މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 1.13 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1.13 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 139،338 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ، އިންޑިއާ، އިޓަލީ، ޖާރމަނީ، އަދި އިނގިރޭސިވިލާތުން ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް ބީއެމްއެލް

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެގްރިމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސްޕޮންސާޝިޕް އެގްރިމަންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރެވެ.

ބީއެމްއެލް އިން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ސޮއިކުރި ސްޕޮންސާޝިޕް އެގްރިމަންޓެއް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް ޓެނިހުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ގައުމީ ޓެނިސް ޗެމްޕިއަންޝިޕަކީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ސޯޔާ ވިދާޅުވީ، ޓެނިސް އެސޯސިއޭޝަންއާއެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ ބޭންކަށް ވަރަށް މުހިންމު އަދި ހާއްސަ ސްޕޮންސާޝިޕެއް ކަމަށެވެ.

“މިއީ ބޭންކަށް ވަރަށް މުހިންމު އަދި ހާއްސަ ސްޕޮންސަޝިޕެއް. މި އަހަރަކީ ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކު ވެސް މި ސްޕޮންސަޝިޕް އިތުރަށް ހާއްސަ ވެގެންދޭ. މި ކުޅިވަރު މަގުބޫލު ވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުން މިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަންއަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ސޯޔާ ވިދާޅުވިއެވެ.

ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެގްރިމަންޓެއްގައި ބީއެމްއެލް އިން މިއަދު ސޮއިކުރިއިރު، އެ ބޭންކުން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޔޫތް ޑިވެލޮޕްމަންޓް ޕާޓްނަރުގެ އިތުރުން ސުވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ނޭޝަންވައިޑް ޕާޓްނަރަކީ ވެސް ބީއެމްއެލްއެވެ.

މޯލްޑިވިއަންއިން ހަނިމާދޫން ކޮޗިންއަށް ހަފްތާއަކު ތިން ދުވަހު ދަތުރުކުރާނެ

ގައުމީ އެއާލައިން މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފަށާ ސީދާ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އެކަން އިއުލާންކުރެއްވީ ކޮޗިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެނިފާ ވިދާޅުވީ، ހަނިމާދޫ އާއި ކޮޗިންއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ 28 ގައި ކަމަށެވެ.

އަދި އަލަށް ފަށާ މި ރޫޓާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ބޭނުން އިންޑިއާގެ ފަތުރުވެރިން ރާއްޖެއައިސް ރީތި ދޮންވެލި ގޮނޑުފޮށާއި، ވިލުނޫކުލައިގެ މޫދާއި މި ހޫނުކަން އިހްސާސްކުރަން. މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަންލިބި އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ދިވެހިރާއްޖެ ބަލާލެވޭނެ،” ޖެނިފާ ވިދާޅުވިއެވެ.

މިހާރުވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާ މޯލްޑިވިއަން އިން ބުނީ ކޮޗިން އަށް ދަތުރުތައް ފަށަން ތައްޔާރުވާން ފެށީ މިއަހަރުގެ ޖުލައި މަހުގައެވެ.

ކޮޗިންއަށް އަންނަ މަހުގެ ފަހުކޮޅު ދަތުރުތައް ފަށަން ނިންމާފައިވާއިރު، މޯލްޑިވިއަން އިން ދަނީ އިންޑިއާގެ އެހެން ސިޓީތަކަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެއާލައިނުން މީގެ ކުރިން ބުނެފައިވެއެވެ.

އިންޑިއާގެ އިތުރުން ސްރީ ލަންކާގެ ކޮލަމްބޯއަށް ވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސއްކަތް ކުރަމުންނެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ދަތުރުކުރެ އެވެ. މީގެ ތެރޭގައި ބެންކޮކް، ޗެންނާއީ، ޑާކާ، ހުވާން ހިމެނެއެވެ.

މޯލްޑިވިއަންގެ އޮފީހެއް ޓްރިވެންޑްރަމްގައި ހުޅުވައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް އިންޑިއާގް ޓްރިވެންޑްރަމްގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާއިޝަތު ޖެނިފާއެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު މޯލްޑިވިއަން އިން ޓްރިވެންޑްރަމްއަށް ދަތުރުތައް ކުރަމުން އަންނައިރު، މިދިޔަ 11 އަހަރު ޓްރިވެންޑްރަމުން ހިދުމަތް ދެމުން އައީ އެޖެންޓެއް މެދުވެރިކޮށެވެ.

އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މޫސާ ވަސީމް މީޑިއާތަކަށް ވިދާޅުވި ގޮތުގައި، އަލަށް ހުޅުވި އޮފީހާއެކު ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ދެވި، ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މޫސާ ވަސީމް ވިދާޅުވި ގޮތުގައި، ޓްރިވެންޑްރަމްގައި ހުޅުވި އޮފީހުން ވެސް މޯލްޑިވިއަންގެ އޮފީސްތަކުން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ލިބޭނެއެވެ.

މި އޮފީސް ހުންނާނީ ޓްރިވެންޑްރަމްގެ ޕޫތީ ރޯޑްގައެވެ.

ދިވެހިން އެންމެ ގިނަ އަދަދަކަށް ގޮސް އުޅޭ ޓްރިވެންޑްރަމްގައި މޯލްޑިވިއަންގެ އޮފީހެއް ހުޅުވިއިރު، ޗެންނާއީ އަށްވެސް ގައުމީ އެއާލައިނުން ދަނީ އުދުހެމުންނެވެ. އަދި އަންނަ މަހުގެ ތެރޭގައި އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ވެސް ފެށުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

މޯލްޑިވް ގޭހުގެ ލުއިފުޅީގެ އާ ޕެކޭޖުތަކާއެކު، ގޭސްފުޅި ބަދަލުކޮށްލަން ފަސޭހަ ވެއްޖެ

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލުއި ފުޅީގެ ހާއްސަ ދެ ޕެކޭޖެއް ތައާރަފް ކޮށްފިއެވެ.

މި ޕެކޭޖްތައް ތައާރަފް ކޮށްފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލުއިފުޅީގެ އާ ޑިޒައިންގެ ސިލިންޑަރު ވެސް ވަނީ ތައާރަފް ކޮށްފިއެވެ.

ޕެކޭޖްތަކާ ގުޅޭގޮތުން މޯލްޑިވް ގޭހުގެ މާކެޓިން މެނޭޖަރު، އާމިނަތު މުހައްމަދު ސައީދު (އައިންތު) ވިދާޅުވީ، އެ ކުންފުނިން ތައާރަފްކުރި ލުއިފުޅީގެ އާ ދެ ޕެކޭޖުން ކަސްޓަމަރުންގެ ޖީބަށް ލުއިވެ، ގޭސްފުޅި ބަދަލުކުރުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

އެގޮތުން “ލުއި ބޭސިކް” އަދި “ލުއި ސްޓޭންޑަޑް”ގެ ނަމުގައި މިއަދު ތައާރަފްކުރި ދެ ޕެކޭޖަކީ ވެސް ބަންޑަލް ދެ އޮފާއެވެ. އޭގެ ތެރޭގައި މިހާރު ދަގަނޅު ފުޅިއާއެކު ލިބޭ ކަނެކްޝަން ކިޓް ވަނީ ހިމަނައިފައެވެ.

ލުއި ބޭސިކް ޕެކޭޖް: 10 ކިލޯގެ ގޭސް ފުޅިއަކާއެކު ފަސް ފޫޓުގެ ގޭސް ހޮޅި، ދެ ކްލިޕް، ސިލިންޑަރު ރެޖިސްޓްރޭޝަންގެ އިތުރުން ގޭސްފުޅި ގުޅައިދޭނީ ހިލޭ އެވެ. މި ޕެކޭޖުގެ އަގަކީ އެންމެ 1250 ރުފިޔާއެވެ.

ލުއި ސްޓޭންޑަޑް ޕެކޭޖް: 10 ކިލޯގެ ގޭސްފުޅިއަކާއެކު ފަސް ފޫޓުގެ ގޭސް ހޮޅި، ދެ ކްލިޕާއި ސިލިންޑަރު ރެޖިސްޓްރޭޝަން އަދި ގޭސްފުޅި ގުޅައިދޭނީ ހިލޭ އެވެ. މި ޕެކޭޖްގައި އިތުރަށް ހިމަނާފައިވަނީ ލޮކް ކުރެވޭ ސޭފްޓީ ރެގިއުލޭޓަރެކެވެ. މި ޕެކޭޖްގެ އަގަކީ 1435 ރުފިޔާއެވެ.

އައިންތު ވިދާޅުވީ، އަބަދުވެސް އެއް އަގެއްގައި މި ޕެކޭޖްތައް ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދޭން ކުރިއަށް އޮތް ތަނުގައި ވެސް ތަފާތު ޕެކޭޖްތަކެއް ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ހަދާ ޑިނގާ ފާމުގެ ދިރާސާ ޓީމު ރާއްޖެ އަތުވެއްޖެ

ސައިރިކްސް ކޮލެޖުން އައްޑޫގައި ގާއިމްކުރަން ނިންމާފައިވާ ޝްރިމްޕް (ޑިނގާ) ފާމުގެ ދިރާސާތައް ހެދުމަށް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ތައިލެންޑްގެ އަވަށެއްގައި ހިންގާ ޑިނގާ ފާމްތަކާ އެއްގޮތަށް އައްޑޫގެ ހުޅުމީދޫގައި ތަރައްގީކުރާ ޑިނގާ ފާމަކީ ސައިރިކްސް ކޮލެޖުގެ އިޖްތިމާއީ ޒިންމާގެ ދަށުން އައްޑޫގެ ޖަމިއްޔާތަކާ ގުޅިގެން ހިންގާ މަޝްރޫއެކެވެ.

