ކުރެއްވީ ހަތް އަހަރަށް ފަހު ރާއްޖޭގެ ރައީސަކު އދގައި ތަގުރީރު ކުރައްވާ މަންޒަރު ބައްލަވައިލެއްވުމަށް ކަމަށެވެ. އަދި އދގެ މައި އޮފީހަށް ވަނުމަށް ދިވެހި މިޝަނުން ދެއްވި އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރައްވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އަދި ރައީސް ސޯލިހާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

 ކުރިން އމްޑީޕީގެ ޗެއާރޕަސަންކަންވެސް ކުރެއްވި މޫސާ މަނިކު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ޕީޕީއަށް ސޮއިކުރައްވާ އޭރުގެ އިދިކޮޅުފަރާތްތަކަށް އަދި މިހާރުގެ ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާލުވެ ޕޯޑިއަމް ތަކުގައި ވާހަކަދައްކަވަފައެވެ.

ނިއުޕޯޓު ހުރި ބިން ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހަދާފައިވާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން 15 ދުވަސް ތެރޭ ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓުން ނިއުޕޯޓް ރެސްޓޯރެންޓް ހިންގާ ސްޓްރާޑާ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ހުކުމްކުރީ ނިއު ޕޯޓް ހުސްކޮށްދިނުމަށާއި އެ ބިމުން ދައުލަތަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެން ކުރި ހުކުމްގަ އެވެ.

ނިއު ޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ އާއި ދެކޮޅަށް ކުރި ހުކުމްގައި ބުނެފައިވަނީ ސަރުކާރުން އެކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ ކަން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކޮށްފައިވަނިކޮށް އެކުންފުންޏަށް އެ ބިން ބޭނުންކުރުމުގެ ހުއްދަ ނޯންނާނެތީވެ 15 ދުވަހުގެ ތެރޭގައި ސަރުކާރާ ބިން ހަވާލުކޮށް، ކުލީގެ ގޮތުގައި ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލު ކުރުމާ ހަމަ އަށް އަރަމުންދާ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް އަމުރުކުރާ ކަމަށްވެސް ހުކުމްގައިވެ އެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ވިއު ރެސްޓޯރަންޓް ހިންގުމަށް ބްރިޖު ސަރަހައްދުން ބިމެއް 2016 ވަނަ އަހަރުގެ ތެރޭގައި އެކުންފުންޏަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި އޭރު ހުންނެވި ޒާހިދު ރަމީޒެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 1.13 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1.13 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 139،338 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ، އިންޑިއާ، އިޓަލީ، ޖާރމަނީ، އަދި އިނގިރޭސިވިލާތުން ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

މޫސުމާއި ގުޅޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީއިން އިންތިޒާމްކޮށްގެން އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި މޫސުމާއި ސަލާމަތާއި ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މޫސުމާއި ސަލާމަތީ ކަންކަމާއި އޮތް ގުޅުން ބަޔާންކޮށް މިނިސްޓަރ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމުކަމަށް ވުމާއިއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލަމާތަށް އޮތް ނުރައްކާ ހާމަކޮށް، އެކަމަށް ހޭލުންތެރިކުރުމަށް ގްރޫޕް އޮފް ފްރެންޑްސްގެ ފަރާތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު އެމަސައްކަތަށް ތައުރީފްކުރެއްވިއެވެ. ހަމައެއާއިއެކު، ޕެރިސް މުއާހަދާގެ ދަށުން ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން ޔަޤީންކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖެއިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވީހާވެސް އަވަހަކަށް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއުލާންކުރައްވާފައިވާތީ، އެކަމަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި ބެހޭ މައުލޫމާތާއި، އެނުރައްކާތަކުން އަރައިގަތުމަށް ކުރެވިދާނެކަންކަމުގެ ލަފާ މެމްބަރު ޤައުމުތަކާއި ހިއްސާކުރެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލްއަށް ގޮވާލާ ޖޮއިންޓް ޕޮޒިޝަންގައި ސޮއިކުރައްވާފައެވެ.

