ބާރުގަދަ ބިންހެލުމެއް ޕާކިސްތާނަށް އައިސްފި

ޕާކިސްތާނުގެ ކަޝްމީރަށާއި ޕަންޖާބް ސަރަހައްދަށް ބާރު ގަދަ ބިންހެލުމެއް އައިސްފިއެވެ.

މި ބިންހެލުމުގައި ޖުމްލަ 25 މީހަކު މަރުވެފައިވާއިރު، 300 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ރެކްޓަރ މިންގަނޑުން 5.8 ބާރު މިނުގައި އައި މި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެފައިވަނީ، ބިންހެލުން އައި ސަރަހައްދަކީ ބައިބޯ ސަރަހައްދެއް ކަމުން ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ބިންހެލުމުގެ ސަބަބުން އާޒަދް ކަޝްމީރުގެ ބޮޑު މަގުގެ ބިންގަނޑު ކަނޑައިގެން ދިޔަ އެވެ. އޭގެ ސަބަބުން ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. ދަތުރުތަކަށް ހުރަސް އެޅުމުގެ ސަބަބުން އަނިޔާވި ގިނަ މީހުނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ވެސް ދައްޗާ ކުރިމަތިވެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

އެންމެ މޮޅު ފޮޑި ޖެހުންތެރިޔާ ހޮވުމަށް އިންޑިއާގައި މުބާރާތެއް ބާއްވަނީ

އިންޑިއާއަކީ އެތައް ގޮތަކުން ތަފާތު ގައުމެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުން ފެށިގެން ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީ އޮތް ގައުމަކީ ވެސް އެއީ އެވެ. މި ކަންކަމުގެ އިތުރުން އިންޑިއާ އަކީ އާންމުކޮށް މީހުން ކޮށް ނޫޅޭ އެތައް ކަމެއް ކުރުމުގައި މަޝްހޫރު ގައުމެކެވެ. އެގޮތުން އެ ލިސްޓަށް އިތުރު ކޮށްލަން ވެސް މިއޮތީ ކަމެކެވެ.

އިންޑިއާގެ ގުޖުރާތް ސްޓޭޓްގެ އެންމެ ބޮޑު ސިޓީ، ސުރާތްގައި ދަނީ ފޮޑި ޖެހުމުގެ މުބާރާތެއް ބާއްވަން ތައްޔާރު ވަމުންނެވެ.

“ޑަބްލިއުޓީއެފް – ވަޓް ދަ ފާޓް” ގެ ނަމުގައި ބާއްވާ އެ މުބާރާތައި ވާދަކުރާ ބައިވެރިންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބޭނީ 60 ސިކުންތެވެ. އެ ވަގުތުގެ ތެރޭގައި އެންމެ ބާރު، އެންމެ ދިގު އަދި އެންމެ ވަރުގަދަ ފޮޑި ޖެހޭ މީހަކަށް ޓްރޮފީއަކާއެކު 15،000 ރުޕީސް (209 އެމެރިކާ ޑޮލަރު)ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މުބާރާތް އިންތިޒާމްކުރާ އިންޑިއާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޔަތިން ސަންގޮއި ބުނި ގޮތުގައި، އެފަދަ މުބާރާތެއް ބާއްވަން އޭނާގެ ހިޔާލަށް އައީ އެއް ދުވަހަކު އާއިލާ އެންމެން ފިލްމެއް ބަލަން ތިއްބާ އޭނާއަށް ޖެހުނު ފޮނޑިއެއްގެ ސަބަބުން، ފޮނޑި ޖެހުމުގެ މުބާރާތެއް ބާއްވައިފިނަމަ އޭނާ މޮޅުވާނެ ކަމަށް އާއިލާ މެމްބަރަކު ބުނުމުން ކަމަށެވެ.

“އެއީ ފޮޑި ޖެހުމުގެ މުބާރާތެއް ބާއްވަން ހިޔާލަށް އައި ގޮތަކީ. ޗައިނާ، ޔޫކޭ އަދި އެމެރިކާގައި ފަދަ ގައުމުތަކުގައި ވެސް ފޮޑި ޖެހުމުގެ މުބާރާތް ބާއްވާ. އިންޑިއާގައި އެކަހަލަ އެއްވެސް ކަމެއް ނެތް،” ސަންގޮއި ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޯމެއް ފުރައިގެން ނުވަތަ ދީފައިވާ ނަންބަރަށް ގުޅައިގެން ރަޖިސްޓްރީ ކުރެވެއެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 100 ރުޕީސް ދައްކަންޖެހެއެވެ.

ސަންގޮއި ބުނާގޮތުގައި، މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެއެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިބޭނީ، ސްޓޭޑް އަޕް ކޮމީޑިއަކާއި ގުޖުރާތުގެ ޑޮކްޓަރުންނެވެ.

ޓްރަންޕްގެ މޫނު އޮރެންޖް ކުލަވާ ސަބަބު އޭނާ ކިޔައިދީފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ މޫނު ބައެއް ފަހަރު ގަދަ އޮރެންޖް ކުލައިގައި ހުންނާތީ ވަރަށް ގިނަ ފަހަރު، ގިނަ ބައެއްގެ ސުވާލު މިކަމާ އުފެދެއެވެ. އެއީ ބައްޔެއްތޯ ނުވަތަ އުފެދުމުގައި ހުރި ކަމެއްތޯ ސުވާލު ކުރެއެވެ. މިސުވާލުތަކުގެ ޖަވާބު ޓްރަންޕް މިވަނީ އަމިއްއަށް ދީފައެވެ.

ތިމާވެއްޓާ ރައްޓެހި ބޮއްކާއި ބެހޭ ގޮތުން ބޭއްވި ސަމިޓެއްގައި ވާހަކަ ދައްކަމުން ޓްރަންޕް ބުނެފައިވަނީ މިހެންނެވެ.

“ވަރަށް ގިނަ މީހުން އަހަރެންނާ ސުވާލު ކުރޭ، ކީއްވެހޭ އޮރެންޖް ކުލައަށް ހުންނަނީ، ދޭން އޮތް ޖަވާބަކީ މިއީ ހަމަ ބޮކީގެ މައްސައޭ.” ޓްރަންޕް ބުނެފައިވެއެވެ.

ޓްރަންޕް ބުނާ ގޮތުގައި އެލްއީޑީ ބޮކިތަކަކީ މީގެ ކުރިން ގެންގުޅުނު ބޮކިތަކާ އަޅާ ބަލާއިރު ވަކި ރަނގަޅު އެއްޗެއް ނޫނެވެ. އަދި އެއީ އަގު ބޮޑު އެއްޗެއް ކަމުން ގިނަ ބަޔަކު ބޭނުންވަނީ ކުރީގެ ބޮކިތައް ބޭނުން ކުރާށެވެ.

އެމެޖެންސީގައި ފްލައިޓް ޖައްސަން ޖެހުނީ ކެޕްޓަން އަތުން ކޮފީ ތަށި ވެރުމުން

ޖަރުމަުން މެކްސިކޯއަށް ދަތުރުކުރަމުން ދިޔަ ކޮރިޑޯ އެއަރލައިންގެ އެއަރބަސް A3300 ގެ ފްލައިޓްގެ ކޮންޓްރޯލަރގެ ތެރެއަށް، ފްލައިޓްގެ ކެޕްޓަންގެ އިހްމާލުން ކޮފީ އެޅިގެން އެމެޖެންސީގައި ލޭންޑްކޮށްފިއެވެ.