އަދި އެކަމުގެ ދިރާސާތައް ކުރުމަށް ތަޖުރިބާކާރަކު ރާއްޖެ ގެނެސް، އޭނާގެ ދިރާސާއަށްފަހު އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ސައިރިކްސް އިން މީގެ ކުރިން ބުނެފައިވެއެވެ.

ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިނގާ ފާމުގެ ދިރާސާކުރުމަށް އައްޑޫއަށްދާ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި މާދަމާ އެ ގުރޫޕުން ހުޅުދޫއަށް ދާނެ ކަމަށެވެ.

އަދި މާދަމާ ރޭ ހުޅުދޫގައި އައްޑޫ ސިޓީން ބާއްވާ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޝަރީފު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އައްޑޫގައި ޝްރިމްޕް ފާމެއް ހަަދަން ހުޅުމީދު އަކީ މިކަން ކުރެވިދާނެ ތަނެއް ކަމަށާއި އެގޮތުން ކުޅީގައި މިކަން ކުރެވިދާނެ ކަމަށެވެ.

އަދި އައްޑޫގައި ޑިނގާ ފާމަކީ ކާމިޔާބު މަސައްކަތަކަށް ވެސް ހެދިދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިސްޓް ރިސޯޓުތަކަށް އަދި ރެސްޓޯރެންޓުތަކަށް ސަޕްލައި ކުރެވިދާނެ. އޭގެ އިތުރުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ވެސް ކުރެވިދާނެ ކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށްޓަށް ދަތުރުކުރުމަށް އޮންލައިންކޮށް ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

މޯލްޑިވިއަން އިން ކުޅުދުއްފުށްޓަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް، އޮންލައިން ކޮށް ޓިކެޓު ނެގޭނެ އިންތިޒާމު މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން އިން ގެންދަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ކުޅުދުއްފުއްޓަށް ހަފްތާއަކުން ތިން ދަތުރު ކުރަމުންނެވެ. މި ދަތުރުތައް ކުރަމުންދަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސިތާ އަހަރެއް، މި މަސްތެރޭގައިވާއިރު، މިދިޔަ އަހަރުވެސް ޗާޓާ ކޮށްގެން އެ އެއަރޕޯޓަށް ވަނީ ފްލައިޓުތަކެއް ޖައްސާފައެވެ. އެހެންނަމަވެސް، މި އަހަރުގެ އޯގަސްޓު މަހު ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރުތައް ފެށީ ޓާމިނަލް އެއްކޮށް ނިންމުމަށްފަހުއެވެ. އަދިވެސް، އެއަރޕޯޓުގެ ފަޔަރ ސްޓޭޝަނުގެ މަސައްކަތް އެއްކޮށް ނިމިފައިނުވެއެވެ.

ކުޅުދުއްފުށިން ނާއި އޮންލައިން ކޮށް ޓިކެޓް ވިއްކަން ފަށާފައިވާއިރު ކުޅުދުއްފުށީ ފުލައިޓްތަކުން ޖާގަ ހޯދަން ދަތުރު ވެރީން މަސައްކަތް ކުރަމުން ދާކަމަށް އެފަރާތުން މައުލޫމާތުދެއްވައެވެ.

އޭޝިއާގެ ޔުޓިލިޓީ އިންޑަސްޓްރީގެ ލީޑަރުގެ މަގާމު ފެނަކަ އެމްޑީ ސައީދަށް

އޭޝިއާގައި ބާއްވާ އެންމެ ބޮޑު ޔުޓިލިޓީ އެގްޒިބިޝަން، އޭޝިއަން ޔުޓިލިޓީ ވީކް އިން ހޮވާ އިންޑަސްޓްރީ ލީޑަރުގެ މަގާމު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ލިބިވަޑައިގެންފިއެވެ.

މެލޭޝިއާގެ ވެރިރަށް ކުލަ ލަމްޕޫރުގެ އިއްޔެ އާއި މިއަދު ކުރިއަށް ދިޔަ ޔުޓިލިޓީ ވީކްގައި ދިން އިންޑަސްޓްރީ ލީޑަރުގެ މަގާމަކީ ކުންފުންޏެއްގެ ހިންގުމަށާއި ތަސައްވަރަށް އަދި އިސް ނެގުންތަކަށް ބެލުމަށްފަހު ދޭ މަގާމެކެވެ.