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ އުފެދުނީ 1 އޮގަސްޓް 2018 ގައެވެ. އެޖަމާޢަތުން މަސައްކަތް ކުރަމުން އަންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެދާއިރާއިން އދގެ ބައިވެރިވުން އިތުރުކުރުމަށެވެ. މި ގްރޫޕްގައި 27 މެމްބަރު ޤައުމު ހިމެނެއެވެ.

“ފަސޭހަ” އާއި “އަޑަފި”ގެ މައްސަލަ ބަލަނީ

ރާއްޖޭގެ ނޫސްތަކުގެ ލިޔުންތަކާއި ޚަބަރުތައް ނަގައި ރީ-ޕަބްލިޝްކުރާ އޮންލައިން ވެބްސައިޓެއް ކަމަށްވާ “ފަސޭހަ.ކޮމް” އަދި “އަޑަފި” އެޕްގެ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

އޮންލައިން ނޫސްތައް ހިންގަމުންދާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެމްއެމްސީން އެ ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

“ފަސޭހަ.ކޮމް” ވެބްސައިޓް އަދި “އަޑަފި” އެޕަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އޮންލައިން ނޫސްތަކުގައި ލިޔާ ހަބަރުތަކާއި ރިޕޯޓްތައް އެ ނޫސްތަކުގެ ހުއްދައެއް ނެތި ރީ-ޕަބްލިޝްކޮށް، އޭގެ ކޮންޓެންޓުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކުގެ އިޝްރިހާރުތައް ޖަހައިގެން އޭގެން މަންފާ ހޯދަމުންދާ ބައެކެވެ.

އެމްއެމްސީގެ މިއަދުގެ ބައްދަލުވުމުގައި، ެމްއެމްސީން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ އާ އުސޫލުގެ ފައިނަލް ޑްރާފްޓް ނިންމައި މީޑިއާތަކާ ހިއްސާކުރުމަށާއި އެކައުންސިލުން އެކި ދުވަސްތަކަށް ބަހާލައިގެން ކައުންސިލް މެމްބަރުން ހިމެނޭގޮތަށް މީޑިއާތަކާ ބައްދަލުކުރުމަށް އަދި މީޑިއާ ދަފްތަރު އަޕްޑޭޓް ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

ދީނަށް ފުރައްސާރަ ކުރަމުންދާ އިތުރު ޕޭޖެއް ބްލޮކް ކޮށްދޭން ފޭސްބުކްގައި އެދިއްޖެ

އިސްލާމްދީނަށް ފުރައްސާރަ ކުރާ އިތުރު އެހެން ޕޭޖެއް ވެސް ބޮލޮކް ކޮށްދޭން ފޭސްބުކްގައި އެދިފައިވާނެ ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައި މިވަނީ، މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ކުރެހުންތައް ފަތުރަމުންދިޔަ ފޭސްބުކް ޕޭޖް “ޖުހާ” ބުލޮކް ކޮށް، ނުވަދެވޭ ގޮތް ހަދާފައިވަނިކޮށެވެ.

ފުލުހުން ބުނީ، “ޖުހާ” ޕޭޖް ބްލޮކް ކުރަން ފުލުހުން ފޭސްބުކްގައި އެދިފައިވަނިކޮށް، މިރޭ ފޭސްބުކުން އެ ޕޭޖް ބްލޮކްކުރިކަން އަންގާފައިވާ ކަމަށެވެ.

އަދި އެފަދަ އިތުރު ޕޭޖެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ޕޭޖުގެ ނަން ފުލުހުން މީޑިއާއަށް ހާމަކުރި ނަމަވެސް، އެ ޕޭޖް މަޝްހޫރު ކުރަން މި ނޫހުން ބޭނުން ނުވާތީ އެ ޕޭޖުގެ ނަމެއް ނުގެނެސްދޭނަމެވެ.

