އިންސާފާއި ނުލާ ގެންނަ ތަރައްޤީއަކުން ފައިދާއެއް ނުކުރާނެ: ރައީސް

އަދުލު އިންސާފު ގާއިމު ނުކޮށް ގެންނަ ތަރައްގީއަކުން ފައިދާއެއް ނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހް ކުރުމަށް ގިނަ މަސައްކަތްތެއް ކުރަމުން އަންނަ ކަމަށެވެ.

“ފުލުހުންގެ މުއައްސަސާ އިސްލާހް ކުރުމުގެ ކޮންޕްރިހެންސިވް ޕްރޮގްރާމެއް އަޅުގަނޑުމެން މި އަންނަނީ ހިންގަމުން. ޝަރުއީ ނިޒާމު އިސްލާހްކޮށް ޒަމާނީކުރަން ދައުލަތުގެ މުއައްސަސާތަކާ އެކު އަޅުގަނޑުމެން މިއަންނަ ގާތުން މަސައްކަތް ކުރަމުން،” އެމަނިކުފާނު ވިދާޅުވި އެވެ. “ޝަރުއީ ނިޒާމު އޮތީ ހައިޖެކްކޮށްފައި، ގާނޫނު ހަދާ މަޖިލިސް އޮތީ ހުއްޓުމަކަށް ގެނެސްފައި، ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެެރިންގެ އަނގަ ބަންދުކޮށްފައި،”

ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ތިއްބެވީ ޖަލުގައި ނުވަތަ ނޫނީ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެސީ އަށް

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާގެ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފި އެވެ.

އިޓަލީގެ ވެރިރަށް މިލާނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑު މެސީ ކާމިޔާބުކުރީ ޕޯޗުގަލްގެ ތަރި ޔުވެންޓަސް އަށް ކުޅެމުންއަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކްއާ ވާދަކޮށްގެންނެވެ.

މިއީ ފީފާ އިން މި އެވޯޑު ތައާރަފް ކުރިފަހުން މެސީ މިއެވޯޑް ކާމިޔާބުކުރި ފުރަތަމަ ފަހަރުއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައިޖަމްއިއްޔާ ފީފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު މެސީ ކާމިޔާބު ކުރިއިރު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އެމެރިކާގެ މަޝްހޫރު ތަރި މެގަން ރެޕީނޯއެވެ.

މި އެވޯޑު މެސީ ކާމިޔާބު ކުރިއިރު އޭނާ ވަނީ ބާސެލޯނާއާއިއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށް 22 އެސިސްޓު ހަދާފައެވެ.

ގެއްލުންވި ފަރާތްތަކަށް އެހީވުމަށް ހުޅުވި އެކައުންޓަށް 3 ދުވަހުގެ ތެރޭގައި 190،000 ރ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ދޭން ހުޅުވި ބޭންކް އެކައުންޓަށް ތިން ދުވަހުގެ ތެރޭގައި 190،000 ރުފިޔާ ލިބިއްޖެއެވެ.

ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް އެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެކަމަށް ހުޅުވާފައިވާ އެކައުންޓުގެ ތަފްސީލް:

އެކައުންޓް ނަން:  September Male’ Fire Relief Account 20

އެކައުންޓް ނަންބަރު: 7730000284246

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މިއަދުގެ ހަވީރު ހަތަރެއް ޖެހިއިރާ ހަމައަށް އެކައުންޓަށް 191،555.25 ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

މަޖީދީއްޔާ ސްކޫލް ކުރިމަތީގައި އޮންނަ އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހަދާފައިހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަދާ ހުލުވިއިރު، ހަތް އިމާރާތަކަށް އަލިފާނުގެ އަސަރުކުރިއެވެ.

އަދި އެ ހާދިސާގައި ރޯވި އިމާރާތެއްގެ ތެރޭގައި ތާށިވި އަންހެނެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. އެ ހާދިސާގައި ޖުމްލަ 443 މީހަކު ހާލުގައި ޖެހުނު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.

ހިލާފުވެއްޖެނަމަ ހުއްދަ ހިފެހެއްޓޭ ގޮތަށް، ކެމިކަލްއާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ނުރައްކާތެރި ކެމިކަލް ގެންގުޅުމުގައި ގަވައިދާ ހިލާފުވެއްޖެނަމަ އެންމެ ބޮޑު އަދަދަކަށް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް ހުއްދަ ހިފެހެއްޓޭނެ ގޮތަށް ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދެއް ގެޒެޓްކޮށް، އަމަލު ކުރަން ފަށައިފިއެވެ.

ޑިފެންސް މިނިސްޓްރީން ތަންފީޒުކުރާ ގޮތަށް ހަދާފައިވާ “ނުރައްކާތެރި ކަމާބެހޭ ގަވައިދު”ގެ މަގްސަދެއް ކަމަށް ބުނެފައިވަނީ، ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުމާއި ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުމެވެ.

މީގެ އިތުރުން ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަންކޮށް، ނައްތާލުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާން ކުރުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ގަވާއިދުގައި ބުނެފައިވަނީ، ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީއަށް ފޯމެއް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި ހުއްދައަށް އެދި ހުށަހެޅުމުން ގަވާއިދުގައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހު، އެކަންކަން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

އެގޮތުން ހުއްދަ ދިނުމުގައި މައިގަނޑު ފަސް ކަމަކަށް ބަލަން ވަނީ ނިންމައިފައެވެ.