މިދިޔަ ޑިސެމްބަރު މަހު ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ކަމާ ހަވާލުވެވަޑައިގެން ސައީދު ގެންދަވަނީ، ކުރިން ފެނަކައާމެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.

އެގޮތުން ފެނަކައިގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ މުވައްޒަފުންނާއި ކުންފުނިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންތަކެއް ވަކިކޮށް، ބައެއް ރީޖަނަލް އޮފީސްތައް އުވާލައި، އެތައް މިލިއަން ރުފިޔާއެއް ކުންފުންޏަށް ވަނީ ސަަލާމަތްކޮށްފައެވެ.

އަދި ފެނަކައިން ދައްކަން ޖެހޭ ދަރަނިތައް ވެސް ދައްކާ ހަލާސް ކުރަމުންދާއިރު ބޮޑު އިސްކަމެއް ދީގެން ރަށްރަށުގެ ކަރަންޓް މައްސަލަ އެ ކުންފުނިން ދަނީ ހައްލުކުރަމުންނެވެ.

އެގޮތުން ކުރިން ކަރަންޓް ކެނޑި އަތޮޅުތަކުގެ ރައްޔިތުން އުފުލަންޖެހޭ ބުރަ ކުޑަ ކުރުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފައިފައެވެ.

ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ކޮމިޓީން ބިލް ބަދަލުކޮށްފި

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބަދަލުކޮށްފިއެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބު ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވިއިރު، ބިލުގައި އޮތީ ޔަޒީދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު އަލުން އެކުލަވާލަންޖެހޭނެ ގޮތަކަށް ނޫނެވެ.

ނަމަވެސް އިގްތިސާދީ ކޮމިޓީން ބިލް ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގައި ބުނެފައިވަނީ، ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަންޖެހޭނެ ކަމަށެވެ.

އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހޭނެ ކަމަށް ބުނެފައިވާއިރު ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް ކޮމިޓީން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުން އެ މެމްބަރަކީ ފިނޭންސް މިނިސްޓަރު އައްޔަންކުރައްވާ މެމްބަރެކެވެ.

ބޯޑުގައި ދެން ހިމެނޭނީ ރައީސް އައްޔަން ކުރާ ފަސް މެމްބަރުންނާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. އެކަމަކު އެ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިގްތިސާދީ ކޮމިޓީން ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، ބިލް ފާސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެގޮތަށް ފާސް ކުރުމުންނެވެ. ވޯޓަކަށް ދިއުމުގެ ކުރިން ތަޅުމުގައި މެމްބަރުންނަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެއެވެ.

އަލީ ހާޝިމް ގަވަރުނަރު ކަމަށް ހަމަޖައްސަން ކޮމިޓީން ރުހުން ދީފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަލީ ހާޝިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.

ހާޝިމް ގަވަރުނަރުގެ މަގާމަށް އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިސްތިފާގުންނެވެ. ވޯޓުގެ ކުރިން މާލިއްޔަތު ކޮމެޓީން އަލީ ހާޝިމްއާ އިންޓަވިއު ވެސް ކުރިއެވެ.

އަލީ ހާޝިމް އޭނާ އައްޔަން ކުރުމާމެދު އާންމުންގެ ހިޔާލު ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހުޅުވާލެއްވިއެވެ. އެ ފުރުސަތުގައި އޭނާ ގަވަރުނަރު ކަމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މީހަކު ހިޔާލެއް ހުށައަޅާފައެއް ނުވެއެވެ.

ހިޔާލެއް ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައި އޮތީ އެ މަގާމަށް އަލީ ހާޝިމް ގާބިލްކަން ފާހަގަކޮށް ހުށަހަޅާފައިވާ ހިޔާލެއް ކަމަށް މާލިއްޔަތު ކޮމިޓީން މައުލޫމާތުދެއެވެ.

ހާޝިމް ގަވަރުނަކަށް އައްޔަން ކުރުމަށް މަޖިލީހުން ހުށަހެޅުމުން، ދެން އެކަމާމެދު ގޮތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން އެ މަގާމު ހުސްވެފައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވަނީ ވެފައެވެ.

ޗައިނާ އާއި ރާއްޖެ އާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ޗައިނާއާއި ރާއްޖެ އާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން، ދިވެހި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ، ޓްއާއޮޕަރޭޓަރުންގެ ކޮންފަރެންސެއްގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ އަންނަ އަހަރު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭ-330 މަރުކާގެ ފްލައިޓާއިއެކު ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ.