މިރޭ ބްލޮކްކުރި “ޖުހާ”ގެ ނަމުގައި ހިންގަމުންދިޔަ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެއެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެއެވެ.

އެ ޕޭޖު ބްލޮކް ކޮށްފައިމިވަނީ، މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިއްޔެ ބުނެފައިވަނިކޮށެވެ. އަދި އާންމުން ވެސް ވަނީ އެ ޕޭޖް ބުލޮކް ކުރަން ރިޕޯޓް ކުރަމުންނެވެ.

މޫސުން ގޯސްވެ، ޅ. އަތޮޅުން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޅ. އަތޮޅުން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިރޭ 11:30 އިން ދަންވަރު 3:30 ގެ ނިޔަލަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

މެޓް އޮފީހުން މާދަމާރޭ 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައިވާ ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އިންޑިއާގެ ފުރަތަމަ ޑައިވިން އެކްސްޕޯ ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ނަޝީދު

އިންޑިއާގެ މުމްބާއީގައި އަންނަ މަހު ބާއްވާ އެގައުމުގެ ފުރަތަމަ ބައިނަލްއަގްވާމީ ޑައިވިން އެކްސްޕޯގެ ޝަރަފުވެރި މެހެމާނަކަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފިިއެވެ.

އޭޝިއާގެ އެންމެ ގިނަ ދުވަސް ވަންދެން ބާއްވަމުން އަންނަ ޑައިވް ޓްރެވެލް އެޖެންޓްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު އެޑެކްސް ބްރޭންޑުން އިންތިޒާމްކޮށްގެން “އެޑެކްސް އިންޑިއާ އޯޝަން ފެސްޓިވަލް”ގެ ނަމުގައި ބާއްވާ އެ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ ހަތަރަކުން ހަވަނަ ދުވަހަށް ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ.

އެކްސްޕޯ ބާއްވާ އެޑެކްސް ބްރޭންޑުން ބުނީ، ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުން މިއަހަރުގެ އެކްސްޕޯ ވެގެންދާނީ ތާރީހީ އިވެންޓަކަށް ކަމަށެވެ.

މި އެކްސްޕޯގައި ދުނިޔޭގެ މަޝްހޫރު ޑައިވިން މަންޒިލްތައް ބައިވެރިވާނެއެވެ. އޭގެ އިތުރުން އިންޑިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ތައިލޭންޑް، ރާއްޖެ، މެލޭޝިއާ އަދި ސްރީ ލަންކާގައި ހަރަކާތްތެރިވާ ޑައިވިން ސެންޓަރުތަކާއި ހިދުމަތްދޭ ތަންތަން މި އެކްސްޕޯގައި ބައިވެރިވާނެކަން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މިއަހަރުގެ އެކްސްޕޯގައި ޕެޑި، ޕާލޭ ފޮ ދަ އޯޝެންސް، ޕްލެނެޓް އޯޝަން ފައުންޑޭޝަން، އެވޯޑް ހާސިލްކޮށްފައިވާ އަންހެން ޑައިވަރުން، މޫދުއަޑީގެ ފޮޓޯގުރާފަރުންނާއި ފިލްމު ހަދާ މީހުން ތަގުރީރު ކުރާނެއެވެ.

އެގޮތުން އެކްސްޕޯގައި ރާއްޖޭގައި ޑައިވިން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ނަން ވިދަމުން އަންނަ ތަޖުރިބާކާރު ދެ އަންހެނުން ކަމުގައިވާ ޒޫނާ ނަސީމާއި ޝާހީނާ އަލީ ވެސް ތަގުރީރު ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

އެންމެ ފުރަތަމަ “ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން”ގެ މަގާމު ރާއްޖެއަށް

ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން”އަކީ ދިވެހިރާއްޖެ ކަމުގައި އިއުލާންކޮށްފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި، އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން” ގެ މަގާމު ލިބުމުން ރައީސް ވިދާޅުވީ، މި މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތްކުރާ ނޫ އިގްތިސާދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.

