އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމްދީން މަނާ ކުރާ ކަމެއްތަ؟

މާތްވެގެންވާ އިސްލާމްދީނުގެ عقيدة ތަކާއި، أصول ތަކާއި، حكم ތައް ވަނީ ކީރިތި قرآن ގައްޔާއި، رسول اللّه صلى اللّه عليه وسلّم ގެ ސުންނަތުގައި ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން، އެއްވެސް ކަމެއްގައި އިސްލާމްދީނުގެ حكم އޮތީ ކިހިނެއްތޯ ބަލަންވެއްޖެނަމަ، އެންމެ ފުރަތަމަ ވެސް ބަލަން ޖެހެނީ މި މައިގަނޑު ދެ أصل އަށެވެ. އެ ވަރުގަދަ ދެ أصل އިންކުރެ أصل އަކުން އެކަމެއްގެ حكم ނުފެނިއްޖެ ހިނދެއްގައި ޖެހޭނީ، قرآن އާއި ސުންނަތުގައިވާ عامّ أصول ތަކާ ފުށު ނާރާގޮތެއްގެ މަތިން އިޖްތިހާދު ކުރާށެވެ. މިގޮތުން ކުރާ އިޖްތިހާދުގައި ހުރިހާ علم ވެރިން އެއްގޮތަކަށް އެއްބަސްވެވަޑައިގެންފައިވާނަމަ، އެއީ إجماع އެވެ.

މިކަންއޮތީ މިހެންކަމުން، އަންހެނުން ފަނޑިޔާރުކަން ކުރުމުގެ އިސްލާމީ حكم ދެނެގަންނަން ޖެހޭނީ ވެސް ހަމަ މި أصول ގެ މަތިންނެވެ.

އެކި މައްސަލަތަކުގައި އިސްލާމްދީނުގެ حكم އޮތްގޮތް ދެނެގަތުމުގައި އަންނަނިވި މައިގަނޑު أصول އަށް رعاية ކުރަން ޖެހެއެވެ. އެ أصول އަކީ، އެކަމަކީ حرام ކަމެއް ކަމުގައި ކީރިތި قرآن ގައި ނުވަތަ މާތް ރަސޫލާގެ ސުންނަތުގައި ސާފުކޮށް އޮޅުމެއް ނެތްގޮތުގައި އަންގަވާފައި ނުވާހާ ހިނދަކު، ކޮންމެ ކަމަކީ ވެސް ހުއްދަ ކަމެއް ކަމެވެ. أصول الفقه ގެ علمވެރިންގެ عبارة އިން ދަންނަވާނަމަ، اَلأَصْلُ فِى اْلأَشْيَاءِ اْلإِبَاحَةُ  ކޮންމެ ކަމެއްގެ ވެސް އަސްލަކީ ހުއްދަވުމެވެ.

މި أصول ސާބިތުކޮށްދޭ ހެކިތައް ކީރިތި قرآن ގައިވެއެވެ. މާތް اللّه وحى ކުރެއްވިއެވެ. [هُوَ الَّذِى خَلَقَ لَكُم مَّا فِى اْلأَرْضِ جَمِيعًا ؛ ثُمَّ اسْتَوَىٰۤ إِلَى السَّمَاۤءِ فَسَوَّاهُنَّ سَبْعَ سَمَٰوَٰتٍ ؛ وَهُوَ بِكُلِّ شَىْءٍ عَلِيمٌ.] (البقرة: 29)

މާނައީ: “އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑުހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތްއުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

[الحلال والحرام فى الإسلام] (އިސްލާމްދީނުގައި حلال ކަންތަކާއި حرام ކަންތައް) މިފޮތުގައި ޑރ. يوسف القرضاوى ވިދާޅުވެފައިވެއެވެ.

“އިސްލާމީ شريعة ގައި حرام ކަންތައްތަކުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އަދި حلال ކަންތައްތަކުގެ ދާއިރާވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެހެނީ، قرآن އާއި ސުންނަތުގައި ސާފުބަހުން ކަނޑައެޅިގެން ކަމެއް حرام ކަމުގައި އަންގަވާފައިވަނީ މަދުކަންތައްތަކެކެވެ. އެކަމަކީ، حلال ކަމެއް ކަމުގައި ނުވަތަ حرام ކަމެއް ކަމުގައި ބަޔާން ކުރައްވާފައިނުވާ ކޮންމެ ކަމަކީ، ހުއްދަވުމުގެ އަސްލުގެ މަތީގައިވާ ކަމެކެވެ.” (صفحة : 21)

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމްދީނުގައި ހުއްދަނޫން حرام ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން ދައްކަވާ ދަލީލަކީ النّساء ސޫރަތުގެ 34 ވަނަ އާޔަތާއި البقرة ސޫރަތުގެ 228 ވަނަ އާޔަތާއި الإمام البخارى ގެ 4425 ވަނަ حديث އެވެ.