މިހާރުވެސް ޗައިނާގެ 6 މަންޒިލަކަށް މޯލްޑިވިއަން އިން ދަނީ ދަތުރުތައް ކުރަމުންނެވެ. ޗައިނާގެ މަންޒިލަތަކަށް މިހާރު މޯލްޑިވިއަން އިން ދަތުރު ކުރަމުންދަނީ އެެއާބަސް، އޭ-321 ގައެވެ. ނަމަވެސް  އެއީ ވައިޑް-ބޮޑީ އެއާކްރާފްޓަކަށް ނުވާތީ، މޯލްޑިވިއަން އިން އެ ދަތުރުތައް ކުރަނީ ބެންކޮކް މަގުން އެވެ.

އޭ-330 ގެ ދެ ފްލައިޓް ކުރިއަށް އޮތް ހަމަސް ދުވަސް ތެރޭގައި ރާއްޖެ ގެނެސް ޚިދުމަތައް ނެރޭނެ ކަމަށް މޯލްޑިވިއަން އިން ކުރިންވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން މިހާރު އޮޕަރޭޓް ކުރަނީ ޑޭޝް8-200 މަރުކާގެ ދެ ބޯޓާއި ޑޭޝް8-300 މަރުކާގެ އަށް ބޯޓާއި އެއާބަސް އޭ 320 މަރުކާގެ އެއް ބޯޓާއި އެއާބަސް އޭ 321 މަރުކާގެ އެއް ބޯޓް އަދި ޑީއެޗްސީ ޓްވިން އޮޓާގެ 11 ބޯޓެވެ.

ނޮވެލްޓީ ބުކްފެއަރ ފަށައިފި

ނޮވެލްޓީ ބުކްސޮޕުން ބާއްވާ ނޮވެލްޓީ ބުކްފެއަރ ދަރުބާރުގޭގައި ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ދަރުބާރުގޭ ރަންނަ ބަނޑޭރިމަލަމުގަޔާއި ބިއްލޫރިމާލަމުގައި ފެށި މި ބުކްފެއަރ އާއި ގުޅޭގޮތުން ނޮވެލްޓީން ބުނީ އެހެން އަހަރުތަކުގެ ބުކްފެއާރ އަށްވުރެ މިއަހަރުގެ ބުކްފެއާރ ތަފާތުވާނެ ކަމަށެވެ. އަދި މިއަހަރުގެ ބުކްފެއަރގައި 1،000 ވައްތަރުގެ ދިވެހި ފޮތް ލިބެން ހުންނާނެކަމަށްވެސް ނޮވެލްޓީން ބުނެއެވެ.

މިއަހަރުގެ ފެއަރގައި 10 އިންސައްތަ އާއި 70 އިންސައްތައާއި ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް ނޮވެލްޓީން ބުނެފައިވާއިރު އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ލަކީ ޑޮރޯ އެއް ކުރިޔަށް ގެންދާނެ ކަމަށާއި މި ލަކީ ޑޮރޯއިން ހޮވޭ ފަރާތަކަށް ދެލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާކަމަށް ނޮވެލްޓީން ބުންޏެވެ.

މި ފެއާ ހުޅުވައިދިނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގެ ކުދިންނާއި ޖަމާލުއްދީން ސްކޫލްގެ، އިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ހާއްސަ ކްލާސް (ސީއެޗްއައިސީ)ގެ ދަރިވަރުންނެވެ.

މި ފެއަރ ކުރިޔަށްދާނީ 29 އޮގަސްޓް އިން ސެޕްޓެމްބަރ 10 ވަނަ ދުވަހާއި ހަމައަށް ކަމަށް ނޮވެލްޓީއިން ބުނެއެވެ.

ޓޫރިސްޓް ސްކައުޓުން އަންނައަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފަށާނެ: އަލީވަހީދު