މިއަދު ބޭއްވި މި ދަންފަޅީގައި ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި ގާނޫނާ ގަވައިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ޕާލޭ އޭއައިއާރު ސްޓްރެޓެޖީއަށް ތައުރީފުކުރައްވައި މި ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތައުރީފު ކުރެއްވިއެވެ.

އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 2023 ވަނަ އަހަރުގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކޭލެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލެއްވިއެވެ.

އަދި މިއީ އެފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ގައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމުކަން ފާހަގަކުރައްވާ ރައީސް ވަނީ،  މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ރާއްޖެއިން ގެންގުޅޭ މޮޑެލްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

އިސްލާމްދީނަށް ފުރައްސާކޮށް ހިންގަމުންދިޔަ “ޖުހާ” ޕޭޖް ބްލޮކް ކޮށްފި

މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ކުރެހުންތައް ފަތުރަމުންދިޔަ ފޭސްބުކް ޕޭޖް “ޖުހާ” ބުލޮކް ކޮށްފިއެވެ.

“ޖުހާ” ގެ ނަމުގައި ހިންގަމުންދާ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެއެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެއެވެ.

އެ ޕޭޖް ބުލޮކް ކޮށްފައިމިވަނީ، މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިއްޔެ ބުނެފައިވަނިކޮށެވެ. އަދި އާންމުން ވެސް ވަނީ އެ ޕޭޖް ބުލޮކް ކުރަން ރިޕޯޓް ކުރަމުންނެވެ.

އެގޮތުން މިހާރު ވަނީ އެ ޕޭޖަށް ނުވަދެވޭ ގޮތް ހަދާފައެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް ވަނީ މިއަހަރުގެ ޖަނަވަރީ 22ގައި ހާއްސަ ކޮމެޓީއެއްވެސް އުފައްދަވާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ކޮމިޓީގެ މަސައްކަތްތައް ހިނގަނީ ސޯޝަލް ކައުންސިލްގެ ދަށުންނެވެ.

ޖަލުގެ ހާލަތު ދެނެގަނެ، ގައިދީންގެ ކަންބޮޑުވުން އައްސަން މިނިސްޓަރު އިމްރާން ޖަލަށް

ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާލޭ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ޖަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ، ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެފައެވެ.

އަދި ޖަލުތަކުގައި ތިބި ގައިދީންނާއި ވާހަކަދައްކާ އެމީހުންގެ ކަންބޮޑުވުން އޮޅުންފިލުވައި މިނިސްޓަރު އިމްރާން ވަނީ، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަން ގައިދީންނަށް ދީފައެވެ.

އެގޮތުން ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ކަންކަން ރަނގަޅުކުރެއްވުމަށް އިރުޝާދު ދެއްވައި،  ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަވަސް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނަށް މިނިސްޓަރު އިމްރާން ވަނީ އަންގަވައިފައެވެ.

ހޯމް މިނިސްޓަރު ޖަލަށް ކުރެއްވި ޒިޔާރަތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަން އަހުމަދު މުހައްމަދުފުޅާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅި ދުނިޔެއަށް ރައީސް: މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދެއްވާ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ނިއުޔޯކްގައި މިއަދު ކުރިއަށްދިޔަ “ބްލޫ ލީޑާސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް” ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަމަށެވެ.

އެހެންކަމުން ރާއްޖެ ފަދަ ގައުމުތަކަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމުކަން ފާހަގަކުރައްވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތްކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.

އަދި ވިދާޅުވީ، ދެމެހެއްޓެނިވި އަދި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިގްތިސާދުތަކެއް ބިނާކުރުމަކީ ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވާއިރު ދުނިޔޭގެ ކަނޑުތަކުގެ 30 ޕަސެންޓް ހިމާޔަތްކުރެވޭ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަގްވާމީ ލީޑަރުން އެއްބަސްވެވަޑައިގެންނެވުމަށް ވިދާޅުވިއެވެ.

ކަނޑުތަކުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލެމުންދާ ކަމަށެވެ.