އެއަރ އެކްސިޑެންޑްސް އިންވެސްޓިގޭޝަން ބްރާންޗް އިން ބުނެފައިވާ ގޮތުގައި އެމަރޖެންސީގައި ފްލައިޓް ޖައްސަން ޖެހުނީ ކޮންޓްރޯލަރއަށް ކޮފީ އެޅިގެން، ފްލައިޓްގެ ކޮންޓްރޯލް ގެލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

ފްލައިޓްގެ ކޮންޓްރޯލަރ ތެރެއަށް ކޮފީ އެޅިފައިވަނީ އުމުރުން 41 އަހަރުގެ ޕައިލެޓެއްގެ އަތުންނެވެ. މިޕައިލެޓަކީ 13،000 ގަޑިއިރުގެ ފްލައިން ހަވަރސްގެ ތަޖުރިބާ ހުރި ޕައިލެޓެކެވެ.

11 ކެބިން ކްރޫއާއި 356 ޕަސެންޖަރުންނާއެކު ދަތުރު ކުރަމުން ދިޔަ މި ޕްލައިޓްގެ ކޮންޓްރޯލަރގެ ތެރެއަށް ކޮފީ އެޅިފައިވަނީ ކޮފީ ތަށީގައި މަތި ނުޖަހާ ތަށި ކޮކްޕިޓް ތެރޭގައި ކެޕްޓަންއާ ހަވާލި ވަގުތު ދިމާވި ޓާބިއުލޭންސަކުން ކަމަށް ޕައިލެޓް މައުލޫމާތު ދެއެވެ. މިމައްސަލަ މިހާރު ދަނީ ތަޙްޤީޤް ކުރަމުންނެވެ.

“އެމެރިކާ”ގެ ނަންދީފައިވާ ރަން ފާހާނާ ތަަށި ވަގަށް ނަގައިފި

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ ގަނޑުވަރުގައި ބަހައްޓާފައިހުރި ރަން ފާހާނާ ތައްޓެއް ވަގަށް ނަގައިފިއެވެ.

“އެމެރިކާ”ގެ ނަން ދީފައިވާ އަށާރަ ކެރެޓްގެ އެ ފާހާނަ ތައްޓަކީ އެއް މިލިއަން ޕައުންޑް (1.2 މިލިއަން އެމެރިކާ ޑޮލަރު)ގެ އަގުހުރި ފާހާނަ ތައްޓެކެވެ.

އެ ފާހާނަ ތަށި ޑިޒައިން ކޮށްފައިވަނީ އިޓަލީގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކަޓެލަން އެވެ. އަދި އެ ގަނޑުވަރުގައި އެ ތަށި ބަހައްޓާފައި ހުންނަނީ ބޭނުން ކުރެވޭ ގޮތަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ފާހާނަ ތަށި ވަގަށް ނަގާފައިމިވަނީ ބްލެންހެއިމް ޕެލެސްގައި އެތަށި ބެހެއްޓިތާ ދެ ދުވަސް ފަހުންނެވެ. މީގެ ކުރިން އެ ތަށި ބަހައްޓާފައި ހުރީ ނިއު ޔޯކްގައި ހުންނަ ދާރުލް އާސާރެއްގައެވެ.

މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، އެ މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން 66 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޑިޓެކްޓިވް އިންސްޕެކްޓާ ޖެސް މިލްނޭ ވިދާޅުވީ، ގަނޑުވަރުގެ ތެރޭގައި ޑިސްޕްލޭ ކޮށްފައިހުރި އެ ފާހާނަ ތައްޓަކީ ރަނުން ހަދާފައިވާ ވަރަށް އަގުބޮޑު އާޓެއް ކަމަށެވެ.

އަދި ބޭނުން ކުރެވޭ ގޮތަށް ހަދާފައިހުރި އެ ފާހާނަ ތަށި ނެގުމުން، އިމާރާތުގެ ތެރޭގައި ފެންހެދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ގަނޑުވަރުގެ ވަށައިގެން ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް، އެ މަންޒަރު ދުށް މީހުން އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އުސާމާ ބިން ލާދިންގެ ދަރިފުޅު މަރާލީ އެމެރިކާގެ އޮޕަރޭޝަނެއްގައި: ޓްރަމްޕް

މަރާލާފައިވާ އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރާލީ އެމެރިކާއިން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިއަދު ވިދާޅުވީ، ހަމްޒާ ބިން ލާދިން މަރާލީ އަފްޣާނިސްތާން/ ޕާކިސްތާނމް ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އެކި ޓެރަރިސްޓް ގުރޫޕްތަކާއި ގުޅުން ބޭއްވުމާއި ޓެރަރިސްޓް ހަމަލާތައް ރޭވުމުގެ ޒިންމާ އޭނާ ނަގަންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަމްޒާ ބިން ލާދިން މަރުވެއްޖެކަމަށް އެމެރިކާގެ އިންޓެލް މަސްދަރުތަކުން ހާމަކުރި ނަމަވެސް، މިއީ އޭނާގެ މަރުގެ ފަހަތުގައި އެމެރިކާގެ ދައުރެއް އޮތްކަން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން އެންމެ ފަހުން ފެނިފައިވަނީ ބިންލާދިން ގުރޫޕުން ނެރުނު ވީޑިއޯ މެސެޖެއްގައި 2018 ވަނަ އަހަރެވެ. އެ މެސެޖުގައި އޭނާ ވަނީ ސައުދީ އަށް އިންޒާރުދީ އަދި އަރަބި ގައުމުތަކުން ސައުދީއާ ދެކޮޅަކަށް ތެދުވުމަށް ގޮވާލައިފައެވެ.

ނަމަވެސް އޭގެ ކުރިން 2015 ވަނަ އަހަރު އެމެރިކާއިން ވަނީ ހަމްޒާ ބިން ލާދިން އަކީ އަލް ގައިދާ ގުރޫޕްގެ މެމްބަރެއްގެ ގޮތުގައި ހިމަނައިފައެވެ. އޭނާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނީ 2017 ވަނަ އަހަރުއެވެ.

ހަމްޒާ އުފަންވެފައިވަނީ 1989 ގައެވެ. އަދި އުސާމާ ބިން ލާދިން އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރީ 1996 ވަނަ އަހަރު އަފްޣާނިސްތާނަށް ބަދަލުވުމަށްފަހުއެވެ.

އަދި ސެޕްޓެމްބަރު 11، 2001 ވަނަ އަހަރު ނިއު ޔޯކްގެ ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަންއަށް ދިން ހަމަލާގެ އޮޕަރޭޝަން ހިންގާފައިވަނީ އުސާމާ ބިން ލާދިންގެ ބެލުމުގެ ދަށުންކަމަށް އެމެރިކާއިން ބުނެއެވެ.

