ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީ ޒުވާނުން: ރައީސް

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީ ޒުވާނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގހެން ވިދާޅުވީ “އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019” ހުޅުވުމަށް މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ސާލިޙް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވި، ތަރުތީބު ކުރެވިފައި ހުންނާނީ އިޖްތިމާޢީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ. އަދި ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދުމުގެ އަމާޒަށް ވާޞިލްވުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުޞަތުދީ، ފުރުޞަތު ހޯދައިދީ ޒުވާނުންގެ އަޑުއަހާ ޕާޓީއެއްކަމަށާއި އެޕާޓީގެ ކުރީ ސަފުގައި އަބަދުވެސް ޒުވާނުން ނަގާކިޔަން ތިބުމުގެ އަސްލަކީ ޕާޓީން ޒުވާނުންނަށް ދޭ އިސްކަމާ މުހިންމު ކަމުގެ އަލިގަދަ ދަލީލެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެން ކަމަށާއި އެގޮތުން ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހާ ކިޔަވާ ނިމިގެން، މަތީ ތަޢުލީމާ ތަމްރީނު ލިބޭނެ މަގަށްކަމަށެވެ.

ނޮވެލްޓީ ބުކް ފެއާރގައި އިސްލާމްދީނާ ޚިލާފު ފޮތްތަކެއް ވިއްކަންހުއްޓާ ނަގައިފި

ނޮވެލްޓީ ބުކް ފެއާރގައި އިސްލާމްދީނާ ޚިލާފު ފޮތްތަކެއް ވިއްކަންހުއްޓާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ނަގައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޮވެލްޓީ ބުކް ފެއާރގާ މިފޮތްތައް ވިއްކަންހުއްޓާ ނަގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެތަނުން 109 ފޮތް ނަގާފައިވާ ކަމަށް ކަސްޓްމްސް އިން ބުނެއެވެ.

މި ފޮތްތަކުގެތެރޭގައި ހިމެނެނީ ދީން ޤަބޫލުނުކުރުމާ ގުޅޭގޮތުންނާއި ހިންދޫ ދީނުގެ މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއް ކަމަށާއި މިކަމުގެ މަޢުލޫމާތު މަޢުލޫމާތު ކަސްޓަމްސްއަށް ލިބުނީ ސޯޝަލް މީޑިއާގައި ޢާންމުކުރުމުންކަމަށް ވަނީ އެނގިފައެވެ.

އެމްޑީޕީގެ “ފުލޭގް މޭން” ނިކަމެތި ހާލުގައި މާރުކޭޓް ސަރަހައްދުގައި؟

އެމްޑީޕީގެ ވެރިކަން ހަތެއް ފެބްރުއަރީ 2012 ގައި “ބަޣާވާތަކުން” ވައްޓާލި ދުވަހުން ފެށިގެން އޭނާއަކީ އެޕާޓީގެ ޖަޑިބެއެވެ. މަގުދައްކައިދޭ އާރުކާޓީއެވެ. ވަރުބަލި ކަމެއްނެތި އެމްޑީޕީގެ ކޮންމެ ހަރަކާތެއްގައި އޭނާ ހުރެއެވެ. އެޕާޓީގެ ރަން ރީނދޫ ކުލައިގެ ތިލަފަތް ޖެހި ދިދަ ވިހުރާލުމުގައި ވަރުބަލި ކަމެއް ނެތިއެވެ. އެތައް ފަހަރަކު ހައްޔަރު ވެސް ކުރިއެވެ.

އެއީ އަބްދުލް ސަމަދު އަހުމަދު (ސަމަދުބެ) ނުވަތަ އެންމެން ދަންނަ ނަމުން ނަން އެމްޑީޕީގެ “ފުލޭގް މޭން”އެވެ. ނަމަވެސް އެމްޑީޕީގެ ހަރަކާތްތަކުން އޭނާ ކުއްލިއަކަށް ގެއްލުނެވެ. ވީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ގެއްލުނު ފަހުން ލަންކާގައި ދިރިއުޅޭ ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

ނަމަވެސް މިއަދު ވެސް އޭނާ ދުނިޔޭގައި އެބަހުއްޓެވެ. އޭރު އުފުލި ބުރަ އާއި ކުރި ހިދުމަތުގައި ފަހުރުވެރިކަމާއެކު އެއް ނޫނެވެ. އޭނާގެ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މަސް މާރުކޭޓް ސަރަހައްދުގައި ލަކުނޑި ކްރޭޓެއްގެ މަތީގައި ފުޅިމަދު ގަނޑެއް އަޅައިގެން އިންދައެވެ. ގަދަ ޗޮކުލެޓް ކުލައިގެ ޓީޝާޓެއް ލައިގެން އޭނާ އިނީ ބާލިދީއަކަށް ދެފައި ލައިގެންނެވެ. އިތުރު ފޮޓޯތަކެއްގައި ފެންނަނީ އޭނާގެ ގައި ދުޅަވެ ފާރުލާފައި ހުރި ތަނެވެ.