النّساء ސޫރަތުގެ 34 ވަނަ އާޔަތުގައިވަނީ މިފަދައިންނެވެ.

الرِّجَالُ قَوَّٰمُونَ عَلَى النِّسَاۤءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ ؛ وَبِمَاۤ أَنفَقُواْ مِنْ أَمْوَٰلِهِمْ.

މާނައަކީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.”

قَوَّامُون ގެ މާނައަކީ، قِوَامَةُ ލިބިގެންވާ މީހުންނެވެ. قِوَامَةُގެ މާނައަކީ، عائلة ގެ خرد ބަރަދު ބެލެހެއްޓުމާއި، عائلة ރައްކާތެރި ކުރުމުގައި އިސްދައުރެއް އަދާކުރުމެވެ.

البقرة ސޫރަތުގެ 228 ވަނަ އާޔަތުގައިވަނީ މިފަދައިންނެވެ.

وَالْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلـٰثَةَ قُرُوۤءٍ ؛ وَلاَ يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ اللَّهُ فِىۤ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِاللَّهِ وَاْلْيَوْمِ اْلأَخِرِ؛  وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوۤاْ إِصْلَـٰحًا ؛ وَلَهُنَّ مِثْلُ الَّذِى عَلَيْهِنَّ بِالْمَعْرُوفِ ؛ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ؛ وَاللَّهُ عَزِيزٌ حَكُيمٌ

މާނައަކީ: “އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން قُرء ވަންދެން އިންތިޒާރު ކުރާހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهرއެވެ.) އަދި، އެކަނބަލުން، اللّه އަށާއި، آخرة ދުވަހަށް، އީމާންވާ ކަމުގައިވާނަމަ، އެކަނބަލުންގެ رَحِم ތަކުގައި اللّه އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރިންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި ފިރިހެނުންނަށް އެކަނބަލުންގެ މައްޗަށް ދަރަޖައެއް ލިބިގެންވެއެވެ. اللّهއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.”

ފިރިހެނުންނަށް އަނބިންގެ މައްޗަށް ދަރަޖައެއް ލިބިފައިވުމަކީ، عائلة ގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ފިރިހެނުން އުފުލަންޖެހޭ މަސްއޫލިއްޔަތެއް އޮތުމުން، ފިރިންނަށް حق ވާ قدر އާއި إحترام ދިނުމެވެ.

އެހެންކަމުން، މި ދެ އާޔަތާމެދު ނަޒަރު ހިންގާލައިފި ކޮންމެ މީހަކަށްވެސް ދޭހަވާނެ ފަދައިން، މި ދެ އާޔަތުގައި ބަޔާންކުރައްވާފައިވާ حكم ތަކަކީ، ދެމަފިރިންގެ މަސްއޫލިއްޔަތާއި، ވާޖިބުތަކާއި، ދެމަފިރިންގެ حق ތަކާއި، ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމާބެހޭ حكم ތަކެކެވެ.

މިދެ އާޔަތުގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެހެންކަމުން، އަންހެނަކު ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ދެއްކޭނެ އެއްވެސް شرعى حجّة އެއް މި ދެ އާޔަތުންކުރެ އާޔަތެއްގައި ނެތްކަން ވަރަށް ރަނގަޅަށް އެނގެއެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމުގައި ވިދާޅުވާ ބޭފުޅުން حوالة ދެއްވާފައިވާ حديث އަކީ ابوبكرة نفيع بن الحارث ރިވާކުރައްވާފައިވާ އަންނަނިވި حديث އެވެ.