ނަމަވެސް އެމެރިކާގެ ސްޕެޝަލް ފޯސް އިން ބިން ލާދިން މަރާލެވުނީ އޭނާ ހޯދަމުން ދިޔަތާ 10 އަހަރު ފަހުން، 2011 ގައެވެ. އޭނާ މަރާލީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ ރަށް ބޭރުގައި ހުރި ގެއެއްގައި އޭނާ އިންދައި އެގެއަށް ދިން ހަމަލާއެއްގައެވެ.

އިންޑިޔާ އާއި ޗައިނާގެ ބޯޓެއް ޖެހި، އިންޑިޔާގެ ސިފައިންނަށް އަނިޔާވެއްޖެ

އިންޑިޔާއިން ވެރިވެގެންފައިވާ ކަޝްމީރުގެ ކޯރެއްގައި ދަތުރުކުރި އިންޑިޔާގެ ސިފައިންގެ ބޯޓަކާއި ޗައިނާގެ ސިފައިންގެ ބޯޓަކާއި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެކްސިޑެންޓް ހިނގިކަންވަނީ ސިއްރުކޮށްފައެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިއެކްސިޑެންޓްގައި ގިނަ އަދަދެއްގެ އިންޑިޔާ ސިފައިންނަށްވަނީ އަނިޔާލިބިފައެވެ. ނަމަވެސް ޗައިނާގެ އެއްޗެއް ސިފައިންގެ ބޭކަލަށް އަނިޔާއެއް ވެފައެއްނުވެއެވެ.

ބޯޓް ޖެހުނު ހާދިސާގައި ބޯޓަށް ލިބިފައިވާ ގެއްލުމެއް ނޭނގޭ ކަމަށާއި މިކަމާ ބެހޭ އިތުރު މަޢުލޫމާތު އިންޑިޔާ އަދި ޗައިނާގެ ސަރުކާރުންވެސް ހިއްސާކުރުމަށް ދެކޮޅު ހަދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ދެ ބޯ ލި ހަރުފައެއް ފެނިއްޖެ

ދެ ބޯ ލި ހަރުފައެއް އެމެރިކާގެ ޖަންގައްޔަކުން ފެނިއްޖެއެވެ.

މިވައްތަރުގެ ހަރުފައަށް ކިޔަނީ ޑަބަލް ޑޭވް ސްނޭކް އެވެ. މި ހަރުފަ ފެނިފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ހާޕެޓޮލޮޖިކަލް އެސޯސިއޭޓް ގްރޫޕްގެ އެންވައިރޮނޮމެންޓަލިސްޓުންގެ ގްރޫޕަކަށެވެ.

މި ގްރޫޕަކީ 1977 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ނެތެމުންދާ ޖަނަވާރުތައް ހޯދާ ބަލާ ދިރާސާ ކުރަމުން އަންނަ ގްރޫޕެކެވެ.

މި ގްރޫޕްގެ ޗީފް އެގްޒެކިޓިވް ބޮބް ބުނެފައިވަނީ މިއީ މިފަދަ ހަރުފައެއް އެމެރިކާއިން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

“މިއީ މީގެ ހަރުފައެއް އެމެރިކާއިން ފެނުނު ފުރަތަމަ ފަހަރު. މި ހަރުފައިގެ ދެ ބޯވެސް ހަމަ ރަނގަޅަށް މަސައްކަތް ކުރޭ. އެކަމަކު ޖަންގަލީގައި އުޅޭއިރު، ދެ ބޯ ހުރުމުން ވަރަށް އުދަގޫވާނެ، ހިމަ ދޭތެރެއިން ގޮސް ޝިކާރަކޮށް އުޅެން.” ބޮބް ބުނެފައިވެއެވެ.

ބޮބްގެ ޓީމުންވަނީ މި ހަރުފަ ދިރާސާ ކުރުމަށްފަހު އަލުން އަނބުރާ ޖަންގައްޔަށް ދޫކޮށްލާފައެވެ.

22 އަހަރު ކުރިން ގެއްލުނު މީހެއް ފެނިއްޖެ، ހުރިހާ ޝުކުރެއް ގޫގަލް އާރތަށް

މީގެ 22 އަހަރު ކުރިން 1997 ގައި ވީނުވީއެއް ނޭނގި ގެއްލުނު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ވިލިޔަމް މޯލްޑް ކޯރެއްގެ ތެރެއަށް ވެއްޓިފައި އޮތް ކާރެއްގެ ތެރެއިން ފެނިއްޖެއެވެ.

ވިލިއަމްގެ ހަށިގަނޑު ފެނިފައިވަނީ ކޯރެއްގެ ތެރޭގައި އޮތް ކާރެއް، ދުނިޔޭގެ މެޕް ދައްކައިދޭ، ގޫގަލް އާރތް އިން ކޯރެއްގެ ތެރެއަށް ގެނބިފައިއޮތް ކާރެއް ފެނުމާ ގުޅިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން، އެ ކާރު ކޯރުން ނަގާ ބެލި ބެލުމުން ކާރުގެ ތެރެއިންނެވެ.

މިކާރު ފެނިފައިވަނީ އެމެރިކާގެ މޫން ބޭ ރިވަރގެ ތެރެއިންނެވެ. ކާރުގެ ތެރެއިން ފެނުނު ކަށިގަނޑު ޑީއެންއޭ ހެދުމުން އެއީ ވިލިއަމްގެ ހަށިގަނޑުކަންވަނީ ޔަޤީން ވެފައެވެ.

ވިލިއަމްއަކީ 1997 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހެކެވެ. ވިލިއަމް ގެއްލިފައިވަނީ މަސްތުގެ ހާލުގައި ކާރެއްގައި ދަތުރު ކުރަނިކޮށެވެ.

ނަމާލް ރާޖަޕަކްސަ ކައިވެނި ބައްލަވައިގެންފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕްކަސަގެ ދަރިކަލުން އަދި ލަންކާގެ ހަމްބަންޓޯޓާ ޑިސްޓްރިކްޓުގެ ޕާލަމަންޓް މެމްބަރު ނަމާލް ރާޖަޕަކްސަ ކައިވެނި ބައްލަވައިގެންފިއެވެ.

ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސަ ދޮށީ ފިރިހެން ދަރިކަލުން ނަމާލްގެ އޭނާގެ ލޯބިވެރިޔާ ލިމިނީ ވީރަސިންހަގެ ކައިވެނި ބައްލަވައިގަތީ މިއަދު ހެނދުނު ކޮލަމްބޯގައި ހުންނަ ގަންގަރާމާ ޓެމްޕަލްގައެވެ.

އަދި ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަމްބަންޓޯޓާގެ ކުޑަ ސަހަރެއް ކަމަށްވާ ވީރަކެޓިޔާގައި ހުންނަ ކާލްޓަން ހައުސްގައެވެ.

ނަމާލް ކައިވެނި ބައްލަވައިގެން ލިމިނީ އަކީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ލަންކާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ތިލަކް ވީރަސިންހަގެ ހަމައެކަނި ދަރިކަލުންނެވެ.

ނަމާލް މިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ލިމިނީ އާއި އޭނާ ލޯބީގެ ގޮތުން ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ.

