ބޫޓާން އާއި އެއްވަރުކޮށް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ރާއްޖެ ސެމީއަށް

ނޭޕާލްގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެ ދަތުރުކޮށްފިއެވެ.

އަންގާރަދުވަހު ބޫޓާންއާ ބައްދަލުކުރި މެޗު އެއްވަރުކޮށްގެން ލިބުނު ދެ ޕޮއިންޓާއެކު ރާއްޖެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި އިރު ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓާއި އެކު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ބޫޓާންއެވެ. އެންމެފަހުގެ ޗެމްޕިއަން ނޭޕާލުން މުބާރާތް ނިންމާލީ އެންމެ ޕޮއިންޓެއްލިބިގެންނެވެ.

ބޫޓާން އާއި ރާއްޖެ އަންގާރަދުވަހު ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލްއާއި ރާއްޖެ ކުޅުނު މެޗުވެސް ނިމުނީ 1 – 1 ން އެއްވަރުވެގެންނެވެ.

މުބާރާތުގެ އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިޔާ އާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްއެވެ. އެ ގްރޫޕުން ހަތަރު ޕޮއިންޓު ހޯދައިގެން ބަންގްލަދޭޝް މިހާރުވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އިންޑިޔާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލަންކާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެސީ އަށް

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާގެ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފި އެވެ.

އިޓަލީގެ ވެރިރަށް މިލާނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑު މެސީ ކާމިޔާބުކުރީ ޕޯޗުގަލްގެ ތަރި ޔުވެންޓަސް އަށް ކުޅެމުންއަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކްއާ ވާދަކޮށްގެންނެވެ.

މިއީ ފީފާ އިން މި އެވޯޑު ތައާރަފް ކުރިފަހުން މެސީ މިއެވޯޑް ކާމިޔާބުކުރި ފުރަތަމަ ފަހަރުއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައިޖަމްއިއްޔާ ފީފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު މެސީ ކާމިޔާބު ކުރިއިރު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އެމެރިކާގެ މަޝްހޫރު ތަރި މެގަން ރެޕީނޯއެވެ.

މި އެވޯޑު މެސީ ކާމިޔާބު ކުރިއިރު އޭނާ ވަނީ ބާސެލޯނާއާއިއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށް 22 އެސިސްޓު ހަދާފައެވެ.

ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް ބީއެމްއެލް

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެގްރިމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސްޕޮންސާޝިޕް އެގްރިމަންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރެވެ.

ބީއެމްއެލް އިން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ސޮއިކުރި ސްޕޮންސާޝިޕް އެގްރިމަންޓެއް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް ޓެނިހުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ގައުމީ ޓެނިސް ޗެމްޕިއަންޝިޕަކީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ސޯޔާ ވިދާޅުވީ، ޓެނިސް އެސޯސިއޭޝަންއާއެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ ބޭންކަށް ވަރަށް މުހިންމު އަދި ހާއްސަ ސްޕޮންސާޝިޕެއް ކަމަށެވެ.

“މިއީ ބޭންކަށް ވަރަށް މުހިންމު އަދި ހާއްސަ ސްޕޮންސަޝިޕެއް. މި އަހަރަކީ ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކު ވެސް މި ސްޕޮންސަޝިޕް އިތުރަށް ހާއްސަ ވެގެންދޭ. މި ކުޅިވަރު މަގުބޫލު ވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުން މިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަންއަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ސޯޔާ ވިދާޅުވިއެވެ.

ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެގްރިމަންޓެއްގައި ބީއެމްއެލް އިން މިއަދު ސޮއިކުރިއިރު، އެ ބޭންކުން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޔޫތް ޑިވެލޮޕްމަންޓް ޕާޓްނަރުގެ އިތުރުން ސުވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ނޭޝަންވައިޑް ޕާޓްނަރަކީ ވެސް ބީއެމްއެލްއެވެ.

ދިރާގު ރޯޑް ރޭސް ގެ ބައިވެރިންނަށްދޭ މެޑަލް ދައްކާލައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް “ދިރާގު މޯލްޑިވްސް ރޯޑް ރޭސް” ގެ ބައިވެރިންނަށްދޭ މެޑަލް ދައްކާލައިފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ލޯންޗުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ބައިވެރިވަޑައިގެންނެވި އެވެ.

4000އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މިއަހަރު ދުވުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އަހަރުގެ ރޯޑް ރޭހުގައި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގައި ދުވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި ރޭހުގައި 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައެވެ. 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ.

ދިރާގުން 2007 ވަނަ އަހަރު ތައާރަފްކުރި ރޯޑް ރޭސް ބާއްވާ މިއީ 13 ވަނަ އަހަރެވެ.

ފަސް ލަނޑުން ރާއްޖެ ބަލިކޮށް، ޗައިނާއަށް ރަނގަޅު ފެށުމެއް

ވޯލްޑް ކަޕް ކޮލިފައިންގައި ބޮޑު ތަފާތުން ރާއްޖެ ބަލިކޮށް، ވަރުގަދަ ޗައިނާއިން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ޗައިނާއިން ކުރި ހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. އޭގެން ދެ ލަނޑު ޗައިނާއިން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އިންނެވެ.

ދޮޅު އަހަރަށްވުރެ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ފެނިގެންދިޔަ މިރޭގެ މެޗުގައި ޗައިނާއިން އެންމެ ފުރަތަމަ ލީޑު ހޯދީ މެޗުގެ 33 ވަނަ މިނެޓުގައެވެ.

ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ޕެނަލްޓީ އޭރިއާގެ ތެރެއަށް އަނިޔާވެގެން ވެއްޓިފައި އޮއްވާ، ޗައިނާއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ލީ ލެއި ނަގައިދިން ހުރަހަކުން ވޫ ޒީ އެވެ.

އަދި ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ 10 މިނެޓް ފަހުން، ޗައިނާއިން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. އެ ލަނޑު ޗައިނާއަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ލަލީގާގައި ކުޅޭ އެސްޕަނިޔޯލްއަށް ކުޅޭ ވޫ ލެއިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއިން ވަރުގަދަ ކުޅުމެއް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ވަރުގަދަކޮށް ފެނުނު ރާއްޖޭގެ ޑިފެންސް ލައިނާއި ކީޕަރު ފައިސަލްއެވެ.