“ފާރިސްކަރައިގެ އަހުލުވެރިން އެބައިމީހުންގެ ރަނިކަމަނާއެއްގެ ގޮތުގައި ކިސްރާގެ ދަރިކަނބަލުން އިސްކޮށްފިކަމުގެ خبر رسول اللّه صلى اللّه عليه وسلّم އަށް ލިބިވަޑައިގެންހިނދު، އެކަލޭގެފާނު حديث ކުރެއްވިއެވެ. އެބަޔެއްގެ ކަންތައްތައް އަންހެނަކާ حوال ކޮށްފިބަޔަކު ކާމިޔާބު ނުވާހުށްޓެވެ.”

މި حديث އަކީ البخارى ގައިވާ حديث އެއް ކަމުގައިވިޔަސް، މި حديث ރިވާކުރެއްވި ابوبكرة އަކީ އިތުބާރުކުރެވޭ ރާވީއެއް ނޫން ކަމުގައި حديث علم ގެ ބައެއް علمވެރިން ވިދާޅުވެފައިވެއެވެ. ސަބަބަކީ، صحابى ބޭކަލަކާމެދު ابوبكرة އިތުބާރު ނުހިފޭ ދޮގުވާހަކަތަކެއް ދެއްކެވިކަމަށްޓަކައި، الخليفة عمر بن الخطاب ގެ އަމުރުފުޅަށް ابوبكرة ގެ ގައިކޮޅުގައި ހައްދު ޖަހާފައިވާކަމެވެ.

ހަމައެފަދައިން، އެހެން އެއްވެސް صحابى ބޭކަލަކު މި حديث ރިވާކުރައްވާފައި ނުވާކަމެވެ. މީގެއިތުރުން ابوبكرة މި حديث އެންމެ ފުރަތަމަވެސް ރިވާކުރެއްވީ، اَلْجَمَلُ ހަނގުރާމައިގެ ދުވަސްވަރު، (އެބަހީ: ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމުގެ 25 އަހަރު ފަހުން) ކަމަށް ވާކަމެވެ.

ابوبكرة ގެ މި حديث އާ ބެހޭގޮތުން ބައެއް علم ވެރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ކީރިތި ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅެއްކަމުގެ އެއްވެސް ހަރުދަނާ ހެތްކެއް ނެތެވެ. އަދި ابوبكرة މި حديث ރިވާކުރެއްވީ أم المؤمنين السيّدة عائشة ، معاوية ގެ ލަޝްކަރުގައި الخليفة على بن أبى طالب އާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ނުކުމެވަޑައިގަތުމާ ގުޅިގެން ސިޔާސީ ބޭނުމަކު އެކަމަނާއަށް ފާޑުވިދާޅުވުމުގެގޮތުން ކަމުގައި އެބޭފުޅުން ވިދާޅުވެއެވެ. މިހުރިހާ ސަބަބަކަށްޓަކައި މިމައްސަލައިގައި މި حديث ނެގޭނެ އެއްވެސް حجّة އެއް ނެތެވެ.

މި حديث އަކީ حجّة އެއް ކަމުގައި ބަލާނަމަ، އަންހެނުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ. ސަބަބަކީ، ކޮންމެ ވަޒީފާއެއްގައި ހުންނަ މީހަކީވެސް ބަޔެއްގެ ކަމަކާ حوال ވެ ހުންނަ މީހަކަށްވާތީއެވެ. މި أصول އިން ބަލާނަމަ، އަންހެނަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެސް ނުވެވޭނެއެވެ. ވަޒީރަކަށްވެސް ނުވެވޭނެއެވެ. މިކަމަކީ، ކިތަންމެ ކުޑަނަމަވެސް ވިސްނުމެއްހުރި އެއްވެސް މީހަކު قبول ކުރާނެ ކަމެއް ނޫނެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމްދީނުގައި ހުއްދަ ނޫން ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން އިތުރު ވާހަކައެއްވެސް ވިދާޅުވެއެވެ. އެއީ، ސަލާމާއި صلوات ލެއްވި ރަސޫލާއާއި، އެކަލޭގެފާނުގެ މާތް ހަތަރު خليفة އިންނާއި، بنو أميّة ގެ خليفة އިންވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވާކަމެވެ. حقيقة ގައި މިއީ قبول ކުރެވޭފަދަ حجّة އެއް ނޫނެވެ. އެހެނީ، މީހަކު ނުވަތަ ބަޔަކު ވަކި ޒަމާނެއްގައި ކޮށްފައި ނުވާ ކަމަކީ حرام ކަމެއް ކަމަށް ނުވަތަ ހުއްދަ ނޫން ކަމެއް ކަމަށް ބުނާނެ އެއްވެސް شرعى ދަލީލެއް ނުވަތަ ބުއްދީގެ ހަމައެއްވެސް ނެތެވެ.