އިޒްރޭލަށްފަހު އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދަށް ވެސް ބޮޑު ނާކާމިޔާބެއް

ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ) އިން ހަނދަށް ފޮނުވާލި ޖައްވީ އުޅަނދާ ގުޅުން ކެނޑި، މިޝަން ނާކާމިޔާބު ވެއްޖެއެވެ.

ހަނދުގެ ދެކުނު ތަނޑީގައި ޖައްސާ ފުރަތަމަ އުޅަނދުގެ އުއްމީދާއެކު “މިޝަން ޗަންދުރަޔާން-2″ގެ ނަމުގައި ފެށި މިޝަންގެ ދަށުން “ވިކްރަމް” ނަން ދީފައިވާ ޖައްވީ އުޅަނދު ލޯންޗުކުރީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދުގެ މަސައްކަތަކަށް ވެފައިވަނީ ހަނދުގައި ފެނާއި އައިސް އަދި މައުދަން ހުރިތޯ ބެލުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އިންޑިއާގެ ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، އޭގެ ކުޑައިރުކޮޅެއް ފަހުން ދުނިޔެއާ އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ.

ބެލެވޭ ގޮތުގައި، އެ އުޅަނދު މިހާރު ވަނީ ހަނދަށް ވެއްޓިފައެވެ. ނަމަވެސް އިސްރޯ އިން ދަނީ އުޅަނދަށް ދިމާވި މައްސަލަ ބެލުމަށް ޑޭޓާތައް އެނަލައިޒް ކުރަމުންނެވެ.

ބޮޑު އުއްމީދާއެކު އިންޑިއާއިން ޖައްވަށް ފޮނުވި އުޅަނދާ މުވާސަލާތީ ގުޅުން ކެނޑުނުއިރު، އުޅަނދު ހަނދުގައި ޖައްސާ މަންޒަރު ލައިވްކޮށް ބެއްލެވުމަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ވެސް ބެންގަލޫރޫގައި ހުންނަ އިސްރޯ ސްޓޭޝަނަށް ވަޑައިގެން އިންނެވިއެވެ.

އިންޑިއާއިން ޖައްވަށް ފޮނުވި އުޅަނދު ހަނދަށް ވެއްޓިފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުން މިދިޔަ އޭޕްރިލް މަހު ހަނދަށް ފޮނުވި އުޅަނދު ވެސް ވަނީ ހަނދަށް ވެއްޓިފައެވެ. “ބެރެޝީޓް” ގެ ނަންދިން އެ އުޅަނދު ހަނދަށް ވެއްޓުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

އިންޑިއާއިން މިފަހަރު ޖައްވަށް ފޮނުވާލި އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް ޖެއްސިނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖެއްސި ހަތަރުވަނަ ގައުމަށެވެ. މިހާތަނަށް އެކަން ކުރެވިފައިވަނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރު ރަޝިއާ) އަށެވެ.

ފަލަސްތީން ދެ ކުއްޖެއްގެ މެޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީންގެ ދެ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، އިއްޔެގެ މުޒާހަރާތަގައި ޝަހީދު ކޮށްލާފައިވަނީ އަލީ ސާމީ އަލް އަޝްގާރު ނަމަކަށް ކިޔާ 17 އަހަރުގެ ކުއްޖަކާއި ޚާލިދު މުހައްމަދު ރިބިއީ ނަމަކަށް ކިޔާ 14 އަހަރުގެ ކުޑަ ކުއްޖެކެވެ.

އެ ދެ ކުދިން ވެސް ޝަހީދު ކޮށްލާފައިވަނީ މެޔަށް އަމާޒުކޮށް ދިން ސްނައިޕަރު ބަޑީގެ ހަމަލާއެއްގައި ކަމަށް ވެސް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގިދްރާ ވިދާޅުވި ގޮތުގައި، އިއްޔެގެ މުޒާހަރާގެ ތެރެއަށް އިޒްރޭލުން ބަޑި ޖެހުމުގެ ސަބަބުން 76 މީހަކު ވަނީ ޒަހަމް ވެފައެވެ. އޭގެ ތެރެއިން 46 މީހުންނަކީ ސީދާ އަމާޒުކޮށް ދިން ހަމަލާތަކުގައި ޒަހަމްވި މީހުންނެވެ.

“ޒަހަމްވެގެން ގެނައި ގިނަ މީހުންގެ ޒަހަމްތައް ހުރީ ހަށިގަނޑުގެ މަތީގައި. އެއީ މަރާލުމުގެ މަގްސަދުގައި،” ތަރުޖަމާން ވިދާޅުވިއެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ބުނާގޮތުގައި، އިއްޔެގެ މުޒާހަރާގައި 5000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް އިޒްރޭލު އަސްކަރިއްޔާއިން ބުނީ، އެގައުމުގެ ބޯޑަރު ކައިރިއަށް 6200 މީހުން އެއްވި ކަމަށެވެ.

އަމިއްލަ ވަޒަނުން ބޭރުކުރި ފަަލަސްތީންގެ އެތައް ހާސް ރައްޔިތުންނެއް އެމީހުންގެ އުފަން ފަސްގަނޑަށް ގެނައުމަށާއި ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ކޮންމެ ހަފްތާއަކު ކުރަމުންދާ މުޒާހަރާތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ހަފްތާގެ ކޮންމެ ހުކުރު ދުވަހު އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި ފަލަސްތީން ރައްޔިތުން ސުލްހަވެރި މުޒާހަރާތައް ކުރަމުންދާއިރު އަމިއްލަ ރައްކަލަކަށް ކަމަށް ބުނެ އިޒްރޭލުގެ ސިފައިންނާއި ސްނައިޕަރުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހައި އެތައް ބަޔަކު ޝަހީދު ކޮށްލައިފައެވެ.

މުގާބޭ އަވަހާރަވެއްޖެ

ޒިމްބާބުވޭގެ ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ރޮބަޓް މުގާބޭ، އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެއްޖެއެވެ.

ތިރީސް ހަތް އަހަރު ވަންދެން ޒިމްބާބުވޭގައި ގޮށްމުށުގެ ބާރުން ވެރިކަން ކުރައްވަން ގެންދަވަނިކޮށް އެގައުމުގެ އަސްކަރީން ނުކުމެ ވެރިކަމުން ދުރުކުރި، މުގާބޭ އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ޒިމްބާބުވޭއަށް މިނިވަންކަން ލިބުނީއްސުރެ އެގައުމުގެ ރައީސްކަން ކުރައްވަމުން ގެންދެވި މުގާބޭ އުފަންވެވަޑައިގެންނެވީ 21، ފެބުރުއަރީ 1924 ވަނަ އަހަރު ކުޓަމާ ކެތޮލިކް މިޝަންގައެވެ.

