މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 1.13 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1.13 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 139،338 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ، އިންޑިއާ، އިޓަލީ، ޖާރމަނީ، އަދި އިނގިރޭސިވިލާތުން ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

ޖަލުގެ ހާލަތު ދެނެގަނެ، ގައިދީންގެ ކަންބޮޑުވުން އައްސަން މިނިސްޓަރު އިމްރާން ޖަލަށް

ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާލޭ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ޖަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ، ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެފައެވެ.

އަދި ޖަލުތަކުގައި ތިބި ގައިދީންނާއި ވާހަކަދައްކާ އެމީހުންގެ ކަންބޮޑުވުން އޮޅުންފިލުވައި މިނިސްޓަރު އިމްރާން ވަނީ، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަން ގައިދީންނަށް ދީފައެވެ.

އެގޮތުން ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ކަންކަން ރަނގަޅުކުރެއްވުމަށް އިރުޝާދު ދެއްވައި،  ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަވަސް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނަށް މިނިސްޓަރު އިމްރާން ވަނީ އަންގަވައިފައެވެ.

ހޯމް މިނިސްޓަރު ޖަލަށް ކުރެއްވި ޒިޔާރަތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަން އަހުމަދު މުހައްމަދުފުޅާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މަނީ ލޯންޑަރިންގެ ދައުވާއަކީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުވައެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުވައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ފުރަތަމަފަހަރަށް ޝަރީއަތުގެ މަޖިލީހުގައި ވިދާލުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްކިޔަ ކުންފުންޏަކުން އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފަނުގެ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ ފައިސާގެ އަސްލު އޮޅުވާލާފައިވާކަމަށް ދައުލަތުން ބުނާއިރު، އެސްއޯއެފުން ޖަމާކުރި ފައިސާ ބަދަލުކޮށްފައިވަނީ އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފާނުގެ އެހެން އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އެއީ އެ ފައިސާގެ އަސްލު އޮޅުވާލަން ކުރި ކަމެއްކަމަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކީ ހިޔާނާތުގެ މުއާމަލާތްތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް ގާނޫނީ އިދާރާއަކުން ތަހުގީގުކޮށްފައި ނުވާއިރު ވޮޑުމުއްލާ ކުއްޔަށްދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީވެސް އެމަނިކުފަނުގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން މިއަދުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.

“އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން އިސްނެގީ އަޅުގަނޑު. އެއީ ފަހަރެއްގައިވެސް ދައުލަތުގެ ފައިސާއަށްވެދާނެތީ އަޅުގަނޑު ހެޔޮ ނިޔަތުގައި ކުރި ކަމެއް. މި ދައުވާ އުފުލިގެން އުޅޭތީ ހިތާމަކުރަން. ފުލުހުންގެ ބޭނުމަށް އެމްއެމްއޭއިން އެސްޓީއާރުތައް ނެރުނީ މާފަހުން. އެހެންވީމާ މިއީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ”. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ދިފާއުން ހުށަހަޅާފައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ އެކަމަނާއަކީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރައްވާ މީހަކަށް ވާތީ ހާޒިރުވެވެން ނެތް ކަމަށް ސިޓީއަކުން ކުރިމިނަލް ކޯޓަށް އަންގާފައެވެ. އަދި ރައީސް ޔާމީންގެ މައްސަލާގައި ދެވޭނެ ހެކިބަހެއް ނެތް ކަމަށް ވެސް އަޒީމާ ވިދާޅުވިއެވެ.

ބާރުގަދަ ބިންހެލުމެއް ޕާކިސްތާނަށް އައިސްފި

ޕާކިސްތާނުގެ ކަޝްމީރަށާއި ޕަންޖާބް ސަރަހައްދަށް ބާރު ގަދަ ބިންހެލުމެއް އައިސްފިއެވެ.

މި ބިންހެލުމުގައި ޖުމްލަ 25 މީހަކު މަރުވެފައިވާއިރު، 300 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ރެކްޓަރ މިންގަނޑުން 5.8 ބާރު މިނުގައި އައި މި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެފައިވަނީ، ބިންހެލުން އައި ސަރަހައްދަކީ ބައިބޯ ސަރަހައްދެއް ކަމުން ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ބިންހެލުމުގެ ސަބަބުން އާޒަދް ކަޝްމީރުގެ ބޮޑު މަގުގެ ބިންގަނޑު ކަނޑައިގެން ދިޔަ އެވެ. އޭގެ ސަބަބުން ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. ދަތުރުތަކަށް ހުރަސް އެޅުމުގެ ސަބަބުން އަނިޔާވި ގިނަ މީހުނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ވެސް ދައްޗާ ކުރިމަތިވެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު!

