އަހިވައް: ގިނަ ފައިދާތަކެއް، އެކަމަކު ގިނައިން ބޭނުން ކުރުމުން ގެއްލުން ބޮޑު

އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ. މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ.

• ހަންގަނޑަށްކުރާ ފައިދާ: އަހިވައް ފުރަތަމަ ފާހަގަވެގެންދިޔައީ ހަމުގެ ބަލިތަކަށް ފަރުވާކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން އަހިވައް ގަހުގެ ބައިތައް ކަމުގައިވާ އަހިވައް، ފަތް، ތޮށި،މާ، މޫ، ފަދަ ބައިތައް ބޭނުންކޮށްގެން ފާރުގަނޑު، އެތެރޭގައި ހެދޭ ފާރު، މުލިހި، ދިއްގޮނޑި، އަނގައިގެ ފާރު، ފަންގަސްގެ ޖަރާސީމް އެޅުން، ދަދު، ބޮލުގެ ހަމުގެ ބަލިތަކަށް ފަރުވާކޮށްފައި ވެއެވެ.

މީގެ އިތުރުން އަހިވައް ޖޫހަކީ ޝޭމްޕޫ އެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި އެގޮތަށް ބޭނުންކުރުމުން އިސްތަށިތައް ވަރުގަދަވެ، ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދެއެވެ.

• ދިފާޢީ ނިޒާމަށްކުރާ ފައިދާ: އަހިވައް ޖޫހުގައި ދިފާޢީ ބާރު ރަގަޅުކޮށްދޭ ޚާއްޞިއްޔަތެއް ހުރެއެވެ. ދިރާސާތައް ބުނާގޮތުގައި ގަވާޢިދުން އަހިވައް ފަނި ބުއިމަކީ ލޭގެ ހުދު ސެލްތައް އުފެއްދުން އިތުރުކޮށް ރަގަޅުކޮށްދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބަލިތަކުން ދިފާޢުވުމުގެ ބާރު އުފެދެއެވެ.

މީގެ އިތުރުން ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް އަހިވައް ފަނީގައި ބައެއް ހާލަތްތަކާއި ގުޅިގެން ހުރެއެވެ. އެގޮތުން ހުޅުތައް ދުޅަވުމާއި، ގައުޓް، މުލިހި، ބުރަކަށީގައި ރިހުން، އަދި އުރަމަތި ދުޅަވެދޮސްގަތުން ފަދަ ޙާލަތްތަކުގައި މިބުނި ބާރު މަސައްކަތް ކުރެއެވެ.

• ނޭވާލާ ނިޒާމަށްކުރާ ފައިދާ: ނޭވާލާ ނިޒާމަށް ޖެހޭ އާންމު ބަލިތައް ކަމަށްވާ، އަރިދަފުސް ރޯގާ، ކެއްސުމާއި ކަރުތެރެ ހަލާކުވުން، އެލާރޖީ، އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް އަހިވައް ބޭނުންކޮށްގެން ލުއިކަން ހޯދައިދެވިދާނެއެވެ.

• ހަޖަމުކުރާ ނިޒާމަށްކުރާ ފައިދާ: ގަވާއިދުން އަހިވައް ފަނި ބުއިމަކީ ހަޖަމުކުރުން ރަގަޅުކޮށްދޭ ކަމެކެވެ. މިކަން މިގޮތަށް ހިނގަނީ:-
o ހަޖަމުކުރުމުގައި ބައިވެރިވާ ދިޔަތައް މައިދާ އަދި ގޮހޮރަށް ދޫކުރާތީ
o ފިތުން ބައިލް ދައުރުވުމަށް ބާރުއަޅާތީ
o ގޮހޮރުގެ ހަރަކާތް އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދާތީ
– މީގެ އިތުރުން ވެސް ހަޖަމުކުރުމުގެ ނިޒާމާއި ގުޅުންހުރި މައްސަލަތައް ކަމުގައިވާ، ބަނޑުހިކުން، ބޭރަށްހިންގުން، މޭނުބައިކުރުން، ހޮނޑުލެވުން، ގޮހޮރުގެ ފާރު، ކާނާއަށް ވިހަވުން، ބަނޑުގައި ރިހުން، އަދި ޑިސެންޓްރީ ފަދަ ބޭރަށް ހިންގުމުގެ ވައްތަރު ތަކަށް ފަރުވާކުރުމަށް ވެސް އަހިވަކުގެ ބޭނުން ހިފައެވެ.

އަދި މިއީ ގޮހޮރުގައި ހުންނަ ޕެރަސައިޓް ތައް މަރާލާ އެއްޗެކެވެ. ރީނދޫވުމާއި، ފުރަމޭގެ ބަލިތަކުގައި ވެސް އަހިވައް ބޭނުންކުރެއެވެ.

ސަމާލުކަމަށް : އަހިވަކުގައި ޞިއްޙީ އެތައް ފައިދާތަކެއްވި ނަމަވެސް ގިނައަދަދަކަށް އެއްފަހަރާ ބޭނުންކުރުމުން ގެއްލުންވުމަކީ ވެދާނެ ކަމެކެވެ. އެގޮތުން ބަނޑުގައިރިހުން، ބޭރަށްހިންގުން، ބަނޑުހިކުން، ވައިބޭރުވުން، މައްސަރުގައި މާގިނައިން ލޭއައުން، ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން އަހިވައް ކެއުމުގައި ސަމާލުވުން މުހިއްމެވެ.

އުމުރުން ދުވަސްވާ ވަރަކަށް ފަލަވަނީ ކީތްވެގެންކަން އެނގޭތަ؟

ވަރަށް ގިނަ ބަޔަކު ކުރާ ޝަކުވާއެއް އޮވެއެވެ. އެއީ އުމުރުން ދުވަސްވާ ވަރަކަށް މީހާގެ ގައިގައި މަސްޖަހާ ފަލަވާ ވާހަކައެވެ. ނަމަވެސް މިއީ ކިހިނެތްވާ ކަމެއް ކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ.