އަދި މުގާބޭއަކީ ޒިމްބާބުވޭގައި މިހާތަނަށް ވެރިކަން ކުރެއްވި އެންމެ ތައުލީމީ ބޭފުޅާއެވެ. އެގޮތުން ސުކޫލު ދައުރުގައި ވެސް ކްލާހުން އެންމެ މޮޅު ދަރިވަރަކީ މުގާބޭއެވެ. ޔުނިވަސިޓީ އޮފް ލަންޑަން، ޔުނިވަސިޓީ އޮފް ސައުތު އެފްރިކާ އަދި ފޯޓް ހަރެ ޔުނިވަސިޓީން ޖުމްލަ ހަތް އެކަޑަމިކް ޑިގްރީއެއް މުގާބޭ ހާސިލް ކުރެއްވިއެވެ.

ނަމަވެސް އޭނާގެ ވެރިކަން ފެނިގެންގޮސްފައިވަނީ، އިދިކޮޅު ޚިޔާލުގެ މީހުންނާމެދު ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުނު، ވޯޓްގައި މަކަރާއި ހީލަތްހެދި، ކޮރަޕްޝަން އާންމުވެފައިވާ ވެރިކަމެއްގެ ގޮތުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއްކޮށް، މުގާބޭ އާއި އޭނާގެ އަނބިކަނބަލުން ގޭ ބަންދުގައި ބައިތިއްބައިގެން ތިބޭތާ ހަފްތާއެއް ފަހުން، 21 ނޮވެމްބަރު 2017 މުގާބޭ އިސްތިއުފާ ދެއްވިއެވެ.

މުގާބޭ ވެރިކަމުން ދުރުކުރުމުން، ޒިމްބާބުވޭގެ ވެރިކަމަށް ވަޑައިގެންނެވީ، ކުރިން ނާއިބް ރައީސަކަށް ހުންނެވި އިމަރސަން އެމްނަންގަގްވާއެވެ. އަދި އޭގެފަހުން، މިދިޔަ އަހަރުގެ ޖުލައިމަހު ޒިމްބާބުވޭގައި ބޭއްވި މައްސަލަބޮޑު ރިޔާސީ އިންތިޚާބަށްފަހު އެމްނަންގަގްވާ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފައެވެ.

އެމަޒޯން އިން ޕްލާސްޓިކް އާ ދުރަށް

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް، ސިންގަލް ޔޫސް ޕްލާސްޓިކް، އިންޑިޔާގައި ބޭނުން ނުކުރުމަށް ދުނިޔޭގެ މަޝްހޫރު އޮންލައިން ވިޔަފާރި އެއް ކަމަށްވާ އެމަޒޯން އިން ނިންމައިފިއެވެ.

އިންޑިޔާގައި ސިންގަލް ޔޫސް ޕްލާސްޓިކްއާ ދެކޮޅަށް މިހާރު ކުރަމުން އަންނަ ކެންޕެއިންއާ ގުޅިގެން އެޤައުމުގެ ސަރުކާރުންވަނީ އޮންލައިން ވިޔަފާރިތަކަށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް އަންގާފައެވެ.

މިކަމާ ގުޅިގެން އެމަޒޯން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަންނަ އަހަރު ޖުލައި މަހުން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް އެމަޒޯން އިން ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެމަޒޯން އިން މީގެ ކުރިން ޕާރްސަލް ޑެލިވަރ ކުރުމަށް ބޭނުން ކުރަމުން އަންނަނީ ޕްލާސްޓިކެވެ. އެމަޒޯން އިން ބުނެފައިވަނީ އަންނަ ޖުލައި މަހުން ފެށިގެން ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ތަކެތި ކަމަށެވެ.

އަންނަ މަހުގެ 2 އިން ފެށިގެން އިންޑިއާ އިން ޕްލާސްޓިކާ ދެކޮޅަށް ގައުމީ ފެންވަރުގައި ބޮޑު ކެމްޕޭނެއް ފަށާއިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އަހަރަކު 14 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި އުފެދެ އެވެ. އަދި އޭގެ 40 ޕަސަންޓް ހިއްސާކުރަނީ އޮންލައިން ވިޔަފާރިތަކެވެ.

މަޝްވަރާއިން ހައްލު ނުލިބިއްޖެ ނަމަ ނިއުކްލިޔަރ މުއާހަދާއި ޚިލާފް ވާނެކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅާއި ގުޅިގެން މަޝްވަރާތަކުން ޙައްލު ނުހޯދިއްޖެނަމަ 2015 ވަނަ އަހަރުގެ ވެފައިވާ ނިއުކްލިއަރ މުޢާޙަދާއާއި ޚިލާފުވާނެކަމުގެ އިންޒާރު ފާޅުގައި އީރާނުގެ ރައީސް ޙަސަން ރޫޙާނީ ދީފިއެވެ.

އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އެމެރިކާއިން އެގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން  ބޮޑެތި ގެއްލުންތަކެއް އިގްތިސާދީގޮތުން ލިބެމުންދާއިރު އެގެއްލުން ތަކުން ސަލާމަތްވުމަށް ފްރާންސާއި ޔޫރަޕުގެ އެހެން ބައިވެރިންގެ ފަރާތުން ސެޕްޓެމްބަރު 5ވަނަ ދުވަހުގެ ނިޔަލަށް އިތުރު މަސައްކަތްތައް ނުކުރާނަމަ މުޢާޙަދާގެ އިތުރު މާއްދާތަކާއި ޚިލާފުވާނޭ ކަމަށެވެ.

ރޫޙާނީ ވިދާޅުވެފައިވަނީ ޔޫރަޕުގެ ޤައުމުތަކާއެކު ކުރެވޭ މަޝްވަރާތައް ކުރިއަށްދާކަމަށާއި މިއާއެކު އެ ސަރަޙައްދުގައި ކުރިއްސުރެ ހުޅަނގާއި އީރާނާއި ދެމެދު ހޫނުވެފައިވާ ޑިޕްލޮމެޓިކް ހަމަނުޖެހުން ވަގުތީގޮތުން ނަމަވެސް މަޑުޖެހި، އުފެދިފައިވާ ނުތަނަވަސްކަން މަޑުޖެހިގެން ދާނެކަމުގެ އުއްމީދު އާވެފައިވާކަމަށެވެ.

އީރާނާއި ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލީ 2015ވަނަ އަހަރު އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އެއްބަސްވުމުންނެވެ. އެހެންނަމަވެސް، ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް އެމެރިކާއިން އެދޭމިންވަރަށް ނުހުއްޓާކަމަށްބުނެ، އެމެރިކާއިން ވަނީ އިރާނާއި ދެކޮޅަށް އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅު 2018 ވަނަ އަހަރު އަލުން އިޔާދަކޮށްފައެވެ.