ނަމަވެސް އަލީ އަޝްފާގަށް މާގިނަ ބޯޅަތަކެއް ނުލިބި، ރާއްޖެއަށް އެއްވެސް ހަމަލާއެއް އުފެދިފައި ނުވާއިރު، މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ޗައިނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފަށް ރާއްޖެއިން ނުކުތީ ބަދަލާއެކުއެވެ. އެގޮތުން ދަގަނޑޭގެ ބަދަލުގައި ހަސަން ނާއިޒް (ދާދު) ކުޅެން ނުކުތްއިރު، މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

އަދި ދެވަނަ ހާފުގައި ރާއްޖޭގެ ފަރާތުން ވެސް ފެނިގެންދިޔައީ ކުރިއަށް ޖެހިގެން ޗައިނާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކުރަން އުޅުނު ތަނެވެ.

އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ދާދު ދިން ބޯޅައަކުން ފޭދޫ އިއްބެ އުފައްދަން މަސައްކަތްކުރި ހަމަލާ ފާހަގަކޮށްލެވެއެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ގަސްދުގައި ވެއްޓުނު ކަމަށް ނިންމައި، ރެފްރީ ވަނީ ފޭދޫ އިއްބެއަށް ރީނދޫ ކާޑެއް ދައްކައިފައެވެ.

މެޗުގައި ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. އެގޮތުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން އަކޫ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އެ ބޯޅައިން ދާދު ފޮނުވާލި ހަމަލާ މަތަކުރީ ޗައިނާގެ ކީޕަރު ޔަން ޖުންގްލިންއެވެ.

އަދި އޭގެ މިނެޓެއް ފަހުން ވެސް ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ދިން ބޯޅައަކުން އައިސަމް ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީވެސް ޗައިނާގެ ކީޕަރެވެ.

މެޗުގައި ޗައިނާއަށް ލިބުނު ފުރަތަމަ ޕެނަލްޓީ ލިބުނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ނިހާޓު ކުރި ފައުލަކާ ގުޅިގެން ޗައިނާއަށް ލިބުނު އެ ޕެނަލްޓީ ކާމިޔާބުކުރީ ޔަންގް ޒޫ އެވެ.

މި ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވެ އަނެއްކާވެސް ޗައިނާގެ ރަނގަޅަށް ކުޅެ، ގިނަ ފުރުސަތުތަކެއް އުފަން މަސައްކަތްކުރިތަން ފެނިގެންދިޔައެވެ.

އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ޗައިނާގެ ވެއި ޝިހައޯ ފޮނުވާލި ބާރު ހަމަލާ ކީޕަރު ފައިސަލް ހޯދިއިރު، މެޗުގެ 77 ވަނަ މިނެޓުގައި ޗައިނާގެ ވޫ ލެއި ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މިރޭގެ މެޗުގައި ޗައިނާއަށް ދެވަނަ ޕެނަލްޓީ ލިބުނީ މެޗުގެ 81 ވަނަ މިނެޓުގައި ކެޕްޓަން އަކޫ ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާއެކު ދެވަނަ ރީނދޫ ކާޑު ދައްކައި، އަކޫ ވަނީ ދަނޑުން ފޮނުވާލައިފައެވެ.

ޗައިނާއަށް ލިބުނު އެ ޕެނަލްޓީން އެ ޓީމަށް ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ، ބްރެޒިލަށް އުފަން ފޯވަޑް އަލްކެސަންއެވެ. މިރޭގެ މެޗަކީ އޭނާ ޗައިނާގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ޗައިނާގެ ފަސް ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އަލްކެސަންއެވެ. މެޗުގެ ދެވަނަ ހާފްގެ އިތުރު މިނެޓްގައި އެ ލަނޑު ކާމިޔާބު ކުރީ، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި ނަތީޖާއާއެކު މިރޭގެ މެޗު ނިމިގެންދިޔައީ 5-0ގެ ނަތީޖާއަކުން ޗައިނާ މޮޅުވެގެންނެވެ.

ދަގަނޑޭ ފުރަތަމަ 11 އަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ޗައިނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނުކުންނަ ފުރަތަމަ 11 އިން ފުރުސަތު ދީފިއެވެ.

ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ދައުރު އަދާކުރި ދަގަނޑޭއަށް މިރޭގެ މެޗަށް ނުކުންނަނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހަށް ފަހުއެވެ.

ދަގަނޑޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ކޯޗު ޕީޓާ ސެގާޓް ފުރުސަތު ގެއްލުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އަދި އޭގެ ފަހުން ކޯޗު، ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ.

ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑަށް ދަގަނޑޭ ނެގީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ދަގަނޑޭ މިރޭ ކުޅޭ މެޗުގެ ފުރަތަމަ 11 އަށް ނެގިއިރު، އިނާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިރޭ ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ މެޗުތަކުން ދަގަނޑޭއަށް ޖާގަ ދިނުމުގައި ކެތްތެރިވާންޖެހޭ ކަމަށް ބުނެފައެވެ.

މިރޭގެ މެޗުގް ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން:

އަހުމަދު ނޫމާން (ހެލްމެޓް)

ހުސެއިން ޝިފާއު (ކުރޯ)

އަލީ އަޝްފާގު (ދަގަނޑޭ)

އިބްރާހިމް އައިސަމް

ހަމްޒާ މުހައްމަދު (ހަމްޕު)

އަކްރަމް އަބްދުލް ޣަނީ (އަކޫ)

މުހައްމަދު ނާއިމް

އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)

ހައިޝަމް ހަސަން

މުހައްމަދު ފައިސަލް

ހުސެއިން ނިހާން (ނިހާޓް)

ޗައިނާ މެޗުން އެއްވަރު ކުރިޔަސް ޓީމުގެ ކޮންމެ މެމްބަރަކަށް އެއް ލައްކަ ރުފިޔާ

ވޯލްޑް ކަޕްގެ ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން ބަލިނުވެ އަދި ނަތީޖާ އެއްވަރު ކުރިޔަސް ގައުމީ ޓީމުގެ ކޮންމެ މެމްބަރަކަށް އެއް ލައްކަ ރުފިޔާގެ ދޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފު އެކަން އިއުލާން ކުރެއްވީ، މިރޭ ކުޅޭ މެޗުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހިތްވަރު ދެއްވުމަށް ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރުމުގެ ތެރެއިންނެވެ.

މަހްލޫފު ވިދާޅުވީ، މިރޭގެ މެޗުން މޮޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށެވެ.