އަދި މައްސަލަތައް ހައްލު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެން ރައީސް ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ސަމިޓްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ހާއްސަ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމާއި އެކަމުގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައްދަލުުވމުގެ ބައިވެރިންނާއި ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އަދި އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ދައުވާއަކީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުވައެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުވައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ފުރަތަމަފަހަރަށް ޝަރީއަތުގެ މަޖިލީހުގައި ވިދާލުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްކިޔަ ކުންފުންޏަކުން އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފަނުގެ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ ފައިސާގެ އަސްލު އޮޅުވާލާފައިވާކަމަށް ދައުލަތުން ބުނާއިރު، އެސްއޯއެފުން ޖަމާކުރި ފައިސާ ބަދަލުކޮށްފައިވަނީ އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފާނުގެ އެހެން އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އެއީ އެ ފައިސާގެ އަސްލު އޮޅުވާލަން ކުރި ކަމެއްކަމަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކީ ހިޔާނާތުގެ މުއާމަލާތްތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް ގާނޫނީ އިދާރާއަކުން ތަހުގީގުކޮށްފައި ނުވާއިރު ވޮޑުމުއްލާ ކުއްޔަށްދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީވެސް އެމަނިކުފަނުގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން މިއަދުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.

“އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން އިސްނެގީ އަޅުގަނޑު. އެއީ ފަހަރެއްގައިވެސް ދައުލަތުގެ ފައިސާއަށްވެދާނެތީ އަޅުގަނޑު ހެޔޮ ނިޔަތުގައި ކުރި ކަމެއް. މި ދައުވާ އުފުލިގެން އުޅޭތީ ހިތާމަކުރަން. ފުލުހުންގެ ބޭނުމަށް އެމްއެމްއޭއިން އެސްޓީއާރުތައް ނެރުނީ މާފަހުން. އެހެންވީމާ މިއީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ”. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ދިފާއުން ހުށަހަޅާފައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ އެކަމަނާއަކީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރައްވާ މީހަކަށް ވާތީ ހާޒިރުވެވެން ނެތް ކަމަށް ސިޓީއަކުން ކުރިމިނަލް ކޯޓަށް އަންގާފައެވެ. އަދި ރައީސް ޔާމީންގެ މައްސަލާގައި ދެވޭނެ ހެކިބަހެއް ނެތް ކަމަށް ވެސް އަޒީމާ ވިދާޅުވިއެވެ.

ދުނިޔޭގެ ރިކޯޑް މުގުރާލާ އިވެންޓްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނައިގެން ރާއްޖޭން ހަދާ ދުނިޔޭގެ ރެކޯޑްގެ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެބަދަލުވުމނުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ރެކޯޑު ހަދަން ރާއްޖޭން ބާއްވާ އިވެންޓުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.   ނަމަވެސް އެ އިވެންޓްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ގޮތް ހާމައެއް ނުކުރެ އެވެ.

“ނޭވާ” ގެ ނަމުގައި ބާއްވާ މި ރިކޯޑް އިވެންޓުގައި 500 މީހުން ބައިވެރި ކުރަން ނިންމާފައިވެ އެވެ. އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ރެކޯޑު މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާ އިން ރެކޯޑް ހަދާފައިވަނީ އޮކްޓޫބަރު 11، 2009 ގަ އެވެ.

ދުނިޔޭގެ ރެކޯޑު ހަދަން ބާއްވާ އިވެންޓު އޮންނާނީ އަންނަ މަހުގެ އެއްވަަނަ ދުވަހު ބަރޮސް އައިލެންޑް ރިސޯޓުގެ ފަޅު ތެރޭ އެވެ. މި އިވެންޓު ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް ވެސް ބައިވެރިވާނެ އެވެ.

