މޫސުމާއި ގުޅޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީއިން އިންތިޒާމްކޮށްގެން އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި މޫސުމާއި ސަލާމަތާއި ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މޫސުމާއި ސަލާމަތީ ކަންކަމާއި އޮތް ގުޅުން ބަޔާންކޮށް މިނިސްޓަރ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމުކަމަށް ވުމާއިއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލަމާތަށް އޮތް ނުރައްކާ ހާމަކޮށް، އެކަމަށް ހޭލުންތެރިކުރުމަށް ގްރޫޕް އޮފް ފްރެންޑްސްގެ ފަރާތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު އެމަސައްކަތަށް ތައުރީފްކުރެއްވިއެވެ. ހަމައެއާއިއެކު، ޕެރިސް މުއާހަދާގެ ދަށުން ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން ޔަޤީންކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖެއިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވީހާވެސް އަވަހަކަށް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއުލާންކުރައްވާފައިވާތީ، އެކަމަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި ބެހޭ މައުލޫމާތާއި، އެނުރައްކާތަކުން އަރައިގަތުމަށް ކުރެވިދާނެކަންކަމުގެ ލަފާ މެމްބަރު ޤައުމުތަކާއި ހިއްސާކުރެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލްއަށް ގޮވާލާ ޖޮއިންޓް ޕޮޒިޝަންގައި ސޮއިކުރައްވާފައެވެ.

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ އުފެދުނީ 1 އޮގަސްޓް 2018 ގައެވެ. އެޖަމާޢަތުން މަސައްކަތް ކުރަމުން އަންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެދާއިރާއިން އދގެ ބައިވެރިވުން އިތުރުކުރުމަށެވެ. މި ގްރޫޕްގައި 27 މެމްބަރު ޤައުމު ހިމެނެއެވެ.

މުޅި ދުނިޔެއަށް ރައީސް: މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދެއްވާ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ނިއުޔޯކްގައި މިއަދު ކުރިއަށްދިޔަ “ބްލޫ ލީޑާސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް” ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަމަށެވެ.

އެހެންކަމުން ރާއްޖެ ފަދަ ގައުމުތަކަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމުކަން ފާހަގަކުރައްވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތްކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.

އަދި ވިދާޅުވީ، ދެމެހެއްޓެނިވި އަދި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިގްތިސާދުތަކެއް ބިނާކުރުމަކީ ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވާއިރު ދުނިޔޭގެ ކަނޑުތަކުގެ 30 ޕަސެންޓް ހިމާޔަތްކުރެވޭ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަގްވާމީ ލީޑަރުން އެއްބަސްވެވަޑައިގެންނެވުމަށް ވިދާޅުވިއެވެ.

ކަނޑުތަކުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލެމުންދާ ކަމަށެވެ.

އަދި މައްސަލަތައް ހައްލު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެން ރައީސް ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ސަމިޓްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ހާއްސަ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމާއި އެކަމުގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައްދަލުުވމުގެ ބައިވެރިންނާއި ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އަދި އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ދައުވާއަކީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުވައެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުވައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ފުރަތަމަފަހަރަށް ޝަރީއަތުގެ މަޖިލީހުގައި ވިދާލުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްކިޔަ ކުންފުންޏަކުން އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފަނުގެ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ ފައިސާގެ އަސްލު އޮޅުވާލާފައިވާކަމަށް ދައުލަތުން ބުނާއިރު، އެސްއޯއެފުން ޖަމާކުރި ފައިސާ ބަދަލުކޮށްފައިވަނީ އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފާނުގެ އެހެން އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އެއީ އެ ފައިސާގެ އަސްލު އޮޅުވާލަން ކުރި ކަމެއްކަމަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކީ ހިޔާނާތުގެ މުއާމަލާތްތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް ގާނޫނީ އިދާރާއަކުން ތަހުގީގުކޮށްފައި ނުވާއިރު ވޮޑުމުއްލާ ކުއްޔަށްދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީވެސް އެމަނިކުފަނުގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން މިއަދުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.

“އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން އިސްނެގީ އަޅުގަނޑު. އެއީ ފަހަރެއްގައިވެސް ދައުލަތުގެ ފައިސާއަށްވެދާނެތީ އަޅުގަނޑު ހެޔޮ ނިޔަތުގައި ކުރި ކަމެއް. މި ދައުވާ އުފުލިގެން އުޅޭތީ ހިތާމަކުރަން. ފުލުހުންގެ ބޭނުމަށް އެމްއެމްއޭއިން އެސްޓީއާރުތައް ނެރުނީ މާފަހުން. އެހެންވީމާ މިއީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ”. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ދިފާއުން ހުށަހަޅާފައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ އެކަމަނާއަކީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރައްވާ މީހަކަށް ވާތީ ހާޒިރުވެވެން ނެތް ކަމަށް ސިޓީއަކުން ކުރިމިނަލް ކޯޓަށް އަންގާފައެވެ. އަދި ރައީސް ޔާމީންގެ މައްސަލާގައި ދެވޭނެ ހެކިބަހެއް ނެތް ކަމަށް ވެސް އަޒީމާ ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލަ ހައްލުކުރަން އދ. ނުކުޅެދިފައިވުމަކީ ހިތާމަކުރާކަމެއް: ރައީސް

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވުމަކީ ހިތާމަކުރައްވާކަމެއްކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނިއުޔޯކުގައި މިހާރު ކުރިޔަށްދާ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި  ތަޤްރީރު ކުރައްވަމުންނެވެ.