އެމޭޒަން ޖަންގަލީގައި އަދަމުންދާ އަލިފާން ގަނޑު ނިއްވާލުމަށް ބްރެޒިލް ސިފައިން ނެރެނީ

އެމޭޒަން ޖަންގަލީގައި އަދަމުންދާ އަލިފާން ގަނޑު ނިއްވާލުމަށް ބްރެޒިލްގެ ސިފައިން ނެރުމުގެ ހުއްދަ ދީފި

މިހުއްދަ ބޮލްސޮރާނޯ އެންމެ ފަހުން ދިނީ އެމެޒަން ޖަންގަލީގެ އަލިފާނުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސް ގައުމުތަކުގެ ފިއްތުއްތައް ކުރިމަތިވުމާ ގުޅިގެންނެވެ. އެގޮތުން ފްރާންސާއި އަޔަރލޭންޑުންވަނީ މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ބްރެޒިލްގެ ސަރުކާރުން މަސައްކަތް ނުކުރާނަމަ، ދެކުނު އެމެރިކާގެ ޤައުމުތަކާ އެކު ވެވޭ ވިޔަފާރީގެ ބޮޑު އެއްބަސްވުމެއް ރެޓިފައިނުކުރާނެކަމަށް ބުނެފައެވެ. މީގެ އިތުރުން ފިންލޭންޑުން ވަނީ ބްރެޒިލް އިން ގެރިމަސް  އެތެރެ ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

ބްރެޒިލްގެ ރައީސް ވިދާޅުވީ ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހިނގާ ކަމެއް ކަމަށާއި، އެމެޒަންގައި ރޯވުމުން ބްރެޒިލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ.

ސްރީލަންކާގައި މިދިޔަ އޭޕްރީލް މަހު އިއުލާންކުރި ކުއްލި ހާލަތު އުވާލައިފި

ސްރީ ލަންކާގައި މިދިޔަ އޭޕްރިލް މަހުގެ 21ވަނަދުވަހު ދިން ބޮމުގެ ހަމަލާތަކަށްފަހު އެ ޤައުމުގައި އިޢުލާންކުރި ކުއްލި ހާލަތު އުވަލައިފިއެވެ.

ސްރީ ލަންކާގެ ފައްޅިތަކާ މަތީ ފަންތީގެ ހޮޓާތަކަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި 250އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ޙަމަލާ ދީފައިވަނީ ސްރީލަންކާގައި ޙަރަކާތްތެރިވާ ހައްދު ފަހަނައަޅާފައިވާ ޖަމާޢަތަކުންކަމަށް ސްރީ ލަންކާއިންވަނީ ބުނެފައެވެ.

މި ޙަމަލާތަކަށްފަހު ސްރީ ލަންކާގައި އިޢުލާންކުރި ކުއްލި ޙާލަތުގެ ދަށުން އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް އިތުރު ބާރުތަކެއް ލިބިގެންދިޔައެވެ. މީގެ ތެރޭގައި މި ޙަމަލާއާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލާ ސުވާލުކޮށް ހިފެހެއްޓުމުގެ ބާރު ހިމެނެއެވެ.

ބޮމުގެ ހަމަލާތައް ތަހްގީގު ކުރަމުންދާ ސްރީލާ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ ރަވީ ސެނެވިރަތުނަ އެގައުމުގެ ޕާލިމެންޓްގައި ވާހަކަދައްކަމުން ވިދާޅުވީ، ބޮމުގެ ހަމަލާތައް ދިނީ އައިއެސް ޖަމާއަތުގެ ހަރަކާތްތަކުން ހިތްވަރު ލިބިގެން ސްރީލަންކާގެ ގްރޫޕަކުން ކަމަށާއި، އެކަމާއި އިސްލާމިކް ސްޓޭޓް ޖަމާއަތާ ސީދާ ގުޅުމެއް ނުވާކަމަށެވެ.

އަދި ކުއްލި ޙާލަތާ ގުޅުން ހުރި ޤާނޫނު ތަންފީޒުކުރަން ހުއްޓާލި ނަމަވެސް އެ ޤައުމުގެ ދާޚިލީ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ފުލުހުންނަށް އެހީވަމުންދާނެކަމަށްވެސް ސްރީ ލަންކާގެ ފުލުހުންގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

ހިކުުމަށް ބޭނުން ކުރާ ބޭސްގުޅައެއްގެ އިޝްތިހާރު ކުޅުމަށް ޝިލްޕާ ދެކޮޅުހަދައިފި

ހިކުމަށް ބޭނުން ކުރާ ބޭސްގުޅައެއްގެ އިޝްތިހާރު ކުޅުމަށް ޝިލްޕާ ޝެޓީ ދެކޮޅުހަދައިފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާއަށް މި އިޝްތިހާރު ކުޅުމަށް ހުށަހަޅާފައިވަނީ ދިހަ ކްރޯޑު ރުޕީސްއަށެވެ.

ޢުމުރުން 44 އަހަރުގެ ޝިލްޕާ އެ އިޝްތިހާރު ކުޅެދިނުމަށް ދެކޮޅުހަދާ ބުނީ ބޭސްކައިގެން ހިކުމަކީ އޭނާ ޤަބޫލުކުރާކަމެއް ނޫން ކަމަށެވެ.

ބައެއް ބޭސް ކައިގެންވެސް ރަނގަޅު ނަތީޖާ ނުފެނިދާނެ ކަމަށާއި އޭގެ ބަދަލުގައި ކަޝްރަތުކޮށްގެން ހިކުން މަ ރަނގަޅުވެފައި ސިއްހަތަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

ފިޓްނެސް އެޕެއްވެސް ލޯންޗުކޮށް، ފިޓްނެސްގެ ދާއިރާގައިވެސް ހަރަކާތްތެރިވަމުން އަންނަ ޝިލްޕާ އަންނަނީ އިންސްޓަގްރާމު މެދުވެރިކޮށްވެސް ކަސްރަތާއިބެހޭ މަޢުލޫމާތުތައް ޢާންމުންނަށް ފޯރުކޮށްދެމުންނެވެ.

ބޮލީވުޑްގައި 13 ވަރަކަށް ހޭދަކޮށްފައިވާ ޝިލްޕާ، ދަޅްކަން އާއި ބާޒީގަރު ފަދަ މަޤްބޫލު ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު، އެނބުރި ބޮލީވުޑަށް އައުމަށް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފިލްމީ ދާއިރާ އާދުރުގައި ހުރިނަމަވެސް ޑާންސް ޝޯވތަކުގެ ޖަޖެއްގެ ގޮތުގައި ޝިލްޕާ އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޑުވޭން ޖޯންސަން އާއި 12 އަަހަރުވީ ލޯބިވެރިޔާ، ލައުރެން ކައިވެނިކޮށްފި

ޑުވޭން ޖޯންސަން (ދި ރޮކް) އާއި އޭނާގެ ލޯބިވެރިޔާ ލައުރެން ހަށިއަން ކައިވެނިކޮށްފިއެވެ.

ރައްޓެހިވެގެން އުޅޭތާ 12 އަހަރުވީ ލޯބިވެރިޔާއާ ކައިވެނިކުރިކަން ޖޯންސަން އިއުލާންކުރީ އޭނާ މިއަދު ކުރި އިންސްޓަގުރަމް ޕޯސްޓެއްގައެވެ.

އަނބިމީހާ އާއި ކުރީގެ ޅިޔަނު ހިރަމް ގާސިއާ ޓެގްކޮށް، ހަވާއީގައި އިއްޔެ ބޭއްވި ކައިވެނި ހަފްލާގެ ފޮޓޯއަކާއެކު ޑުވޭންގެ 154 މިލިއަން އިންސްޓަގުރަމް ފޮލޯވަރުންނާ ހިއްސާކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ “އަހަރެމެން ގަބޫލުކޮށްފިން” ކަމަށެވެ.