އެ ފޮޓޯތަކާއެކު އެތައް ބަޔަކު ދިޔައީ އެމްޑީޕީ އަށާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެއްބަޔަކު ބުނާގޮތުގައި، މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހުންގެ މަތިން އެމްޑީޕީ ހަނދާން ނެތިއްޖެ ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީ އިދިކޮޅަށް މަސައްކަތްކުރި މީހުން މިތުރުންނަށް ވެއްޖެ ކަމަށެވެ.

އެތައް ބައެއްގެ ލޯބި ހޯދާފައިވާ ސަމަދުބެ އިން ހިތްދަތި ގޮތް ފެނިފައި ގިނަ ބަޔަކު ދަނީ އޭނާއާ ގުޅޭނެ ނަންބަރެއް ވެސް ދިނުމަށް އެދެމުންނެވެ.

ނަމަވެސް އެކަމުގެ ހަގީގަތް ޓުވިޓަރަށް ހިއްސާ ކޮށްދެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސްކޮށް އުޅުއްވި އަހުމަދު ސައީދު (ގަހާ ސައީދު)އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަމަދުބެ އާއި ބައްދަލުވެއްޖެ ކަމަށެވެ.

އަދި އޭނާ ދިރިއުޅެނީ މާލެ އާއި ވިލިމާލޭގައި ހުންނަ ތިމާގެ ބައެއްގެ ކައިރީގައި ކަމަށް ބުނެފައިވާ ކަމަށާއި ފައިގެ މައްސަލަ ހައްލު ކުރުމަށް ލަންކާއިން ގެނައި ބޭސް އުނގުޅަމުންދާ ކަމަށް ވެސް ބުނި ކަމަށް ގަހާ ސައީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ސަމަދުބެގެ ފޮޓޯތައް ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފައެވެ. ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އިންޓާވެންޝަން ކޮމިޓީން ސަމަދުބެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި އެހީތެރިވުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދިފައިވެއެވެ.

“އާ އަހަރަކީ މާޒީގެ އިބްރަތްތަކުން ކުރިމަގު ބައްޓަންކުރަން ލިބޭ ފުރުސަތެއް”

އަހަރަކަށް އަލްވަދާއު ކިޔައި، އާ އަހަރަކަށް މަރުހަބާ ކިޔާ މުނާސަބަތަކީ މާޒީން ލިބިދިން އިބްރަތްތަކުގެ އަލީގައި ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިޖްރައިން 1441 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، މިއީ ފަރުދީ ފެންވަރުގައި އާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާއީ އެކުވެރިކަމުގެ ތެރެއިން ގައުމުގެ ހެވާއި ލާބަޔަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އަދި ދިވެހިން މިއަދު ތެދުވަންވީ ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިހްސާސްތަކެއް ހިއްސާކުރާ އެއް ހަމަތަކެއް ގަބޫލުކުރާ އެއް ހައްގުތަކަކަށް ވަކާލާތުކުރާ އެއް އުންމަތެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ހިތާބުގައި އިތުރަށް ވިދާޅުވީ، ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ އަނިޔާ އާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމަށެވެ.

އަދި އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ގާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމާއި ކޮންމެ ފަރުދެއްގެ ކޮންމެ ކަމެއްގައިމެ، އަދުލުވެރިކަން އިސްކުރުމުގެ މުހިންމު ކަމަކީ ވެސް ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތައް ހަޔާތުގެ އަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމު ކަމަށެވެ.