އެއީ ކެމިކަލް އެތެރެކުރާ ބޭނުން ސާފުކޮށް ބަޔާންކޮށްފައި އޮތުމާއި ރައްކާތެރިކަމާއެކު އެ ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައި ހުރުމާއި އެތެރެކުރާ ކެމިކަލް، ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމެވެ.

އަދި ކެމިކަލް އެތެރެކުރަނީ ވިއްކަން ކަަމަށްވާނަމަ، އެ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކެމިކަލް ގަންނަ ފަރާތްތަކަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމާއި ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާގޮތަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީ އަކުން އިންޝުއާ ކޮށްފައި ހުރުން ވެސް ހުއްދަ ދިނުމުގައި ބަލާކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން ގަވާއިދު ތަންފީޒުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ކެމިކަލް އެތެރެކޮށް، ލޭބަލްކޮޮށް، އެއްތަނުން އަނެއްތަނަށް އުފުލައި، ގުދަންކޮށް، ބޭނުންކޮށް، ވިއްކައި ނައްތާލަންވާނީ އެ ގަވައިދުގައިވާ ގޮތުގެ މަތިންނެވެ.

އަދި ގަވާއިދު ތަންފީޒުކުރަން ފަށާއިރު ރާއްޖޭގައި ހުރި ކެމިކަލް ގުދަންކުރާ ތަންތަނާއި ކެމިކަލް ވިއްކާ ތަންތަނުގައި، މި ގަވާއިދު ތަންފީޒު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އެ ގަވައިދުގައި އިތުރަށް ބުނެފައިވަނީ، އެ ގަވާއިދުގައި ބަޔާންކުރާ ނުރައްކާތެރި ކެމިކަލެއް، ހުއްދަ ހޯދުމަކާނުލައި ރާއްޖެއަށް އެތެރެކޮށް ގެންގުޅެނިކޮށް ފެނިއްޖެނަމަ، ބަދަލުދިނުމަކާއި ނުލައި އެއެއްޗެއް އަތުލެވޭނެއެވެ. އަދި އެ އެއްޗެއް ނައްތައިލަން ޖެހިއްޖެނަމަ، ނައްތަލައިލާނީ ޑިފެންސް މިނިސްޓްރީންނެވެ.

އަދި ކެމިކަލް ގެންގުޅޭ ފަރާތްތަކުން އެ ގަވާއިދު އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މިއަދު ގެޒެޓްކުރި ގަވައިދުގައި ކެމިކަލް ރައްކާކުރާ ގުދަން ހަދާފައި ހުންނަންޖެހޭ ގޮތް ވެސް ވަނީ ހިމަނައިފައެވެ.

އެގޮތުން، ކެމިކަލް ރައްކާކުރާ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާ ވަކިން، ތަޅުލައިފައި ހުންނަ ރައްކާތެރި ތަނެއްގައި ކަމަށާއި ކެމިކަލް ރައްކާކުރެވޭ ގުދަން، އިމާރާތެއްގެ ތިންވަނަ ފަންގިފިލާއަށްވުރެ އުސް ފަންގިފިލާއެއްގައި ހުރެގެން ނުވާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

އަދި ކެމިކަލް ރައްކާކުރުމަށް ހަދާ ގުދަނުގެ ދޮރުތައް 2/1 ގަޑިއިރުގެ ފަޔާ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭއިރު، ގުދަނުގެ ސީލިން ހަދާފައި ހުންނަންވާނީ ސިމެންތި ފިލައިން ނުވަތަ ޖިޕްސަން ބޯޑުފަދަ ފަޔާ ރެސިސްޓަންޓް މެޓީރިއަލެއް ބޭނުން ކޮށްގެންނެވެ.

އޭގެ އިތުރުން ގުދަން ހަދާފައި ހުންނަންވާނީ އިތުރު ތަނަކަށް ނުވަދެ ރައްކާތެރި ސަރަހައްދަކަށް ނުކުމެވޭ ގޮތަށް ކަމަށާއި އިމާރާތުގެ މަތީ ފަންގިފިލާތަކުން އިމާރާތުގެ ބޭރަށް ފޭބޭނެގޮތަށް އެމަޖެންސީ އެސްކޭޕް ލެޑާ ހަރުކޮށްފައި ހުނަންޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ގަވައިދުގެ އަދަބުތައް ބުނާގޮތުން، ރާއްޖެއަށް އެތެރެކުރާ ކެމިކަލް ބަންދުކޮށްފައިވާ ޕެކޭޖުގެ ބޭރުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވާ ލޭބަލްތަކާއި ކުރެހުންތައް ހަރުނުކޮށް ރާއްޖެއަށް ކެމިކަލެއް އެތެރެކޮށްފިނަމަ، އެ އެތެރެކުރި ފަރާތެއް 5000 ރުފިޔާ އިން ފެށިގެން 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި އެކަންކަން ފިޔަވައި އެ ގަވާއިދުގެ އެހެން ކަމަކާ ހިލާފު ވެއްޖެނަމަ އެކަމެއްގެ ކުޑަބޮޑުމިނެއް ބަލައި، ހިލާފުވީ ފަރާތެއް 5000 ރުފިޔާ އިން ފެށިގެން 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޖޫރިމަނާގެ އިތުރުން ދޫކޮށްފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު ވެސް ޑިފެންސް މިނިސްޓްރީއަށް ދީފައިވެއެވެ.