ރަސްމީ ބޯޅަދަނޑުގައި ޗައިނާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8:00 ގައެވެ. މިރޭގެ މެޗު ބައްލަވާލެއްވުމަށް ރައީސް ސޯލިހު ވެސް ދަނޑަށް ވަޑައިގަންނަވާނެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ކުޅޭ މެޗަކީ ރާއްޖެ އާއި ޗައިނާގެ ފުރަތަމަ ކުރިމަތިލުމެއް ނޫނެވެ. މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި ދެ ޓީމުގެ ހަތަރު ކުރިމަތިލުމެއް ފެނިގެންދިޔައެވެ. ނަމަވެސް އެ ހަތަރު މެޗުން ވެސް ޗައިނާ އަތުން ރާއްޖެ ވަނީ ބަލިވެފައެވެ.

އެހެންކަމުން މިރޭގެ މެޗަށް ރާއްޖެއިން ނުކުންނާނީ ޗައިނާ އަތުން ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނައުމުގެ އަޒުމުގައެވެ.

ދިން ލޯތްބަށް ޝުކުރާއެކު ދަގަނޑޭ: ގައުމީ ވާޖިބަށް އަބަދުވެސް 100 ޕަސެންޓް ދޭނަން!

ގައުމީ ވާޖިބަށް ގޮވާލާ ކޮންމެ ފަހަރަކު 100 ޕަސެންޓް ދޭނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ދަގަނޑޭ މިހެން ބުނެފައިވަނީ، މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށްފަހު މިހާތަނަށް ފުރުސަތެއް ނުދީ ހުރުމަށްފަހު، ގައުމީ ސްކޮޑަށް އަލުން ފުރުސަތު ދިނުމުން ކުރި ޓުވީޓެއްގައެވެ.

ޗައިނާއާ ދެކޮޅަށް ގައުމީ ޓީމުން ރާއްޖޭގައި ކުޅޭ މެޗަށް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ވަނީ ހިމަނައިފައެވެ. އަދި އެ މެޗަށް ގައުމީ ޓީމުން ހޮޓެލް ޖެންގައި މިރޭ ކޭމްޕުކުރިއިރު ދަގަނޑޭ ވެސް ވަނީ ޓީމާއެކު ބައިވެރިވެއެވެ.

ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ނެގި ސެލްފީއަކާއެކު ދަގަނޑޭ ކުރި ޓުވީޓްގައި ބުނީ، އެނބުރި އައިސްފައިވާ ކަމަށެވެ. އަދި އޭނާއަށް ދިން ހިތްވަރާއި ލޯތްބަށް ޓުވީޓްގައި ޝުކުރު އަދާކޮށްފައިވެއެވެ.

“އިންޝާﷲ ގައުމީ ވާޖިބަށް ގޮވާލާ ކޮންމެ ފަހަރަކު 100 ޕަސެންޓް އަބަދުވެސް ދޭނަން،” ދަގަނޑޭގެ ކުރު ޓުވީޓްގައި ބުނެފައިވެއެވެ.

ގައުމީ ޓީމަށް ދަގަނޑޭ މިރޭ ނެގިއިރު، އޭނާ މީގެ ކުރިން ވަނީ ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނެ ކަމަށް ބުނެފައެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމިހުރުން ކަމަށެވެ.

ދަގަނޑޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ކޯޗު ޕީޓާ ސެގާޓް ފުރުސަތު ގެއްލުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އަދި އޭގެ ފަހުން ކޯޗު، ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ.

ދަގަނޑޭ ގައުމީ ޓީމަށް ނަގައިފި

މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށްފަހު މިހާތަނަށް ފުރުސަތެއް ނުދީ ހުރި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)އަށް ގައުމީ ޓީމުން ޖާގަ ދީފިއެވެ.

އެނގިފައިވާ ގޮތުގައި، ޗައިނާއާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް އެކުލަވާލި ގައުމީ ސްކޮޑަށް ދަގަނޑޭ ވަނީ ނަގައިފައެވެ. އަދި އެ މެޗަށް ގައުމީ ޓީމުން ހޮޓެލް ޖެންގައި މިރޭ ކޭމްޕުގައި ވެސް ދަގަނޑޭ ބައިވެރިވާއިރު، ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ފަރިތަކުރުންތައް މާދަމާ ފަށާނެއެވެ.

ދަގަނޑޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ކޯޗު ޕީޓާ ސެގާޓް ފުރުސަތު ގެއްލުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އަދި އޭގެ ފަހުން ކޯޗު، ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ގައުމީ ކޯޗު ސެގަޓް، ގައުމީ ޓީމުން ދަގަނޑޭއަށް ފުރުސަތު ނުދެނީ ޒާތީ ކަމެއްގެ ސަބަބުންނެވެ.

އަދި ދަގަނޑޭއަށް ގައުމީ ސްކޮޑުން ޖާގަ ދީފައި މިވަނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލާއި ގައުމީ ކޯޗުކަމުން ސެގަޓް ދުރުކުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް ކަމަށެވެ.

އާސެނަލްއިން ޓޮޓެންހަމް ހުއްޓުވުމަށްފަހު ތާވަލްގެ ކުރިޔަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި އާސެނަލް ރޭ ބައްދަލުކުރި މެޗް ފަހަތުން އަރައި އެއްވަރުކޮށްގެން އާސެނަލް އިން ޕޮއިންޓް ތާވަލްގެ ކުރި އަށް ޖެހިލައިފިއެވެ.

ފޯރިގަދަ ވަރުގަދަ ކުޅުމެއް ދެ ޓިމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގައި ޓޮޓެންހަމް އިން ލީޑުނަގާފައިވަނިކޮށް އާސެނަލުން ފަހަތުން އަރައި އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއި އެކު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އާސެނަލް ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި މި ވަގުތު އޮތް ކްރިސްޓަލް ޕެލަސްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.

އުތުރު ލަންޑަންގެ ވާދަވެރި ދެކުލަބްކަމަށްވާ އާސެނަލް އަދި ޓޮޓެންހަމް ރޭ އާސެނަލް ދަނޑުގައި ކުޅުނު މެޗު ފަށައިގެން އާސެނަލުން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ 10 ވަނަ މިނިޓްގައި ޓޮޓެންހަމް އިން ވަނީ ކްރިސްޓިއަން އެރިކްސަންގެ ގޯލުން ލީޑުނަގައިފަ އެވެ. އެރިކް ލަމޭލާ ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ބާން ލެނޯ އަތުގައި ޖެހިފައި ނުކުތް ވަގުތު އެރިކްސަން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އާސެނަލްގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަ ހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި އާސެނަލް ގެ ކެޕްޓަން ގްރެނިތް ޝަކާ ޓޮޓެންހަމް ގެ ސޮން އަށް ކުރި ފައުލަކާ ގުޅިގެން ލިބުން ޕެނަލްޓީއަކުން ހެރީ ކޭން ވަނީ ޓޮޓެންހަމް އަށް ލީޑު ފުޅާ ކޮށްދީފައެވެ. ނަމަވެސް އާސެނަލް ގެ ކުޅުން ރަނގަޅު ކޮށް އުއްމީދު އާވީ އެލެކްސަންޑަ ލަކަޒެޓް އެވެ. ނިކޮލަސް ޕެޕޭ ދިން ބޯޅަ އެއް އޭރިއާ ތެރެއިން ހަމަ ޖެހިލައި ގޯލްގެ ތެރެއަށް ލަކަޒޭޓް ފޮނުވާލިއެވެ.