ގިނަ ބަޔަކު ކުރަމުންދާ މިސުވާލަށް މިހާރު މިވަނީ ޖަވާބެއް ހޯދާފައެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން ދުވަސްވާ ވަރަކަށް އެއްވަރެއްގައި ކެޔުން ބެހެއްޓި ކަމުގައި ވީނަމަވެސް މީހާ ފަލަވަނީ ހަށިގަނޑުގައި ހިމެނޭ ފެޓް ސެލްގެ ބާރު ދައްވާތީއެވެ.

ފެޓް ސެލްއަކީ ހަށިގަނޑަށް އެތެރެވާ ފެޓްގެ ބައިތައް ހަށިގަނޑުގެ ތެރެއަށް ގަރުގު ކުރުމަށް އެހީތެރިވާ މާއްދާއެކެވެ. ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް މިމާއްދާތަކުގެ ބާރު ކެނޑެއެވެ. އެހެންވެ ހަށިގަނޑުގައި ފެޓްގެ މާއްދާތައް އިތުރުވެއެއެވެ.

މިހެންކަމުން އުމުރުން ދުވަސްވާ ވަރަކަށް ކުރާ ކަސްރަތުގެ މިންވަރު އިތުރު ކުރަން ޖެހެއެވެ.

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކަޅުސައި ވަރެއްނެތް

ހޮލެންޑްގައި ކުރި ދިރާސާއަކުން ދައްކާގޮތުން ކަޅު ސައި ނުބޯ މީހުންނާއި އަޅާކިޔާއިރު އާންމުކޮށް ދުވާލަކު ދޭއް ނުވަތަ ތިން ތަށި ސައިބޮއެ އުޅޭ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށްވެއެވެ. މީގެއިތުރުން އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ހިތާއި ގުޅިފައިވާ ލޭހޮޅިތައް ހަލާކު ވެގެންދާ ބަލި ހުންނަ މީހުން ކަޅު ސައި ބުއިމުން އެ ލޭހޮޅިތައް ކުރިން ހުރި ހާލަތަށް އިއާދަވުމަށް އެހީތެރިވެދެއެވެ.

ކަޅު ސައިގައި ހިމެނޭ އެންޓި އޮކްސިޑެންޓް މާއްދާއަކީ އުމުރުން ދުވަސް ވުމުން ކުރިމަތިވާ އުދަނގޫތަކާއި ވައި ނުސާފުވުން ދިމާވާ ކަންތައްތަކުން ހިމާޔަތްވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އެގޮތުން ކޮފީ އަށްވުރެ ސައިގައި ކެފެއިން ހުންނަ މިންވަރު މަދެވެ.

އެގޮތުން އަށް އައުންސް ކޮފީ ބޭނުންކޮށްގެން ތައްޔާރުކުރާ ކޮފީ ޖޯޑެއްގައި 135 މިލިގްރާމްގެ ކެފެއިން އެކުލެވޭ ކަމަށް ދިރާތަކުން ހޯދިފައިވާއިރު ހަމަ މިވަރުގެ ސައި ތައްޓެއްގައި ކެފޭއިން ހުންނަނީ 30 ނުވަތަ 40 މިލިގްރާމްއެވެ. ކޮފީ ބުއިމުން ބޯ އެބުރުން، ބޮލުގައި ރިހުން، ނިދިނައުން ކުރިމަތިވާނަމަ ކޮފީ ބުއިން ހުއްޓާލުމަށްފަހު ސައިބޯން އާދަ ކުރެވިދާނެއެވެ.

ސައި ބުއިމަކީ ލޭހޮޅި ތަކުގައި ލޭގަނޑުކޮޅު އުފެދުނަނުދީ ލޭ ހޮޅިތައް އޮމާންކަން މަތީ ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެއިތުރުން ސައި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި އެހީތެރިވެދެއެވެ. ހަށިގަނޑު އިންފެކްޝަނާއި ހަގުރާމަ ކުރުމުގެ އެހީތެރިއަކަށް ސައި ވަނީ ވެފައެވެ.

ދިރާސާއެއް ހެދުމަށް 21 މީހުން ހަތަރު ހަފްތާ ވަންދެން ކޮންމެ ދުވަހަކު ފަސް ތަށި ސައި ބޭނުންކުރިއެވެ. އެއަށްފަހު އެމީހުންގެ ދިފާއީ ނިޒާމް މަސައްކަތް ކުރާ ގޮތް ބެލިބެލުމުން އެނގުނީ އެ މީހުންގެ ދިފާއީ ނިޒާމްގެ މަސައްކަތް އާދަޔާ ޚިލާފަށް ރަގަޅުވެފައިވާ ކަމެވެ.

އެހެން ދިރާސާއަކުން ދައްކާގޮތުގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވެސް ކަޅުސައި ވަރެއްނެތެވެ.

އެގޮތުން، އަވިން ފިހުން އަދި ހަމުގެ ކެންސަރު މިންޖުވެ ހުރުމަށް ކަޅުސައިގައި އެކުލެވޭ މާއްދާއެއް އެހީތެރިވެދޭއިރު އެމެރިކާގެ އެރިޒޯނާ ޔުނިވަސިޓީން ކުރި ދިރާސާއަކުން ހާމަކޮށްފައިވާ ގޮތުގައި ހޫނުކޮށް ހުންނަ ކަޅުސައި ބުއިމަކީ ”ސްކްއޭމަސް ސެލް ކާސިނޯމާ”އޭ ކިޔޭ ކެންސަރުގެ ބާވަތެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ތިއުޅެނީ ރޭގަނޑު ނުނިދޭތީތަ؟ ކުޑައިރު ބަސްނޭހީމާ ކަމަށް ވެދާނެ

ނުނިދިގެން އެޝަކުވާ ކުރާ ވަރަށް ގިނަ ޒުވާނުން އުޅެއެވެ. ނަމަވެސް އެއީ ކީތްވެގެންތޯ އެއްފަހަރުވެސް ވިސްނާލިން ހެއްޔެވެ؟ ފަހަރެއްގައި ކުޑައިރު އުޅެވުނު ގޮތުން ކަމަށްވެސް ވެދާނެތާއެވެ؟