ތޫފާން “ހިކަ” ގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ: މެޓް

ރާއްޖެއާ ދުރުން އަރަބި ކަނޑުގެ އުތުރުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި ނަމަވެސް މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކާމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ތޫފާން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުދަގަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ތޫފާން ހުނޅަގަށް ޖެހި، އައްސޭރި ފަށާ ދިމާލަށް ދަތުުރ ކުރަމުންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް

(މިއަދު 10:00 އިންް މާދަމާގެ 10:00 އަށް)

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ.

ހުޅަނގުދެކުނާއި ހުޅަނގުން ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ.

 ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.

“ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޕްރޮގްރާމްގެ 5ވަނަ ބުރު ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައްޔާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ޓަކައި މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޕްރޮގްރާމްގެ ފަސް ވަނަ ބުރު މިއަދު ފަށައިފިއެވެ. މި ޓްރޭނިންގ ކުރިއަށް ދާނީ މި މަހުގެ 22ން 26ށް ސައިރިކްސް ކޮލެޖުގައެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ ސޯޝަލް ވަރކަރުންނަކީ ޢާންމު ދިރިއުޅުމާ ގުޅިފައިވާ ބައެއް ކަމަށާއި، އެ ފަރާތްތަކުން ޢާއިލާތަކަށާއި މުޖުތަމަޢުއަށް ފޯރުކޮށްދެމުން ގެންދަނީ އަގު ނުކުރެވޭ ފަދަ ބޮޑު ޚިދުމަތެއް ކަމަށެވެ. އަދި ސޯޝަލް ވަރކަރުން ނެތި ޤައުމު ކުރިއަރައިގެން ނުދާނެ ކަމަށް އެ ކަމާނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންނަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަން ފާހަގަކުރައްވައި، އެ ކަންކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް މުނީރު ސަފީލްދީންއާއި އެފްޕީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާމިނަތު ލީނާ ޢަލީއާއި މިނިސްޓްރީގެ އިސް ވެރިންނާއި ޕްރޮގްރާމްގެ ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމުލަ 22 ސޯޝަލް ވަރކަރުންނާއެކު ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރޭނިންގ ޕްރޮގްރާމްގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުންނާއި މަދަނީ ޖަމުޢިއްޔާތަކުން ސެޝަންތައް ނަންގަވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދަނޑިވަޅުގައި ރައީސް ރާއްޖެއިން ބޭރަށް ވަޑައިގަތުން ކުށްވެރިކުރަން: އިދިކޮޅު

މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި އެތައް ބަޔަކު ހާލުގައި ޖެހިގެން އުޅޭއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ޕީޕީއެމް/ ޕީއެންސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މާލޭގައި އަލިފާނުގެ ހާދިސާއެއް ކުރިމަތިވެ، ކަންބޮޑުވުމެއް އޮތްއިރު ކުއްލި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން ދޭންޖެހޭ އަހައްމިއްޔަތު ކަށަވަރު ކުރުމަކީ ކުރަންޖެހޭ ކަމަކަށްވާއިރު އެކަން ކުރުމަށްޓަކައި ސަރުކާރުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގައި ނެތުމަކީ ހާދިސާއަށް ސަރުކާރުން ދޭންވީ އެންމެ މުހިންމު ސަމާލުކަން ނުދޭކަން ފާހަގަކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެމަނިކުފާނު (ރައީސް ސޯލިހު) މިއަދު ފުރާވަަޑައިގަންނަވައިފި ކަމަށް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ދެކޭގޮތުގައި ސަރުކާރުން ދޭންވީ އެންމެ މުހިންމު ސަމާލުކަން ނުދޭކަން ފާހަގަކުރެވޭ ކަމެއް. އަޅުގަނޑުމެން ކުށްވެރިކުރަން ރައީސް މިވަގުތު ރާއްޖެއިން ފުރާވަޑައިގަތުން،” އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލިފާނުގެ ހާދިސާއެއް ހިނގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތްއިރު، ރައްޔިތުންނަށް މުހިންމު ވާނީ އދ. ގައި ތަގުރީރު ކުރެއްވުމެއް ނޫން ކަމަށެވެ.

އަދި އެކަން ފަސް ކުރެއްވުމަށްފަހު ވެސް ރައްޔިތުންނަށް ދިމާވި ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާއާ ގުޅިގެން އަޅުއްވަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުއްވުމަކީ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ވެރިކަމެއް ކުރާނަމަ ކުރައްވަންޖެހޭ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ވަގުތީ ހިޔާގައި 400 އަށްވުރެ ގިނަ މީހުން

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 400 އަށްވުރެ ގިނަ ފަރާތެއް ވަގުތީ ހިޔާގައި ރެޖިސްޓަރ ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިހެން ވިދާޅުވެފައިވަނީ، ރޭގެ ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

މިބައްދަލުވުމުގައި އެމްއެންޑީއެފް އިން ވިދާޅުވީ 440 އެއްހައި މީހުން، ކަލާފާނު ސްކޫލުގައި ޤާއިމްކޮށްފައިވާ ވަގުތީ ހިޔާގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހާލުގައި ޖެހުނު މީހުންގެ ތެރެއިން 13 އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ސާމާނު ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

“ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފިހިފަ، ވަކިކުރާކަށް ވެސް ނޭނގުނު”