ރާއްޖޭގެ ރައީސަކު އދ ގެ މަޖިލީހުގައި ތަގްރީރުނުކުރައްވާތާ ހަތް އަހަރަށް ފަހު މިހާރު ކުރިޔަށްދާ އދ ގެ މަޖިލީހުގައި ތަގްރީރުކުރައްވަމުން  ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވާކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އ.ދ. އުފެދިފައި ވަނީ ފަނާކުރަނިވި ދެ ހަނގުރާމައެއްގެ ސަބަބުން އަނދާއަޅިއަށް ވެގެންދިޔަ އެތައް މިލިއަން އިންސާނުންގެ ނެތިދިއުމުގެ ތެރެއިން ކަމަށާއި، އ.ދ. ގެ އަސްލު ބިނާވެފައި ވަނީ އިންސާނީ މިނިވަންކަމުގެ މަތިވެރިކަމާއި އަމިއްލަ ޤައުމިއްޔަތެއް ބިނާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާސް ތަކެއްގެ މައްޗަށް ކަމަށްވާތީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށްވެސް ބަސްބުނުގެ އިޙުތިޔާރު ލިބިދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރުފެށިފައިވާތީ އެކަމާ އުފާފުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫންކަމަށާއި އޭގެ އިތުރުން ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މި ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާނެކަމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު ތަޤުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 6 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އ.ދ.ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ.

ޚާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ ރާއްޖެ އާއި އިންޑިޔާ އާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް

އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ޤައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އިތުރު ޤައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި މީގެ ކުރިން ދެ ޤައުމުން އިޤްތިޞާދީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށި ދެ ޤައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ، ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ “ކްލައިމެޓް އެކްޝަން ސަމިޓް” ގައި އިންޑިއާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އައި.އޯ.ސީ.ގެ ބައްދަލުވުމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވައި އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އ.ދ.ގެ ޢާންމު މަޖިލީހަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ ބޮޑުވަޒީރުވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ން އިތުރަށް ދަމަހައްޓައި، މި ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މޫސުމީ ބަދަލުތަކާ ކުރިމަތިލާން ރާއްޖޭގެ މޮޑެލްއަށް އަމަލުކުރަން ރައީސް ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖެއިން ގެންގުޅޭ މޮޑެލަށް އެހެން ގައުމުތަކުން ވެސް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ 74 ވަނަ އދ. ގެ އާންމު މަޖިލީހުގެ ތެރެއިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލް ވުމަށް ގައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވެވި ސަމިޓެކެވެ.

ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން އަމަލުކުރަމުން ގެންދާ “ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް” މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށެވެ.

އަދި މިފަދަ މޮޑެލެއް އިހްތިޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ މި މޮޑެލްއަކީ ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނެ އަދި ގުޅިގެން ހާސިލްކުރެވޭނެ ފިޔަވަޅުތަކެއް ހިމެނޭ މޮޑެލެއް ކަމަށެވެ.

ރާއްޖެއިން ގެންގުޅޭ “ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް” މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައިވަނީ ތިމާވެއްޓާބެހޭ 11 މައިގަނޑު ދާއިރާއަކުން ހާސިލްކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ.

އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި އާ އީޖާދުތަކުގެ އެހީ ހޯދުމާއި އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުން ހިމެނެއެވެ.

އަދި ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމްރާނީ ތަރައްގީ ގެނައުމާއި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުން އެ މޮޑެލްގައި ހިމެނެއެވެ.

ރޯވީ ޓެރަރިޒަމްގެ އަމަލަކުން ކަމެއް އަދި ބެލެން ނެތް، ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއްކަން ސާބިތު ކުރެވެން އަދި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން ސީރިއަސް އެންޑް އޮގަނައިޒްގެ ކުރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އެހެން ވިދާޅުވީ، އަލިފާން ރޯވީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް މިއަދު ޖަވާބު ދެއްވަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާއު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގާފައިވަނީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ތަހުގީގަށް ސާބިތުވެފައިނުވާ ކަމަށެވެ.

އަދި ތަހުގީގު ކުރިއަށްދަނީ ހުރިހާ ދިމާލަކަށް ބަލައިގެން ކަމަށާއި ތަހުގީގު ހަނިކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

” އަޅުގަނޑުމެންގެ ތަހުގީގު ކުރިޔަށް މިގެންދަނީ ހުރިހާ ޕޮޒިބިލިޓީސްތަކަށް ބަލައިގެން…އަލިފާން ރޯވީ ހިނގި އެކްސިޑެންޓަކުންތޯ ނޫނީ ގަސްދުގައި ބަޔަކު ރޯކޮށްލީތޯ، ނޫނީ ޓެރަރިސްޓް ހަމަލާއެއްތޯ އަދި އެ ނޫންވެސް ކަމަކުންތޯ މި ހުރިހާ އެންގަލް އަކުން އަޅުގަނޑުމެން އެބަ ބަލަން. އަދި ފާހަގަކުރެވިފައެއް ނެތް، ޓެރަރިޒަމްގެ އަމަލެއްކަން ސާބިތުވާ ވަރުގެ ހެއްކެތް,” ޝިފާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ހޯދިފައިނުވާ ކަމަށެވެ. އަދި ތަހުގީގަށްޓަކައި އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ ވީޑިއޯ އާއި ފޮޓޯފަދަ ތަކެތި ތަހުލީލު ކުރަން ފަށާފައިވާއިރު، ބޭރުގެ އެހީ ހޯދުމުގެ މަޝްވަރާތައް ޕޮލިސީ ލެވެލްގައި ކުރާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

ހެންވޭރު އަބަދަށްފަހި މަގުގައި ހުންނަ އަލިފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ.