އާސެނަލަށް އެއްވަރުކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މަޓެއޯ ގެންޑޫޒީ ދިން ހިތްގައިމު ޕާހަކުން އޮބާމަޔަން ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އާސެނަލް މޮޅުކޮށްދޭން ގްރީސްގެ ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްތޮޕަލަސް ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުން މޮޅުނުވެވުނީ ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށް ބުންޏެވެ.

ލުއިސް އެންރީކޭގެ ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެ

ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އަންހެން ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އުމުރުން ނުވަ އަހަރުގެ ޒާނާ މާޓިނޭޒް މަރުވީ ކަށީގެ ކެންސަރު ބަލީގައެވެ. އެ ބަލީގައި އެންރީކޭގެ ދަރިފުޅު ވޭތުވެދިޔަ ފަސް މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

“ތިޔަ ދަރިފުޅު ވާނީ އަހަރެމެންގެ އާއިލާއަށް މަގު ދައްކައިދޭ ތަރިއަކަށް. އަހަރެމެން ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާންވޭ. އަދި މުސްތަގްބަލުގައި އަލުން ދިމާވާނެ ކަމުގެ އުއްމީދާއެކު ދިރިއުޅުމުގެ ކޮންމެ ދުވަހަކު ދަރިފުޅުގެ މަތިން ހަނދާން ކުރާނަން،” ދަރިފުޅު މަރުވިކަން އިއުލާންކުރަމުން އެންރީކޭ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމުން ކުއްލި ގޮތަކަށް އެންރިކޭ އިސްތިއުފާ ދިނީ ވެސް ދަރިފުޅުގެ ބަލި ހާލަތު ހުރިގޮތުން ދަރިފުޅަށް ވަގުތު ދިނުމަށެވެ.

އެންރީކޭގެ ދަރިފުޅު މަރުވުމާ ގުޅިގެން ފުޓްބޯޅަ އާއިލާއިން ދަނީ ލިބުނު ހިތާމައިގައި ބައިވެރިވަމުންނެވެ.

އެގޮތުން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުންނާއި އެ ކުލަބާއެކު އެންމެ ގިނަ ކާމިޔާބީއެއް ހޯދި ބާސެލޯނާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑާއި އެންރިކޭ ކުރިން މެނޭޖަރުކަން ކުރި އޭއެސް ރޯމާއިން ވެސް އެންރީކޭގެ އާއިލާއަށް ވަނީ ތައުޒިޔާ ކިޔާފައެވެ.

އަދި އެންރީކޭގެ ހިތާމައިގައި ބައިވެރިވާ ކަމަށް ބާސެލޯނާ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އާއި ސްޕެއިންގެ ބޮޑުވަޒީރުގެ އިތުރުން ޓެނިސް ކުޅުންތެރި ރަފައެލް ނަޑާލް ވެސް ވަނީ ބުނެފައެވެ.

ގްރީޒްމަންގެ ދެ ލަނޑާއެކު ބާސާއިން ފުރަތަމަ މޮޅު ހޯދައިފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބާސެލޯނާ މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން އިން ކާމިޔާބު ކުރީ 2-5 ގެ ނަތީޖާ އަކުންނެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފު ފެށިގެން ފުރަތަމަ 15 މިނެޓް ތެރޭގައި ރިއާލް ބެޓިސްއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މި ސީޒަނުގައި އަލަށް އެކުލަބާ ގުޅުނު ފްރާންސް ފޯވާޑް ނަބީލް ފެކީރްއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބާސެލޯނާ އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެ ލަނޑު އެ ކުލަބަށް ޖަހައިދިނީ މިދިޔަ ޖުލައި މަހު އެތުލެޓިކޯ މެޑްރިޑު ދޫކޮށް، ބާސާއާ ގުޅުނު އެންޓޮއިން ގްރިޒްމަންއެވެ.

ފުރަތަމަ ހާފު ދެ ޓީމް އެއްވަރުވެގެން ނިމުނުއިރު، ދެވަނަ ހާފަށް ނުކުމެ ފުރަތަމަ ފަސް ވަނަ މިނެޓްގެ ތެރޭގައި ގްރިޒްމަން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ފުރަތަމަ ފަހަރަށް މެޗުގައި ބާސާއަށް ލީޑު ނަގައިދީފައެވެ. ޕެނަލްޓީ އޭރިއާ ރޮނގުމަތީ ކަހަލަގޮތަކަށްހުރެ ގްރިޒްމަން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އެ ލަނޑަށްފަހު ކޮންމެ 5 މިނެޓަކުން ބާސެލޯނާއިން ދިޔައީ ލަނޑުތަށް ޖަހަމުންނެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓްގައި ބާސާއަށް ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކެލާސް ޕެރޭޒްއެވެ. އަދި ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބުސްކެޓްސް ދިން ބޯޅައަކުން ޔޯޑީ އަލްބާއެވެ.

މެޗުގައި ބާސާއިން ޖެހި ފަސްވަނަ ލަނޑު ފެނިގެންދިޔައީ 77 ވަނަ މިނެޓުގައެވެ. ގްރީޒްމަން ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާޓުރޯ ވިޑާލްއެވެ.

އެ ލަނޑު ކާމިޔާބުކޮށް ބާސާ އިން ބޮޑު ލީޑެއްގައި ކުޅެމުން ދިޔައިރު، ބާސާގެ ފަސް ވަނަ ލަނޑު ޖެހިތާ ދެ މިނެޓް ތެރޭގައި ރެއާލް ބެޓިސް އިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ 79 ވަނަ މިނެޓުގައި އެ ލަނޑު ރެއާލް ބެޓިސްއަށް ކާމިޔާބު ކޮށްދިނީ މޯރޯން ގާސިއާއެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން މެސީ އާއި ސުއަރޭޒް ކުޅެފައި ނުވެއެވެ. އަދި ބާސާއިން ކުޅުނު ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ލަލީގާ ތާވަލުގެ ނުވަވަނައިގައެވެ.