ހ. ފެހިއާބާދު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ރިޕޯޓް ކުރުމުން ހޯދަމުންދިޔަ އަންހެން މީހާގެ ހަށިގަނޑު އޮތީ ކާކުކަން ވެސް ސީދާ ވަކި ނުކުރެވޭ ވަރަށްވުރެ ބޮޑަށް ފިހިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އާއިލާގެ ފަރާތުން ގެއްލިގެން ހޯދަމުން ދަނިކޮށް، ނިޔާވެފައި އޮއްވާ ފެނުނީ ތ. ބުރުންޏަށް އުފަން އައިޝަތު ޝައުނާ، 49އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އިމާރާތުގެ ތެރެއިން ފެނުނީ ޝައުނާގެ ހަށިގަނޑުކަން އަދި ޔަގީން ނުވާ ކަމަށެވެ. ނަމަވެސް ގެއްލިގެން ރިޕޯޓްކުރީ އެންމެ އާއިލާއަކުން ކަމަށް ވިދާޅުވިއެވެ.

“ވަރަށް ބޮޑަށް ފިހިފައި ކަމަށް. ވަކިކުރާކަށް ވެސް ނޭނގެ ސީދާ އެހާވަރަކަށް. ދެނެގަންނަން ވެސް އުދަނގޫވި ހަގީގަތުގައި. ކުލަ ދެއްތޯ…. ވަރަށް ބައިވަރު އެއްޗެހިތަކަކާއެކު ދުންގަނޑަކަށްވެފައި އޮތީ…،” ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ހަށިގަނޑު ފެނުނީ އެންމެ ބޮޑަށް އަލިފާން ރޯވި ކެމިކަލް ގުދަނުގެ ކުރިމަތީގައި ހުރި އުސް އިމާރާތުން ކަމަށެވެ.

އާއިލާގެ ފަރާތުން މީހަކު ގެއްލިގެން ރިޕޯޓްކުރުމުން އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން، ވަރަށް ބޮޑު ރިސްކެއް ނަންގަވައިގެން ހައެއްކަ ފަހަރު ވަރަށް ވަދެ، ވަރަށް ރަނގަޅަށް ބަލައި ފާސްކުރި ކަމަށް ކާނަލް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ފުލުހުންނާއި ސިފައިން އެ ހަށިގަނޑު ދެނެގަނެ، އެތަނުން ނެރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރިލްވާންގެ މައްސަލަ އަންނަ ހަފްތާގައި ޕީޖީއަށް ފޮނުވަނީ

ގެއްލުވާލާ، މަރާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްުދުﷲގެ މައްސަލަ އަންނަ ހަފްތާ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުަހައްމަަދު ސާލިހު ވިދާޅުވެއްޖެެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ ޕްރެސް ކޮންފަރެންސެއްގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނު އުފައްދަވާފައިވާ، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިޕޯޓް އެކީ ފައިނަލްކޮށް އޭގައި ހުރި ކަންކަމާ ގުޅިގެން ދައުވާ ކުރުމަށް އަންނަ ހަފްތާ ޕީޖީއަށް ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން ވަޅިޖަހައި މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓް ވެސް ނިމިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ޝަރީއަތުގައި އޮތް މައްސަލައަކަށް ވާތީ އެ ރިޕޯޓް އާންމުކުރާނީ ޝަރީއަތް ނިމުމުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އަނިޔާވެރިގޮތަކަށް މަރާލާފައިވާ އަނަސްގެ މަރުގެ މައްސަލައިގެ ރިޕޯޓްވެސް ނިމިފައިވާކަމަށާ، ނަމަވެސް 2 މީހެއްގެ ފަރާތުން ލިބެންޖެހޭ މަޢުލޫމާތު އަދި ނުލިބޭތީ އެރިޕޯޓް މުޅިން ފުރިހަމަ ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ، މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ ރިޕޯޓް ވެސް މިހާރު ނިމި ރިޕޯޓް އާންމު ކުރުމުގެ މަގުމަތީގައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޗައިނާގައި ކިޔަވަމުން އަންނަ ދަރިވަރުންނާ ފޮރިންގް މިނިސްޓަރ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ  ޗައިނާގެ ވެރިރަށް ބެއިޖިންގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައިވާކަމަށެވެ. މި ބައްދަލްކުރެއްވުމުގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތް މިނިސްޓަރު ވަނީ އޮޅުއްފިލުއްވާފައެވެ.

ޗައިނާ ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދު ވަނީ އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީ ޖަގަތީސާ ޕާންޑިއަންއާ ބައްދަލު ކުރައްވާފައެވެ. އަދި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ޗެއާމަން ޗެން ދައިހުއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުުރުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ޑައޮސޮންގްވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީންގެ ދަތުރުފުޅު މިފަހަރު މ. އަދި ފ. އަތޮޅަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މ. އަތޮޅާއި ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފައްޓަވާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް ހުސައން ޝަރީފް (މުންދު) ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް ޔާމީން އެ ދެ އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

އިދިކޮޅު އިއްތިހާދުގެ ގިނަ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާއި މެންބަރުންނާއެކު ރައީސް ޔާމީން ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މީގެ ދެ ހަފްތާ ކުރިންވަނީ، ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު އެމަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުލުގައި އދ. އަތޮޅަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް ތިން ދުވަހަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ، އދ. މަހިބަދޫ، އެ އަތޮޅު ކުނބުރުދޫ އަދި ދަނގެއްޗަށް ވަޑައިގެންފައެވެ.

ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ދަތުރުގައި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި

ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީ ފަރާތެއް ހުއްޓުވާފައިވާ ކަމަށެވެ.

އޭނާއަކީ ގޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާ ރާއްޖެ އައިސްފައިނީ ކޮން ގައުމަކުން ކަމެއް އިމިގްރޭޝަނަކުން ނުބުނެއެވެ. އަދި އޭނާ ހިފެހެއްޓި ދުވަހެއް ވެސް ނުބުނެއެވެ.

ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވިއިރު، ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 11 މިހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ނަމަވެސް އެމީހުންގެ އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ވެސް އިމިގްރޭޝަނަކުން މީޑިއާއަކާ ހިއްސާ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ޝަރުތުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީ އަކާއި ގަވައިދާ ހިލާފަށް ބިދޭސިން ރެކްރޫޓު ކުރުމުގައި އިސްކޮށް ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީއަކު ވެސް އިމިގްރޭޝަނުން ވަނީ މިމަހުގެ ތެރޭގައި ޑީޕޯޓް ކޮށްލައިފައެވެ.

ފިއްލެވުނީތީ އަދީބު މައާފަށް އެދިވަޑައިގެންފި

ޓަގު ބޯޓެއްގައި ފިލަން މަސައްކަތް ކުރަނިކޮށް، އިންޑިއާގެ ޓުޓިކޮރިން އަތުލައިގަތް މައްސަލައިގައި، ދަޢުލަތުން އަޙުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ، ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުއެހުން، ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައިވާ އިރު، މިއަދުގެ އަޑުއެހުމުގައި އަޙުމަދު އަދީބު ވަނީ އެ ކަމަށް އަމިއްލަ އަށް އިޢުތިރާފު ވެވަޑައިގެންފިއެވެ.

އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ފިއްލަވަން އުޅުވީ މިދިޔަ އޮގަސްޓް މަހު އެވެ. އޭނާ ހުންނެވި ޓަގު ބޯޓެއްގައި އިންޑިއާގެ ކަނޑުގެ ސިފައިން ހުއްޓުވައި، ރާއްޖެއަށް އަނބުރާ ފޮނުވާލީ އެވެ.

އަދީބު ދައުވާއަށް އިއުތިރާފްވުމުން ގާޒީ ވިދާޅުވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަހުގެ ތެރޭގައި މައްސަލަ ނިންމަވާނެ ކަމަށެވެ

ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ކުށަށް އިއުތިރާފްވުމުން އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެތީ އެ މައްސަލާގައި އަދީބަށް އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ހާލު ސީރިޔަސްވި މަސްވެރިޔާގެ ހާލު މިހާރު ރަނގަޅު

މަހަށް ނުކުމެ އުޅެނިކޮށް ހާލު ސީރިއަސްވެގެން އިއްޔެ ސިފައިންގެ އެހީތެރިކަމާއެކު ހއ. އިހަވަންދޫ އަށް ގެންދިޔަ މަސްވެރިޔާގެ ހާލު ރަނގަޅު ކަމަށް އެރަށު ސިއްހީ މަރުކަޒުން މިއަދު ބުނެފި އެވެ.

ހއ.ތުރާކުނުގެ ހުޅަނގުން 63 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު “އަރާތަރި” ދޯނީގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެގެން އިއްޔެ އިހަވަންދޫއަށް ގެންދިޔައީ ޑޮކްޓަރަކާއި ނަރުހެއް ވެސް ގޮވައިގެން ސިފައިން ކުރި ދިގު ދަތުރެއް ކޮށްފަ އެވެ.

އިއްޔެ މެންދުރު 2:45 ހާއިރު ސިފައިން ފެށި ދަތުރަށް ފަހު، ބަލި މީހާ އިހަވަންދޫއަށް ގެންދެވުނީ ރޭ 8:00 ހާއިރު އެވެ.

އޮންލައިން ނޫހެއް ކަމަށްވާ “މިހާރު” އިން އިހަވަންދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު ހުސައިން ފަޔާޒް އާ ހަވަލާދީ ބުނެފައިވަނީ އެ މަރުކަޒުގެ ޑޮކްޓަރުން އިއްޔެ ދޯނި ކައިރިއަށް ގޮސް، ބަލިމީހާ ބަލަން ފެށިއިރު ވެސް ހާލު ސީރިއަސްއެއް ނޫނެވެ. އޭނާ އަށް ދިމާވި މައްސަލަ އަކީ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން ކަމަށާއި ލަފާ ކުރެވޭގޮތުގައި އެއީ “ރީނަލް ކޮލިކް” ގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

“އެޑްމިޓްކޮށްގެން އެންޓިބަޔޮޓިކް ދެމުން މި އަންނަނީ. އެހެން ޓެސްޓްތަކުން ވެސް ބަލި މީހާ ނޯމަލްކަމަށް ދައްކަނީ،” ފަޔާޒް ވިދާޅުވި އެވެ.

ރީނަލް ކޮލިކަކީ ކުޑަކަމުދާ ނިޒާމުގައި އުފެދޭ ހިލަތަކުގެ ސަބަބުން ވާ ތަދެކެވެ. މި ތަދު ވާނީ، ކުޑަކަމުދާ ނިޒާމު އެ ހިލަތަކުގެ ސަބަބުން ބްލޮކް ވުމުންނެވެ.