އަދި ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ހާދިސާގައި އަލިފާނުގެ އަސަރު ކުރި ގެއެއްގައި ތާށިވި އުމުރުން 46 އަހަރުގެ އަންހެނަކަު ވަނީ ނިޔާވެފައެވެ. އެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކުގައި މިހާރުވެސް 290 އެއްހާ މީހުން އެބަތިއްބެވެ.

ކެމިކަލް ގުދަން ހަދަން ތިލަފުށިން ބިން ދޫކުރަން ފަށައިފި

ކެމިކަލާއި މާލޭގައި ރައްކާކުރައްވާ އަދި ކުރަމުންދާ ފަރާތްތަކަށް ކ.ތިލަފުށިން ވެއަރހައުސް ޔުނިޓް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ، މިއަދުން ފެށިގެން، ‘ކެމިކަލް އަދި ނުރައްކާތެރި މުދާ ގުދަންކުރުމަށް އެދި ހުށަހަޅާ ފޯމް” ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ކުރި އިޢުލާނެއްގައެވެ. އެއިޢުލާނުގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިގާދިޔަ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެންމެހައި ފަރާތްތަކަށް ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި، މާލޭގައި ހުރި އެންމެހައި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ނިންމަވާފައިވާތީ، އެކަންކަން ތަންފީޒު ކުރުމަށްޓަކައި 21 ސެޕްޓެމްބަރ އިން ފެށިގެން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކާއި ގުޅިގެން އެކުންފުނިން މަސައްކަތްކުރަމުން ދާކަމަށެވެ.

ކެމިކަލް ރައްކާކުރުމަށް ބިން ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހުށަހަޅަން ޖެހޭ ފޯމް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

އަލިފާނުގެ ހާދިސާތައް ހުއްޓުވުމަށް ޖާބިރުގެ ބިލެއް މަޖިލީހަށް

އަލިފާނުގެ ހާދިސާތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅައިފިއެވެ.

ޖާބިރު ބިލް ހުށަހަޅުއްވަމުން ވިދާޅުވީ، ވޭތުވެދިޔަ ދެ ދުވަހު ދިމާވި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ކަށަވަރުކޮށްދިނުމާއި މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ގާނޫންތައް އިސްލާހް ކުރުން ކަމަށެވެ.

“އަލިފާން ރޯވާނެކަން އެނގޭ. މިިއީ އަލަށް ވީކަމެއް ނޫން. މައްސަލައަކީ އަލިފާން ރޯވެއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތެއް ރޭވިފައި ނެތުން. މިކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން މިމަޖިލީހުގައި ޖަވާބުދާރީވާން ޖެހޭނެ.” ޖާބިރު ވިދާޅުވިއެވެ. “މިއަދުވެސް ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެތިބީ ބަދަލު ނުލިބި. ސަރުކާރުގެ ތެރެއިން ކަމެއް ކުރަން ވެއްޖެއްޔާ އެހާ ދަތި.”

ޖާބިރު އިތުރަށް ވިދާޅުވީ، މައްސަލައަކީ ވަސީލަތްތައް ނެތުން ކަމަށާއި، ބޭނުން ވަރަކަށް ސަލާމަތީ ބާރުތަކަށް ބަޖެޓް ދޭއިރު ވަސީލަތްތައް ގާއިމް ނުކުރެވޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކައި ފޭރިގެންފި

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށްފަހު އެ މީހާގެ އަތުން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީގެ މަރަދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަދި އޭނާއަށް އަނިޔާ ކުރުމަށްފަހު އެ މީހާގެ އަތުން ފޭރިގެންފައިވާ މައްސަލައެއް މިރޭ 9:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފޭރުމުގެ އަނިޔާ ލިބުނީ އުމުރުން 69 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، ފޯނަކާއި ފައިސާތަކެއް ފޭރެން ވެގެން އުމުރުން ދުވަސްވީ މީހާގެ އަތުގެ ތިން ވަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. އަދި މޫނުމަތީގައި ޖެހުމުގެ ސަބަބުން މޫނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

އެހެންކަމުން އުމުރުން ދުވަސްވީ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ފޭރިގެން ގެންގޮސްފައިވަނީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެއެވެ. ފުލުހުން ބުނީ، އިތުރު މައުލޫމާތު ލިބުނު މިންވަރަކުން ހިއްސާކުރާނެ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، ރައީސް އެމެރިކާއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އދ. އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ، އދ. ގެ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވާ ތަގުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެ އާއި އެހެން ގައުމުތަކާއި ބައިނަލްއަގުވަމީ ޖަމިއްޔާ އަދި ޖަމާއަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަގުރީރަަކަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެކި ގައުމުތަކުގެ ވެރިންނާއި އދ. ގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު އދ. ގައި ތަގުރީރު ކުރައްވާފައެއް ނުވެއެވެ. އެ މުއްދަތުގައި މުޅިން ވެސް ރާއްޖޭގެ ފަރާތުން އދ. ގައި ތަގުރީރު ކުރެއްވީ ކެބިނެޓް މިނިސްޓަރުންނެވެ.