ބާސެލޯނާ ދެން ކުޅެން ޖެހޭ މެޗުގައި ބައްދަލުކުރާނީ ރަށުން ބޭރުގައި އޮސަސޫނާއާއެވެ. މި މެޗު ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ.

ސްޕެނިޝް ލީގުގެ އިތުރު މެޗުތަކަށް ބަލާއިރު، ރޭ ވަނީ އެތްލެޓިކޯ މެޑްރިވެސް ލިނަގީސްގެ މައްޗަށް 0-1 އިން ކުރި ހޯދައިފައެވެ. އެސްޕަންޔޯލް އާއި ޑިޕޯޓިވޯ އަވްލޭޒް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި ނިމުނުއިރު، ރެއާލް ސޮސިޑާޑް ވަނީ މަލޯކާގެ މައްޗަށް 0-1 އިން ކުރި ހޯދައިފައެވެ.

އަމިއްލަ ދަނޑުގައި ނިއުކާސަަލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ނިއުކާސަލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ހުސް ފުރުސަތެއްގެ ބޭނުންކޮށް ނިއުކާސަލްއިން ވަނީ ޓޮޓެންހަމް ގެ ގޯލު ފޫއަޅުވާލައިފައެވެ.

ނިއުކާސައިން މި ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓުގައި ކްރިސްޓިއަން އަޓްސުގެ އެހީތެރިކަމާއެކު ބްރެޒިލްގެ ފޯވާޑް ޖޮއެލިންޓަނެވެ. މިއީ މި ސީޒަނުގައި ނިއުކާސަލްއަށް ބަދަލުވުމަށްފަހު ޖޮއެލިންޓަން ޖެހި ފުރަތަމަ ގޯލެވެ.

މެޗުގައި ޓޮޓެންހަމްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެމާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ހެރީ ކޭން އޭރިޔާ ތެރެއަށް ވައްޓާލި ކަމަށް ބުނެ އެ ޓީމުން ޕެނަލްޓީ އަކަށް އެޕީލްކުރިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީ ހޯދުމަށްފަހު މެޗުގެ ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައިފައެވެ.

ޕްރިމިއާ ލީގުގައި މިރޭ ވަނީ އިތުރު މެޗެއް ވެސް ކުޅެފައެވެ. ބާންލީ އާއި ވުލްވްސް ބައްދަލުކުރި މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަލިމް އެއްވަރު ވެގެންނެވެ.

އަގުއޭރޯގެ ދެ ލަނޑާއިއެކު ސިޓީ ތާވަލުގެ ދެވައަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުން މޮޅުވެ، އެޓީމުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
 
މިރޭ ކުޅުނު މެޗުން އެފްސީ ބޯންމަތް މައްޗަށް ސިޓީ ކުރި ހޯދީ 1-3 ގެ ނަތީޖާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މިލަނޑު ސާޖިއޯ އަގުއޭރޯ ކާމިޔާބުކޮށްދިންއިރު މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކޮށްފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ފުރަތަމަ ހާފު ނިމުނީ މިނަތީޖާއިންނެވެ. 

ހާފް ނިމުމުގެ ކުރިން ސިޓީއަށް މާޔޫސްކަމެއް ގެނުވީ ހެރީ ވިލްސަން ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑުންނެވެ. 25 ޔާޑް ބޭރުން އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒު ވީ ސީދާ ގޯލްގެ ކަނަށެވެ.

މިނަތީޖާއާ އެކު މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ސިޓީން މި މެޗުގައި ކާމިޔާބުކުރި 3 ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރީ އެވެ. މިއީ ސާޖިއޯ އަގުއޭރޯ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 400 ވަނަ ލަނޑެވެ.

 ސިޓީން ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތްއިރު، އެއްވަނައިގައި ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ސިޓީއަށް މި ސީޒަންގައި ޕޮއިންޓް ގެއްލުނީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އަލެކްސް ޗެމްބަލެއިން ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

އިނގިރޭސި ކުލަބު ލިވަޕޫލް އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު އަލެކްސް ޗެމްބަލެއިން އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ޗެމްބަލައިން ލިވަޕޫލާއި އެކު ސޮއިކޮށްފައިވަނީ އިތުރު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޗެމްބަލެއިން ލިވަޕޫލާއި އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު ކޮންޓްރެކްޓް އާކުރުމުގެ ކުރިން އޭނާ ވަނީ އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެގޮތުން މިހާރު ގެ އެއްބަސްވުމާއި އެކު ޗެމްބަލެއިން ލިވަޕޫލުގައި 2023 ވަނަ އަހަރާއި ހަމައަށް މަޑުކުރާނެއެވެ.

ޕްރިމިއާ ލީގުގައި މިހާރުވެސް ރަގަޅުފޯމެއްގައި އޮތް ލިވަޕޫލަށް މިސީޒަނުގައި ކުޅުނު ގިނަމެޗްތަކުގައި އަނިޔާގެ ސަބަބުން ޗެމްބަލެއިން އަށް ގިނަ މެޗުތަކެއް ގެއްލުނުއިރު އޭނާ އަށް ނިމިގެން ދިޔަ ސީޒަނުގައި ކުޅެވުނީ އެންމެ 2 މެޗެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު މީޑިއާއާއި  ވާހަކަ ދައްކަމުން ޗެމްބަލެއިން ބުނެފައިވަނީ ލިވަޕޫލް ފަދަ ބޮޑު ޓީމެއްގައި މަޑުކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެގޮތުން ލިވަޕޫލަކީ އޭނާގެ އަމިއްލަ ސިޓީއެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އަންނަ ސީޒަނުގައި ލިވަޕޫލުގެ ޖާޒީއާއެކު އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމުގެ ގޮތުގައި ޗެމްބަލެއިން ބުނެފައިވެއެވެ.

ގާނާގެ ކުރީގެ ފުޓްބޯޅަ ތަރި އަގޯގޯ މަރުވެއްޖެ

ގާނާގެ ކުރީގެ ފުޓްބޯޅަ ތަރި އަގޯގޯ އުމުރުން 40 އަހަރުގައި މަރުވެއްޖެއެވެ.