އެގޮތުން ދިވެހިންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި އާއިލީ ގުޅުންތަކާއި އިޖްތިމާއީ ރަހްމަތްތެރިކަން ދެމެހެއްޓުމުގައި ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ގަމު ފިހާރައެއްގެ ސޭޓަކަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިއްޖެ

ލ. ގަމު ފިހާރައެއްގައި އިން ސޭޓަކަށް ވަޅިން ބިރު ދައްކައިގެން އެ ފިހާރައިން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ގަމު، މުކުރިމަގު ފިހާރައަކަށް މީހަކު ވަދެ ފިހާރައިގެ ކައުންޓަރުގައި އިން ކުއްޖާއަށް ވަޅިން ބިރުދައްކައި ވަތްގަނޑުގައި ހުރި ގާތްގަނޑަކަށް 4000 ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިއަދު ހަވީރު 4:50 ހާއިރު ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން މިރޭ 6:45 ހާއިރު ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖެ އެތެރެކުރަން އުޅުނު 1.1 މިލިއަން ރުފިޔާގެ ޑުރަގްސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ މަސްތުވާތަކެތި ފެނިފައިވަނީ މިއަދު އިންޑިއާގެ ޓްރިވެންޑްރަމް އިން ރާއްޖެއައި އުމުރުން 48 އަހަަރުގެ އިންޑިއާގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

އަދި އެތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 4.195 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ އިދާރާއިން ބުނީ، އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކަސްޓަމްސް އިން މިހާރު ވަނީ އެ މައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންއިރު، ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ދެ މިލިއަނެއްހާ ރުފިޔާގެ ޑުރަގްސް މިމަހުގެ ތެރޭގައި އެ އިދާރާއިން ވަނީ އަތުލައިގެންފައެވެ.

ފެބްރުއަރީ 7 ގައި ސަލާމަތީ ބާރުތަކުން އަމުރަށް ނުކިޔަމަންތެރިވުުންް ބަލަންޖެހޭނެ: ނަޝީދު

އެމަނިކުފާނުގެ ވެރިކަން ބަދަލުވި ދުވަހު ސަލާމަތީ ބާރުތަކުން ނުކުމެ އަމުރަށް ނުކިޔަމަންތެރިވި މައްސަލަ ބަލަން ޖެހޭނެ ކަމަށާއި އެއީ އަދި ގައުމަށް ގެއްލުން ލިބިދާނެ ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޒުވާނުންގެ ކޮންގުރެސްގައި ނަޝީދު މިހެން ވިދާޅުވިއިރު، 7 ފެބްރުއަރީ 2012 ގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވި ހާދިސާއަށް އެނބުރި ގޮސް، އެވާހަކަތައް ދައްކަން ފަށައިފިނަމަ ގައުމުގެ ހަމަނުޖެހުން އުފެދި މަސްލަހަތު ގެއްލޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވަނީ ވިދާޅުވެފައެވެ.

ފުލުހުންނާއި ސިފައިން ނުކިޔަމަންތެރިކަން ދައްކައި ހިނގި ހަމަނުޖެހުންތަކުގައި ނަޝީދުގެ ވެރިކަން “ބަޣާވާތަކުން” ވައްޓާލީ ކަމަށް ރައީސް ނަޝީދާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރާއިރު، އޭރު އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ވެސް އިމްރާނެވެ.

މިއަދުގެ ކޮންގުރެސްގައި ހަތެއް ފެބްރުއަރީގެ “ބަޣާވާތް” އަލުން ތަހުގީގު ކުރައްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވަންތޯ ބައިވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެދުވަހުގެ ކަންތައްތަކަކީ އަމުރެއް ނުކިޔަމަންތެރިވުން ކަމަށާއި އެކަން ނުބަލައިފިނަމަ އެއީ ނުރައްކަލެއް ކަމަށެވެ. އަދި އެއީ ދައުލަތަކަށް ރަނގަޅެއް ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަންކަން ނުބަލައިފިއްޔާ އެއީ މިއުޓިނީއެއް. ޕޮލިހާއި ސިފައިންގެ މިއުޓިނީއެއް. ސަލާމަތީ ބާރުތައް މިއުޓިނިސް ހާލަތުގައި ބެހެއްޓުން. އެއީ ގޯހެއް. ނުރައްކަލެއް. އަޅުގަނޑެއް ނުބުނަން ބަޣާވާތެކޭ އަނެއް އެއްޗެކޭ އަނެއް އެއްޗެކޭ. އަމުރަށް ނުކިޔަމަންތެރިވުން. ލައިން އޮފް ކޮމާންޑް ގެއްލުން. އެއީ ދައުލަތަކަށް ރަނގަޅެއް ވާނެ ކަމެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މައްސަލަ ބެލުމަކީ އަދި ގައުމުގެ “ފޭރާން ހަލާކުވާނެ” ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ލުއިސް އެންރީކޭގެ ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެ

ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އަންހެން ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އުމުރުން ނުވަ އަހަރުގެ ޒާނާ މާޓިނޭޒް މަރުވީ ކަށީގެ ކެންސަރު ބަލީގައެވެ. އެ ބަލީގައި އެންރީކޭގެ ދަރިފުޅު ވޭތުވެދިޔަ ފަސް މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

“ތިޔަ ދަރިފުޅު ވާނީ އަހަރެމެންގެ އާއިލާއަށް މަގު ދައްކައިދޭ ތަރިއަކަށް. އަހަރެމެން ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާންވޭ. އަދި މުސްތަގްބަލުގައި އަލުން ދިމާވާނެ ކަމުގެ އުއްމީދާއެކު ދިރިއުޅުމުގެ ކޮންމެ ދުވަހަކު ދަރިފުޅުގެ މަތިން ހަނދާން ކުރާނަން،” ދަރިފުޅު މަރުވިކަން އިއުލާންކުރަމުން އެންރީކޭ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމުން ކުއްލި ގޮތަކަށް އެންރިކޭ އިސްތިއުފާ ދިނީ ވެސް ދަރިފުޅުގެ ބަލި ހާލަތު ހުރިގޮތުން ދަރިފުޅަށް ވަގުތު ދިނުމަށެވެ.

އެންރީކޭގެ ދަރިފުޅު މަރުވުމާ ގުޅިގެން ފުޓްބޯޅަ އާއިލާއިން ދަނީ ލިބުނު ހިތާމައިގައި ބައިވެރިވަމުންނެވެ.

އެގޮތުން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުންނާއި އެ ކުލަބާއެކު އެންމެ ގިނަ ކާމިޔާބީއެއް ހޯދި ބާސެލޯނާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑާއި އެންރިކޭ ކުރިން މެނޭޖަރުކަން ކުރި އޭއެސް ރޯމާއިން ވެސް އެންރީކޭގެ އާއިލާއަށް ވަނީ ތައުޒިޔާ ކިޔާފައެވެ.

އަދި އެންރީކޭގެ ހިތާމައިގައި ބައިވެރިވާ ކަމަށް ބާސެލޯނާ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އާއި ސްޕެއިންގެ ބޮޑުވަޒީރުގެ އިތުރުން ޓެނިސް ކުޅުންތެރި ރަފައެލް ނަޑާލް ވެސް ވަނީ ބުނެފައެވެ.

“ހިޖުރައަކީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ”

ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މާދަމާއަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަހަށްވާއިރު ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ވެއްޖެ ކަމެއް ކަމަށެވެ.

އެގޮތުން އަބްދުﷲ ބުނު އަމްރުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން މީހަކު ސުވާލެއް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ހަދީޡް ކުރެއްވިއެވެ.

“އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ”

ހުތުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބްރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށެވެ.

އެގޮތުން ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާން ވުމުގެ މަތިވެރި ފިލާވަޅު ކަމަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އައިލާގެ ބޭފުޅުން ދޫކުރައްވައި މައްކާ އިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ ވެސް އިސްލާމްދީނުގެ ދިފާއުގައި ޤުރުބާން ކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައި އޮތުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ހިޖުރައިގެ ހާދިސާގައި ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުފާނު ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ފުރިހަމަ ސިއްރިއްޔާތުގައި ތައްޔާރު ކުރައްވަން ފެއްޓެވުމާއި ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި އަލީގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދާންމަތިކޮޅުގައި އަވަރާފުޅު ލެއްޕެވުން ހުތުބާގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މައްކައިން ނުކުމެ ވަޑައިގެން ޡައުރު ފަރުބަދައިގެ ހޮހަޅައިގައި އެބޭކަލުން ތިއްބެވިއިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރަޟިޔަ ﷲ އަންހާ ކުރެއްވިއިރު އޭރުމައްކާގައި ކަން ހިނގަމުންދިޔަ ގޮތުގެ ހަބަރުތައް ކީރިތި ރަސޫލާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދުﷲ ކަމީ ހިޖުރައިގެ ކަންކަން ފުރިހަމައަށް ރޭވިފައިވާ ކަމުގެ ފިލާވަޅެއްކަން ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުދަނގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތު ކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ޡައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު މައްކާގެ މުޝްރިކުންގެ މީހަކަށް އެބޭކަލުން ތިއްބެވި ތަން ފެންނާނެ ކަމަށް އަބޫބަކުރުގެފާނު ރަސޫލާގެ އަރިހުގައި ދެންނެވުމުން އެބޭކަލުންނާއެކު ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ތިމަން ބޭކަލުންނާއެކު ވޮޑިގެންވާކަމަށް ހަދީޡް ކުރެއްވި ކަމަށާއި އެ ސާބިތުކަމުގައި ރަސޫލާ ދެމިހުންނެވުމުގެ ސަބަބުން މައްކާގެ މީހުން ބޮޑު އިނާމު ހުށައަޅައިގެން، ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް ﷲ ނާކާމިޔާބު ކުރައްވައި އެކަލޭގެފާނަށް ނަސްރު ދެއްވިކަން ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ކީރިތި ރަސޫލާގެ ހިޖުރައިން ގިނަގުނަ އިބްރަތްތަކެއް ލިބޭއިރު ކަންކަމުގައި ﷲއަށް ވަކީލު ކުރަންޖެހޭ ކަމީ ހިޖުރައިގެ ހަދީޡާއިން ލިބޭ ފިލާވަޅެއް ކަމަށެވެ.