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހަވީރު 5:30 މިރޭ 9:30 އާ ހަމައަށް ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ، ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް އެވްރެޖް ގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އެހެން ހިސާބުތަކަށް 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކެނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ރާޅުގެ އުސްމިން އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުތެރޭގައި ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ. އަދި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓަށް ރާޅުގެ އުސްމީން އަރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

މޫސުން އިތުރަށް ގޯސްވެ، ކ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގާ މޫސުން ގޯސްވެ، ކ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިރޭގެ 12:00 އާ ހަމައަށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ކ. އަތޮޅުން ވ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވެއެވެ.

މިރޭ 8:00 އިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ، ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މަސްތުވާތަކެތީގެ ވަބާގެ ސަބަބުން މުޖުތަމައު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާކުޑަ :ޝިދާތާ

މަސްތުވާތަކެތީގެ ވަބާގެ ސަބަބުން މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާގައި ހުސްކަމެއް އުފެދިފައި އެބަ އޮތް ކަމަށާއި، މި ހުސްކަން ފިލައިގެން ދާނީ މި ވަބާގައި ޖެހިފައިވާ ޒުވާނުނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމަޢުއަށް ނެރެވިގެން ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީސީ)ގެ ފަރާތުން މި މަހުގެ 23ން 27ށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިންތިޒާމުކުރާ “ސައުތު އޭޝިއަން ބޫސްޓަރ ޓްރޭނިންގ އޮން ދަ ޔޫ.އެން.އޯ.ޑީ.ސީ ފެމިލީ ތެރަޕީ ޕެކޭޖް ފޮރ ޔޫތް ވިތް ޑްރަގް ޔޫސް ޑިސްއޯޑަރސް އެންޑް ދެއަރ ފެމިލީސް” ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ޢާންމު ޞިއްޙަތަށް ބޮޑު އަސަރެއް ފޯރާ ކަމަށާއި، އެ ގޮތުން ޖިސްމާނީ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް ކުރާ ނުރަނގަޅު އަސަރު އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒުވާނުން ކަންކަމުގައި ވިސްނާ ފިކުރުކުރުމުގައްޔާއި ނިންމުންތައް ނިންމުމުގައްޔާއި ކަންކަމުގައި ޢަމަލުކުރާ ހަލުވި މިނަށް ބަދަލު އައިސް، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެހެން ކަމުން، މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާޢީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި، އެ ގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިފައިވާ ކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތަކީ މި ފަދަ ސެންޓަރުތައް ހިންގުމުގެ ހުއްދަ ޕްރައިވެޓް ސެކްޓަރއަށް ވެސް ހުޅުވައިލުން ކަމަށާއި، އެ ކަމުގެ ސަބަބުން މިހާރު ފަރުވާ ހޯދުމަށް އެދިފައިވާ އެތައް ފަރާތެއްގެ މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު ރަޝީދާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗީފް އެކްޒެކެޓިވް އޮފިސަރ އަލްފާޟިލް ޙަސަން ޝަހީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް، އެގުޅުން ދެމިއޮންނާނެ

ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްކަމަށާއި، ކޮންމެސަރުކާރެއް އޮތަސް އެގުޅުން ދެމިއޮންނާނެކަމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލައްވާ ފުރާވަޑައިގަތުމުގެ ކުރިން ދެއްވާފައިވާ އިންޓަވިއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްކަމަށާއި، ކޮންމެ ސަރުކަރެއް އޮތްކަމުގައިވިޔަސް އެގުޅުން ދެމިއޮންނާނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ދެކެވުނު ވާހަކަތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަކީ ދިވެހިންނަށް ހާއްސަ އިހުތުރާމަކާއި ލޯތްބެއް ދެމުން ގެންދާ ބައެއްކަން ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ފާހަގަކުރެއްވި ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ދުނިޔޭގެ ހުރިހާ ގައުމުތަކާއި އެކުގައިވެސް ގުޅުން ބަދަހި ކުރާ ގައުމެއް ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރާއި ރައްޔިތުންނަކީ ދިވެހިރާއްޖެއަށް ގިނަގުނަ އެހީތެރިކަމެއް ވެދީފައިވާ ބައެއް ކަމަށާއި އަދި ޗައިނާގެ ރައްޔިތުންނަށް ދިވެހިންގެ ހިތުގައި އޮތް ލޯބި މިއަދު މަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ ތިން އެއްބަސްވުމެއްގައި ޗައިނާއާ އެކުގައި ސޮއިވެސް ކުރައްވާފައެވެ. އެ ތިން އެއްބަސްވުމުގައިވެސް ސޮއި ކުރެއްވީ މިނިސްޓަރު ޝާހިދެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި އުޅަނދުތައް ތަހުގީގަށް ގެންދަނީ