އަގޯގޯ ވަނީ ގާނާގެ ގައުމީ ޓީމުގެ އިތުރުން ނޮޓިންގްހަމް ފޮރެސްޓް އަދި ބްރިސްޓަލްއަށް ވެސް ކުޅެފައެވެ.

އަގޯގޯ ވަނީ މަސްހޫރު ގިނަ ކްލަބްތަކަކަށް ކުޅެދީފައެވެ. އެގޮތުން އިނގިރޭސި ކްލަބް ބެނެޓްގެ އިތުރުން ޗެސްޓަރ ފީލްޑަށް ކުޅެ އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދައިފައެވެ.

އަގޯގޯގެ ކުރީގެ ކްލަބް ޝެފިލްޑް އިން ބުނީ އަގޯގޯގެ މަރުގެ ހަބަރުގެ ސަބަބުން އެޓީމުން އެކަމާއި ހިތާމަ ކުރާ ކަމަށާއި އެ ޓީމުން މި ހިތާމައިގައި ބައިވެރިވާކަމަށެވެ.

ބެނެޓްއަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން އެ ކްލަބުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ދެފަހަރު ހޯދައިފައިވާ އަގޯގޯ ވަނީ ބެނެޓް އަށް ކުޅުނު 39 މެޗުގައި 21 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

އަގޯގޯ ވަނީ އޭނާގެ ކެރިޔަރުގައި 15 ކްލަބަށް ކުޅެފައެވެ. އޭނާ ވަނީ ކުޅުނު 350 މެޗުން 113 ލަނޑު ޖަހައިފައެވެ. އޭނާގެ ކެރިޔަރ ނިންމައިލި ކްލަބަކީ ސްކޮޓްލޭންޑްގެ ކްލަބް ހިބްސްއެވެ.

ޝެފިލްޑް އިން ސީނިއާ ކެރިޔާ ފެށި އަގޯގޯ ވަނީ ގައުމީ ޓީމަށް 27 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ.

ފުޓްބޯޅައިން ރިޓާޔާ ކޮށްފާނެކަމުގެ ސިގުނަލެއް ރޮނާލްޑޯ ދީފި

ޕޯޗުގަލް އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ އަހަރަށް ފަހު ފުޓްބޯޅައިން ރިޓަޔާ ކޮށްފާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

މަސްހޫރު ކުޅިވަރު ނޫސް ގޯލް އަށް ބަސްދީގަތުމެއްގައި ރޮނާލްޑޯ ބުނީ ފަހަރެއްގައި އަންނަ އަހަރު އެއީ އޭނާގެ ކެރިއަރުގެ އެންމެ ފަހު އަހަރުކަމަށް ވެސް ވުސް އެކަށީގެން ވާ ކަމަށާއި ނަމަވެސް އަދި ޔަގީން ކޮށް ބުނަން ދަތިކަމަށްވެސް ރޮނާލްޑޯ ވަނީބުނެފައެވެ.

އަދި ޔުވެންޓަސް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެއްކަމަށާއި ރިޓަޔަކުރާނީ ޔުވެންޓަސްގައި ހުރެގެން ކަމަށްވެސް ރޮނާލްޑޯއާ ބުނެފައިވެއެވެ.

ރިޓަޔާކުރުމަށް ވިސްނަމުންދާ ކަމަށް ބުނެ ރޮނާލްޑޯ ބުނީ ފުޓްބޯޅައިގެ ކެރިއަރާއި މެދު ވަރަށް ބޮޑަށް ވިސްނަމުން ދާކަމަށާއި، އެގޮތުން ކުޅުމާއި ދުރައް ދިއުން ފަހަރެއްގައި ވަރަށް ގާތުގައިވެސް ވެދާނެ ކަމަށް ރޮނާލްޑޯ ވަނީބުނެފައެވެ.

ރޮނާލްޑޯ ބުނީ ފަހަރެއްގައި އަންނަ އަހަރަށްފަހު ރިޓަޔާނުކޮށްފި ނަމަ ދެން ރިޓަޔާ ކުރަން ގަސްދުކުރަނީ އުމުރުން 40 އަހަރު ވުމުން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ރަނގަޅަށް އޭނާގެ ހަށިގަޑަށް ބަލައިގެން އުޅެފި ކަމުގައިވާ ނަމަ އެކަން ނުކުރެވެންވީ ސަބަބެއްވެސް ނެތް ކަމަށާއި އަދިވެސް ރަނގަޅު ކުޅުމެއް ދައްކާ ކާމިޔާބީތަކެއް ހޯދަން ބޭނުންވާކަމަށެވެ.

“އަހަރެންގެ އުންމީދަކީ ޔުވެސްޓަސްގައި ރިޓަޔާ ކުރުން. ރަނގަޅަށް ސިއްހަތަށް ބަލައިގެން އުޅެފިއްޔާ 40 އަހަރު ގައި ވެސް ފުޓްބޯޅަ ކުޅެވިދާނެ، ނަމަވެސް ފަހަރެއްގައި އަންނަ އަހަރަށް ފަހު ފުޓްބޯޅައިން ދުރައްޖެހިލަފާނަން” މިހާރު އުމުރުން 34 އަހަރު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 5 ފަހަރު ހޯދުމުގެ އިތުރުން ޔޫރަޕްގެ އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެވޯޑް ހަތަރު ވަނަ ފަހަރަށް ހާސިލުކޮށް އެ އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފައެވެ. އެކަމަކު ރޮނާލްޑޯ ބުނީ މިވަރުން ނުފުދޭ ކަމަށާއި އިތުރު ކާމިޔާބީ ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ފަސް ވަނަ އަދި ހަ ވަނަ ފަހަރަށް ވެސް ރަންބޫޓު ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

ރޮނާލްޑޯ ވަނީ އޭނާގެ ކުލަބު ކެރިއަރުގައި 419 ގޯލު އަދި ގައުމީޓީމ،ަށް ކުޅެދިން 158 މެޗުގައި 88 ގޯލު ކާމިޔާބު ކޮށްފައެވެ.

ތިންސެޓުން ނޭޕާލް ބަލިކޮށް ރާއްޖެ ސެމީއަށް

އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ މިއަދު ކުޅުނު މެޗު ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް ސެމީއަށް ދަތުރުކޮށްފިއެވެ.

މިއަދުގެ މެޗުގައި ރާއްޖެއިން ވަރުގަދަ ކުޅުމެއް ދައްކާފައިވާ އިރު، ފުރަތަމަ ދެ ސެޓު ގެނައީ ވާދަވެރި ކުޅުމަކަށްފަހު 22-25 އަދި 21-25 ންނެވެ. ނަމަވެސް ތިންވަނަ ސެޓު ގެނައީ ފަސޭހަކަމާއެކު 25-14 ންނެވެ.