ދިވެހިންގެ އެއްބައިވަންތަކަން ފެނި، ދިވެއްސަކަށްވީތީ އިތުރަށް ފަޚުރުވެރިވޭ

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ މިރޭ މިވަނީ ހިނގާފަ އެވެ. ގާތްގަނޑަކަށް ރޭ ހަތެއް ޖަހާ އެހާއްކަންހާއިރު ހިނގި އަލިފާނުގެ އެބޮޑު ހާދިސާއާއެކު ދިވެހިންވަނީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ނަމޫނާއެއް ދައްކާލާފައެވެ.

އަލިފާނުގެ ހާދިސާގައި ހިނގައިގެން އުޅުނު ވަގުތު ފުލުހުންވަނީ އެސަރަހައްދަށް ނުވަދެވޭނެހެން ބަންދު ކޮށްފައެވެ. ނަމަވެސް އެކަމަށް ބެލުމެއްނެތި އާއްމުންގެ ގިނަ ބަޔަކުވަނީ އަލިފާން ނިއްވުމުގައި ސަލާމަތީ ފަރާތްތަކަށް އެހީތެރިވުމަށް އެސަރަހައްދަށް ޖަމާވެފައެވެ.

ރޭގެ ހާދިސާ ހިނގި ވަގުތު މާލޭގައި އަޅުގަނޑު ނެތުމުން، މާ ރަނގަޅަކަށް އެސަރަހައްދުގައި ކަންވީ ގޮތެއް ނޭނގެއެވެ. ނަމަވެސް މީސްމީޑިޔާގައި ދައުރުވާ ފޮޓޯތަކުން ހަމަގައިމުވެސް އެއްކަމެއް ޔަޤީންވިއެވެ. އެއީ ރޭގެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވެދިނުމަށް އާއްމުންގެ ފަރާތްތަކުން ދިޔައީ، އަލިފާނަށް ސިހުމެއްނެތި ހަރަކާތްތެެރިވަމުން ކަމަށެވެ.

“ވަރަށްވެސް ރަނގަޅަށް އެސަރަހައްދުގައި އާއްމުން ހަރަކާތްތެރިވީ، ހޮސްޕިޓަލަށް އަންނަން ބޭނުންވާ މީޙުންނަށް މަގު ބްލޮކް ނުވާނެހެން ދިޔައީ ހަރަކާތްތެރިވަމުން. މީގެ އިތުރުން މާސްކް ބެހުމާއި، އަލިފާން ހޮޅި ހިމަ މަގު މަގުން ގެންދިއުމަށްވެސް އާއްމުން ދިޔައީ ހަރަކާތްތެރިވަމުން” އެސަރަހައްދުގައި ހަރަކާތްތެރިވި އާއްމުންގެ މީހަކު “ހަފްތާ” އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނެފައިވެއެވެ.

ރޯވި އިމާރާތެއްގެ ތެރެއިން ޝައުނާ ނިޔާވެފައި އޮއްވާ ފެނިއްޖެ

އަލިފާނުގެ ހާދިސާގައި ގެއްލުނު އަންހެން މީހާ ނިޔާވެފައިއޮތްވާ ފެނިއްޖެއެވެ.

ހާދިސާގައި ނިޔާވެފައިވަނީ ތ. ބުރުންޏަށް އުފަން އައިޝަތު ޝައުނާ، 49 އެކެވެ. ފުލުހުން ވެސް ވަނީ އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައިވާކަން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އަލިފާން ރޯވި ސަރަހައްދަށް މިރޭ ވަޑައިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެ އަންހެންމީހާ ހުރި އިމާރާތް އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ދެތިން ފަހަރު ބެލި ކަމަށެވެ.

ނަމަވެސް އޭނާގެ ޚަބަރެއް އަދި ނެތް ކަމަށް މައުލޫމާތު ލިބިވަޑައި ގެންފައިވާ ކަމަށް ވިދާޅުވިއެވެ.

އަލިފާނުގެ ބޮޑު ހާދިސާ: ހަތް އިމާރާތެއްގައި ރޯވެ, އެކަކު ނިޔާވި

މާލޭގައި ކެމިކަލް ރައްކާކޮށްފައިހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ މަގުގައި ހުންނަ ހ. ތިލަފުށި ގޭގައި ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

___________________________________________________________________________

1:54 – އެންމެ ބޭފުޅެއް މަދުވެގެން ރިޕޯޓެއް ކުރީ. ހުރިހާ އިމާރާތަކުން ވަރަށް ރަނގަޅަށް ބަލައިފިން. އިތުރު މީހަކު މަދުވާ ކަމަކަށް ގަބޫލެއް ނުކުރެވޭ

___________________________________________________________________________

1:52 – އާއިލާއެއްގެ ބޭފުޅަކު މަދުވާތީ ހަ ވަރަކަށް ފަހަރު ވަރަށް ރަނގަޅަށް ބަލައިގެން މީހެއް ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު. ފުލުހުންނާއި ސިފައިން އެކަން އިތުރަށް ދެނެގަނެ ހަށިގަނޑު ނެރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

___________________________________________________________________________

1:50 – އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފް ބާރަ ވެހިކަލްގެ އެމްއޭސީއެލްގެ އިތުރު ވެހިކަލް ހަރަކާތްތެރިވި. އަދި އަލިފާނާ ގުޅޭ ބައެއް އަމިއްލަ ފަރާތްތަކުންނާއި އަމިއްލަ ކުންފުނިތަކުންނާއި އާންމު ފަރާތްތަކުން ބޮޑު އެހީތެރިކަމެއް ލިބުނު

ކާނަލް އިބްރާހިމް ވިދާޅުވި ގޮތުގައި، އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ނޫނީ އެމްއެންޑީއެފަކުން ދުރަކަށް ނުދާނެ

___________________________________________________________________________

1:49 – އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ، މިރޭގެ އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނާއި ހަ ގެއަކަށް އަލިފާނުގެ އަސަރުކުރި ކަމަށް

އަދި ދުގަނުގައި ރޯވި އަލިފާންގަނު ނިންވާލެވުނީ ދެންމެ ކަމަށާއި ނަމަވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި.