އިސްލާމްދީނުގެ މައިގަނޑު ދެ أصل ކަމުގައިވާ ކީރިތި قرآن އާއި މާތް ރަސޫލާގެ ސުންނަތަށް ބަލައިލާއިރު، އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުން ތަފާތު ނުކުރައްވާކަން ވަރަށް ރަނގަޅަށް އެނގި ފެނިގެން ދެއެވެ.

މާތް اللّه އަށް އީމާންވުމާއި، ކައުއިތުރު محمّد ގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އީމާންވުމާއި، ނަމާދުކުރުމާއި، ރޯދަހިފުމާއި، حجّ عمرة ވުމާއި، ޒަކާތްދިނުމަކީ، އެއްވެސް ތަފާތެއް ނެތި އެއް ހަމައެއްގެމަތިން ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންކަމެވެ.

ހަމަ އެހެންމެ އިސްލާމްދީނުގައި حرام ކުރައްވާފައި ކޮންމެ ކަމަކީ، ހަމަ އެއް ހަމައެއްގެ މަތިން ފިރިހެނުންނާއި އަންހެނުންގެ މައްޗަށް حرام ކުރައްވާފައިވާ ކަންކަމެވެ. ހެޔޮ عمل ތަކަށް آخرة ދުވަހުން ثواب ދެއްވުމާއި ނުބައި عمل ތަކަށް ޖަޒާދެއްވުމުގައިވެސް، އަންހެނުންނާއި ފިރިހެނުންނާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ.

النّحل ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ.

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَوٰةً طَيِّبَةً ؛ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ.

މާނައަކީ: “مؤمن އަކު ކަމުގައިވާ حال ، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”

الأحزاب ސޫރަތުގެ 35 ވަނަ އާޔަތުގައި ވެއެވެ.

إِنَّ الْمُسْلِمِينَ وَالْمُسْلِمَٰتِ وَالْمُؤْمِنِينَ وَالْمُؤْمِنَٰتِ وَالْقَٰنِتِينَ وَالْقَـٰنِتَـٰتِ وَالصَّٰدِقِينَ وَالصَّٰدِقَـٰتِ وَالصَّٰبِرِينَ وَالصَّـٰبِرَٰتِ وَالْخَٰشِعِينَ وَالْخَٰشِعَٰتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَٰتِ وَالصَّـٰۤئِمِينَ وَالصَّـٰۤئِمَٰتِ وَالْحَٰفِظِينَ فُرُوجَهُمْ وَالْحَـٰفِظَـٰتِ وَالذَّٰكِرِينَ اللَّهَ كَثِيرًا وَالذَّٰكِرَٰتِ ؛ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا

މާނައަކީ: “ހަމަކަށަވަރުން، މުސްލިމް ފިރިހެނުންނާއި، މުސްލިމް އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް (އެބަހީ: ޖިންސީގުނަންތައް) ރައްކާތެރިކުރާ ފިރިހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللّه ހަނދުމަކޮށް ذكر ކުރާ ފިރިހެނުންނާއި، ذكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.”

މިދެންނެވި شرعى ދަލީލުތައް މިހާ صريح ކޮށް ހުރުމާއެކު، މިމައްސަލައިގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއް ގެންގުޅުމަކީ، ދީނީގޮތުން ބަލާއިރު ހުއްދަވާނެކަމެއް ކަމަކަށް ނުފެނެއެވެ. އެކިއެކި މަގާމުތަކާއި ވަޒީފާތައް ދިނުމުގައި ބަލަންޖެހޭނީ، އެކަމަކަށް މީހާގެ ކުޅަދާނަކަމާއި قابل ކަން ހުރި މިންވަރެއްގެ މައްޗަށެވެ. އެމީހަކަށް ލިބިފައިވާ تعليم އާއި، ތަޖުރިބާއާއި އަދި އެމީހާގެ تعليم އާއި، ސުލޫކާއި، أخلاق ގެ މައްޗަށެވެ.