މިއަދުގެ މޮޅާއެކު ރާއްޖެ ސެމީއަށް ދިޔައީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ކިރްގިސްތާނެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާނު އަތުން ވަނީ ބަލިވެފައެވެ. މި ގްރޫޕުގައި ނޭޕާލު ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތް އެޓީމަށް ނިންމާލަންޖެހުނީ ހުސްއަތާއެވެ.

ސެމީ ފައިނަލް މެޗުގައި މާދަމާ ރާއްޖެ ވާދަކުރާނީ އުޒްބެކިސްތާނާ އެވެ.

ޗެމްޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގެ މެޗުތަކުން ސްލާވިއާ އަދި ކްލަބް ބްރޫޖް މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗުތަކުން ސްލާވިއާ ޕްރަހާ އަދި ކްލަބް ބްރޫގް މޮޅުވިއިރު، އަޔެކްސް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ޗްކްރިޕަބްލިކް ގެ ސްލާވިއާ ޕްރަހާ މޮޅުވީ  އަވޭގައި ރުމޭނިއާގެ ސީއެފްއާރް ކްލަޖް އާއިބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށްގެން ނެވެ.

     މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ހަމަލާތަށް އުފައްދާފައިވަނީ ސްލާވިއާ ޕްރަހާއިންނެވެ. އެގޮތުން އެޓީމުން ލަނޑުޖަހާ މެޗުގެ ލީޑުނެގީ 28 ވަނަ މިނެޓުގައި ސްޓެންކިއު ދިން ހިއްގައިމު ޕާހަކުން ލޫކަސް މަސޮޕުސްޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ލަނޑަށް ފަހުވެސް ސްލާވިއާއިން ރަނގަޅަށް ކުޅެމުން ދިޔައިރު، ގިނަ ހަމަލާތަކެއްވެސް ވަނީ ސްލުޖްގެ ގޯލަށް ފޮނުވާލާފައެެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފަހައްޓާފައިވަނީ ސްލާވިއާ އިންނެވެ. ނަމަވެސް މެޗުގެ ކުޅުން ނިމުނީ އިތުރު ލަނޑެއް ނުޖެހިއޮވެއެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވާ ބުދަދުވަހު އެވެ.

ކްލަބް ބްރޫގް އޮސްޓްރިއާގެ ލަކަސްއާއި ވާދަކުރި މެޗުން ބްރޫޖް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މިމަހުގެ 28 ވާ ބުދަ ދުވަހުއެވެ.

ރޭ އަޔެކްސްގެ މެޗު އެއްވަރުވީ ސައިޕްރަސްގެ އެއޮއެލްއާއި ވާދަކޮށް 0-0 ގެ ނަތީޖާއިންނެވެ. އަދި މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވާބުދަ ދުވަހު އެވެ.

މޮޅަށް ކުޅެ މޭރީ ސްޕޯޓްސް ބަލިކޮށް ޖަޒީރާ ކަޕްގެ ޗެމްޕިއަންކަން އެފްސީ ވާގަލިން ހޯދައިފި

މޮޅަށް ކުޅެ މޭރީ ސްޕޯޓްސް ކުލަބް ބަލިކޮށް ޖަޒީރާ ކަޕްގެ ޗެމްޕިއަންކަން ކޮލަމާފުށީ އެފްސީ ވާގަލިން ހޯދައިފިއެވެ.

ސްކައި ސޮސައިޓީ އޮފް ކޮލަމާފުށި ޔޫތާއި، ގއ އަތޮޅުކައުންސިލް ގުޅިގެން ގއ އަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ ޖަޒީރާ ކަޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ ހަޓީމް ބައިވެރިވެފައިވާއިރު މި މުބާރާތް ބާއްވާފައިވަނީ ކޮލަމާފުށީގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމުބާރާތުގެ ފައިނަލްމެޗްގައި ވިލިގިނލީ މޭރީ ސްޕޯޓް ކުލަބާއި ކޮލަމާފުށީ އެފްސީ ވާގަލި ބައްދަލުކޮށްފައިވާއިރު މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ ވާގަލީގެ އަބްދުﷲ މުއާޒް އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ވާގަލީގެ އަބްދުﷲ ވިސާމްއެވެ.

މީގެއިތުރުން މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންވަނީ ހޮވާފައެވެ. އެގޮތުން މުބާރާތުގެ ރަނަރަޕް ޓީމް އަދި ފެއަރ ޕްލޭ ޓީމްކަމަށްވާ މޭރީ ސްޕޯޓްސްގެ މުހައްމަދު މައުރޫފް މޮޅުކުޅުންތެރިންގެ ތެރޭގައި ހޮވިފައިވާއިރު، މުބާރާތުގެ ޗެމްޕިއަންޓީމު ވާގަލީގެ ތިން ކުޅުންތެރިންވަނި މޮލުކުޅުންތެރިންގެ ތެރޭގައި ހޮވިފައެވެ. އެއީ ވާގަލީގެ ޝަޒްމީން މުހައްމަދު ރާޝިދާއި، އަބްދުﷲ ވިސާމް ގެ އިތުރުން އަބްދުﷲ މުއާޒް އާއި، އިބްރާހީމް ސަލީމްއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިޔު އެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފްއެވެ.

އަހަރެންނަގާ ފުރަތަމަ އެގާރައިގައި ދަނގަޑޭ ހިމެނޭނެ: މަހްލޫފް

ފަހަކަށް އައިސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނެންޖެހޭކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ދިވެހި ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައިނުވުމުން އެކަމުގެ ހިތްހަމަނުޖެހުން ދިވެހި ސަޕޯޓަރުން ސޯޝަލްމީޑިއާގައި ފާޅުކުރަމުން ދަނިކޮށް ރޭ މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ އޭނާ ނަގާ ފުރަތަމަ އެގާރައެއްގައި ދަގަނޑޭ ހިމެނޭނެ ކަމަށާއި ދަގަނޑޭ އަކީ ގައުމީ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި މަހްލޫފްވަނީ ދިވެހި ސަޕޯޓަރުންގެ އެދުން ފުޓްބޯޅައެސޯސިއޭޝަނާއި ރައްސްމީކޮށް ހިއްސާކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.