___________________________________________________________________________

00:26 – އަލިފާނުގެ ހާދިސާގައި ގެއްލުނު އަންހެން މީހާ މަރުވެފައި އޮތްވާ ފެނިއްޖެ. ހާދިސާގައި ނިޔާވެފައިވަނީ ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާ، 49 އަހަރު

___________________________________________________________________________

23:26 މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެހީތެރިވުމަށްޓަކައި ފަންޑް ފޮއްޓެއްވަނީ ބަހައްޓާފައި. މި ފަންޑުފޮށި ބަހައްޓާފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރެކްރިއޭޝަން ސެންޓަރުގައި.

___________________________________________________________________________

23:11 – ފެހިއާބާދު ގޭގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި. އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރާއި ފުލުހުން އަދި އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ ބައިވެރިވެފައި. އަލިފާންގަނޑު ކިރިޔާ ވެސް ކޮންޓްރޯލް ވާން ފެށީ އެމްއޭސީއެލްގެ ފަޔަރުގެ ފޮގް ޓުރަކް އައި ހިސާބުން

___________________________________________________________________________

23:09 – އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ގެއްލިގެން އެމްއެންޑީއެފުން ހޯދަން ފަށައިފި. އެމްއެންޑީއެފުން ބުނީ، އެފަދަ ރިޕޯޓެއް ލިބުމާ ގުޅިގެން ފަޔާ ޓީމުން އެކަން ބަލަމުންދާ ކަމަށް. އަދި އިތުރަށް ހޮސްޕިޓަލަށް ގެންދިޔަތޯ ވެސް ބަލަމުންދާ ކަމަށް ބުނި

___________________________________________________________________________

22:51 – ހާދިސާއާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ރައީސް ނިންމަވައިފި. ރައީސް ވިދާޅުވީ، އެ ބައްދަލުވުމުގައި އެފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަކަށް އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށް

___________________________________________________________________________

22:41 – ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، ހާދިސާއާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އެހީތެރިވުމަށް ޑޮނޭޝަން ފޯރުކޮށް ދިނުމަށް ދަނީ އެދެމުންދާ ކަމަށް. ނަމަވެސް މިވަގުތަށް ބޭނުންވާ ވަރަށް އެހީތެރިކަން ލިބިފައިވާ ކަމަށާޢި އިތުރަށް އެހީތެރިކަން ބޭނުންވާނަމަ އިއުލާން ކުރާނެ ކަމަށް ___________________________________________________________________________

22:38 – ކަލާފާނު ސްކޫލުގައި މިވަގުތު ގާއިމްކޮށްފައިވާ ވަގުތީ ހިޔާގައި މިވަގުތު 100 އަށްވުރެ ގިނަ މީހުން އެބަތިބި. އެމީހުންނަށް ބޭނުންވާ ފެނާއި ކާނާ ހަމެޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނޭ

___________________________________________________________________________

22:08 – އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ކުރަމުންދާއިރު، އެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ދަނީ ހަރަކާތްތެރިވަމުން

___________________________________________________________________________

22:06 – މާލެއަށް މިހާރު ދަނީ ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން.

___________________________________________________________________________

22:00 – އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބް ރައީސް ފައިސަލް ނަސީމް ވަޑައިގެންފި. ދައުލަތުގެ ގިނަ މިނިސްޓަރުން ވެސް ގެންދަވަނީ އަލިފާނުގެ ހާދިސާގެ ކަންކަން ގާތުން ބައްލަވަމުން

___________________________________________________________________________

21:56 – އަލިފާން ރޯވެފައިވާ ސަރަހައްދުގައި ޕާކު ކޮށްފައިހުރި ވެހިކަލްތައް މިހާރުން މިހާރަށް ނެގުމަށް ފުލުހުން އަންގައިފި. ފުލުހުން އެހެން އެދިފައިވާއިރު، އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ދުރަށް ޖެއްސުމުގައި އާންމުންދަނީ އެހީތެރިވަމުން

___________________________________________________________________________

21:44 – ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިމާރާޓަށް އެތައް ފަހަރަކު އައި ރެސްކިއު ޓީމްތަކުން ޗެކްކޮށްފައިވާ ކަމަށް. އިމާރާތްތަކުގައި ތިބި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ވިދާޅުވި

___________________________________________________________________________

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ، އަލިފާނުގެ ހާދިސާގައި ދުމުން ރައްކާޓެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާންމު ފަރާތްތަކުން ނުދިއުމަށް އިލްތިމާސް ކުރަމުންނެވެ.

އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ލެއްޕުން މުހިންމު ކަމަށާއި ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވެދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ، އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާން ސްކޫލް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހުރިހާ އާއިލާތަކެއްގެ ފަރާތްތައް ކަލާފާނު ސްކޫލަށް ދިއުމަށް އެ ސެންޓަރަށް ދިއުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސަރުކާރުން އާންމުކޮށްފި

ފުރަތަމަ ފަހަރަށް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ސަރުކާރުން އާންމު ކޮށްފިއެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް އޮފީހުން އާންމު ކުރި އެ ލިސްޓްގައި 17 ޖަމާއަތެއްގެ ނަން ހިމެނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އަމަލު ކުރަން ފެށި އެ ގާނޫނުގެ ދަށުން އޭރު ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް އެކުލަވާލިއެވެ. ނަމަވެސް މީގެ ކުރިން އެ ލިސްޓް އޮތީ އާންމުނުކޮށް، އެމްއެންޑީއެފުން ބަލަހައްޓާ ލިސްޓެއްގެ ގޮތުގަ އެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ ޖަމާއަތްތަކުގެ ނަންތައް އާންމުކުރައްވަން ނިންމެވީ، ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ހިންގާ ޓެރަރިސްޓް އަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެތީ ކަމަށެވެ.

ޓެރަރިސްޓް ޖަމާއަތްތަކަކީ؛

* އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)

* އަލް ޤައިދާ

* ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)

* ލަޝްކަރޭ ޠައިބާ

* އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

* އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

* އަބޫ ސައްޔާފް ގްރޫޕް

* ބޮކޮ ހަރަމް/ ބޯކޯ ހަރަމް

* އަލް ޝަބާބް

* އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

* ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)

* ޙަރަކާތުލް ޖިހާދު އަލް އިސްލާމީ

* ޖައިޝޭ މުޙައްމަދު

* އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)

* ނޭޝަނަލް ތައުޙީދް ޖަމާޢަތް

* ޖަމާޢަތު މިއްލަތޭ އިބްރާހީމް

* ވިލާޔަތް އަލް ސޭލާނީ

ޓެރަރިސްޓު މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މިއަދު އާންމުކުރި، ރައީސް ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ވެސް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ސިފައިންނަށެވެ.

17 ޓެރެރިސްޓް ޖަމާއަތެއް ހިމެނޭ ލިސްޓެއްސަރުކާރުން މިއަދު އާއްމު ކުރަނީ

ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓަ ޖަމާއަތްތަކުގެ ލިސްޓެއް މިއަދު އާޢްމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ޓެރަރިޒަމް ޤާނޫނުގެ ދަށޫން އެކުލަވާލާފައިވާ މި ލިސްޓް އެކުލަވާލާފައިވަނީ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ލަފާގެ މަތިންކަމަށެވެ. މިއަދު އާޢްމުކުރާ ލިސްޓަގައި 17 ޖަމާއަތެއްގެ ނަން އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، އެ ޤާނޫނަށް ޢަމަލުކުރާ ތާރީޚުން ފެށިގެން 15( ފަނަރަ) ދުވަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ލިސްޓް އާއްމުކުރުުމުން ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ހިންގާ ޓެރަރިސްޓް އަމަލުތައް ހުއްޓުވުމަށް ބާރަކަށް ވެގްނދާނެކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ބަދަލު ކުރަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައިނެތް

ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލުކުރަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް،  ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެތަނުގެ ނަން ބަދަލު ކުރުމަށް ހަމަޖެހިފައިވަނީއައިޖީއެމްއެޗު ނިއު ކޮމްޕްލެކްސް”  އަށް ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، މިފަދަ ކަމެއް ކުރަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އެފަދަ މައުލޫމާތެއް ލިބިފައެއް ނެތް.” ހޫދު ވިދާޅުވިއެވެ.

އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިހާމްގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން އަންނަ ހޮސްޕިޓަލްތަކެކެވެ.

އިމާރާތެއްގެ އަށް ވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދިޔަ އިމާރާތެއްގެ އަށް ވަނަ ބުރިން ވެއްޓުނު ބިދޭސީއަކު މަރުވެއްޖެއެވެ. ހުޅުމާލެ ހޮސްޕިޓަލުން އެކަން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، މިއަދު މެންދުރު 12:00 އެހާކަންހާއިރު އުމުރުން 37 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އަދި އޭނާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށާއި އެތައް ތަނަކުން ބިންދައިގެން ގޮސް ނޭފަތުން ލޭވެސް އައިސްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރަން ޓާސްކްފޯހެއް އުފެއްދެވުމަށް ރައީސް ނިންމަވައިފި

ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރު މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެ ޓާސްކް ފޯހަކީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން އުފައްދަން ނިންމެވި ޓާސްކު ފޯހެކެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރައްވަން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އިކޮނޮމިކް މިނިސްޓަރު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

އެގޮތުން އެ ސިޔާސަތުގެ ދަށުން “ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް”ގެ ނަމުގައި އުފައްދަވަން ނިންމެވި ޓާސްކު ފޯހުގެ ބޭނުމަކީ ގާނޫނާ ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި ރާއްޖޭގައި ގެންގުޅުމާއި ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ގާއިމްކުރުމަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސް ކުރުމެވެ.

މީގެ އިތުރުން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލު އަލުން އެކަށައެޅުމަށް ވެސް ރައީސް މިއަދު ވަނީ ނިންމައިފައެވެ.

އަދި އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމައި މިހާރުގެ ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ހުށަހެޅިފައިވާ ގޮތަށް ބަދަލު ގެނައުމަށް ވެސް ކެބިނެޓްގެ ލަފާގެ މަތިން ރައީސް ނިންމެވިއެވެ.