އުމުރުން 47 އަހަރުގެ ޖޯންސަން އާއި 34 އަހަރުގެ ލަވަކިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ހަށިއަންއާ ބައްދަލުވީ 2006 ވަނަ އަހަރުއެވެ. އަދި 2007 ވަނަ އަހަރު އެ ދެ މީހުން ލޯބީގެ ގޮތުން ރައްޓެހިވިއެވެ. އެއީ ޖޯންސަން އާއި އޭނާގެ ކުރީގެ އަނބިމީހާ ޑެނީ ގާސިއާ ވެރިވުމަށްފަހުއެވެ.

ޖޯންސަން އާއި ހަށިއަންއަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ ޖޭސްމިން 3 އަހަރު އަދި ޓިއާނާ 1 އަހަރުއެވެ. އަދި ކުރީގެ އަނބިމީހާ ގާސިއާއަށް 18 އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވެއެވެ.

އިޒްރޭލުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ޣައްޒާ ސިޓީ، ފަލަސްތީން: ޔަހޫދީ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ރޭ ފަތިހު ދިން އެ ވައިގެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޣައްޒާގެ އުތުރަށާއި މެދުތެރެއަށް އިޒްރޭލުން ހަމަލާތަކެއް ދިނީ، އެގައުމުގެ އަސްކަރިއްޔާއިން ބުނާގޮތުގައި، އައްޒާއިން މިދިޔަ ހުކުރު ދުވަހު ފޮނުވާލި މިސައިލް ހަމަލާއެއްގެ ރައްދުގައެވެ.

އެގޮތުން އިއްޔެ ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ފަލަސްތީންގެ ހަނގުރާމަވެރި ޖަމާއަތް ހަމާސްގެ ބިންތަކަކަށް ކަމަށް އިޒްރޭލުން ބުނެއެވެ.

“އިޒްރޭލުގެ ރައްޔިތުންނަށް ގެއްލުންދޭން މަސައްކަތްކުރާ ކޮންމެ ކަމަކަށް އިޒްރޭލުގެ ޑިފެންސް ފޯސް އިން ރައްދު ދޭނަން. އަދި ޣައްޒާގެ އެތެރެއިންނާއި ބޭރުން ދޭ ހުރިހާ ހަމަލާއެއްގެ ޒިންމާ ޓެރަރިސްޓް ޖަމާއަތް ހަމާސް އިން އުފުލަންޖެހޭނެ،” އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، 12 އަހަރު ވަންދެން އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގޮވާލައި ފަލަސްތީންގެ ރައްޔިތުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އިއްޔެ ވެސް އެތައް ބަޔަކު ވަނީ ޣައްޒާ އާއި އިޒްރޭލު ގުޅޭ ބޯޑަރު ކައިރިއަށް އެއްވެ އަޑު އުފުލައިފައެވެ.

އަދި މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ކޮންމެ ހުކުރު ދުވަހު ކުރަމުންދާ އެ މުޒާހަރާތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

އަލް އަގްސާ މިސްކިތު ބޭރުގައި ބަޑިޖަހައި ފަލަސްތީންގެ ދެ ކުއްޖަކު ޝަހީދުކޮށްލައިފި

ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ބޭރުގައި ފަލަސްތީން ދެ ކުއްޖެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި ޝަހީދު ކޮށްލައިފިއެވެ.

އިއްޔެގެ މަޣްރިބް ނަމާދު ވަގުތާ ކައިރިވެފައި ވަނިކޮށް ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލާފައިވަނީ ނަސީމް އަބޫ ރޫމީ އަދި ހަމޫދާ ހާދިތް އަލް ޝެއިހް ނަމަކަށް ކިޔާ 14 އަހަރުގެ ދެ ކުދިންނެވެ.

ސޯޝަލް މީޑިއާ އަދި އިޒްރޭލުގެ ޓީވީތަކުން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، އެ ދެކުދިން ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހާފައިވަނީ އަލް އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަންނަން ހުންނަ ގޭޓު ކައިރީގައި ފޯރިމަރަން ހުރި ފުލުސް އޮފިސަރަކަށް ދެ ކުދިން ހަމަލާދޭން އުޅުމުންނެވެ.

ނަމަވެސް ހަމަލާގައި އިޒްރޭލު ސިފައިންގެ މީހާއަކަށް މާބޮޑެތި ޒަހަމްތަކެއް ނުލިބެއެވެ.

ފަލަސްތީނިއަން ރެޑް ކްރެސެންޓުން ބުނި ގޮތުގައި، އެ ހަމަލާގައި އަލް އަގްސާ މިސްކިތުގެ ގާޑެއްގެ ފަޔަށް ވެސް ވަޒަން އަމާޒުވެގެން އިރުމަތީ ގުދުސްގައި ހުންނަ ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފައެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލު ސިފައިން ވަނީ އަލް އަގްސާ މިސްކިތުގައި އޭރު ތިބި އެންމެން މިސްކިތުން ނެރެ، އެތަނަށް ވަނުން މަނާކޮށް، ވަންނަން ހުރި ހުރިހާ ދޮރެއް ބަންދުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އިއްޔެގެ މަޣްރިބު ނަމާދު ފަލަސްތީންގެ ރައްޔިތުން ކުރަންޖެހުނީ ބަންދުކޮށްފައިވާ ގޭޓުތައް ކުރިމަތީގައެވެ.

އިޒްރޭލުގެ ސިފައިން އޮފިސަރަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ފަލަސްތީން ދެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލާފައި މިވަނީ، މިއަހަރުގެ އަޟްހާ އީދު ނަމާދަށްފަހު އަލް އަގްސާ މިސްކިތުގައި ފަލަސްތީން ރައްޔިތުންނާއި އިޒްރޭލުގެ ޔަހޫދީންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވަނިކޮށެވެ.

ރެކޯޑް އަނގޮޓިއެއް! 7777 އަލިމަހާއެކު އަގު 4.9 މިލިއަން ޑޮލަރު

ބަލާލަން ވަރަށް ވެސް ރީއްޗެވެ. ލޮޓަސް މަލެއްގެ ބައްޓަމަށް ހަދާފައިވުމުން އިތުރަށް ފުރިހަމައެވެ. އަދި އަނގޮޓީގައި ޖަހާފައި ހުރި 7777 އަލިމަހާއެކު އަނގޮޓީގެ ބެބުޅުން ވެސް ގަދަވާނެތާއެވެ. ކޮންމެއަކަސް އަނގޮޓީގެ ޗާލުކަމަށް ތައުރީފު އޮއްސިދާނެއެވެ. އެއާއެކު ދެން އޮތީ އަގެވެ.

އިންޑިއާގެ މުމްބާއީގެ ލަކްޝިކާ ޖުވެލްސް އިން ތައްޔާރުކުރި މި އަނގޮޓީގެ އަގަކީ އެންމެ 4.9 މިލިއަން ޑޮލަރެވެ. މި އަނގޮޓިއަކީ މިއަދު ރެކޯޑް އަނގޮޓިއެކެވެ. އަގަކުން ނޫނެވެ. އެންމެ ގިނަ އަލިމަސް ހިމެނޭ އަނގޮޓީގެ ގޮތުގައެވެ.