އެމެރިކާގެ ރައީސް ދެއްވި ފަރިއްކޮޅެއްގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގެންފި

އ.ދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވި ޚާއްޞަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސް ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ޤައުމުތަކުގެ ރައީސުންނާއި، ބޮޑު ވަޒީރުންގެ އިތުރުން ބައެއް ޤައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ފަރިއްކޮޅަކީ، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ޤައުމުތަކުގެ ވެރިންނަށް ލިބޭ ފުރުޞަތެކެވެ.

ރައީސް ޞާލިހް ވަނީ އިއްޔެ އދގެ ޤައުމީ މަޖިލީހުގައި ތަޤްރީރު ކުރައްވާފައެވެ.

އިންސާފާއި ނުލާ ގެންނަ ތަރައްޤީއަކުން ފައިދާއެއް ނުކުރާނެ: ރައީސް

އަދުލު އިންސާފު ގާއިމު ނުކޮށް ގެންނަ ތަރައްގީއަކުން ފައިދާއެއް ނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހް ކުރުމަށް ގިނަ މަސައްކަތްތެއް ކުރަމުން އަންނަ ކަމަށެވެ.

“ފުލުހުންގެ މުއައްސަސާ އިސްލާހް ކުރުމުގެ ކޮންޕްރިހެންސިވް ޕްރޮގްރާމެއް އަޅުގަނޑުމެން މި އަންނަނީ ހިންގަމުން. ޝަރުއީ ނިޒާމު އިސްލާހްކޮށް ޒަމާނީކުރަން ދައުލަތުގެ މުއައްސަސާތަކާ އެކު އަޅުގަނޑުމެން މިއަންނަ ގާތުން މަސައްކަތް ކުރަމުން،” އެމަނިކުފާނު ވިދާޅުވި އެވެ. “ޝަރުއީ ނިޒާމު އޮތީ ހައިޖެކްކޮށްފައި، ގާނޫނު ހަދާ މަޖިލިސް އޮތީ ހުއްޓުމަކަށް ގެނެސްފައި، ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެެރިންގެ އަނގަ ބަންދުކޮށްފައި،”

ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ތިއްބެވީ ޖަލުގައި ނުވަތަ ނޫނީ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ބާރުގަދަ ބިންހެލުމެއް ޕާކިސްތާނަށް އައިސްފި

ޕާކިސްތާނުގެ ކަޝްމީރަށާއި ޕަންޖާބް ސަރަހައްދަށް ބާރު ގަދަ ބިންހެލުމެއް އައިސްފިއެވެ.

މި ބިންހެލުމުގައި ޖުމްލަ 25 މީހަކު މަރުވެފައިވާއިރު، 300 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ރެކްޓަރ މިންގަނޑުން 5.8 ބާރު މިނުގައި އައި މި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެފައިވަނީ، ބިންހެލުން އައި ސަރަހައްދަކީ ބައިބޯ ސަރަހައްދެއް ކަމުން ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ބިންހެލުމުގެ ސަބަބުން އާޒަދް ކަޝްމީރުގެ ބޮޑު މަގުގެ ބިންގަނޑު ކަނޑައިގެން ދިޔަ އެވެ. އޭގެ ސަބަބުން ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. ދަތުރުތަކަށް ހުރަސް އެޅުމުގެ ސަބަބުން އަނިޔާވި ގިނަ މީހުނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ވެސް ދައްޗާ ކުރިމަތިވެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