ނަމަވެސް ﷲ އަށް ވަކީލުކުރުމަކީ، އެއްވެސް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުމެއް ނޫން ކަމަށާއި ވަކީލުކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި، ﷲގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނޭ ކަމަށް ޔަގީންކޮށްގެން ތިބުން ކަމަށް ވިދާޅުވިއެވެ.

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން ވަޅުލައިފި

ހދ. ނޮޅިވަރަންފަރުން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން ވަޅުލައިފިއެވެ.

އެ މީހުން ވަޅުލާފައި ވަނީ، ރޭ 2:30 ހާއިރު ހަނިމާދޫ ސަހަރާގައެވެ. އެ މީހުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައި ވަނީ ނޮޅިވަރަންފަރު އުނިމާގެ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކާއި، ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އުމުރުން ތިންއަހަރުގެ އިޔާ ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.

10 މީހުންނާއެކު ލޯންޗް ބަންޑުން ޖަހާލި މި ހާދިސާގައި ފަސް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފާރުވާދީފައިވާއިރު. މީގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ސިއްހީ މަރުކަޒުން ދޫކޮށްލާފައެވެ.

ބުރާސްފަތި ދުވަހުގެ 11:30 ހާއިރު ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ހަނިމާދޫ ފަރަށް ބަނޑުންޖަހާލާފައިވާއިރު، ހަނިމާދުއާއި ނޮޅިވަރަމާއި ދޭތެރޭގައި އާންމުކޮށް ކުރަނީ 10 މިނެޓާއި 5 މިނެޓާ ދޭތެރޭގެ ދަތުރެކެެވެ. މިދަތުރުގައި އެންމެ ކަނޑުއޮޅިއެއް ހުރަސްކުރަންޖެހޭއިރު ބަނޑުންޖަހާލި ލޯންޗަކީ އާންމުގޮތެއްގައި އެދޭތެރޭގައި ދަތުރުކުރާ ކުޑަ ލޯންޗެކެވެ.

ނޮވެލްޓީ ބުކްފެއަރ ފަށައިފި

ނޮވެލްޓީ ބުކްސޮޕުން ބާއްވާ ނޮވެލްޓީ ބުކްފެއަރ ދަރުބާރުގޭގައި ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ދަރުބާރުގޭ ރަންނަ ބަނޑޭރިމަލަމުގަޔާއި ބިއްލޫރިމާލަމުގައި ފެށި މި ބުކްފެއަރ އާއި ގުޅޭގޮތުން ނޮވެލްޓީން ބުނީ އެހެން އަހަރުތަކުގެ ބުކްފެއާރ އަށްވުރެ މިއަހަރުގެ ބުކްފެއާރ ތަފާތުވާނެ ކަމަށެވެ. އަދި މިއަހަރުގެ ބުކްފެއަރގައި 1،000 ވައްތަރުގެ ދިވެހި ފޮތް ލިބެން ހުންނާނެކަމަށްވެސް ނޮވެލްޓީން ބުނެއެވެ.

މިއަހަރުގެ ފެއަރގައި 10 އިންސައްތަ އާއި 70 އިންސައްތައާއި ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް ނޮވެލްޓީން ބުނެފައިވާއިރު އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ލަކީ ޑޮރޯ އެއް ކުރިޔަށް ގެންދާނެ ކަމަށާއި މި ލަކީ ޑޮރޯއިން ހޮވޭ ފަރާތަކަށް ދެލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާކަމަށް ނޮވެލްޓީން ބުންޏެވެ.