އަބަދަށް ފެހި މަގުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަދާފައިވާ އުޅަނދުތަކާއި ގެއްލުންވެފައިވާ އުޅަނދުތައް ފުލުހުންގެ ތަހުގީގަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެނދި އަދި ގެއްލުންވެފައި ހުރި އުޅަނދުތައް ތަހުގީގުގެ ބޭނުމަށް ނަގަމުންދާ ކަމަށެވެ. އަދި އެ އުޅަނދުތައް ދެނެގަނެ، އުޅަނދުތަކުގެ ވެރިފަރާތް ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އަބަދަށް ފަހި މަގުގައި ހުންނަ ހ. ތިލަފުށީ ގޭގެ ތިރީގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެގެން ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދައިފައެވެ.

އަދި ރޭ ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ހަތަރު ގުދަނެއް އެއްކޮށް އަދާ އަޅިއަށްވިއިރު، ހަތް އިމާރާތަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާގައި އޭގެ ތެރެއިން އެއް އިމާރާތެއްގެ ތެރޭގައި ތާށިވި އަންހެނަކު ވަނީ ނިޔާވެފައެވެ. އެ އަންހެން މީހާގެ ހަށިގަނޑު ފެނުނީ އަދާ ހުލުވި އިމާރާތުގެ ތެރެއިން، ވަރަށް ބޮޑަށް ފިހި ކާކުކަން ވެސް ނޭނގޭ ވަރުވެފައި އޮއްވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުންނާއި ސިފައިން މިހާރު ދަނީ އެ ސަރަހައްދު ސާފުކޮށް، ކެމިކަލްގެ އަސަރު ހުރިތޯ ބަލަމުންނެވެ.

“ދުނިޔޭގެ ގައުމުތަކުގައި ހިނގާ މިފަދަ ހާދިސާތަކާއަޅާ ބަލާއިރު ރޭގެ އަލިފާންގަނޑު ވަރަށް އަވަހަށް ކޮންޓްރޯލްވި”

ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގާ މިފަދަ ބޮޑެތި ހާދިސާތަކާއި އަޅާ ބަލާއިރު ރޭ އަލިފާންގަނޑު ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވަނީ ރޭގެ ހާދިސާގެ އެންމެ ފަހުގެ އަޕްޑޭޓް ހާމަ ކުރުމަށް އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރޭ އަލިފާނުގެ ހާދިސާ ހިނގުމާއި ގުޅިގެން ހާދިސާ ހިނގި ސަރަޙައްދުގައި 12 ފަޔާ ޓްރަކާއި 150 ސިފައިންގެ ބޭފުޅުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި  މިނިސްޓަރ މާރިޔާ ވަނީ ރޭގެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ ސިފައިންނާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކޮށްދެއްވި ޚިދުމަތަށް ސަރުކާރާއި އާންމުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ޝައުނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ޝަހީދުވެފައިވާ އައިޝަތު ޝައުނާގެ މައްޗައް ކުރެވޭ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.

ތ. ބުރުނީ އަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ޝައުނާ އަށް ޒިޔާރަތް ކުރުން މިއަދު ހެނދުނު 10:30ން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ރޮނގުން ޑީގްރީ ހާސިލް ކޮށްފައިވާ ޝައުނާ އަކީ ކުދިންނަށް ޤުރުއާން ކިޔަވައިދޭ މުދައްރިސެއްވެސް މެއެވެ.

އިންޑިޔާގެ ޔުނިވަރސިޓީ އަކުން ހެދި ކޯހަކުން ފުލުހުންގެ މީޑިއާ އޮފިޝަލަކު އެއްވަނަ ހޯދައިފި

އިންޑިއާގެ ޕަބްޖާބްގައި ހުންނަ ލަވްލީ ޕްރޮފެޝަނަލް ޔުނިވަސިޓީން ހިންގި ބެޗްލަރ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން ކޯހުން އެއްވަނަ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ފިރާޒް ހޯއްދަވައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ 2016 ވަނަ އަހަރު 2019 އަށް އިންޑިއާގެ ޕަންޖާބުގައި ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެކި ގައުމުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު ހުސައިން ފިރާޒް ހޯދާފައި ވަނީ މުޅި ކޯހުން އެއްވަނަ ހޯދާފައި ކަމަށެވެ.