މަސްދޯންޏެއްގައި ހުރި މީހަކު ކުއްލި އަކަށް ވާގި ދޫވެގެން އެހީތެރިވަނީ

ހއ. ތުރާކުނުގެ ބޭރުގައި މަސްވެރިކަން އުޅުނު ދޯންޏެއްގައި ހުރި މީހަކު، ކުއްލި އަކަށް ވާގި ދޫވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އިތުރު ތަފްސީލް އަންނަނީ …

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ރައީސް ނަޝީދަށް

ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ޝަރަފުގެ އަލިމަސް ގަލަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފިއެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފްވެރި އެވޯޑް، ރައީސް ނަޝީދުގެ އިތުރުން އިތުރު ތިން ބޭފުޅަކަށް އެރުވިއެވެ.

އެއީ، މިއަދު ނޫހުގެ ބާނީ އަހުމަދު އަބްދުﷲ އާއި ޕީއެސްއެމް ބޯޑްގެ ކުރީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު އަދި މަޑުލު މުހައްމަދު ވަހީދެވެ. އެ ފަރާތްތަކަށް މިރޭގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

ނުވަ ދިހައިގެ ކުރީކޮޅު ނުކުތް “ހުކުރު” ނޫހާއި “ސަންގު” ނޫހުން ނޫސްވެރިކަމުގެ މަސައްކަތް ބޮޑަށް ފެނިގެންދިޔަ ރައީސް ނަޝީދަކީ ޖެހިލުންކުޑަ ނޫސްވެރިއެއްގެ ގޮތުގައި ރާއްޖޭގެ ނޫސްވެރިންގެ މެދުގައި މަޝްހޫރު ބޭފުޅެކެވެ. އަދި  ނޫސްވެރިކަމުގެ މަސައްކަތުގެ ތެރެއިން އެކިކަހަލަ އަދަބުތައް ލިބިވަޑައިގެން އެތައް ދުވަހެއް ވަންދެން ބަންދުގައި ވެސް ހުންނެވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ އަލިމަސް ގަލަން ނުވަ ބޭފުޅަކަށް އަދި ނޫސްވެރިކަމުގެ ރަން ގަލަން 12 ބޭފުޅަކަށް ވަނީ އަރުވައިފައެވެ.

ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިލެއްވި ނުވަ ބޭފުޅުންނަކީ، “ވަން އޮންލައިން”ގެ ސީއީއޯ ސިނާން އަލީ، މުހައްމަދު ޖިނާހް، އަބްދުﷲ ރަމީޒް، ދިވެހި ތާރީހާއި ސަގާފަތާ ގުޅޭ ލިޔުންތައް ލިޔުއްވަން މަޝްހޫރު މުހައްމަދު ޝާތިރު، ތިމާވެށީގެ ރޮނގުން މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި)، ހުސެއިން މުހައްމަދު، ބޭރު ދުނިޔޭގެ މަސްރަހު ދިރާސާ ކުރައްވާ މުހައްމަދު ޖަވާދު، ދިޓީވީގެ ކުރީގެ ސީއީއޯ މިދުހަތް އާދަމް އަދި ވީމީޑިއާގައި ބޭރު ދުނިޔޭގެ މަސްރަހު ދިރާސާ ކުރައްވާ ސައިފް އަޒްހަރެވެ.

ރަން ގަލަން ލިބިލެއްވި ބޭފުޅުންނަކީ، “ވަން އޮންލައިން”ގެ ޑެޕިއުޓީ އެޑިޓަރު އިބްރާހިމް ޒަކީ، ގިނަ ދުވަސްތަކެއް ވަންދެން ފޮޓޯ ނެގުމުގަ އާއި އަދި މިހާރު ވެސް ފޮޓޯ ޖާނަލިޒަމްގެ ދާއިރާގައި އުޅުއްވާ އިސްމާއިލް އަބްދުލްޣަފޫރު (ފޮޓޯ ދޮންބެ)، ޕީއެސްއެމްގެ އެކްޓިން ނިއުސް ހެޑްގެ މަގާމުގައި ހުންނެވި މުހައްމަދު އަފްޒަލް، ދުވަސްވީ ފޮޓޯ ޖާނަލިސްޓް މުހައްމަދު ވަހީދު، ޕީއެސްއެމްގެ ނިއުސް އެގްޒެކެޓިވް އެޑިޓަރުގެ މަގާމުގައި ހުންނެވި ޝެހެނާޒް އަބްދުއްރަހްމާން، ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް ހިމެނެއެވެ.

މީގެ އިތުރުން ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝާހިދު، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަހުމަދު މުހްސިން، މޫނިސާ އީސާ، ވީމީޑިއާގެ ނޫސްވެރިޔާ ޖާދުއްﷲ ސައީދު، އާފަތިސް ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޝަމްރަތު އަހްމަދު އަދި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ހަފްސީ އަބްދުﷲ އަށް ވެސް ރޭގެ ރަސްމިއްޔާތުގައި ރަން ގަލަން ވަނީ އަރުވައިފައެވެ.

ހައްޖު ޖާގަ ދިނުމުގައި ބަލި މީހުންނާއި ދުވަސްވީ މީހުންނަށް އިސްކަން ދޭން އެދިއްޖެ

ހައްޖަށް ގެންދިއުމަށް ފުރުސަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.