ޖުމްލަ 14 މީހުންގެ ޓީމަކުން 18 މަސް ވަންދެން ކުރި މި މަސައްކަތުން ތައްޔާރުކުރި މި އަނގޮޓިން އެ ފެންނަނީ އިންޑިއާގެ ދެއްލީގައި ހުންނަ ލޮޓަސް ޓެމްޕަލްގެ ޑިޒައިނެވެ.

މި ޕްރޮޖެކްޓުގައި އިސްކޮށް އުޅުނު ލަކްޝިކާ ޖުވެލްސްގެ ފައުންޑަރު ނަވީން ބަންދަރީ ވިދާޅުވި ގޮތުގައި، އެމީހުން ދުނިޔޭގެ ރެކޯޑް ފޮތަށް އަމާޒު ހިފީ ދުނިޔޭގެ ސަމާލުކަން ހޯދާށެވެ.

“ރެކޯޑް ޓައިޓަލް ލިބުމަކީ އަހަރެމެންގެ ހުނަރުވެރިކަމާއި ޑިޒައިނިން އާއި ގާބިލްކަން ހުރިކަމުގެ އަސްލެއް. މި ޓައިޓަލް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް،”

ފިލިޕީންސްގައި ކިނބުލެއް، ކުޑަ ކުއްޖަކު ކާލައިފި

މެނީލާ (އޭއެފްޕީ) – ދެކުނު ފިލިޕީންސްގައި ކިނބުލެއް، ބޯޓެއްގައި އިން ކުޑަ ކުއްޖަކު ޖަހައިގަނެގެން ގެންގޮސް ކާލައިފިއެވެ.

ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކިނބޫ މެރުމަށް މަޝްހޫރު ބަލަބަކް ނަމަކަށް ކިޔާ ސަހަރުގައި ހިނގި އެ ހާދިސާގައި ކިނބުލެއްގެ ޝިކާރައަކަށްވީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ.

ކިނބުލެއް އައިސް އެ ކުއްޖާ ޖަހައިގަތީ ދެ ބޭބެއަކާއެކު ބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށެވެ.

ފިލިޕީންސްގެ ފުލުހުން ބުނީ، އެ ކުއްޖާ ހޯދުމަށް އާއިލާއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކުއްޖާ ފެނުނީ ކުޅިއެއްގެ ތެރެއިން ހަށިގަނދުގެ އެއްބައި ކާލާފައި އޮއްވާ ކަމަށެވެ.

ފިލިޕީންސްގައި ކިނބުލެއް ކުޑަ ކުއްޖަކު ކާލިއިރު، އެގައުމުގެ ތަރައްގީއަށް ކުރަމުންދާ މަޝްރޫއުތަކާއި އާބާދީ އިތުރުވުމާ ގުޅިގެން ކިނބޫ އުޅޭ ވެށިތައް ނެތެމުންނެވެ.

“ބަލަބަކްގައި 2015 ވަނަ އަހަރުން ފެށިގެން ކިނބުލެއްގެ ހަމަލާއެއް ނާންނަ އަހަރެއް ނުދޭ،” ބަލަބަކް ހިމެނޭ ޕަލަވަން އައިލެންޑް ގުރޫޕްގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ސަރުކާރުގެ ކައުންސިލްގެ ތަރުޖަމާން ޖޮވިކް ޕަބެލޯ ވިދާޅުވިއެވެ.

އެގޮތުން 2017 ވަނަ އަހަރުގެ ފަހުކޮޅު ކިނބުލެއް، އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ޖަހައިގަނެގެން ގެންގޮސްފައިވާއިރު އެ ކުއްޖާ އޭގެ ފަހުން ފެނިފައެއް ނުވެއެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ކިނބުލެއް ވަނީ ކަކުނި މަސްވެރިކަން ކުރާ މީހަކު ކާލައިފައެވެ.

އިންސާނުންގެ އިސްކޮޅާ އެއްވަރުގެ ޕެންގުއިން އެއްގެ ކަށިތަކެއް ފެނިއްޖެ

އިންސާނުންގެ އިސްކޮޅާ އެއްވަރުގެ މާ ޕެންގުއިން ތަކެއްގެ ކަށިތަކެއް ނިއު ޒިލެންޑުން ފެނިއްޖެއެވެ.

ކެންޓާބަރީ ދާރުލް އާސާރުން ބުނާގޮތުގައި ފެނުނު ކަށިތަކަކީ އިސްކޮޅުގައި 1.6 މީޓަރު (5 ފޫޓު 3 އިންޗި) ހުންނަ އަދި ބަރުދަނުގައި 80 ކިލޯ ހުންނަ ޖަނަވާރެއްގެ ކަށިތަކެކެވެ.

“މޮންސްޓާ ޕެންގުއިން”ގެ ނަން ދީފައިވާ އެ ޕެންގުއިން ދުނިޔޭގައި އުޅެފައިވާ ކަމަށް ބެލެވެނީ މީގެ 56 މިލިއަން އަހަރާއި 66 މިލިއަން އަހަރާ ދެމެދުގެ ކުރިންނެވެ.

އެ ދުވަސްވަރަކީ ނިއު ޒިލެންޑާއި އޮސްޓްރޭލިއާ އަދި އެންޓާޓިކާ ވެސް ވަކިނުވެ އެއް ފަސްގަނޑެއްގެ ގޮތުގައި އޮތް ދުވަސްވަރެވެ.

“މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު ޕެންޖުއިންގެ ވައްތަރު،” ކެންޓާބަރީ މިއުޒިއަމްގެ ސީނިއާ ކުރޭޓާރ ޕައުލް ސްކޯފިލްޑް ބީބީސީއަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެކުނު ހެމިސްފިއާގެ ކަނޑުތަކުގައި އުޅުނު ކަމަށް ބެލެވޭ މި ޕެންގުއިންތައް މިހާ ބޮޑެތިވެފައިވާ ކަމަށް ބެލެވެނީ ޑައިނަސޯތައް ދުނިޔެއިން ނެތެމުންދިޔަ ދުވަސްވަރާ ގާތްގަނޑަކަށް ގާތުގައި އޭރު ދުނިޔޭގެ ކަނޑުތަކުގައި އުޅުނު ބޮޑެތި ރެޕްޓައިލްސްތައް ވެސް ނެތެމުން ދިއުމުންނެވެ.

“އެއަށްފަހު، ގާތްގަނޑަކަށް 30 މިލިއަން އަހަރަށް، މިއީ މާ ޕެއިންގުއިންތައް އުޅުނު ދުވަސްވަރު. އެއަށްފަހު މަންމަލި ޖަނަވާރުތައް ދުނިޔޭގައި އުޅެން ފެށީ،” ސްކޯފިލްޑު ވިދާޅުވިއެވެ.

މިއަދު ޕެންގުއިންތަކުގެ ތެރެއިން އެންމެ ބޮޑު ވައްތަރަކީ އެމްޕެރާ ޕެންގުއިންއެވެ. އޭތި އެންމެ ބޮޑުވަނީ 1.2 މީޓަރަށެވެ.