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ފިރާޒް އަކީ ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ފުލުހެކެވެ. 2016 ވަނަ އަހަރު މަތީތައުލީމް ހާސިލްކުރަން އިންޑިއާ އަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ފުލުހުންގެ މީޑިއާ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވިއަންއިން ހަނިމާދޫން ކޮޗިންއަށް ހަފްތާއަކު ތިން ދުވަހު ދަތުރުކުރާނެ

ގައުމީ އެއާލައިން މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފަށާ ސީދާ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އެކަން އިއުލާންކުރެއްވީ ކޮޗިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެނިފާ ވިދާޅުވީ، ހަނިމާދޫ އާއި ކޮޗިންއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ 28 ގައި ކަމަށެވެ.

އަދި އަލަށް ފަށާ މި ރޫޓާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ބޭނުން އިންޑިއާގެ ފަތުރުވެރިން ރާއްޖެއައިސް ރީތި ދޮންވެލި ގޮނޑުފޮށާއި، ވިލުނޫކުލައިގެ މޫދާއި މި ހޫނުކަން އިހްސާސްކުރަން. މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަންލިބި އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ދިވެހިރާއްޖެ ބަލާލެވޭނެ،” ޖެނިފާ ވިދާޅުވިއެވެ.

މިހާރުވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާ މޯލްޑިވިއަން އިން ބުނީ ކޮޗިން އަށް ދަތުރުތައް ފަށަން ތައްޔާރުވާން ފެށީ މިއަހަރުގެ ޖުލައި މަހުގައެވެ.

ކޮޗިންއަށް އަންނަ މަހުގެ ފަހުކޮޅު ދަތުރުތައް ފަށަން ނިންމާފައިވާއިރު، މޯލްޑިވިއަން އިން ދަނީ އިންޑިއާގެ އެހެން ސިޓީތަކަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެއާލައިނުން މީގެ ކުރިން ބުނެފައިވެއެވެ.

އިންޑިއާގެ އިތުރުން ސްރީ ލަންކާގެ ކޮލަމްބޯއަށް ވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސއްކަތް ކުރަމުންނެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ދަތުރުކުރެ އެވެ. މީގެ ތެރޭގައި ބެންކޮކް، ޗެންނާއީ، ޑާކާ، ހުވާން ހިމެނެއެވެ.

ރިޟްވާން މައްސަލައިގައި މީހަކު ހޯދަން އާއްމުންގެ އެހީއަށް އެދިއްޖެ

ވަގަށް ނަގައި، މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގަށް މީހަކު ހޯދަން މަރު ކޮމިޝަން އިން އަންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މަރު ކޮމިޝަނުން މިއަދު ވީޑިއޯއެއް އާއްމުކުރުމަށް ފަހު ކުރި ޓްވީޓެއްގައި ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށާއި އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ކޮމިޝަނަށް އަންގައި ދިނުން އެދޭ ކަމަށެވެ.

މަރު ކޮމިޝަން އިން މިއަދު އާންމު ކުރި ވީޑިއޯގައި ދައްކަނީ މީގެ ކުރިން މާލެއިން ހުޅުމާލެއަށް ދާ ފެރީ ޓާމިނަލެވެ. އަދި ސައިކަލުގައި ފެރީއަށް އަރަން އޮންނަ ކިއޫއެއް ދައްކަ އެވެ.

ރިލްވާންގެ ވަގަށް ނަގާފައި ވަނީ ވެސް ހުޅުމާލޭ ފެރީ ޓާމިނަލް އިން ހުޅުމާލެ ގޮސް އޭނާ ދިރިއުޅޭ ފްލެޓު ކައިރިންނެވެ. ކުރިން ފުލުހުން އާންމު ކުރި ވީޑިއޯތަކުން ވެސް ފެރީ ޓާމިނަލްއާ ހަމައިން ރިލްވާންއަށް ބަޔަކު ފާރަލަމުންދާ ކަން އެނގެ އެވެ.

ޝުޖޫން އާއި އަޒްމިރަލްދާ ސްޕްރީމް ކޯޓްގައި މައްސަލަަތައް ބަލަން ފައްޓަވައިފި

ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ އަންހެން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު މިއަދު ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ޝަރީއަތެއް ބައްލަވަން ފައްޓަވައިފިއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު ފުރަތަމަ ބައްލަވާ މައްސަލައަކީ މިއަދު 10:00 ގައި ޝަރީޢަތް ފެށި ވަޒީފާއާއި ބެހޭ މައްސަލައެކެވެ އަދި ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ފުރަތަމަ ބައްލަވާ މައްސަލައަކީ ޙަޟާނާތުގެ މައްސަލައެކެވެ.

މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް އެންމެ ފުރަތަމަ އިސް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ހޯދަން ރައީސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވި އެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތުގެ އޮންނަ ގޮތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސްއަށް ނަންތަކެއް ލަފާ އެރުވުމެވެ. އެ ނަންތައް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އައްޔަންކުރަން ފާސް ކުރާނީ މަޖިލީހުންނެވެ. އަންހެނަކު ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އޭރު އަމާޒުވިއެވެ.

ބިދޭސީއަކު ދީނީ ނަސޭހަތްދިން މައްސަލައެއް ބަލަނީ

ވަކި ޖަމާއަތެއް ހަދައިގެން ހުޅުމާލޭ ސެންޓްރަލް ޕާކު ތެރޭގައި ބިދޭސީން ދީނީ ނަސޭހަތް ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ރާއްޖޭގައި ދީނީ ނަސޭހަތް ދެވޭނީ އިސްލާމިކް މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ނެތި ދީނީ ނަސޭހަތް ދިނުމަކީ މަނާކަމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހުޅުމާލެ ސެންޓްރަލް ޕާކު ތެރޭގައި ބިދޭސީއަކު، ބަޔަކަށް ދީނީ ނަސޭހަތް ދޭ ފޮޓޯތަކެއްގެ ސޯޝަލް މީޑިއާގައި އުޅޭކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުމާއެކު އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފެންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ތެރޭގައި ބިދޭސީއަކު އިނށީންދެގެން އިނދެގެން ބިދޭސީން ތަކަކަށް ދީނީ ނަސޭހަތް ދެމުންދާ މަންޒަރެވެ. ފޮޓޯގަނޑުން ގާތްގަނޑަކަށް 40 ވަރަކަށް ބިދޭސީން އެ ދަރުސް އަޑުއަހަން ތިބޭތަން ފެނެއެވެ.

ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، އިމިގްރޭޝަނުން ބުނާ ގޮތުގައި ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ.

ޖޫރިމަނާ ކުރީ ހެލްމެޓް ނާޅާ ކާރު ދުއްވުމުން

އިންޑިޔާގެ އަލިނަގަރްގައި ހެލްމެޓް ނާޅާ ކާރު ދުއްވި މީހެއް ޖޫރިމަނާކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ޖުރިމަނާ ކުރި މީހާއާ ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި މިމީހާ ޖޫރިމަނާކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕްޔާސް ވަރޝޭ ނަމަކަށް ކިޔާ މީހަކު، “އިންޑިޔާ ޓައިމްސް” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޖޫރިމަނާ ކުރުމަށްފަހު އޭނާ ކާރު ދުއްވަނީ ހެލްމެޓް އަޅައިގެން ކަމަށެވެ.

“މަގު މަތިން ދުއްވާފައިދާއިރު، ވަރަށް ގިނަ މީހުން ކިޔާ މޮޔައެކޭ އެދަނީ. އެކަމަކު އެމީހުންނަކަށް ހަޤީޤަތެއް ނޭނގޭ. އަހަރެން ޖޫރިމަނާ ކުރި ކާރުގައި ހެލްމެޓް ނާޅާ ދާތީ. ފުލުސް މީހާ ބުނީ ހެލްމެޓް އަޅައިގެން ދުއްވާށޭ.” ޕްޔާސް ބުނެފައިވެއެވެ.

ޕްޔާސް އިތުރަށް ބުނެފައިވަނީ އޭނާ 700 ރުޕީސް އިން ޖޫރިމަނާ ކުރި ކަމަށާއި ޖޫރިމަނާ ކުރި ސްލިޕްކޮޅުވެސް އެބައޮތް ކަމަށެވެ.

އިންޑިޔާގައި ދާދިފަހުންވަނީ އައު ޓްރެފިކް ޤަވާއިދުތަކެއް ހަދާފައެވެ. ނަމަވެސް މިގަވާއިދުތަކުގެ ދަށުންވެސް ކާރު ދުއްވާއިރު ހެލްމެޓް އަޅާކަށް ނުޖެހެއެވެ.

އުންމީދަކީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ ދުވެލި ބާރުވުން: ނަޝީދު

ސަރުކާރުގައި ލަސް ކަމެއް އުޅޭހެން ހީވާ ކަމަށާއި އުންމީދުކޮށްގެން މިހުންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ ދުވެލި ބާރުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުމިހެން ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަން މިރޭ އަހުމަދިއްޔާ ސުކޫލުގައި ބޭއްވި ބައްދަލުވުމުގައި ދާއިރާގެ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، “އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް އޮތް މަސްތަކުގައި ތަންކޮޅެއް ދެން ދުވެލި ބާރުވާނެ ކަމަށް.” ކަމަށާއި ހުރިހާ ވުޒާރާތަކަކުން ވެސް ގުޅިގެން ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަންކަން ނުކުރެވި ލަސްވުމުގައި ފަރުވާކުޑަވުމާއި، އިހުމާލުވުން ވެސް ހިމެނޭ ކަމަށް ވަނީ ނަޝީދު ތުހުމަތު ކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ދުވެލި މަޑު ކަމަށް އަބަދުވެސް ބުނަމުންދާ މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ގިނަ ބައެއްގެ ސަމާލުކަން މިކަމަށްވަނީ ހުއްޓިފައެވެ.

ގާނޫނު ތަންފީޒުކޮށް، މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރާނެ: ހަނަފީ

ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގައި ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކޮށް ހުއްދަނެތި ވިޔަފާރި ކުރަމުންދިޔަ ބިދޭސީ އަކާއި ރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އުޅުނު ބިދޭސީއަކު މިރޭ ޑީޕޯޓް ކުރުމަށްފަހު ހަނަފީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައްކާ ބިރަކަށް އޭނާ ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

އަދި ނުފޫޒުން އެއްކިބާވެ އިމިގްރޭޝަންގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނަން ކަމަށާއި އިމިގްރޭޝަނުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ވިދާޅުވެފައިވެއެވެ.

“އަދި އިންޝާﷲ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގައި،” ރައީސް ސޯލިހު ޓެގް ކުރައްވާ ހަނަފީ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ހަނަފީ ވިދާޅުވިއިރު، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަނެތި ވިޔަފާރި ކުރުމުގައި އުޅުނު އުމުރުން 49 އަހަރުގެ ބަންގްލަދޭޝް މީހަކު އިމިގްރޭޝަނުން މިއަދު ވަނީ ޑީޕޯޓް ކޮށްލައިފައެވެ.

އަދި މިރޭގެ ވަގުތެއްގައި ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން، އަބޫ ހާނިފް ނަމަކަށް ކިޔާ ބަންގުލަދޭޝްގެ ފިރިހެނަކު އެއާޕޯޓުން ހިފަހައްޓައި، ނޯޓިސް ދިނުމަކާ ނުލައި ހުއްދަ ބާތިލްކޮށް ވަނީ ޑީޕޯޓް ކޮށްލައިފައެވެ.

ބެލެނިވެރިންނަށް ރައީސް: ވަކި ރޮނގަކުންދާން ދަރިފުޅަށް މަޖުބޫރު ނުކޮށް، މަގުދައްކައިދީ

ވަކި ރޮނގަކުން ކުރިއަށްދާން ދަރިފުޅަށް މަޖުބޫރުނުކޮށް، ދަރިފުޅުގެ ގާބިލްކަން ހުރި ދާއިރާއަކުން ކުރިއަށް ދިއުމަށް މަގުދައްކައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޓޮޕް އެޗީވާސް އެވޯޑް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ތިބެގެން ނުހޯދޭ ކިތަންމެ އިލްމެއް ރާއްޖޭގައި ތިބެގެން ހޯދުމުގެ ފުރުސަތު މިއަދު އެބައޮތް ކަމަށެވެ.

އަދި އެއީ ދަރިވަރުންނެކޭ އެއްފަދައިން ބެލެނިވެރިންނާއި މުދައްރިސުން ވެސް ހާއްސަ ސަމާލު ކަމެއް ދެއްވަންޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިހްތިޔާރު ކުރުމުގައި ހަމައެކަނި މަންމަ ނުވަތަ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ބަދަލުގައި ދަރިފުޅު ކުރާ އުންމީދުތަކަކީ ކޮބައިތޯ އާއި ދަރިފުޅުގެ ގާބިލްކަން ހުރީ ކޮން ދާއިރާއަކުން ކޮން ކަމަކަށްތޯ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެއަށްފަހު، ބެލެނިވެރިންގެ ދައުރަކަށް ވާންވީ، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދިނުން. އަދި ދަރިވަރުންނަށް ހިތްވަރުދީ، މަގުފަހިކޮށްދިނުން. އޭރުން އެ ކުދިންގެ ފަރާތުން އާއިލާ އަށާއި ގައުމަށް ލިބޭ ފައިދާ މާ ބޮޑުވާނެ. އެކުދިންގެ ކުރިމަތުވެސް މާ އުޖާލާވާނެ،” ރައީސް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަމުން ރައީސް ވަނީ ދަރިވަރުންގެ ފަރާތުން އެމަނިކުފާނު އެދޭ ކަމެއް އެބަ އޮތް ކަމަށެވެ.