ނައިބް ރައީސް ފައިސަލް އެގޮތަށް އެދިވަޑައިގަތީ، ހައްޖު ކޯޕަރޭޝަންގެ އިސްވެރިންނާ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ނައިބް ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި ދުރާލާ ތތައްޔާރީތައް ވުމަށް ވެސް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާދާއިރާއެއްގައި، ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް ދުރާލައި ހިންގަވައިދެއްވުމަށް އެދިވަޑައިގަތެވެ.

ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަންގެ އިސްވެރިން ވަނީ، ހައްޖުގެ އަޅުކަމަށް މީހުން ފޮނުވުމުގައި އިތުރަށް ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ބޭނުންވާ ކަންކަން ނައިބް ރައީސްއާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

އަދި ހައްޖާޖީންގެ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިއަށްގެންދިއުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް އިތުރަށް ދެއްވާ ކޯޓާ ވެސް ވީހާ އަވަހަކަށް ހަމަޖެހޭނެ ގޮތްވުމުގެ މުހިންމުކަމާ އަދި ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ކަންކަން ވެސް ކޯޕަރޭޝަންގެ އިސްވެރިން ނައިބް ރައީސްއާ ހިއްސާ ކުރެއްވިއެވެ.

ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ކަންކަމާ ގުޅިގެން ނައިބް ރައީސް ވަނީ، އެކަންތައްތަކުގެ ތެރެއިން ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދަންޖެހޭ ކަންކަން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓްގައި ކަތުރުފަނި ނައްތާލަން ޝަރީއަތްތައް ކެންސަލްކޮށްފި

ކްރިމިނަލް ކޯޓު ހިންގާ އިމާރާތުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި، މިއަދު އެ ކޯޓުގައި ބާއްވަން ހަމަޖެހިފައިވާ ހުރިހާ ޝަރީޢަތެއް ކެންސަލްކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކަތުރު ފަނި އަޅާފައިވާތީ އެ ފިލުވުމަށް ބޭސް ޖަހާފައިވާ ކަމަށެވެ. މިހެންވެ އެ ކޯޓުގެ އާދީއްތަ ދުވަހުގެ ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޑީޖޭއޭ އިން މަޢުލޫމާތު ދޭ ގޮތުގައި ކަތުރުފަނި ނައްތާލުމުގެ މަސައްކަތަށް ކްރިމިނަލް ކޯޓުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތްތައް ކެންސަލް ކޮށްފައިވީނަމަވެސް، ބަންދުގެ މުއްދަތު ޖެހުން ޖަސްޓިސް ބިލްޑިންގްގައި އޮންނާނެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާދޭ ޚާއްސަ މަރުކަޒު ޤާއިމުކުރަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަ ކުދިންނަށް ފަރުވާ ދޭ މަރުކަޒެއް މިއަހަރުގެ ތެރޭގައި އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީ އަކީ ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ޚާއްޞަ ތަރުބިއްޔަތު ތަކަކާއި ޚާއްޞަ ފަރުވާތަކެއް ދޭން ޖެހޭ ބައެއްކަމަށާއި، މިފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް، ޤާއިމުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި، މިމަރުކަޒު ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އެވަބާއިން ސަލާމަތްކުރުމަށްޓަކާ އެކުދިންނާ، ކުދިންގެ ޢާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކާ ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ނޭޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް ޚިދުމަތް ފުޅާ ކުރުމަށްޓަކާ ނޭޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ. މި ގެނެވޭ ބަދަލާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ޚިދުމަތްތައް ތަރައްޤީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ތަރައްޤީ ކުރެވޭނެ. މީގެއިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަކޮށް، އެމީހުންނަށް ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި ޤައުމީ ދިރާސާ މަރުކަޒަކާއި ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ޤާއިމު ކުރެވޭނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާ ތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާން ޖީލް އެވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަދި އެހާމެ އިސްކަން ދެވިފައިވާ ސިޔާސަތެއްކަމުގައި ވިދާޅުވިއެވެ. އަދި، މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީން ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިޔަފާރިން ނުޙައްޤު ނަފާ ހޯދުމަށް މިޤައުމުގެ ދަރީންގެ މުސްތަޤުބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މިދެންނެވި ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަކީ އަޅުގަނޑުމެން ފަހަށް ނުޖެހި ކުރަމުން ގެންދާނެ މަސައްކަތެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މުޅި މުޖުތަމަޢު ބައިވެރި ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، މިއީ ބޭނުންވާ ނަތީޖާއާއި ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ މާ އަވަހަށް ހާސިލުވާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“މަސްތުވާތަކެތި ބޭނުން ކުރުމާއި އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުޤީޤީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ޚާއްޞަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ޤާއިމު ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މިހާތަނަށް ޤާއިމު ނުކޮށް އޮތް ނަމަވެސް، މި ސެންޓަރ ޤާއިމު ކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނަށް ޒަމާނާ ޙާލަތާއި ގުޅޭ އިސްލާހު ތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އެގޮތުން މި ޤާނޫނު މުރާޖަޢާކޮށް މި ޒަމާނަށް ފެތޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށާއި މިކަމާއި ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށްޓަކާ އެ ޤާނޫނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާ ތަކެތިން ޤައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ނުވަތަ އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާ ތަކެތި އެތެރެވުން ހުއްޓުވުންކަމަށާއި މިކަން ކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކުން މިހާރަށް ވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް ކޮށްގެންކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދަޢުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާ “މާސްޓާ” ޑީޕޯޓް ކޮށްލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރަމުންއައި ބަންގުލަދޭޝްގެ ރައްޔިތަކު ޑީޕޯޓް ކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެމްޑީ ޝަފީގުލް އިސްލާމް ނުވަތަ އާންމު ނަމުންނަމަ “މާސްޓާ” ނަމަކަށް ކިޔާ އުމުރުން 49 އަހަރުގެ އެ މީހާ އަތުލައިގަތީ ފުލުހުންނާ ގުޅިގެން އިއްޔެ ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި އޭނާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރުމާއި ގަވައިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއް ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ، އެ މީހާ މިހާރު ރާއްޖެއިން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހަންމަދު އަހުމަދު ހުސައިން (ޙަނަފީ) ވިދާޅުވީ، މިއީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