އެހެންކަމުން، ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ މަގާމުތަކެއް حوال ކުރެވިފައި ނުވަނީ، އެޒަމާންތަކުގައި އަންހެނުންނާމެދު އަޅާނުލެވި تعليم حاصل ކުރުމުގެ فرصة އެއްވެސް ނުލިބި ދިޔުމުގެ ސަބަބުން މަގާމުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެތީއެވެ. އެއްވެސް حال އެއްގައި طبيعى ގޮތުން އަންހެނުންގައި ناقابل ކަމެއް ނުވަތަ އުނި ސިފަތަކެއް ހުރެގެނެއް ނޫނެވެ.

ކުރީގެ علم ވެރިންގެ ތެރެއިން محمّد بن جرير الطبرى އާއި، ابن حزم އާއި، الحسن البصرى އާއި، ابن القاسم ފަދަ ބޭފުޅުންނާއި، އަދި މިޒަމާނުގެ علم ވެރިންގެ ތެރެއިން ޑޮކްޓަރ يوسف القرضاوى އާއި، ޕްރޮފެސަރ عبد الكريم زيدان އާއި، ޑޮކްޓަރ محمّد سعيد رمضان البوطى އާއި، ޑޮކްޓަރ سمير عاليا އާއި، ޑޮކްޓަރ عبد الحليم أبو شقّة އާއި، ޑޮކްޓަރ محمّد رأفت عثمان އާއި، ޑޮކްޓަރ عبد الرحمن إبراهيم الحمسى ފަދަ ބޭފުޅުން إتّفاق ވެ ވަޑައިގަންނަވާގޮތުގައި އަންހެނަކު ފަނޑިޔާރުކަމުގެ މަގާމު ފުރުމަކަށް އިސްލާމްދީނުގައި އެއްވެސް ހުރަހެއް ނެތެވެ.

މިގޮތުން،  مصر، ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނީޝިޔާ، ސޫދާން ފަދަ ވަރަށް ގިނަ އިސްލާމީ قوم ތަކުގައި މިހާރުވެސް އަންހެން ބޭފުޅުން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާކަމާއި،  މިހާރު މެލޭޝިޔާގެ އުއްތަމަ ފަނޑިޔާރަކީވެސް އަންހެން ބޭފުޅެއްކަން  މި فرصة ގައި ހަނދާންކޮށްލަން ޖެހެއެވެ.

ލިޔުއްވީ: މައުމޫން ޢަބްދުލްޤައްޔޫމް

ފްލައިމީންް އޮކްޓޯބަރު މަހު އާ ބޯޓެއް ގެންނަނީ

ވިލާ އެއާއިން އޮޕަރޭޓް ކުރަމުންދާ އެއާލައިން، ފްލައިމީއަށް އަންނަ އޮކްޓޯބަރު މަހު އިތުރު މަތިންދާބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ފްލައިމީ މިފަހަރު އަލަށް ގެންނަ މަތިންދާ ބޯޓަކީ އޭޓީއާރް 72-600 މަރުކާގެ ބޯޓެކެވެ. މިއީ އޭޓީއާރު މަރުކާގެ އެންމެ ފަހުގެ މޮޑެލްއެވެ. މި ބޯޓުގައި 72 އެކޮނޮމީ ސީޓު ހިމެނޭނެ އެވެ.

ފްލައިމީން ބުނީ، އަލަށް ގެންނަ މަތިންދާބޯޓު ބޭނުން ކުރާނީ އެންމެ ގިނަ ފަސިންޖަރުން އުފުލާ މަންޒިލްތަކަށް ކަމަށެވެ. އަދި އެ ބޯޓާއެކު ފްލައިމީގެ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ދަތުރު ކުރަން ފެށި ފުރަތަމަ އެއާލައިން، ފްލައިމީން މިހާރު ވެސް ބ. ދަރަވަންދޫ އާއި ވިލާ ކުންފުނިން ތަރައްގީކުރި އއ. މާމިގިއްޔަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

އަދި ފްލައިޓް ލިބޭ ވަރަކުން އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ވެސް އެ އެއާލައިނުން އުދުހެއެވެ.

މީގެ އިތުރުން ފްލައިމީން ދަނީ އަންނަ އަހަރު ކުރީކޮޅު ރާއްޖެއިން ބޭރަށް ދަތުރުތައް ފަށައި، ސީޕްލޭން އޮފަރޭޝަން ފަށަން ތައްޔާރު ވަމުންނެވެ.

އެގޮތުން އެ އެއާލައިނުން ސީ ޕްލޭންގެ ދަތުރުތައް ފަށަން ނިންމާފައިވަނީ މިމަހުގެ ތެރޭގައި ހުޅުވަން ކުރިން ނިންމާފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމުންނެވެ.