އޮސްޓްރޭލިޔާގެ ދައޮސްޓްރޭލިޔަން ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، އުމުރުން 16 އަހަރު ވާއިރު ބަސްނާހާ އުޅޭ ކުދިންނަށް ވެސް އެކުދިންގެ މައްސަލަތައް ހުރި ނިސްބަތަކުން އުމުރުން ދުވަސްވުމުން ނިދުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ

މިދިރާސާ ހެދުމަށް 25،000 ކުދިން ބައިވެރިކޮށްފައި ވެއެވެ. މި ކުދިން ވަރަށް ކުޑައިރުއްސުރެ އުމުރުން 42 އަހަރު ވަންދެން ދިރިއުޅުފައިވާ ގޮތުގެ މައުލޫމާތު ސައިންސްވެރިން ވަނީ ހޯދާފަ އެވެ. މި މައުލޫމާތުތަކަށް ބަލައި ސައިންސްވެރިން ބުނަނީ ފަސް އަހަރުގައި ވަރަށް ބަސްނާހާ އުޅެފައިވާ ކުދިން އުމުރުން ދުވަސްވުމުން ނިދަން އުނދަގޫވު މިންވަރު 40 ޕަސެންޓް އިތުރު ކަމަށެވެ.

ނިދަން ދަތިވާ މައްސަލަ ހުންނަ ކަމަށް ބަލަނީ ރޭގަނޑު ރަނގަޅަށް ނުނިދި އިރުއިރުކޮލާ ހޭލެވި އަލުން ނިދަން ދަތިވުމަށެވެ. އިރުކޮޅަކު ނިދާލެވުނަސް ހޭލެވޭއިރު ހަށިގަނޑަށް އެއްވެސް އަރާމެއް ނުލިބި ވަރުބަލިކަން އިހްސާސް ކުރެވުމަކީ ވެސް ނިދުމުގެ މައްސަލަތައް ހުންނަ މީހުންނަށް ދިމާވާ ކަމެކެވެ.

މިސިފަތައް ހުންނަ މީހުންގެ ވިސްނުންތޫނު: ދިރާސާ

ދުނިޔޭގައި އުޅޭއިރު، ވިސްނުމުގެ ގޮތުން އެކި ފަންތީގެ މީހުންނާ ދިމާވެއެވެ. ނަމަވެސް މިވެނި މީހަކީ މިވެނި ވަރަކަށް ވިސްނުންތޫނު މީހެކޭ ބުނެވޭނެ ގޮތެއް ނޯވެއެވެ. ބުނަން މިއުޅޭ ވާހަކައަކީ ވިސްނުންތޫނު މިންވަރު ދެނެގަނެވޭނެ ގޮތެއް ނޯވެއެވެ. ވިސްނުންތޫނު މިންވަރު ދެނެގަނެވޭ ހަމައެކަނި ގޮތަކީ ވަކި ޓެސްޓެއް ނެތުމެވެ. އިންޓެލިޖެންސް ކޯޓެން ނުވަތަ އައިކިއު ޓެސްޓް ހެދުމެވެ.

ޔުނިވަރސިޓީ އޮފް މަނޯސާއިން ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން ތިރީގައިވާ ސިފަތައް އެމީހެއްގެ ގައިގައި ހަރުލާފައި ހުރި ނަމަ، އެމީހަކީ ވިސްނުންތޫނު މީހެކެވެ.

ރޭގަނޑު ލަހުން ނިދުން

ކުޑައިރު ނުނިދައިގެން މަންމަ ނުވަތަ ބައްޕަ ހަޅޭލެވި ހަނދާން ވޭހެއްޔެވެ؟ މިގޮތަށް ކަންތައް ވެފައިވާނަމަ މަރުޙަބާއެވެ. ދިރާސާއިން ދައްކާ ގޮތުގައި ލަހުން ނިދާނަމަ ތިމާގެ ވިސްނުން ރަނގަޅުވާނެއެވެ. ވަކިން ޚާއްސަކޮށް ކުޑައިރުން ފެށިގެން މިއާދަ ހިފަހައްޓާނަމައެވެ.

ލިޔުން ހަޑިވުން

މިދިރާސާއިން ދައްކާގޮތުގައި ލިޔުން ހަޑި މީހުންނަކީ ވިސްނުން ރަނގަޅު މީހުންނެވެ. މިގޮތުން މިމީހުންގެ ވަގުތު އަކުރު ތަކުގެ ބައްޓަން ރީތި ކުރުމަށް ހުސްކުރުމުގެ ބަދަލުގައި, މިފަދަ މީހުންގެ މަސައްކަތަކީ އެކަންކަމާމެދު ވިސްނުމެވެ.

އަނބިމީހާގެ ފަރާތުން މި ސިފަތަށް ފެންނަނަމަ ފިރިން ވަރަށް އަވަހަށް ފޫހިވެދާނެ!

ލޯތްބަކީ ދެ މީހުން ގުޅުވައިދޭ ވަރުގަދަ ގުޅުމަކަށްވާއިރު ލޯތްބާއި ނުލާ ދެ މީހަކަށް ކާމިޔާބެއް ނުލިބޭނެއެވެ. އަދި ދިރިއުޅުމެއް ވެސް ނުލިބޭނެއެވެ. ދެ މީހުންގެ ދެމެދުގައި އުފެދިފައި އޮންނަ ގުޅުމަށް ލޯތްބޭ ކިޔަނީ އެ ލޯބީގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށެވެ.

ނަމަވެސް ބައެއް ފަހަރު ބައެއް މީހުންގެ މެދުގައި އުފެދިފައިވާ ލޯބީގެ ސިފަތަކަކީ ބާރުގަދަކޮށް ދެ މީހުން ގާތްކޮށްދޭ ސިފަތަކަށްވާއިރު އަނެއްބައި ސިފަތަކަކީ އެކަކު އަނެކަކު ދުރުކޮށް ފޫހިކުރުވާ ސިފަތަކެވެ.

މިސާލަކަށް މާބޮޑަށް ކަންނެތްވެ ގޭތެރޭގެ މަސައްކަތްތަކާއި ފިރިމީހާގެ މަސައްކަތަށް ފަރުވާކުޑަކުރާނަމަ ނުވަތަ ދަރިންގެ ކަންތަކުގައި ފަރުވާ ކުޑަކޮށް އަޅާނުލާނަމަ ފިރިން ވަރަށް އަވަހަށް ފޫހިވެދާނެއެވެ.

އަދި ހަރާކާތްތެރިކަން ކުޑަކޮށް މަސައްކަތް ނުކޮށް އަބަދު އޮށޯވެ އޮތުމަކީ ވެސް ފިރިން ވަރަށް އަވަހަށް ފޫހިވެ ލޯބި ދުރުވެދާނެ ކަމެކެވެ. ހަމައެއާއެކު ސާފުތާހިރު ކަމަކީ ކޮންމެ މީހަކަށް ވެސް މުހިންމު ކަމަކަށްވާއިރު ފިރިން އަބަދު ވެސް އެ މީހުންގެ އަނބިން ގައިން މީރު ވަސް ދުވަން ބޭނުންވާނެއެވެ.

ގިނަ އަންހެނުންނަށް ބައެއް ފަހަރު ވާގޮތަކީ ގޭތެރޭގައި އުޅޭ ވަގުތުތަކުގައި ސާފުތާހިރު ކަމަށް ފަރުވާ ކުޑަކޮށްލެވެނީ އެވެ. ރީތި ވަނީ ހަމައެކަނި ބޭރަށްދާން ވީމަ އެކަންޏެވެ. ނަމަވެސް އަނބިން އެންމެ ޒީނަތްތެރިވެ ވަސްމީރު ކޮށްގެން ފަރިދެއްކެންވީ ފިރިން ކައިރީގައެވެ. އެއީ ލޯބި އިތުރުވާނެ ކަމެކެވެ.

އެހެންކަމުން މިދެންނެވި ކަންކަން ރަގަޅުކޮށްލުމަކީ ދެ މީހުންގެ ދެމެދުގައި އުފެދިފައި އޮންނަ ލޯބީގެ ގުޅުން އިތުރަށް ވަރުގަދަވެ ދެ މީހުންގެ ދިރިއުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ މުހިންމު ކަމެކެވެ. ބަދަލެއް ގެންނަން ވިސްނާލާށެވެ!

ސަމާލުވޭ! ޓްވިޓަރގެ ސީއީއޯގެ އެކައުންޓްވެސް ހެކްކޮށްލައިފި

ޓްވިޓަރއަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމްއެކެވެ. ދުވަހެއް ދުވަހަކަށް ދިވެހިންގެ ތެރޭގައި ޓްވިޓަރ މަޝްހޫރުވަމުން އަންނައިރު، މިހާރު މިވަނީ ޓްވިޓަރ ބޭނުން ކުރާ ފަރާތްތަކަށް ނުރައްކަލެއް ނުވަތަ ބިރުވެރި ކަމެއް އުފެދިފައެވެ. އެއީ ޓްވިޓަރ އެކައުންޓް ހެކްވެދާނެ ކަމުގެ ބިރެއެވެ.

މީގެ ދެ ދުވަހެއްވަރު ކުރިން ޓްވިޓަރގެ ސީއީއޯ އަދި ކޯ ފައުންޑަރ ޖެކް ޑޯޒީގެ އެކައުންޓަވަނީ ހެކްކޮށްލާފައެވެ. މިހާތަނަށް މިކަމުގެ ޒިންމާ އެއްވެސް ހެކްތަން ގްރޫޕަކުން ނަގާފައިނުވާއިރު، މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފައިވަނީ މިއީ ޓްވިޓަރއަކީވެސް ރައްކާތެރި ޕްލެޓްފޯމެއް ނޫންކަން ހާމަކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ޑޯޒީގެ އެކައުންޓް ހެކްކޮށްފައިވާއިރު، އެ އެކައުޓަކީ 4 މިލިޔަން އަށް ވުރެ ގިނަ މީހުން ފޮލޯ ކުރަމުން އަންނަ އެކައުންޓެކެވެ. މިއެކައުންޓް އިން ގިނަ ޓްވީޓްތަކެއް ކޮށްފައިވާއިރު، ޓްވިޓަރއިންވަނީ މިމައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއީ ޓްވިޓަރގެ ސެކިއުރިޓީގެ މައްސަލައެއް ނޫން  ކަމަށާއި ޓްވީޓްތައް ކޮށްފައިވަނީ ޑޯޒީގެ ފޯން ނަންބަރުގެ ޑުޕްލިކޭޓަކުން ކަމަށާއި ޓްވީޓްކޮށްފައިވަނީ އެސްއެމްއެސް މެދުވެރިކޮށްގެން ކަމަށެވެ. އަދި މިހާރު މިކަން ހައްލުކޮށްފައިވާ ކަމަށްވެސް ޓްވިޓަރ އިން ބުނެފައިވެއެވެ.

ޓްވިޓަރއަކީ 2006 ވަނަ ވުޖޫދަށް އައި ކުންފުންޏެކެވެ. އަދި މިއީ ބޮޑެތި ގިނަ ފަރާތްތަކަކުން ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމެއްކަން ފާހަގަކޮށްލެވެއެވެ.

ބޮލުގެ ރިހުމާއި ނިދިނައުންފަދަ މައްސަލަތަކަށް ހައްލު

ޗެރީ އަކީ އޭގައި ވިޓަމިންތަކާއި، މަޢުދަންތައް އެކުލެވޭ އަދި އެހެނިހެން ކާނާގެ މުހިއްމު ބައިތައް ގުދުރަތީގޮތުން އެކުލެވިފައިވާ އަގަޔަށް މީރު ފޮނި މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގަޔާއި، ޖޫސް ގިރައިގެންނާއި، ޖޭމު ހަދައިގެން ވެސް ޗެރީ ބޭނުން ކުރެއެވެ.

ޗެރީގެ ތެރޭގައި ފޮނިރަހަދޭ ޗެރީ އާއި، ހުތްރަހަދޭ ޗެރީ ހުރެއެވެ. ޗެރީއަށް އޭގެ ބޭރުގައި ހުންނަ މަޑު ރަތްކުލަ ލިބިފައިވަނީ އޭގައި ހުންނަ “އެންތޯސިއެނިން”ގެ މަތީ ތާސީރުގެ ސަބަބުންނެވެ.

ޗެރީން އިންސާނައަށް ލިއްބައިދޭ މުހިންމުއެއްމަދާއަކީ ހަށިގަނޑުގެ ނިދީގެ ބުރު ކޮންޓްރޯލްކުރާ ހޯރމޯން މިލެޓޯނިން އެކުލެވިފައި ވުމެވެ. އެކަމުގެ ސަބަބުން ނިދުމަށް، އެހީތެރިވެދޭނެ ކަމެކެވެ.

އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުން މިލެޓޯނިން އުފައްދަނީ ރޭގަނޑު ނުވަތަ އަދިރީގެ ތެރޭގައެވެ. އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުން އުފައްދާ މިލެޓޯނިންގެ ނިސްބަތް، ބޮކިއަލީގެ ސަބަބުން ދަށްވެގެން ދެއެވެ. އެހެން ކަމުން ރޭގަނޑު ރަގަޅަށް ނުނިދުމުންނާއި، މަސައްކަތުގައި އުޅެން ޖެހުމުގެ ސަބަބުން ގެއްލިގެންދާ މިލެޓޯނިންގެ މިންވަރު އަނބުރާ ހަށިގަނޑަށް ހޯދައިދޭން ޖެހެއެވެ.

މިލެޓޯނިންގެ މިންވަރު ދަށްވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތްކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. މިލެޓޯނިން އަށް “ސިކުނޑިއަށް ލޭފޮނުވުމުގައި ދިމާވާ ހުރަސް ކަނޑަތުކޮށް ސިކުނޑީގެ ތެރެއަށް ދިއުމުގެ ފުރުޞަތު ލިބެއެވެ.

ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށް، ވާޞިލްވެ، ސިކުނޑީގެ ސެލްތަކަށް ހަމަޖެހުން ގެނެސްދެއެވެ. މިއީ ބޮލުގެ ރިހުމާއި، ނިދިނައުން ފަދަ މައްސަލަތަކަށް، ލުއިކަން ގެނެސްދޭނެ ކަމެކެވެ.

އިސްތަށިގަނޑަށް ހޯދައިދެވޭ ތަބީއީ އެންމެ ރަގަޅު ކާނާ އަކީ ކާށި ތެޔޮ

ކާށި ތެލަކީ ކާށިން ތައްޔާރުކުރެވޭ ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ތަފާތު ވައްތަރުގެ އެއްޗެތި ކެއްކުމަށާއި، އަދި ގައިގައި އުގުޅުމަށާއި، މަސާޖުކުރުން ފަދަ ކަންތައްތަކުގައި ވެސް ކާށިތެޔޮ ބޭނުން ކުރެއެވެ.

ކާށިތެލަކީ އެފަދަ އެހެން ތެލުގެ ބާވަތްތަކާއި އަޅާބަލާއިރު އޭގައި ތަފާތު ޚާއްޞިއްޔަތުތަކެއް އެކުލެވޭ ތެލެކެވެ. ބައެއް ފަރާތްތަކުން ކާށިތެލަކީ އެންމެ ފައިދާހުރި ތެލުގެ ގޮތުގައި ވެސް ސިފަކޮށްފައި ވެއެވެ.

އިސްތަށިގަނޑަށް ހޯދައިދެވޭ ތަބީޢީ އެންމެ ރަގަޅު ކާނާ އަކީ ކާށި ތެލެވެ. އިސްތަށިތައް ދުޅަހެޔޮކަމާއެކު ބޮޑުކޮށްދީ، އެއަށް ސާފު ވިދާ އަލިކަމެއް ގެނެސް ދެއެވެ.

ގަވާޢިދުން ކާށިތެލުން ބޮލުގެ އިސްތަށިގަނޑު މަސާޖުކުރުމަކީ ބޮލުން ހަންފޮޅުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި އުކުނާއި ލީއެޅުން ކުޑަކޮށްދޭއިރު ކާށިތެލަކީ ހަލާކުވެފައިވާ އިސްތަށިތައް ރަގަޅުކޮށްދޭ އެކަށޭނަ ކޮންޑިޝަނަރ އެކެވެ. އެހެންކަމުން ހަލާކުވެފައިވާ އިސްތަށިތައް މަރާމާތުކުރުމަށް ބޭނުންވާ ޕްރޮޓީން ވެސް ކާށިތެލުން ފޯރުކޮށް ދެއެވެ. މީގެއިތުރުން  އިސްތަށިގަނޑުގެ ރައްކާތެރިކަމަށް ތައްޔާރުކުރެވޭ ވަރަށް ގިނަ އުފެއްދުންތަކުގައި ވެސް ކާށިތެޔޮ ބޭނުން ކުރެއެވެ.

ކާށި ތެލުގައި މައިގަނޑު ގޮތެއްގައި ހުންނަނީ މީޑިއަމް ޗެއިން ފެޓީ އެސިޑް އެވެ. އެންމެ އަސާސީ ފެޓީ އެސިޑް އަކީ ލައުރިކް އެސިޑް އެވެ. އޭގެ އިތުރުން ކެޕްރިކް އެސިޑް، ކެޕްރައިލިކް އެސިޑް، މިރިސްޓިކް އެސިޑް، އަދި ޕެލްމިޓިކް އެސިޑް ހިމެނެއެވެ.

މުޅި ދުވަހު ވަރުބަލިނުވެ ތާޒާކަމާއެކު ހުރުމަށް ޕީޗް

ތަފާތު މައުދަންތަކުގެ އިތުރުން ވިޓަމިންގެ ގިނަ ބާވަތްތަކާއި ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ ޕީޗްއަކީ ހަމުގެ ޓިޝޫތަކަށް ބޭނުންވާ ކާނާ ފޯރުކޮށްދީ، ހަމުގެ ޓިޝޫތައް އާ ކޮށްދިނުމަށް ވެސް އެންމެ މުހިންމު މޭވާ އެކެވެ.

އެގޮތުން މޫނުގައި ޕީޗް ޖޫސް އުނގުޅުމުން މޫނު ސާފުވެފައި ތާޒާ ކޮށްދެއެވެ. އަދި ދުވަހުގެ ވަގުތު ތަކުގައި މާޔޫސްކަމާއި ވަރުބަލިކަން ކުރިމަތިވެފައިވާ މީހުންނަށް ޕީޗްގައި އެކުލެވޭ ހަކުރާއި ކާބޯހައިޑްރޭޓްގެ މިންވަރުގެ ސަބަބުން ތާޒާކަމާއި ބާރު ގެނެސް ދެއެވެ. ޕީޗްގައި ފޮސްފަރަސް އެކުލެވޭތީ ނާރު ސެލްތަކަށް ލިބޭ ގެއްލުމުން ސަލާމަތް ކުރުމަށް އެހީއަކަށްވެއެވެ. ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކަށް ޕީޗް ބޭނުން ކޮށްގެން ފަރުވާ ކުރެއެވެ.

އޭގެ އިތުރުން ޕީޗް ފަތް ނުވަތަ މާ ބޭނުން ކޮށްގެން ތައްޔާރުކުރާ ސަޔަކީ ކެއްސުން ލުއިކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ހެނދުނުގެ ސައިގެ ބަދަލުގައި ޕީޗް ބޭނުން ކުރުމަކީ ގޮހޮރާއި ފުރަމޭގެ މަސައްކަތްތައް ރަނގަޅަށް އިންތިޒާމް ކޮށްދޭ ކަމެކެވެ. އަދި މިއީ ލޭގެ އެލްކަލަނައިޒޭޝަން އެއް ހަމައެއްގައި ހިފަހައްޓައިދޭ ކަމެކެވެ. އެހެންކަމުން ކުޑަކަމުދާ ނިޒާމްގެ ބައިތަކުގައި ހިލަ އުފެދިއްޖެނަމަ، ގަވާއިދުން ޕީޗް ކެއުމަކީ އެދެވިގެންވާ ކަމެކެވެ.

ސޯޑިއަމް ގިނަވެ، ޕޮޓޭސިއަމް މަދުވުމަކީ ލޭ މައްޗަށް ގޮސް، ހާޓް އެޓޭކް ޖެހުން އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުކުރުވާ ކަމެކެވެ. ޕީޗަކީ އޭގައި ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ.

މި ސަބަބާހުރެ ޕީޗް ބޭނުން ކުރުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި ލޭމައްޗަށް ދިއުމާއި ގުރުދާގެ ބަލިތަކާއި އަދި ލޭ މަދުވުމުން ސަލާމަތް ވުމަށް މުހިއްމު ކަމެކެވެ. އަދި މީގެ އިތުރުން ޕީޗުގައި ޑައެޓްރީ ފައިބަރު ހުރުމަކީ ލޭގެ ސަރުބީގެ މިންވަރު ދަށް ކުރުމުގައި ވެސް އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން ޕީޗަކީ ގިނަ އަދަދަކަށް ޑައެޓްރީ ފައިބަރު އެކުލެވޭ މޭވާ އެކެވެ. ފައިބަރު ގިނައިން ބޭނުން ކުރުމަކީ ހަޖަމުކުރުން ފަސޭހަވެ، ބަނޑުހިކުން ރަނގަޅު ކޮށްދޭ ކަމެކެވެ. ޑައެޓްރީ ފައިބަރަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީ ގޮހޮރުގެ ފާރުގައި ހުންނަ ވިހަތައް ސާފު ކޮށްދޭ އެއްޗެކެވެ. އަދި ބަނޑުގެ ރިހުން ކަނޑުވާލުމަށް ވެސް ޕީޗްގެ ބޭނުން ހިފައެވެ.

ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ރައްކާތެރިވާނީ ކިހިނެތް؟

ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަމަކީ ގިނަ ފަހަރު ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކެއްގެ ސަބަބުން ކުރިމަތި ވެދާނެ ކަންތައްތަކެވެ. އެހެންކަމުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ރައްކާތެރިވުމަށް އެންމެ މޮޅު އެއް ގޮތަކީ އެފަދަ ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަންތައްތަކާއި ދުރުހެލިވުމެވެ.

މިގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރުން، ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން އަދި ބަރާބަރަށް ކަސްރަތު ކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. އަދި ކެއުމުގައި ލޮނު ބޭނުން ކުރުން މަދު ކުރުމަކީ ވެސް އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން ލޭގެ ޕްރެޝަރާއި ހަށިގަނޑުގައި ހަކުރު ހުރި މިންވަރާއި ކޮލެސްޓުރޯލް ހުރި މިންވަރު ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައިގެން ޗެކް ކުރުން ވަރަށް މުހިންމެވެ.

އެއީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް އަދި ހަކުރުބަލި (ޑައިބެޓިކްސް)އަކީ ރަނގަޅު މިންވަރެއްގައި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހަށިގަނޑުގެ ނާރުތަކާއި ގުނަވަންތަކަށް އެކަމުގެ ވޭން ފަހުން ތަހައްމަލު ކުރަންޖެހިދާނެ ކަމެކެވެ. އެހެންކަމުން އެއިން އެއްވެސް ކަމެއް ތަބީއީ ނޫން ސިފައެއްގައި ވާނަމަ އެކަމަށް ލަސްނުކޮށް ފަރުވާ ހޯދުމަކީ ބުއްދި ވެރިކަމެކެވެ.

އަދި ހަފްތާއަކު ތިނެއް ނުވަތަ ހަތަރު ދުވަހު އެންމެ މަދުވެގެން 30 ވަރަކަށް މިނިޓް ކަސްރަތު ކުރަން އާދަކުރާށެވެ. ހަށިގަނޑު މާބޮޑަށް ބަރުހެލި ވިޔަ ނުދޭށެވެ. ”ބޮޑީ މާސް އިންޑެކްސް” ހުންނަން ވާނީ 18.5 އާއި 25 އާ ދެމެދުގައެވެ.

އާއިލާ އެކުގައި ކާނަމަ ދަރިންގެ އުޅުމަށާއި ސިއްހަތަށް ގިިނަަ ފައިދާއެއް ކުރޭ

ދިވެހި އާއިލާތަކުގެ ތެރޭގައި އެކުގައި އެއް ސުފުރާމަތިން ކައި އުޅޭތަން ވަރަށް ވެސް ނުފެނެއެވެ. ހުކުރު ދުވަސް ނުވަތަ އާއިލީ ކޮންމެވެސް ހާއްސަ ދުވަހެއް ފާހަގަކުރުމަށް އެކުގައި އެއް ސުފުރާ މަތިން ކައި ނޫޅޭ ވާހަކައެއް ނޫނެވެ. މިހެން ގިނަ ފަހަރު ވަނީ ވެސް ދިރިއުޅުމުގައި އުޅެންޖެހޭ ބުރަކަމާއެކު އެކުގައި ކާލަން ވަގުތު ނުލިބުމެވެ.

ނަމަވެސް ދިރިއުޅުމުގެ ބުރަ ކަމުގެ ތެރެއިން ވެސް އާއިލާއާއެކު އެއް ސުފުރާމަތިން ކެއުމަކީ އެއްގޮތަށްވުރެ ގިނަ ގޮތުން ފައިދާތަކެއް ހުރި ކަމެއްކަން އެނގޭ ހެއްޔެވެ؟

ފުޑް އެންޑް ނިއުޓްރިޝަންސް ޕްރޮފެޝަނަލްސް އެންމެ ގިނަ އެމެރިކާގެ ޖަމިއްޔާ، އެކެޑެމީ އޮފް ނިއުޓްރިޝަން އެންޑް ޑައިބެޓިކްސްގެ ޑައިޓީޝަން ނިއުޓްރިޝަނިސްޓް އަދި އެ އެކެޑަމީގެ ތަރުޖަމާން ކްރިސްޓެން ގްރެޑްނީ ވިދާޅުވާ ގޮތުގައި، އާއިލާ އެކުގައި ކެއުމަކީ ކުދިންނަށް ސިއްހަތު ރަނގަޅު ކާނާ ކެއުމަށް ބާރު އަޅާ ކަމެކެވެ.

“ދިރާސާ ތަކުން ދައްކާގޮތުގައި ގަވާއިދުން އެކުގައި ކައި އުޅޭ އާއިލާތަކުގެ މެދުގައި ގިނައިން މޭވާ އާއި ތަރުކާރީ އަދި ފައިބަރު ހުންނަ ކާނާ ކެއުން އިތުރުވެ ތެލުލި ކާނާ ކެއުން މަދުވޭ،” ގްރެޑްނީ ވިދާޅުވިއެވެ.

“އާއިލާއެކުގައި ކާނަމަ ކެއުމަށް ހުންނަ އޮށްޓަރު ރަނގަޅު ކާނާގެ ސަބަބުން އާ ކެއުންތައް ތަޖުރިބާކުރަން ކުދިން ބޭނުންވެ، އެ ކުދިނގެ ސިއްހަތާއި ބަރުދަން ވެސް ރަނގަޅު ކޮށްދޭ،”

އޭގެ އިތުރުން އާއިލާ އެކުގައި އެއް ސުފުރާ މަތިން ކާނަމަ އާއިލާ ތެރޭގައި އޮންނަ ގުޅުން ވެސް ވަރުގަދަކޮށްދީ ބަދަހި ކޮށްދޭ ކަމަށް ގްރެޑްނީ ވިދާޅުވިއެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ވަގުތުގައި އާއިލާ ތެރޭގައި ވާހަކަދެއްކުން އިތުރުވުމެވެ. އަދި އެފަދަ ވަގުތުތަކުގައި ކުޑަކުދިން އެ ކުދިންގެ އިހުސާސްތައް ވެސް ހިއްސާކުރަން ފަސޭހަވެ، އެކުދިންގެ އަހުލާގު ވެސް ރަނގަޅު ކުރަން ބާރު އެޅި، ސްކޫލުގައި ހޯދާ ނަތީޖާ ވެސް ރަނގަޅު ވެގެންދާ ކަމަށް ގްރެޑްނީ ވިދާޅުވިއެވެ.

ހަލާކުވާ ތަންތަން އަވަހަށް ރަނގަޅުކޮށް ދޭ ބައެއް ކާނާ

އަނިޔާއެއް ވެގެން، ތަންތަން ހަލާކުވުމުން ޑޮކްޓަރު ބޭސް ބޭނުންކުރި ނަމަވެސް އެތަން ރަނގަޅުވާން ދުވަސް ނަގާނެ އެވެ. ނަމަވެސް ޕްރޮޓީންސް، ވިޓަމިން ސީ އަދި ޒިންކު ހިިމެނޭ ކެއުންތަކުން ހަލާކުވެފައިވާ ހުންނަ ތަންތަން އަވަހަށް ފަސޭހަ ކޮށްދެއެވެ.

އޭގެ ތެރެއިން ވެސް ޕްރޮޓީންސް ގިނައިން ހިމެނޭ ކެއުންތަކުން ހަލާކުވެފައި ހުންނަ ތަންތަން އަވަހަށް ފަސޭހަ ކޮށްދޭ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކައެވެ. އެއީ ޕްރޮޓީންސް އަކީ އާ ހަމާއި ޓިޝޫ އުފައްދައިދީ ހަންގަނޑުގެ ދުޅަހެޔޮ ކަމާއި ހަށިގަނޑުގެ މަސްތަކުގެ ވަރުގަދަކަން އިތުރުކޮށްދޭ މާއްދާ އެކެވެ.

ތޮޅި

ތޮޅިއަކީ ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވޭ ތަރުކާރީއެކެވެ. އޭގައި ހިމެނޭ ޕްރޮޓީންސްގެ ސަބަބުން ހަލާކުވާ ތަންތަނުގައި އުފެދޭ ނުރަނގަޅު ބެކްޓީރިއާތަން ނައްތާލަ އެވެ. އޭގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންނަށް ވެސް މިއީ އެއްވަނައިގެ ހައްލެކެވެ. ކާލަން ވެސް މީރު ތޮޅިއަކީ ކޮންމެ ކާ ވަގުތަކަށް ވެސް ރަނގަޅު ތަރުކާރީއެކެވެ. އެގޮތުން ފެނު ކައްކައިގެން ނުވަތަ ޕާސްތާ ފަދަ އެއްޗެހި ތައްޔާރުކުރާއިރު ވެސް ތޮޅި އަޅުން ރަނގަޅެވެ.

ބަދަން

ތޮޅިއެކޭ އެއްގޮތަށް އެކި ކަހަލަ ބަދަނަކީ ވެސް ޕްރޮޓީންސް ގިނަ އަދަދަކަށް ހުންނަ އެއްޗިއްސެވެ. އެގޮތުން ޕީނަޓްސް، ކެޝޫސް އަދި އެލްމަންޑަކީ ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވޭ ބަދަނުގެ ވައްތަރުތަކެވެ. އާންމު ދިރިއުޅުމުގައި އުޅޭއިރު ޗިޕްސް ފަދަ އެއްޗެހި ކެއުމުގެ ބަދަލުގައި ތިމާ އިހްތިޔާރު ކުރާ ވައްތަރެއްގެ ބަދަނެއް ކާލުން ރަނގަޅެވެ.

ބިސް

ބިހުގައި ޕްރޮޓީންސްގެ އިތުރުން ވިޓަމިން ބީ2، ބީ6 އަދި ބީ 12 ހިމެނެ އެވެ. އަދި ވިޓަމިން ޑީ އާއީ އަޔަން އަދި މިނަރަލްސް ހިމެނޭ ބިސް، ގިނައިން ކާނަމަ ކާންވާނީ ބިހުގެ ހުދުބަ އެވެ.

އެއީ ބިހުގެ ގޮބޮޅީގައި ފެޓް އެކުލެވޭ މިންވަރު ގިނަ ވުމުން ހިތާ ގުޅުންހުރި ސިއްހީ މައްސަލަތައް ދިމާވުމަށް މެދުވެރިވެދާނެތީއެވެ. ތަނެއް ހަލާކުވެއްޖެނަމަ ކޮންމެ ދުވަހަކު 2 ނުވަތަ 3 ބިސް ކާނަމަ އަވަހަށް އެތަނެއް ރަނގަޅުވާ ކަމަށްވެ އެވެ.

ކިރު

ހަށިގަނޑު ވަރުގަދަ ކޮށްދޭން ބުއިން އެންމެ ރަނގަޅު އެއްޗަކީ ކިރެވެ. ތިމާއަކީ ގެރީގެ ކިރު ނުބައި މީހެއް ނަމަ ޕްރޮޓީންސް އިން މުއްސަނދި އެހެން ވައްތަރެއްގެ ކިރެއް އިހްތިޔާރު ކުރެވިދާނެއެވެ. އެގޮތުން ސޯއީ މިލްކު، އެލްމަންޑް މިލްކު އަދި ކާށި ކިރަކީ ވެސް ޕްރޮޓީންސް ގިނަ ދިޔާ އެއްޗިއްސެވެ.

މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ހޫނުއިހްސާސްވަނީ މިހެންވެ

މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ހޫނުވުމަކީ އާންމު ކަމެކެވެ. ބަލިވެއިންނަ ކޮންމެ 3 އަންހެނުންގެ ތެރެއިން އެއް އަންހެނަކަށް ހޫނުވުމުގެ މައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ހޫނުވުން ބޮޑަށް ކުރިމަތިވަނީ ރޭގަނޑުގައި ކަން ފާހަގަ ކުރެވެއެވެ. ހަށިގަނޑަށް ހޫނުކަން އިހުސާސްވުން އާންމުގޮތެއްގައި އިތުރުވަނީ މާބަނޑުވުމަށްފަހު ފަހު 6 މަހުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ. ވިހެއުމަށްފަހު ގާތުންދޭ ދުވަސްވަރު ވެސް ބައެއް މީހުންނަށް މިހޫނުކަން އިހުސާސްކުރެވޭ ގޮތްވެއެވެ.

މިހެން ދިމާވަނީ މާބަނޑުވުމާއި ގުޅިގެން ހަށިގަނޑުގައި ދައުރުވާ ހޯރމޯންތަކުގެ މިންވަރަށް އަންނަ ބަދަލުގެ ސަބަބުން (ބެލެވޭ ގޮތުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަދުވުމުގެ ސަބަބުން) ހަމުގެ ތެރެއަށް ލޭފޮނުވައިދިނުން އިތުރުވެގެން ދެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މާބަނޑުމީހާއަށް ހޫނުކަން އިހުސާސް ކުރެވެއެވެ. އެންމެ އާންމުކޮށް ހޫނުކަން އިހުސާސްވަނީ ބޮލާއި، ކަނދުރާއާއި، މޭމައްޗަށެވެ. ބައެއް ފަހަރު ހޫނުކަން އިރުކޮޅަކަށް ދެމިހުރެދާނެ އެވެ. ނޫނީ ދެތިން މިނިޓަށް ދެމިގެން ހިނގައިދާނެއެވެ. ހަށިގަނޑު ފިނިކުރަން މަސައްކަތްކުރާ މިންވަރު އިތުރުވާ ވަރަކަށް ދާހިއްލުން އިތުރުވާކަން ފާހަގަ ކުރެވިދާނެ އެވެ.

މާބަނޑުވުމަށް ފަހު ހަށިގަނޑުގައި ހިގާ ”މެޓަބޮލިޒަމް”(Metabolism)ގެ މަސައްކަތް އިތުރުވުން ހަށިގަނޑުގައި ހޫނު އުފައްދާ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ހޫނުމިން މައްޗަށް ދެއެވެ. ހޫނު ދުވަސްވަރެއްނަމަ މިގޮތަށް ހަށިގަނޑުގައި އުފެދޭ ހޫނުގެ މިންވަރުވެސް އިތުރުވެއެވެ.