މި ފެއާ ހުޅުވައިދިނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގެ ކުދިންނާއި ޖަމާލުއްދީން ސްކޫލްގެ، އިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ހާއްސަ ކްލާސް (ސީއެޗްއައިސީ)ގެ ދަރިވަރުންނެވެ.

މި ފެއަރ ކުރިޔަށްދާނީ 29 އޮގަސްޓް އިން ސެޕްޓެމްބަރ 10 ވަނަ ދުވަހާއި ހަމައަށް ކަމަށް ނޮވެލްޓީއިން ބުނެއެވެ.

އެމްއެންޑީއެފްގެ އިލްތިމާސް: ދަތުރުފެށުމުގެ ކުރިން ސަލާމަތީ ވަސީލަތްތަށް ހަމަޔަށް ހުރިތޯ ބައްލަވާ

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށްވެފައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ ބެލުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ބުނީ، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށްވެފައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދަނީ ލިބެމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މައުލޫމާތު އެންގުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފި އެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދުތަކަށް އަމަލްކުރުމަށާއި އަދި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެއިތުރުން ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދެއްވުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އެދެ އެވެ.

ހުނަރުވެރި ޒުވާނުން އުފެއްދުމަކީ މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒު

ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމަށާއި، މިއަދު ޤައުމަށް ބޭނުންވަނީ ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތަޢުލީމީ ޙަޔާތް ބިނާވެގެންދަނީ، ޤައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށްކަމަށާއި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، ޤައުމިއްޔަތުގެ ރޫޙު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ޤައުމުގެ އިޖްތިމާޢީ ޙާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ޤައުމީ މަންހަޖު މުރާޖަޢާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެންމެ ޅަފަތުގެ ތަޢުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭކަމުގައެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތިމާގެ އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމަޢާ ޙަވާލުކުރާ ދަރިއަކީ، ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް ވާޖިބުކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިންގެ މި ޖަޒީރާ ރާއްޖެ، ދިވެހިން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

ކަސްޓަމްސްގެ ޚިދުމަތް ހަމަހަމަ ކަމާއެކު ފޯރުކޮށްދެއްވުމަށް ނައިބު ރައީސް އިލްތިމާސްކޮށްފި

މޯލްޑިވްސް ކަސްޓަމްސްގެ ޚިދުމަތްދިނުމުގައި ހަމަހަމަ ކަމާއެކު އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ވީހާވެސް ހަލުވިމިނެއްގައި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާލުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަސްޓަމްސްއިން ކުރަމުން އަންނަނީ މުހިންމު އަދި ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި އެ މަސައްކަތްތަކުގައި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ދެމި ތިއްބެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޚިދުމަތްދިނުމުގައި ހަމަހަމަ ކަމާއެކު އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ވީހާވެސް ހަލުވިމިނެއްގައި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ.

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކަސްޓަމްސް އޮފިސަރުންގެ ތެރެއިން ޑަބްލިއު.ސީ.އޯ މެރިޓް ސެޓްފިކެޓް ހާޞިލުކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އަދި ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށްފައިވާ ލޯގޯ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި މިއަދު ހދ. ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި ނިޔާވި 5 ބޭފުޅުންގެ އާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

އާއިލާ މެމްބަރުންގެ ކުއްލި މަރާއެކު، އިއްބެ ރާއްޖެ އަންނަނީ

އާއިލާ މެމްބަރުންގެ ކުއްލި މަރާއެކު، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ގައުމީ ޓީމުގެ މިޑްފިލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ރާއްޖެ އަންނަން ދަތުރު ފަށައިފިއެވެ.

ދިހަ މީހުންނާއެކު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމަދޫއަށް ފުރި ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލައި މިއަދު ހިނގި ހާދިސާގައި ފަސް މީހުން ނިޔާވިއިރު، އޭގެ ތެރޭގައި އިއްބެގެ އާއިލާ ހަތަރު މެމްބަރުން ހިމެނެއެވެ.

ނަމަވެސް ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމަށް ގައުމީ ޓީމާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ކުޅެމުން އަންނަ އިއްބެ މިވަގުތު ހުރީ ލަންކާގައެވެ.

ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމްއާ ހަވާލާދީ ރާއްޖެއެމްވީގައި ބުނެފައިވަނީ، އިއްބެ އައިލާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާއާއެކު ގައުމީ ޓީމުން ދޫކޮށްދިނުމުން، އޭނާ މިވަގުތު ރާއްޖެ އައުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.