ނޭވާ ހިއްލާ މީހުން އީ-ސިގެރޭޓް/ ވޭޕް ބޭނުން ކުރުން ވަރަށް ނުރައްކާ ބޮޑު

 އީ-ސިގެރޭޓް ނުވަތަ ވޭޕް ބޭނުން ކުރާނަމަ ނޭވާ ހިއްލާ ބަލި ހުންނަ މީހުންނަށް ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނިގޮތުގައި އީ-ސިނގިރެޓަށް އަޅާ ދިޔާ އެއްޗެހީގައި ނިކޮޓީން އެކުލެވޭ މިންވަރަށް ދަށް ނަމަވެސް، އޭގެ ސިއްހީ ގެއްލުންތައް ކުޑައެއް ނޫނެވެ. އެހެންވެ، ނޭލާވާ ނިޒާމުގައި އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް ފްލެވާޑް އީ-ސިނގިރެޓްގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ބުންނެފައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފްލެވާތަކުގެ ތެރެއިން ވެސް ބައެއް ބާވަތްތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އަދި އެފަދަ ރަހަތައް ބޭނުންކުރުމުން ނޭވާލުމުގެ ނިޒާމު އިތުރަށް ހަލާކުވެ، ނޭވާ ހިއްލާބަލީގެ އުނދަގޫ ބޮޑުވާ ކަމަށް އެ ރިޕޯޓްގައިވެއވެެ.

ބޫޓާން އާއި އެއްވަރުކޮށް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ރާއްޖެ ސެމީއަށް

ނޭޕާލްގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެ ދަތުރުކޮށްފިއެވެ.

އަންގާރަދުވަހު ބޫޓާންއާ ބައްދަލުކުރި މެޗު އެއްވަރުކޮށްގެން ލިބުނު ދެ ޕޮއިންޓާއެކު ރާއްޖެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި އިރު ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓާއި އެކު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ބޫޓާންއެވެ. އެންމެފަހުގެ ޗެމްޕިއަން ނޭޕާލުން މުބާރާތް ނިންމާލީ އެންމެ ޕޮއިންޓެއްލިބިގެންނެވެ.

ބޫޓާން އާއި ރާއްޖެ އަންގާރަދުވަހު ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލްއާއި ރާއްޖެ ކުޅުނު މެޗުވެސް ނިމުނީ 1 – 1 ން އެއްވަރުވެގެންނެވެ.

މުބާރާތުގެ އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިޔާ އާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްއެވެ. އެ ގްރޫޕުން ހަތަރު ޕޮއިންޓު ހޯދައިގެން ބަންގްލަދޭޝް މިހާރުވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އިންޑިޔާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލަންކާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެސީ އަށް

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާގެ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފި އެވެ.

އިޓަލީގެ ވެރިރަށް މިލާނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑު މެސީ ކާމިޔާބުކުރީ ޕޯޗުގަލްގެ ތަރި ޔުވެންޓަސް އަށް ކުޅެމުންއަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކްއާ ވާދަކޮށްގެންނެވެ.

މިއީ ފީފާ އިން މި އެވޯޑު ތައާރަފް ކުރިފަހުން މެސީ މިއެވޯޑް ކާމިޔާބުކުރި ފުރަތަމަ ފަހަރުއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައިޖަމްއިއްޔާ ފީފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު މެސީ ކާމިޔާބު ކުރިއިރު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އެމެރިކާގެ މަޝްހޫރު ތަރި މެގަން ރެޕީނޯއެވެ.

މި އެވޯޑު މެސީ ކާމިޔާބު ކުރިއިރު އޭނާ ވަނީ ބާސެލޯނާއާއިއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށް 22 އެސިސްޓު ހަދާފައެވެ.

ފަލަސްތީނުގެ މައްސަލަ ހައްލުކުރަން އދ. ނުކުޅެދިފައިވުމަކީ ހިތާމަކުރާކަމެއް: ރައީސް

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވުމަކީ ހިތާމަކުރައްވާކަމެއްކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނިއުޔޯކުގައި މިހާރު ކުރިޔަށްދާ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި  ތަޤްރީރު ކުރައްވަމުންނެވެ.