ޓޫރިސްޓް ސްކައުޓުން އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުންފެށިގެން ވަޒީފާއަށް ނިކުމެވޭވަރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިސްޓް ސްކައުޓް ޕްރޮގުރާމްގެ މަޤްސަދަކީ މިހުން ދިރިއުޅޭ ރަށްރަށުގައި މޫދަށް އެރުމާއި، ސްނޯރކަލް ކުރުމާއި އަދި މިނޫންވެސް ފަތުރުވެރިންނާއި އާންމު ރައްޔިތުންނަށް ވީހާވެސް ރައްކާތެރި މާހައުލެއް ޤާއިމް ކުރުމެވެ. މި ޕްރޮގުރާމް މުޅި ރާއްޖޭގައި ހިންގަން ގަސްތުކުރެވިފައިވީނަމަވެސް، ފުރަތަމަ ފިޔަވަހީގައި އިސްކަންދިނުމަށް ގަސްތު ކޮށްފައިވަނީ ހާދިސާއެއް ދިމާވެދާނެކަމަށް ބެލެވޭ ރަށްތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އަދި ރަށްތައް ކަނޑައެޅީ ގެސްޓްހައުސް ހިންގާ ރަށްތަކުގެ ތެރެއިން 100 އެނދުންމަތީގެ ރަށްތަކާއި ހާދިސާތައް ގިނައިން ރިޕޯޓް ކުރެވިފައި ހުރި ރަށްތަކަށްބަލައިގެންކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މި މިޕްރޮގްރާމްގެ ދަށުން ވޯޓަރ ސޭފްޓީ ތަމްރީން ދެވިފައިވާ ލައިޕްގާޑުން ކޮންމެ ރަށެއްގައިވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ވޯޓަރ ސޭފްޓީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅޭ 19 ރަށަކަށް 50 ލައިފްގާޑުން ބަހައްޓާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ދައުލަތުގައި ރަޖިސްޓްރީކޮށްގެން ހިންގަނީ މަދު ވިޔަފާރިތަކެއް: މިނިސްޓަރ

ދައުލަތުގައި ރަޖިސްޓްރީކޮށްގެން ހިންގަނީ މަދު ވިޔަފާރިތަކެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ތަފްސީލްތައް ދެއްވަމުން ފައްޔާޒް ވިދާޅުވީ ބިލުގެ ބޭނުމަކީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިތަކެއް ރަޖިސްޓްރީ ކުރުމާއި ވިޔަފާރިއެއް ހިންގާކަން މިނިސްޓްރީއަށް އެނގުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފިހާރަތަކާއި ކެންޓީންތައް ރަޖިސްޓްރީކުރަން ޖެހިފައިވިޔަސް، ގަރާޖާއި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން ރަޖިސްޓްރީ ކުރަން މަޖުބޫރު ނުވާ ކަމަށެވެ.

ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމަށާއި ބިލުގެ ބޭނުމަކީ އެއްމިނިސްޓްރީ ތެރެއިން ހުރިހާ ކަމެއް ކުރުން ކަމަށް ވިދާޅުވެ، ފައްޔާޒު ވިދާޅުވީ ބިލުގައި ޢާންމުންނަށް މަޢުލޫމާތު ލިބޭނެ ގޮތްވެސް ހުންނާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ފިހާރައެއް ހުޅުވަން، ހޮޓަލެއް ހުޅުވަން އެ މިނިސްޓްރީގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށާއި މަހު ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ އެ ހުޅުވާ އިރެއްގައި މިނިސްޓްރީން ބޭނުންވާ މަޢުލޫމާތު މިނިސްޓްރީއަށް އަންގާލުން ކަމަށެވެ. އަދި ވިޔަފާރިއެއް އުވާލައިފި ނަމަ، އެކަންވެސް އަންގަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އާ ބިލުން ވިޔަފާރިތައް ރަޖިސްޓާ ކުރުމުގައި ފަސޭހަވާނެކަމަށާއި ރަޖިސްޓްރީ ކުރާ އިރު، ފީއެއް ދައްކަން ޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބިލުގެ ސަބަބުން މަހުން މަހަށް ދައްކަން ޖެހޭ ފީ އުވާލެވޭނެ ކަމަށާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ސަބަބުން ޖޫރިމަނާތައް ދައްކަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނަށް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހުގެ ސަބަބުން އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން މަޖުބޫރުވާނެ ކަމަށެވެ.

މި ސަރުކާރަށް އެއްއަހަރު ފުރޭއިރު ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒު ހާސިލުވާނެ

މި ސަރުކާރަށް އެއްއަހަރު ފުރޭއިރު ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒު ހާސިލުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އެހެންކަމުން މި ސަރުކާރަށް އެއްއަހަރު ފުރޭއިރު މި ސަރުކާރުގެ ޓާގެޓަށް ވާސިލުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެގެނައުން ކަމަށްވާ އިރު، މި ކާމިޔާބީ ލިބެނީ އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީން ކުރާ މަސައްކަތުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޖުލައި މަހުގެ ނިޔަލަށް 49،095 ޓޫރިސްޓު އެނދު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އިރު، މީގެ ތެރެއިން އޮޕަރޭޓް ކުރަމުން ދަނީ 45،983 އެނދެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޔޫރަޕުން އަންނަ އިރު، ވަކިވަކި ގައުމުތަކަށް ބަލާ އިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ.