އަދި އިމިގްރޭޝަންގެ މަގްސަދަކީ ގަވައިދާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދައި، އެ ސަބަބުތައް މަދުކޮށް އެކަމުގައި ނަތީޖާއަކަށް ވާސިލްވުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.

ތައިލެންޑްގެ ސަފީރުު ކަމަށް ޖިނާހް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާ ހުންނަވާ ސަފީރުކަމަށް މއ. ތިބްރޯޒް، މުހައްމަދު ޖިނާހް މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖިނާހަށް މަގާމުގެ ފަތްކޮޅު ރައީސް ދެއްވީ، އެކަމަށްޓަކާ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މީގެ ކުރިން ޕަބްލިކް ވޯކްސް މިނިސްޓްރީގައި ޑްރާފްޓްސްމަން ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖިނާހް އެންމެ ފަހުން އަދާކުރެއްވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރު ކަމެވެ.

ތައިލެންޑްގެ ސަފީރު ކަމަށް ޖިނާހް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ސޯލިހު، އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އަދި އޭނާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.

ބުދުތަކެއް ސިފަވާ ގޮތަށް ހުރުމުން ތަޅާލި ސިއްރު ފެންފުށީ މޫދު އަޑީގެ ގެލެރީ އަލުން ހުޅުވައިފި

ބުދުތަކެއް ސިފަވާ ގޮތަށް ހުރުމުން ތަޅާލި ސިއްރު ފެންފުށީ މޫދު އަޑީގެ ގެލެރީ އަލުން ހުޅުވައިފިއެވެ.

ސިއްރު ފެންފުށީ މޫދު އަޑީގެ ގެރެލީ،ބުދު ތަކެއް ސިފަވާ ގޮތަށް ހަދާފައިވާ ސްކަލްޕްޗާ ތަކެއް ހުރެގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މައްސަަލަ ބޮޑުވެފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް އެތަކެތި ވަނީ އޭރު ނަގާފައެއެވެ.

ބަންދުކުރި އެ ގެލެރީއަކީ ރާއްޖޭގައި އެގޮތަށް މޫދު އަޑީގައި ހެދި ފުރަތަމަ ތަނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ސިއްރު ފެންފުށީ މޫދު ގެލެރީ އަލުން ހުޅުވާފައިވަނީ ޑިޒައިނަށް ބަދަލު ތަކެއް ގެންގެންނެވެ.

ށ. އަތޮޅު ސިއްރު ފެންފުށި ހިންގާ ފެއާމޮންޓް ހޮޓަލްސް ކުންުފުނިން ނެރުނު ބަޔާނެއްގައި ބުނީ “ދަ ކޮރެލޭރިއަމް” ގެ ނަމުގައި އަލުން ގެލެރީ ހުޅުވާފައިވަނީ މުރަކަތަކެއް ސިފަވާ ގޮތަށެވެ. މި ފަހަރުގެ ގެލަރީއިން ފެންނާނީ މުރަކަތަކެއް ހެދި، ބޮޑު ވަމުން އަންނަ ގޮތް ކަމަށެވެ.

މިއަހަރު ޝަހްސު އޮޅުވާލައިގެން 11 މީހަކު ރާއްޖެ އެތެރެވާން އުޅުނު

މިއަހަރުގެ ތެރޭގައި ޝަހްސު އޮޅުވާލައިގެން 11 މީހަކު ރާއްޖެ އެތެރެވާން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހުންގެ ފޮޓޯއާއެކު އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ވައްތަރުގެ މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް، ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރުމުން ހުއްޓުވާފައިވަނީ ހަ އަންހެނުންނާއި ފަސް ފިރިހެނުން ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް އަދި އެމީހުން ރާއްޖެ އެތެރެވާން އުޅެފައިވަނީ ކޮން ގައުމަކުން ކަމެއް އިމިގްރޭޝަނަކުން ނުބުނެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުންދާ މައްސަލަ ބޮޑުވެފައިވާއިރު، އެފަދަ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުން އެކި ނަންނަމުގައި އަލުން ރާއްޖެ އެތެރެވުމަކީ އާންމު ކަމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނާގޮތުގައި، ނަން އޮޅުވާލައިގެން ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަކީ އެ އިދާރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މީހާ މެދުވެރިކޮށް އޭނާގެ ކޮއްކޮއެއް ނުވަތަ ގާތްތިމާގެ މީހަކު ރާއްޖެ އަންނަ ކަމަށާއި އެ އަންނަ އައުމުގައިވެސް ގަވާއިދާ ހިލާފަށް މީހުން އެތެރެވެފައިވާ އިމިގްރޭޝަންގެ ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަބްދުﷲ ރަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.