ރާއްޖޭގެ ރައީސަކު އދ ގެ މަޖިލީހުގައި ތަގްރީރުނުކުރައްވާތާ ހަތް އަހަރަށް ފަހު މިހާރު ކުރިޔަށްދާ އދ ގެ މަޖިލީހުގައި ތަގްރީރުކުރައްވަމުން  ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވާކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އ.ދ. އުފެދިފައި ވަނީ ފަނާކުރަނިވި ދެ ހަނގުރާމައެއްގެ ސަބަބުން އަނދާއަޅިއަށް ވެގެންދިޔަ އެތައް މިލިއަން އިންސާނުންގެ ނެތިދިއުމުގެ ތެރެއިން ކަމަށާއި، އ.ދ. ގެ އަސްލު ބިނާވެފައި ވަނީ އިންސާނީ މިނިވަންކަމުގެ މަތިވެރިކަމާއި އަމިއްލަ ޤައުމިއްޔަތެއް ބިނާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާސް ތަކެއްގެ މައްޗަށް ކަމަށްވާތީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށްވެސް ބަސްބުނުގެ އިޙުތިޔާރު ލިބިދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރުފެށިފައިވާތީ އެކަމާ އުފާފުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫންކަމަށާއި އޭގެ އިތުރުން ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މި ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާނެކަމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު ތަޤުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 6 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އ.ދ.ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު އަންހެނަކު ހުއްޓުވައިފި

ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީ އަންހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީ އަންހެނަކު ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް އާދައިގެ މަތިން އެހެން ހުއްޓުވާ މީހުންގެ މައުލޫމާތެއް އިމިގްރޭޝަނަކުން މިއަދު ވެސް ހާމައެއް ނުކުރެއެވެ.

އެހެންކަމުން އޭނާއަކީ ގޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާ ރާއްޖެ އައިސްފައިނީ ކޮން ގައުމަކުން ކަމެއް ނޭނެގެއެވެ. އަދި އޭނާ ހިފެހެއްޓި ދުވަހެއް ވެސް އިމިގްރޭޝަނަކުން ނުބުނެއެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅޭ މައްސަލަތައް މިފަހަކަށް އައިސް އިމިގްރޭޝަނުން ހާމަކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

އެގޮތުން މީގެ ދެ ދުވަސް ވެސް ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ތިން ބިދޭސީއަކު ވަނީ ހުއްޓުވައިފައެވެ.

ބަޑިބޭސް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ބަޑިބޭސްތަކެއް ގެންގުޅުނު މީހަކު ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އިއްޔެ 3:50 ހާއިރު ފަރީދީ ގޯޅީގައި ހުންނަ ނައިބް ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ ހިލާލީގެ ކައިރީގައި ޝައްކުކުރެވޭ ގޮތަކަށް އަމަލުތައް ހުރުމުން ކަމަށެވެ.

އެގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ވެސް ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފަޓާސް އަދި ބަޑި ބޭހުގެ ބާވަތްތައް ރާއްޖެ އެތެރެކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން، ހާއްސަ ބޭނުންތަކަށެވެ.

ގެއްލުންވި ފަރާތްތަކަށް އެހީވުމަށް ހުޅުވި އެކައުންޓަށް 3 ދުވަހުގެ ތެރޭގައި 190،000 ރ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ދޭން ހުޅުވި ބޭންކް އެކައުންޓަށް ތިން ދުވަހުގެ ތެރޭގައި 190،000 ރުފިޔާ ލިބިއްޖެއެވެ.

ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް އެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެކަމަށް ހުޅުވާފައިވާ އެކައުންޓުގެ ތަފްސީލް:

އެކައުންޓް ނަން:  September Male’ Fire Relief Account 20

އެކައުންޓް ނަންބަރު: 7730000284246

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މިއަދުގެ ހަވީރު ހަތަރެއް ޖެހިއިރާ ހަމައަށް އެކައުންޓަށް 191،555.25 ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

މަޖީދީއްޔާ ސްކޫލް ކުރިމަތީގައި އޮންނަ އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހަދާފައިހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަދާ ހުލުވިއިރު، ހަތް އިމާރާތަކަށް އަލިފާނުގެ އަސަރުކުރިއެވެ.

އަދި އެ ހާދިސާގައި ރޯވި އިމާރާތެއްގެ ތެރޭގައި ތާށިވި އަންހެނެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. އެ ހާދިސާގައި ޖުމްލަ 443 މީހަކު ހާލުގައި ޖެހުނު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.