އަދި އިއްބެގެ އާއިލާއަށް ކުރިމަތިވި ހިތާމަވެރި މި ވަގުތުގައި މުޅި ގައުމީ ޓީމު ބައިވެރިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ނިޔާވީ ދެމަފިރިންނާއި ހުރި ހަމައެކަނި އަންހެން ދަރިފުޅާއި ކާފަ ކުއްޖެ، ޖަނާޒާ ހަނިމާދޫގައި

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމަދޫއަށް ފުރި ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ދެމަފިރިއަކާއި އެ ދެ މީހުންގެ ހަމައެކަނި ހުރި އަންހެން ދަރިއާއި ކާފަ ދަރިއެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދު ހިނގި ހާދިސާގައި ބަންޑުން ޖަހާލި ލޯންޗުގައި ހަނިމާދޫއަށް 10 މީހުން ދަތުރުކުރިއެވެ. އެ މީހުންގެ ތެރެއިން ފަސް މީހުން ނިޔާވިއިރު އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ފިރިހެނަކާއި ކުޑަ ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާގައި ނިޔާވީ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ހުސެއިން އަބްދުﷲ އަކީ ނޮޅިވަރަންފަރު ސްކޫލަށް ހިދުމަތްކުރާތާ އެންމެ ގިނަ ދުވަސްވީ އެއް ޓީޗަރެވެ.

ދެން ނިޔާވީ އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ގުރެއިޝާ އާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅެވެ. މައުލޫމާތު ލިބޭ ގޮތުގައި އީރާ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ އުމުރަކީ އެންމެ ތިން އަހަރެވެ.

“ހަފްތާ” އަށް އެނގިފައިވާ ގޮތުގައި، ނިޔާވި އެންމެންގެ ޖަނާޒާއަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެމީހުން ވަޅުލުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައެވެ.

މޫސުމަށް ސަމާލުވޭ! ފުވައްމުލަކާއި އައްޑޫ އަތޮޅަށް ޔެލޯ އެލާާޓް  

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު މެޓްއޮފިހުން ފުވައްމުލަކާއި އައްޑޫ އަތޮޅަށް ޔެލޯ އެރާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް އޮތް ވަގުތުތަކުގައިވެސް މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށާ، އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަކީ މުހިންމު ކަމެއްކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ވައިވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އެގޮތުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދު ވައި ގަދަނާވެނެކަމަށް ލަފާކުރައްވާފައިވާއިރު، ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް އެއޮފީހުން ލަފާކުރައްވައެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު 11 ޖެހުމާހަމައަށް ހއ އާއި ހދ ދެމެދަށް ވެސް މޫސުމައި ބެހޭ ގައުމީ އިދާރާއިންވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މިސަރުކާރުން 206 ކުށްްވެރިއަކަށް ވަނީ މާފުދީފައި

މިހާތަނަށް 206 ކުށްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާފު ދެއްވާ މިނިވަން ކުރައްވާފައިވާކަމަށް ހޯމް މިނިސްޓާރ އިމްރާން އިބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ސޯލިހް މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންގެ ޝަކުވާއާއި ހާލަތަށް ބަލައި އަދި ކުށްވެރިންގެ އެކި ކުށްތަކުގެ ހާލަތާއި އަދަބަށް ބެލުމަށްފަހު، މާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން 206 ކުށްވެރިންނަށް މާފު ދެއްވާފައިވާކަމަށެވެ.

އަދި އެމީހުންނަށް މާފުދީ މިނިވަން ކުރުމުގައި ބަލާފައިވަނީ މާފްދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ކަމަށް މިނިސްޓާ ވިދާޅުވިއެވެ. އަދދި އެއްވެސް ބޮޑު ކުށެއްކޮށްފައިވާ މީހަކަށް މާފުދީފައި ނުވާނޭ ކަމަށްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން 79 ކުށްވެރިއަކަށް އަދަބު ލުއި ކޮށްދީފައިވާއިރު މިހަތަނަށް 400 އާއި ގާތްކުރާ އަަދަދަކަށް ހުކުމް ކުރެވެންދެން ބަންދުގައި މީހުން އެބަތިބި ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓާއި އެކު ހޯމް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ބަންޑުން ޖަހާލި ލޯންޗުން ނިޔާވީ 5 މީހުން، ކުޑަ ކުއްޖަކު ހިމެނޭ

ހދ. ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި ފަސް މީހުން ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހަނިމާދޫ ހޮސްޕިޓަލުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި، އެ ހާދިސާގައި ނިޔާވެފައިވަނީ ތިން އަންހެނުންނާއި ފިރިހެނަކާއި އަދި އެއް އަހަރުގެ ކުޑަ ކުއްޖެކެވެ.