އަދި އެ ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު ގެންނަން ވެސް ފްލައިމީން ވަނީ ނިންމައިފައެވެ. ފްލައިމީން މީގެ ކުރިން ބުނެފައިވާގޮތުން، އެ ފްލައިޓުތައް ރާއްޖެ ގެންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ދަނބިދޫއަށް ފެނަކައިން ގެެނަައިި އަވަސް ހައްލު: އިތުބާރު އާކޮޮށްް، ރައްޔިތުންގެ ތައުރީފު

ލ. އަތޮޅު ދަނބިިދޫ އިންޖީނު ގޭގައި މި މަހުގެ ދިހަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށަށް ކަރަންޓު ދޭން ބޭނުންކުރާ ދެ އިންޖީނު ވެސް އަދާ ހުލިވި އެވެ. މުޅި ރަށުން ކަރަންޓް ކެނޑި ރަށް ކަނު އަދިރިވި އެވެ. ކަރަންޓް ދިޔައީ ހައްޖު ދުވަހަށް ވެފައި، ޖެހިގެން އޮތް އީދުގައި ވެސް ކަރަންޓް ލިބޭނެ ކަމަކަށް ރަށުގެ ގިނަ ބަޔަކު އުއްމީދެއް ނުކުރި އެވެ. ކަރަންޓު ނެތް އީދަކަށް ވެދާނެ ކަމުގެ މާޔޫސްކަން ފެތުރު ނެވެ.

ރަށު ކައުންސިލުން ވެސް މީޑިއާތަކަށް ބުނަމުން ދިޔައީ ކުރިއަށް އޮތް ދެ ދުވަހު ވެސް ކަރަންޓް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ކަނުއަދިރީގައި އޮތް ދަނބިދޫ ރައްޔިތުންގެ އެ މާޔޫސްކަން އުފާވެރިކަމާއި އުއްމީދުން ދިއްލާލަން ނެގީ މަދު ގަޑިއިރުތަކެކެވެ.

ރާއްޖޭގެ ރައްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި، ފެނަކައިން އަވަސްވެގަތީ ރައްޔިތުން ތިބި ހާލަތުން އުފާވެރި ހާލަތަކަށް ބަދަލުކޮށް ރައްޔިތުންގެ އަރާމު ނިދި އެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ކަރަންޓު، ފޯރުކޮށްދިނުމަށް އެ ކުންފުންޏަށް މަތިކުރެވިފައިވާ ޒިންމާ ގާތްގަނޑަކަށް ފަސް ވަރަކަށް ގަޑިއިރު ތެރޭގައި ފުއްދައިދިނެވެ.

އެގޮތުން ދަނބިދޫގައި މިހާރުވަނީ އެރަށުގެ ކަރަންޓް ފެންވަރު ރަނގަޅުކޮށް ކަރަންޓު ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް 400 ކިލޮވޯޓްގެ ޖަނަރޭޓަރު ސެޓެއް ގާއިމުކޮށްފަ އެވެ.

ދަނބިދޫއިން ވާހަކަ ދެއްކި އެރަށުގެ ރައްޔިތަކު ބުނިގޮތުގައި، ހަގީގަތުގައި ވެސް ފެނަކަށް ޝުކުރު އަދާ ކުރަން ޖެހެއެވެ.

“ހަގީގަތުގައިވެސް އަހަރެމެން ފެނަކަށް ޝުކުރު އަދާ ކުރަން. މިރަށުން ކަރަންޓް ދިއުމުން އަހަރެމެން ނިންމީ ކަރަންޓް ލިބެން ކުރިޔަށް އޮތް ދެތިން ހަފްތާ ނަގާނެ ކަމަށް. އެކަމަކު ކަންވީ އެހެނެއް ނޫން. ގާތްގަޑަކަށް ހަ އެއްކަ ގަޑިއިރުތެރޭ އަހަރެމެންރަށަށް ކަރަންޓް ލިބިއްޖެ. ވަރަށް އުފާވި. އެއީ ހަމަ ފެނަކައިގެ ވެރިންނާއި މުވައްޒަފުންގެ ބުރަ މަސައްކަތް.” ދަނބިދޫ ރައްޔިތަކު ބުންޏެވެ.