ދެވަނައަށް އިންޑިޔާ، ތިން ވަނައަށް އިޓަލީ އުޅޭ އިރު، ހަތަރު ވަނައަށް އުޅެނީ އިނގިރޭސިވިލާތެވެ. އަދި ފަސް ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޖަރުމަނުންނެވެ.

ސަޓާ އެވޯޑްސްގެ އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފި

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ އެވޯޑްސްގެ އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފިއެވެ.

ސަޓާ އެވޯޑްސް އިންތިޒާމްކުރާ ހައިރައިޒުން ބުނީ ސަޓާގެ ހުރިހާ އިވެލުއޭޝަންތަކެއް މިހާރުވަނީ ނިމިފައިވާކަމަށާއި، އެގޮތުން މިއަހަރުގެ އެވޯޑަށް 500 އަށްވުރެ ގިނަ ފަރާތުން ވާދަކުރާކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓް، ސިޓީ ހޮޓާ އަދި ސަފާރީ އުޅަނދުތައް ހިމެނޭކަމަށެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 4 ވަނަ އަހަރެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑަށް ވާއިރު މިއަހަރުގެ ސަޓާ އެވޯޑްސް ރަސްމިއްޔާތު އޮންނާނީ ސެޕްޓެމްބަރ މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާގެ އަމާރީ ގާލޭގައެވެ.

އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް މިއަހަރުވެސް ބީއެމްއެލްއަށް

އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު އެއް ކުންފުނީގެ އެވޯޑް، ވިދިވިދިގެން ތިން ވަނަ ފަހަރަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެއެވެ.

ބީއެމްއެލްއަށް “އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ދީފައިވަނީ އެ އެވޯޑް ދިނުމަށް ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.

އެވޯޑް ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވެފައިވަނީ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އަޝްރަފާއި އެމްޕްލޯއީ ރިލޭޝަންސް މެނޭޖަރ އާސިޔަތު މުހައްމަދެވެ.

ގައުމީ ބޭންކު، ބީއެމްއެލްއަށް އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ލިބުނީ އެ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުންނެވެ.

އެވޯޑް ލިބުމާ ގުޅިގެން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖު ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ، ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔަރުގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވިގެން ދިއުމަކީ އެ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި އެ އެވޯޑް ވިދިވިދިގެން ތިން ވަނަ ފަހަރަށް ހޯދުމަށް ބޭންކުގެ ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް އޭނާ ޝުކުރު އަދާކޮށްފައިވެއެވެ.

” އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނަ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން،” ސަހާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްއަކީ ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުން ގެންދާ އެއް ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.

އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސްގެ ގޮތުގައި 7879 ރުފިޔާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 7879.79 ރުފިޔާ ލިބިއްޖެއެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، މިދިޔަ އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެއްކޮށް ވަޒީފާ އަދާކޮށްފައިވާ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސްގެ ގޮތުގައި 7،879.79 ރުފިޔާ ލިބޭނެ ކަމަށާއި އެ ފައިސާ އީދު ބަންދުގެ ކުރިން މުވައްޒަފުންނަށް ޖަމާކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްއޭސީއެލް އިން ބުނީ، މިދިޔަ އަހަރު ވަޒީފާ ދިން މުވައްޒަފުން އަދި އެ އަހަރު ވަޒީފާ އިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސްދުވަހުން ނުވަތަ އެ އަށް ވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ހަމަޖެހިފައި ވަނީ، ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން ކަމަށެވެ.

ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރި މުވައްޒަފުންނަށް އަހަރީ ބޯނަސް ނުލިބޭނެއެވެ.

އެމްއޭސީއެލް އިން މީގެ ކުރިން އަހަރީ ބޯނަސް ދެނީ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފެއްގެ އެއް މަސްދުވަހުގެ މުސާރައަށްވާ ވަރެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.

ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް އަނެއްކާވެސް ދަށަށް!

ރާއްޖެ އަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު މި އަހަރުގެ ޖުލައި މަހު ދަށަށް ހިނގައްޖެއެވެ.

މިއަހަރުގެ ޖުލައި މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް ވެސް ދަށަށް ގޮސްފައިވާއިރު، މިދިޔަ ޖޫން މަހުވެސް އެ ދާއިރާއިން ވަނީ ދަށްވެފައެވެ.

ކަސްޓަމްސް އިން މިއަދު އާއްމު ކުރި ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު މިދިޔަ ޖުލައި މަހު އިމްޕޯޓް ކުރި އަދަދު ވަނީ ނުވަ ޕަސެންޓް ދަށަށް ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައިގައި 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު، މި އަހަރު އިމްޕޯޓް ކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ޖުލައި މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދަށް ބަލާއިރު މިދިޔަ އަހަރަށްވުރެ 16 ޕަސެންޓް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއިން 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މި އަހަރު އެކްސްޕޯޓް ކުރީ 165 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓް އިމްޕޯޓް ދަށަށް ދިޔަ ނަމަވެސް ކަސްޓްމަސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ދެ ޕަސެންޓް ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، މިއަހަރުގެ ޖުލައި މަހު އެ އަދަދުވަނީ 287 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގައުމުން އިމްޕޯޓްކުރި މުދަލުގެ އަދަދަކީ 21 ޕަސެންޓެވެ. މިއީ މިދިޔަ މަހަށްވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ.

ދެވަނަ އަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ ސިންގަޕޫރުންނާއި ޗައިނާއިންނެވެ. އެ ދެ ގައުމުން އިމްޕޯޓްކުރި މުދަލުގެ އަދަދަކީ 13 ޕަސެންޓެވެ. ތިން ވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ އިންޑިއާއިންނެވެ. ފަސް ވަނައަށް ގައުމަކީ މެލޭޝިއާއެވެ.

އަގުގެ ގޮތުން ބަލާއިރު މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ ޖުމްލަ އެކްސްޕޯޓްގެ 18 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރީ މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމު، ޖަރުމަންވިލާތާއި ފަރެންސޭސްވިލާތެވެ. އެއީ 15 ޕަސެންޓެވެ.

ތިން ވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ އިނގިރޭސިވިލާތަށެވެ. ހަތަރު ވަނަ އަކީ އިޓަލީއެވެ.

ފްލައިމީންް އޮކްޓޯބަރު މަހު އާ ބޯޓެއް ގެންނަނީ

ވިލާ އެއާއިން އޮޕަރޭޓް ކުރަމުންދާ އެއާލައިން، ފްލައިމީއަށް އަންނަ އޮކްޓޯބަރު މަހު އިތުރު މަތިންދާބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ފްލައިމީ މިފަހަރު އަލަށް ގެންނަ މަތިންދާ ބޯޓަކީ އޭޓީއާރް 72-600 މަރުކާގެ ބޯޓެކެވެ. މިއީ އޭޓީއާރު މަރުކާގެ އެންމެ ފަހުގެ މޮޑެލްއެވެ. މި ބޯޓުގައި 72 އެކޮނޮމީ ސީޓު ހިމެނޭނެ އެވެ.

ފްލައިމީން ބުނީ، އަލަށް ގެންނަ މަތިންދާބޯޓު ބޭނުން ކުރާނީ އެންމެ ގިނަ ފަސިންޖަރުން އުފުލާ މަންޒިލްތަކަށް ކަމަށެވެ. އަދި އެ ބޯޓާއެކު ފްލައިމީގެ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ދަތުރު ކުރަން ފެށި ފުރަތަމަ އެއާލައިން، ފްލައިމީން މިހާރު ވެސް ބ. ދަރަވަންދޫ އާއި ވިލާ ކުންފުނިން ތަރައްގީކުރި އއ. މާމިގިއްޔަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

އަދި ފްލައިޓް ލިބޭ ވަރަކުން އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ވެސް އެ އެއާލައިނުން އުދުހެއެވެ.

މީގެ އިތުރުން ފްލައިމީން ދަނީ އަންނަ އަހަރު ކުރީކޮޅު ރާއްޖެއިން ބޭރަށް ދަތުރުތައް ފަށައި، ސީޕްލޭން އޮފަރޭޝަން ފަށަން ތައްޔާރު ވަމުންނެވެ.

އެގޮތުން އެ އެއާލައިނުން ސީ ޕްލޭންގެ ދަތުރުތައް ފަށަން ނިންމާފައިވަނީ މިމަހުގެ ތެރޭގައި ހުޅުވަން ކުރިން ނިންމާފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމުންނެވެ.

އަދި އެ ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު ގެންނަން ވެސް ފްލައިމީން ވަނީ ނިންމައިފައެވެ. ފްލައިމީން މީގެ ކުރިން ބުނެފައިވާގޮތުން، އެ ފްލައިޓުތައް ރާއްޖެ ގެންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިއްޖެ

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާރޓަރުގައި 186 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ،2017 މޭމަހުގެ 1ވަނަ ދުވަހުގެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ.

މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އަދަދަކީ ހުސްވި އަހަރުގެ ދެވަނަ ކުއާޓަރގައި ލިބުުނު އާމްދަނީ ކަމުގައިވާ 159 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 16.5 އިންސައްތަ އިތުރު އަދަދެކެވެ.

މިއީ ދެވަނަ ކުއާޓަރގައި ލިބުނު ޖުމްލަ އާމްދަނީގެ 4.7 އިންސައްތައެވެ.