ނަމެއް އިސް ކޮށްފައެއް ނުވާނެ، ދިޔާނާ އާއި މަހާޒް ހަމަހަމަ: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލަފާ އެރުވި ދެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅެއްގެ ނަމަށް އިސްކަން ދީފައި ނުވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ލަފާ އެރުވި ދެބޭފުޅުންނަކީ ވެސް “ހައިލީ ރެކޮމެންޑް” ކުރާ ދެނަން ކަމަށެވެ.

އެއީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި, ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަމެވެ.

ޖޭއެސްސީގެ ބައްދަލުވުމެއްގައި މިއަދު އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާއި، ރައީސް ސޯލިހު ފޮނުވާފައިވާ ނަންތަކާއެކު، ސުޕްރީމް ކޯޓަށް ޝަރުތު ހަމަވާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް އެކުލަވާލި ކޮމެޓީން ނިންމި ރިޕޯޓް ބަލައިގަންނަން ފާސް ކޮށްފަ އެވެ.

އަދި އެ ރިޕޯޓްގެ އަލީގައި ޖޭއެސްސީން އިސްކަންދޭ ތަރުތީބު އެނގޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޖޭއެސްސީ އިން ވިދާޅުވީ ދިޔާނާ އާއި މަހާޒުގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ނަމަކަށް އިސްކަން ދީފައި ނުވާނެ ކަމަށާއި ދެ ނަން ބަޔާން ކުރުމުގައި އިސްފަސްކޮށްފައިވަނީ ވަކި ތަރުތީބެއްގެ ގޮތުން ނުވަތަ އިސްކުރުމެއްނެތި އެއް ހަމައެއްގައި ދަރަޖަ ކޮށްފައިވާ ދެ ބޭފުޅުން ކަމަށެވެ.

ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ހިމެނޭ ގޮތަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އެވެ

ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން އިސްކަންދޭ ލިސްޓުގެ ކުރީގައި މަހާޒާއި ދިޔާނާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައީސަށް ލަފާ އަރުވައިފި އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މަހާޒް އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭއެސްސީގެ ލަފައަކަށް އެދި ހުށަހެޅި ނަންފުޅެވެ. ދިޔާނާ އެ މަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ރައީސަށް ލަފާ ދިނުމަށް އެކުލަވާލި އިސްކަންދޭ ތަރުތީބުގައި މަހާޒާއި ދިޔާނާގެ ނަން ހިމަނާފައިވަނީ “ހައިލީ ރިކޮމެންޑަޑް” ގެ ގޮތުގައެވެ.

އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއަކީ “ރިކޮމެންޑެޑް” ބޭފުޅުން ކަމަށް ޖޭއެސްސީން ލަފާ އެރުވިއެވެ.

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.

މި ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެ: ނައިބް ރައީސް

މިސަރުކާރު ދެމިއޮތްހާ ދުވަހަކު، ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ އެ ހައްގު އެއްވެސް ވަރަކަށް ނެތޭ ބުނެވޭހާ ވަރަށް ހަނިކޮށް، ނޫސްވެރިން ޖަލަށްލައި، ޓެރަރިޒަމްގެ ދައުވާކޮށް ނުރައްކާތެރި ބިރުވެރި އެތައް ކަމެއް ކުރިމަތިކުރުވާފައިވާ ކަމަށެވެ.

ނަމަވެސް އެ މިނިވަންކަން ހިފަހައްޓައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާއެކު ކަމަށާއި އެ މިނިވަންކަން ދިނުމުން ސަރުކާރަށް ގެއްލުމެއް ލިބުމުގެ ބަދަލުގައި ލިބުނީ ފައިދާ ކަމަށެވެ.

“އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއޭ. އަދި ސަރުކާރު ހިންގަން ތިބޭ ބަޔަކަށް އެކަމުން ލިބޭނެ ފަސޭހައެއް ވެސް ނޯންނާނެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މި ސަރުކާރުންވާނީ ރައްކާތެރިކޮށްދީފައި،” ނައިބް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެއްވެސް ނުރައްކަލެއް މީޑިއާއަކަށް ފޯރުވާފައެއް ނޯންނާނެ ކަމަށާއި ދުވަހަކު ވެސް ނުރައްކަލެއް ނުފޯރާނެ ކަމަށެވެ. އަދި މި ސަރުކާރު ދެމިއޮއްހާ ހިނދަކު ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

“ސަރުކާރުގެ ކަންކަމަށް ފާޑުކިޔާ މީޑިއާތައް އެބަހުރި. ނޫސްވެރިންގެ އެންމެ ބޮޑު ޒިންމާއަކީ ވެސް އެއީ. ނަމަވެސް މީޑިއާއަކުން ސަރުކާރަށް ފާޑުކިޔަނީ ސަރުކާރާ ދެކޮޅުވެރިވެގެން ކަމަކަށް ގަބޫލެއް ނުކުރަން. ތިބޭފުޅުންގެ ހިޔާލާއި ފާޑުކިޔުންތައް އަޅުގަނޑުމެން ކިޔައި، އަޑުއަހަން. ތިބޭފުޅުން ފާޑު ކިޔަންވާނެ. އެ ފާޑުކިޔުންތަކާ ގުޅިގެން ކަންކަން ރަނގަޅު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް،” ނައިބް ރައީސް ވިދާޅުވިއެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ނަޖާހަށް، އެންމެ ގިނަ އެވޯޑް ”މިހާރު” އަށް

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ސަން އޮންލައިންގެ ނޫސްވެރިޔާ ނަޖާހު މަސްއޫދަށް ލިބުނުއިރު، މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ ގިނަ އެވޯޑުތަކެއް ވެސް “މިހާރު” އިން ހޯދައިފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ނަޖާހުއަށް އެވޯޑް ހަވާލުކޮށްދެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރަައީސް ހިދާޔަތުﷲއެވެ.