ނިޔާވި މީހުންގެ ތެރޭގައި ދެ މަފިރިން ހިމެނޭއިރު އޭގެ ތެރެއިން ފިރިހެން މީހާ، ހުސެއިން އަބްދުﷲ އަކީ ނޮޅިވަރަމްފަރު ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު ކަމަށް މައުލޫމާތު ލިބެއެވެ.

ލޯންޗެއް ބަންޑުން ޖަހާލުމާއި ގުޅިގެން ތިންމީހަކު ގެއްލިގެން  ހޯދަނީ

ހދ. ނޮޅިވަރަންފަރުން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލުމާއި ގުޅިގެން ތިންމީހަކު ގެއްލިގެން  ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދެ އަންހެނަކާއި ކުޑަކުއްޖަކުއެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗު ބަންޑުން ޖަހާލިއިރު އޭގައި 10 މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން ލޯންޗް ދަތުރު ފަށާފައިވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ދަތުރުުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކޮށްފައިވަ ވަނިކޮށެވެ.

ރައީސްގެ މޮޓޮޮކޭޑުގައި ހިމެނޭ ވެހިކަލެއް ބްރިޖުމަތިން އެކްސިޑެންޓު ވެއްޖެ

ރައީސްގެ މޮޓޮކޭޑުގައި ހިމެނޭ ވެހިކަލެއް ބްރިޖުމަތިން އެކްސިޑެންޓު ވެއްޖެއެވެ.

އެމްއެންޑީއެފް އިންވެސް އެކަން ވަނީ ޔަގީންކޮށްދެއްވާފައެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ދިޔަމިގިއްޔަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ދިޔަމިގިއްޔަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިޔަމިގިއްޔަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިޔަމިގިލީ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިޔަމިގިއްޔަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެއަތޮޅު ބުރުންޏަށެވެ.

އެހެންނަމަވެސް މިދަތުރުފުޅާއިބެހޭ އިތުރު މަޢުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް އަދިނުވެއެވެ.

ޓެގް އެޅުވުމަށްފަހު އަދީބު ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މޮނިޓަރ ކުރެވޭނެ ގޮތަށް ޓެގް އެޅުއްވުމަށް ފަހު ގޭބަންދަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަން ސަރވިސް އިން ބުނީ ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބު ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަދީބު ދިރި އުޅުއްވާ ތަންތަން މޮނިޓަރ ކުރެވޭނެ ގޮތަށް ފުލުހުންގެ ފަރާތުން ޓެގް އަޅުއްވާފައިވާ ކަމަށެވެ.

އަދީބުގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރީ އަދީބުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، މާބިންހުރާ ކިޔާ ރަށެއް ވިއްކާލުމަށް ފަހު ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެނެވެ.

އަދީބުގެ މައްޗަށް ކޯޓުތަކުން އިއްވާފައިވާ ބޮޑެތި ހުކުމްތަކެއް ބާތިލްކޮށްފައިވާ އިރު، އޭނާ މީގެ ކުރިން ހުންނެވީ މިނިވަންވެފައެވެ.

އެހެންނަމަވެސް ފުރައިގެން ނުދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ފިލައިގެން އިންޑިއާއަށް ގޮސްފައިވަނިކޮށް އަދީބު އަތުލައިގަނެ ރާއްޖެ އާ ހަވާލުކުރީ، އިންޑިއާގެ ސޫތުކުޅި ބަނދަރު ސަރަހައްދުންނެވެ.

މާލޭޭގެެ ބޮޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.

މާލެއިން ކަރަންޓް ކެނޑިފައިވަނީ މިރޭ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު އެވެ. އޭރުވެސް މާލެއަށް ހުއްޓުމެއްނެތި ދިޔައީ ވާރޭ ވެހެމުންނެވެ.

ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯ އަކުން އަދި ހާމައެެއްނުކުރެއެވެ.

ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

އަދި ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓް އަނބުރާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ސްޓެލްކޯ އިން ބުނި ނަމަވެސް ބެލެވޭ ގޮތުގައި ކަރަންޓް ކެނޑިފައިވަނީ މުޅި މާލެއިންނެވެ.