ދަނބިދޫ ރައްޔިތުންގެ އިތުރުން އާންމު ރައްޔިތުން ވެސް ދަނީ ފެނަކައިގެ އެ މަސައްކަތަށް ތައުރީފު ކޮށްފަ އެވެ. ފެނަކައަށް ޝުކުރު އަދާކޮށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ސަރުކާރުގެ މި ސްޕީޑް އޯކޭތޯ ސުވާލު ކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ހަލުވި ސްޕީޑުގައި ދެމުން ގެންދާ ހިދުމަތަށް ވެސް ގިނަ ބަޔަކު ތައުރީފު ކޮށްފައިވެ އެވެ.

ފެނަކައިގެ ބުރަ މަސައްކަތަށް ދަނބިދޫ ރައްޔިތުން ޝުކުރު އަދާ ކުރަމުންދާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މިއީ މީގެ ކުރިއާ އަޅައިބަލާއިރު ރެކޯޑެ ކެވެ. ފެނަކައަށް ސާބަސް ދޭންޖެހޭ ކަމެކެވެ. ދަނބިދޫ ރައްޔިތުން ވެސް މިކަން އުފަލާއި އެކުު ގަބޫލުކުރަނީ އެހެން ވެގެންނެވެ.

ތެދެކެވެ. މީގެ ކުރީން ނަމަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރަނީ ކޮންމެ ވެސް ރަށަކަށް ކަރަންޓް ނުލިބި ގިނަ ގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކަނު އަދިރީގައި ތިބެންޖެހޭ ވާހަކަ އެވެ. ފެނިގެންދިޔައީ ކަރަންޓު ކެނޑުމުން އެ އަނބުރާ ލިބޭނެ ވަގުތެއް ނޭނގި އުއްމީދު ގެއްލިފައިވާ ރައްޔިތުން ތަކެކެވެ. އިރުއިރުކޮޅާ ކަރަންޓް ކެނޑެމުންދާތީ ރައްޔިތުން ކުރާ ޝަކުވާތަކެވެ.

ފެނަކައިގެ އާ މެނޭޖްމަންޓާއެކު އެ ކުންފުނިން ވަނީ ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތުގެ ސްޕީޑް މެކުހަށް ޖަހައިފަ އެވެެ. އިރުއިރު ކޮޅާއި ކަރަންޓް ކެނޑިގެން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކުން ސަލާމަތްކޮށް އެ ރައްޔިތުންނަށް ކަރަންޓް ޔަގީން ކޮށްދިނުމުގައި އަތުކުރި އޮޅާލައިފަ އެވެ.

ނިޔާވި ކަމަށް ބުނާ ހައްޖުވެރިޔާ އޮތީ ލައިފް ސަޕޯޓްގައި: ހައްޖު މިޝަން

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ހުއްޓާ ނިޔާވި ކަމަށް ބުނާ ދިވެހި ހައްޖުވެރިޔާ އޮތީ ލައިފް ސަޕޯޓެއްގައި ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފި އެވެ.

ހައްޖު މިޝަން އިން މިއަދު ބުނީ، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިއެއް ކަމަށްވާ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މުހައްމަދު، 38 އަހަރު މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން މިނާގެ “މިނާ އަލްވާދީ” ހޮސްޕިޓަލުގައި އޮތީ ކޯމާއެއްގައި ލައިފް ސަޕޯޓްގައި ކަމަށެވެ.

އެޑިޓަރުގެ ނޯޓް: މީގެ ކުރީން ސީމާ މުހައްމަދު ނިޔާވެފައިވާ ކަމަށް “ހަފްތާ” ގައި ހަބަރު ޝާއިއު ކުރީ ހައްޖުވެރިޔާގެ ފިރިކަލުންގެ އާއިލާއިން ބުނި ކަމަށް، ނިޔާވި ހައްޖުވެރިޔާގެ އެއްބަނޑު އެއްބަފާ ބޭބެއަކާ ހަވާލާދީ ފ. ދަރަނބޫދޫ ކައުންސިލްގެ ރައީސް އަލީ މުހައްމަދު އެކަން މި ނޫހަށް ކަށަވަރު ކޮށްދެއްވުމުންނެވެ.

އަދި އެކަމަށްޓަކާ ސީމާ މުހައްމަދުގެ އާއިލާގެ ފަރާތުންނާއި ހަފްތާގެ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މި ނޫހުން އެދެނީ ސީމާ މޫސާ އަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމެވެ. އާމީން