“އަޅުގަނޑު ނަގާ ފުރަތަމަ އެގާރައެއްގައި އަލީއަޝްފާގް (ދަގަނޑޭ) ހިމެނޭނެ. ދަގަނޑޭ އަކީ ގައުމީ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ދިވެހި ސަޕޯޓަރުންގެ އެދުން ފުޓްބޯޅައެސޯސިއޭޝަނާއި ރައްސްމީކޮށް ހިއްސާކުރާނަން.” ޔޫތުމިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވިއެވެ.

ދަނގަޑޭ ގައުމީޓިމުގައި ނުހިމަނަން ނިންމާފައިވަނީ މިދިޔައަހަރު ބޭއްވި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އޮތް  ޕްރެސްއަށް ނުދިއުމުން އޭރު ޓީމާއި ހަވާލުވެހުރި ކޯޗް ޕީޓާ ސެގަޓް ވަނީ ދަގަނޑޭ ޓީމުން ބޭރުކޮށްފައެވެ. އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއްވެސް އޭރުވަނީ ހިގައިފައެވެ.

އެހެންނަމަވެސް ދަގަނޑޭ ޓީމުގައި ނުހިމުނު ސަބަބެއްކަމަށް ސެގަޓް އޭރު ބުނެފައިވަނީ އޭނާއާއި ދަގަނޑޭ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދަގަނޑޭ ނުނެގި އެއް ސަބަބަކީ ދަގަނޑޭގެ އުމުރު ކަމަށެވެ. ދަގަނޑޭގެ މިހާރު އުމުރަކީ 32 އެކެވެ.

“އަހަރެން އަޝްފާގާ ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތް. އޭނާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އޭނާގެ ހުނަރާ މެދުވެސް ސުވާލެއް ނެތް. އެކަމަކު ބައެއް ފަހަރު އުމުރާއެކު ކުޅުންތެރިން ބަދަލު ކުރަން ޖެހޭނެ. މުސްތަގުބަލަށް ބެލުން ވަރަށް މުހިއްމު. އަޝްފާގާ އަހަރެން ދެފަހަރަށް ބައްދަލު ކުރިން. ސާފް ޗެމްޕިއަންޝިޕަށް އަލުން ދާން އޭނާ ނުނިންމާ. އެ ނިންމުމަކީ އެފްއޭއެމްއާއި އަހަރެން އަދި އަޝްފާގުގެވެސް ނިންމުން،” ސެގަޓް ބުންޏެވެ.

ތަޖުރިބާކާރު ކުޅުންތެރިޔާ ލޯންގޭ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފި

ދިވެހި ގައުމީ ވޮލީބޯޅަ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފި އެވެ.

ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނީ އަންނަ ހަފުތާގައި ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތަށްފަހު އެވެ.

ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމުވެސް ހާސިލްކޮށްފައިވާ ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމާއި ގުޅިގެން އޭނާގެ އަގު ވަޒަންކުރުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ދިން ޝީލްޑް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ އޭނާއާ ހަވާލުކޮށްދެއްވާފައެވެ. އަދި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ބޭނުން ކުރި ޖާޒީގައި ވެސް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްދެއްވިއެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް  ލޯންގޭގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތާއި އޭޝިއަން ގޭމްސްގެ އިތުރުން، ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅެފަ އެވެ.

އެފް އޭ ކޮމިއުނިޓީ ޝީލްޑް ހަވަނަ ފަހަރަށް ސިޓީން އުފުލާލައިފި

ލިވަޕޫލް ބަލިކޮށް އެފްއޭ ކޮމިއުނިޓީ ޝީލްޑް މެންޗެސްޓާ ސިޓީން އުފުލާލައިފި އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީ ކުރި ހޯދީ 5-4 އިންނެވެ.

މިއީ މެންޗެސްޓަރ ސިޓީން ކޮމިއުނިޓީ ޝީލްޑް އުފުލާލި ހަވަނަ ފަހަރުއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީން މޮޅަށް ކުޅުނުއިރު، އެޓީމުން ވަނީ މި ހާފުގައި ލީޑު ނަގާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ދިން ޕާހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިފެންޑަރު ޖޯ މަޓިޕް އެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ 76 ވަނަ މިނިޓްގައެވެ. ނަތީޖާ އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ސިޓީން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ.

މިއީ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލާއި ސިޓީ ވާދަކުރި ފުރަތަމަ ފަހަރެވެ.

ބޮޑުތަފާތަކުން ނިލަންދޫ ބަލިކޮށް ގްރީން ތިންވަނައަށް

ބޮޑުތަފާތަކުން ނިލަންދޫ ސްޕޯޓްސް ބަލިކޮށް ކްލަބު ގްރީން ސްޓްރީޓްސް މުބާރާތުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ދިވެހި ޕްރިމިއާ ލީގު ބޮޑު ބްރޭކަކަށް ފަހު މިއަދު މުބާރާތުގެ ކުޅުން ފެށިއިރު، މެޗުން ގްރީން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ރާއްޖޭގެ އެއްވަނަ ފޯވާރޑް އަލީއަޝްފާގު ހެޓްރިކް ހެދި މިމެޗްގައި ގްރީންއިންގެ ފުރަތަމަ ލަނޑުވެސް އެޓީމަށް ޖަހައިދިނީ މެޗްގެ ހަތްވަނަ މިނިޓްގައި ކެޕްޓަން އަޝްފާގު (ދަގަނޑޭ) އެވެ. ނިލަންދޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި އަހުމަދު ރަޝީދު (އައްމަޑޭ) ގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރިޒުހާން (ރިޒްކޮ) އެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް މުހައްމަދު އުމެއިރު ވަނީ ގްރީންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. 64 ވަނަ މިނެޓުގައި ޑިފެންޑަރު މަހުމޫދު ދިން ޕާހަކުން ދަގަނޑޭ ގްރީންގެ ހަތަރުވަނަ ގޯލް ޖެހިއިރު، އޭގެ 9 މިނެޓު ފަހުން ދަގަނޑޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ މިފަހަރުގެ ސީޒަނުގައި ދަގަނޑޭ ހެދި ފުރަތަމަ ހެޓްރިކެވެ. ގްރީންގެ ހަވަނަ ގޯލް މެޗުގެ 82 ވަނަ މިނެޓުގައި ދަގަނޑޭ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީނެވެ.

މިއަދުގެ މެޗުން މޮޅުވެ ގްރީން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެޓީމަށް 8 ޕޮއިންޓު ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޓީސީއަށްވެސް ވަނީ 8 ޕޮއިންޓު ލިބިފައެވެ. ގްރީންއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ.