މޫސުން ގޯސްވެ، ޅ. އަތޮޅުން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޅ. އަތޮޅުން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިރޭ 11:30 އިން ދަންވަރު 3:30 ގެ ނިޔަލަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

މެޓް އޮފީހުން މާދަމާރޭ 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައިވާ ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.