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ފަސް ނޫސްވެރިން ވާދަކުރިއެވެ. ނަމަވެސް އެވޯޑަށް ނޮމިނޭޓްކުރީ ހަތަރު ނޫސްވެރިއެކެވެ. އެއީ “ވަގުތު” އޮންލައިންގެ ރީއާން ރަޝީދާއި “ސަންގުޓީވީ”ގެ މާހަތު ހުސެއިންގެ އިތުރުން “އަވަސް”ގެ އަލީ އަފާފް ރަމީޒެވެ.

ގދ. ދާންދޫއަށް އުފަން ނަޖާހް، 22، އަކީ 2017 ވަނަ އަހަރު ނޫސްވެރިކަން ފެށީ ވަގުތު އޮންލައިން އިންނެވެ. އަދި ސަން އޮންލައިންއާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ރޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އެވޯޑް ދިން  ހުރިހާ ކެޓަގަރީއަކަށް “މިހާރު”ގެ ނޫސްވެރިން ނޮމިނޭޓްވިއިރު، ޖުމްލަ ފަސް ކެޓަގަރީއަކުން އެ ނޫހުގެ ނޫސްވެރިން ވަނީ އެވޯޑް ހާސިލްކޮށްފައެވެ.

“މިހާރު” އަށް އިނާމު ލިބުނީ އިޖުތިމާއީ ދާއިރާއިންނާއި ސިޔާސީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމުގެ ދާއިރާ އަދި ފޮޓޯގްރަފީގެ ދާއިރާ އިންނެވެ.

މީގެ ތެރެއިން ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމުގެ ދާއިރާ އިން އެވޯޑް ހާސިލްކުރީ “މިހާރު” ގެ ކުޅިވަރު ލިޔުންތެރިޔާ މުހައްމަދު ހަމްދޫންއެވެ. އަދި މި ދެ އެވޯޑާއެކު އޭނާ ވެގެން ގޮސްފައިވަނީ، ނޫސްވެރިކަމުގެ އިނާމުގެ ތާރީޚުގައި ވެސް ދެ ކެޓަގަރީ އަކުން އިނާމު ގެންދިޔަ ފުރަތަމަ ނޫސްވެރިޔާއަށެވެ.

އިޖުތިމާއީ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ މިހާރު ނޫހުގެ އާސިއަތު މުހައްމަދު ސައީދެވެ. އަދި އިޖްތިމާއީ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހާސިލްކުރީ ވީމީޑިއާގެ އައިމިނަތު އަމީނާ ނައީމް (އަނާ)އެވެ.

ސިޔާސީ ދާއިރާ އިން ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ “މިހާރު” ނޫހުގެ ފަޒީނާ އަހުމަދެވެ. ބްރޯޑްކާސްޓިން ކެޓަގަރީން އެ ދާއިރާއިން އިނާމު ހާސިލްކުރީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމެވެ.

ފީޗާ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހޯދީ ރާއްޖެެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަންއެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގެ ޕްރިންޓް އަދި ގާނޫނީ ދާއިރާގެ އެވޯޑް “އަވަސް” ނޫހުގެ ނާޒިމް ހަސަން އަށް ލިބުނުއިރު، ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން އެވޯޑު ހާސިލް ލިބުނީ ވެސް “އަވަސް” ނޫހުގެ މުހައްމަދު އަފްރާހަށެވެ.

ފޮޓޯގްރަފީގެ ދާއިރާއިން އެވޯޑް ހާސިލްކުރީ “މިހާރު” ނޫހުގެ ހުސައިން ވަހީދެވެ.

ރޭގެ ރަސްމިއްޔާތުގައި، ކުޅިވަރުގެ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީ އަދި ވީޑިއޯގްރަފީ ދާއިރާއަށް ކުރިމަތިލި ނޫސްވެރިންގެ ތެރެއިން އެކަށީގެންވާ ވަރަށް އެއްވެސް މީހަކަށް މާކުހެއް ލިބިފައި ނުވުމުން އެވޯޑް ދީފައެއް ނުވެއެވެ.

މަޝްވަރާ އާއި ބަހުސުގެ ތެރެއިން ތަފާތުވުންތަކަށް ހައްލު ހޯދަން ޖެހޭ: ރައީސް

މަޝްވަރާ އާއި ބަހުސުގެ ތެރެއިން ތަފާތުވުންތަކަށް ހައްލު ހޯދަން ޖެހޭ ޖެހޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެންވެސް އެކުގައި ޑިމޮކްރެޓިކް ވުޒާރާތައް ބާރުވެރި ކުރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި މިކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، މަޝްވަރާ އާއި ބަހުސުގެ ތެރެއިން ނަމަވެސް ތަފާތުވުންތަކަށް ހައްލު ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޑޭ އަކީ 2007 ވަނަ އަހަރު އދ ގެ ޖެނެރަލް އެސެންބްލީން ފާސް ކުރެވިގެން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ޑިމޮކްރަސީގެ އުސޫލުތައް ހިފެހެއްޓުމެވެ.