އެގޮތުން މައިންބަފައިންނާއި ބެލެނިވެރިންގެ ހެޔޮ ނަސޭހަތް ގަބޫލުކޮށް، އިސްލާމީ ރިވެތި އަދަބު އަހުލާގުގައި ސާބިތުވެ ތިބުމަށާއި އިލްމު ހޯދުމަށް ނުވަތަ ދިރިއުޅުމެއް ފެއްޓުމަށްޓަކާއި ދުނިޔޭގެ ހަތަރު ބިތަށް ދަތުރުކުރިޔަސް، ދިވެހި ފަސްގަނޑުގެ އުފަން ދިވެހި ދަރިންކަން، ހިދުކޮޅަކަށް ވެސް ހަނދާނުން ކައްސާލިޔަ ނުދިނުމަށް ރައީސް އެދިވަޑައިގަތެވެ.

އަދި މިއީ އެންމެން އަބަދުވެސް ހައްގުތަކުގެ ވާހަކަ ދައްކާ، ނުލިބިގެން ނުވަތަ ހައްގެއް ގެއްލިގެން އަޑު އުފުލާ ޒަމާންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދަރިވަރުންނަށް ލިބެންޖެހޭ ކޮންމެ ހައްގަކާއެކުގައި، އެ ދަރިވަރަކު އަދާކުރަންޖެހޭ ޒިންމާތަކެއް ވެސް ހުންނަކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ، މުުޖުތަމައުގައި އަދުލުވެރިކަމާއި އުފާވެރިކަން ދެމި އޮންނާނީ ދަރިވަރުންގެ ވެސް ޒިންމާތައް އަދާކޮށްގެން ކަމަށެވެ.

ކިޔަވަން ފުރުސަތު ލިބި، އެކަން ދޫކޮށްލާ ދަރިވަރުންނަށް ފިޔަވަޅު އަޅަނީ

މިނިސްޓްރީން ބުނީ އެ އުސޫލަކީ އެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއުލާ ނުކުރާ މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރު އެޅުމާއި، އެފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުން، ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް، ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މަތީ ތައުލީމާއި ތަމްރީނު ހާސިލު ކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާ މެދު އަމަލު ކުރާނެ އުސޫލެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވައިލާ އާންމު ކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަނުން އާންމުކޮށްފައިވާ އުސޫލުގައި އެފަދަ ދަރިވަރުންނާމެދު ފިޔަވަޅު އަޅާނެ ގޮތާއި، ފިޔަވަޅު އަޅާނެ މުއްދަތުވެސް ހިމަނާފައި ވެއެވެ.

ފުރުސަތުތައް ބޭނުން ނުހިފާ ދަރިވަރުންނަށް ފިޔަވަޅު އެޅުން

މަތީތައުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުންގެ ތެރެއިން އެފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާ ދަރިވަރުންނާ މެދު ފިޔަވަޅު އެޅޭނެ
ފުރުސަތުތަކުން ވަކި މުއްދަތަކަށް މަހުރޫމުކުރުމާއި ފައިސާ ދައްކަން އެންގޭނެ
ލިބޭ ފުރުސަތުގައި އެއްވެސް ހަރަދެއް ސަރުކާރުގެ އަދި ބައިލެޓްރަލް އެހީގައި ކޮށްފައިވާނަމަ، އެ ޚަރަދެއް އަނބުރާ ހޯދުން

އެފަދަ ދަރިވަރުންނަށް އަޅާނެ ފިޔަވަޅު

ފޯޖްކޮށްފައިވާ ޑޮކިއުމަންޓް ހުށަހަޅާފައިވާކަން ނުވަތަ މަކަރާއި ހީލަތް ހަދާފައިވާކަން ސާބިތުވުން ނުވަތަ ނާޖާއިޒުފައިދާއެއް ލިބޭ ފަދަ ގޮތަކަށް ސައްހަ ނޫން މައުލޫމާތު ހިމަނައިގެން އެޕްލިކޭޝަން ހުށަހަޅާފައިވާނަމަ 60 މަސްދުވަހަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ
ކިޔަވައި ނިމުމަށްފަހު، އިގުރާރުގައިވާ ގޮތަށް ޚިދުމަތް ކުރުމަށް ރާއްޖެއަށް ނާންނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ
ސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައި ވަނިކޮށް އުޒުރަކާއިނުލާ ފުރުސަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުސޫލާއި އެއްގޮތަށް އަމަލު ކުރަމުން ނުދާނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ
މަތީތައުލީމުގެ ފުރުސަތަކަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެދަރިވަރަކަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނުފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން ގެއްލިއްޖެނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ.
ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާއިއެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލާނަމަ ޕެނަލްޓީއެއް ނުހިމެނޭ
މިނިސްޓްރީން ބުނީ ދަރިވަރަށް ދިމާވެފައިވާ ހާލަތަކީ މަގުބޫލު އުޒުރެއް މެދުވެރި ވެގެން ދިމާވި ހާލަތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އުޒުރު ސާބިތުކޮށް ދިނުމަށް ހުށަހަޅާ ކަމާ ގުޅޭ ލިޔުންތަކަށް ބިނާކޮށެވެ.

1 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް އާސަންދައަށް 790.9 ރުފިޔާ ހޭދަކޮށްފައިވޭ

އާސަންދައިން މި އަހަރުގެ މިހާތަނަށް ހޭދަކޮށްފައި ވަނީ 790.9 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީގެ ހަފުތާގެ މާލީ ރިޕޯޓުގައެވެ. އެރިޕޯޓްގައިވާ ގޮތުން ގޮތުގައި އާސަންދައަށް ހޭދަ ކުރަން މި އަހަރު ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބާކީ ތިން މަސް އޮތްއިރު މިހާތަނަށް ހޭދަކުރެވިފައި ވަނީ 790.9 މިލިއަން ރުފިޔާ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ސަބްސިޑީގެ ގޮތުގައި ހޭދަ ކުރަން މި އަހަރަށް ކަނޑައަޅާފައި ވަނީ 1,097.7 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން މި އަހަރުގެ މިހާތަނަށް އައިއިރު 790.9 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް ހިންގުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 7.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިހާތަނަށް ހޭދަ ކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.

މި އަހަރު ބަޖެޓުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް 24 ބިލިއަން ރުފިޔާ ޖަހާފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 16 ބިލިއަން ރުފިޔާ އެވެ. އަދި 31 ބިލިއަން ރުފިޔާގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް 18 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ޝާހިދުގެ ޗައިނާ ދަތުރު މިމަހު 19 ގައި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރު ވާންގް ޔީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ، ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފަހުން މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބް ރައީސް ވަންގް ގީޝާންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.

އަދި ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ އާއެކު ރާއްޖެ އާއި ޗައިނާގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާއަކީ ރާއްޖޭގެ ތަރައްގީ އަށް މުހިއްމު ބައިވެރިއެއް ކަމުން،  ރާއްޖެ އިން ދަމަހައްޓަމުން އަންނަ “ވަން ޗައިނާ” ޕޮލިސީ ހިފަހައްޓާނެ ކަމަށެވެ.

އަދި އެ ގައުމުގެ “ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް” ގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިމަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ އޮތް ގާތް ގުޅުން ހީނަރުވެ މި ސަރުކާރުން ވަނީ އަވަށްޓެރި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ، ޗައިނާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ދަރަނިވެރި ކުރުވާފައިވާ ކަމަށް ވިދާޅުވެ ޗައިނާއަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ، ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ލޯނު އެއްބަސްވުންތައް މުރާޖާކޮށް އަލުން މަޝްވަރާ ކުރުމުގެ މަޝްވަރާތައް ޗައިނާ ސަރުކާރާއެކު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ އޮޕަރޭޝަން ކަނޑުމަތީގައި ވެސް ފަށައިފި

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ފުލުހުން ރޭ ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ކަނޑުމަތީގައި ވެސް ފުލުހުން ހަރަކާތްތެރިވާން މިއަދު ފަށައިފި އެވެ.

ފުލުހުން ވިދާޅުވެފައިވަނީ، މިހާރު މާލޭގެ ތިން ގެއެއް ބަލާ ފާސް ކުރަމުންދާ ކަމަށާއި އަދި އެއް އޮޕަރޭޝަން ކަނޑުމަތީގައި ހިނގަމުންދާ ކަމަށެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުން ރޭ ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި މާލޭ ސިޓީއާއި އައްޑޫ ސިޓީގެ ބައެއް ގޭގެއާ ތަންތަން ބެލި އެވެ. ރޭ މާލޭގެ އަށް ގެއަކާއި އައްޑޫގެ ގެއެއް ބަލާ ފާސް ކުރި އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.