ނިއުޕޯޓު ހުރި ބިން ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހަދާފައިވާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން 15 ދުވަސް ތެރޭ ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓުން ނިއުޕޯޓް ރެސްޓޯރެންޓް ހިންގާ ސްޓްރާޑާ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ހުކުމްކުރީ ނިއު ޕޯޓް ހުސްކޮށްދިނުމަށާއި އެ ބިމުން ދައުލަތަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެން ކުރި ހުކުމްގަ އެވެ.

ނިއު ޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ އާއި ދެކޮޅަށް ކުރި ހުކުމްގައި ބުނެފައިވަނީ ސަރުކާރުން އެކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ ކަން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކޮށްފައިވަނިކޮށް އެކުންފުންޏަށް އެ ބިން ބޭނުންކުރުމުގެ ހުއްދަ ނޯންނާނެތީވެ 15 ދުވަހުގެ ތެރޭގައި ސަރުކާރާ ބިން ހަވާލުކޮށް، ކުލީގެ ގޮތުގައި ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލު ކުރުމާ ހަމަ އަށް އަރަމުންދާ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް އަމުރުކުރާ ކަމަށްވެސް ހުކުމްގައިވެ އެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ވިއު ރެސްޓޯރަންޓް ހިންގުމަށް ބްރިޖު ސަރަހައްދުން ބިމެއް 2016 ވަނަ އަހަރުގެ ތެރޭގައި އެކުންފުންޏަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި އޭރު ހުންނެވި ޒާހިދު ރަމީޒެވެ.

އެންމެ ފުރަތަމަ “ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން”ގެ މަގާމު ރާއްޖެއަށް

ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން”އަކީ ދިވެހިރާއްޖެ ކަމުގައި އިއުލާންކޮށްފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި، އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން” ގެ މަގާމު ލިބުމުން ރައީސް ވިދާޅުވީ، މި މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތްކުރާ ނޫ އިގްތިސާދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.

މިއަދު ބޭއްވި މި ދަންފަޅީގައި ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި ގާނޫނާ ގަވައިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ޕާލޭ އޭއައިއާރު ސްޓްރެޓެޖީއަށް ތައުރީފުކުރައްވައި މި ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތައުރީފު ކުރެއްވިއެވެ.

އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 2023 ވަނަ އަހަރުގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކޭލެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލެއްވިއެވެ.

އަދި މިއީ އެފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ގައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމުކަން ފާހަގަކުރައްވާ ރައީސް ވަނީ،  މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ރާއްޖެއިން ގެންގުޅޭ މޮޑެލްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

އިސްލާމްދީނަށް ފުރައްސާކޮށް ހިންގަމުންދިޔަ “ޖުހާ” ޕޭޖް ބްލޮކް ކޮށްފި

މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ކުރެހުންތައް ފަތުރަމުންދިޔަ ފޭސްބުކް ޕޭޖް “ޖުހާ” ބުލޮކް ކޮށްފިއެވެ.

“ޖުހާ” ގެ ނަމުގައި ހިންގަމުންދާ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެއެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެއެވެ.

އެ ޕޭޖް ބުލޮކް ކޮށްފައިމިވަނީ، މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިއްޔެ ބުނެފައިވަނިކޮށެވެ. އަދި އާންމުން ވެސް ވަނީ އެ ޕޭޖް ބުލޮކް ކުރަން ރިޕޯޓް ކުރަމުންނެވެ.

އެގޮތުން މިހާރު ވަނީ އެ ޕޭޖަށް ނުވަދެވޭ ގޮތް ހަދާފައެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް ވަނީ މިއަހަރުގެ ޖަނަވަރީ 22ގައި ހާއްސަ ކޮމެޓީއެއްވެސް އުފައްދަވާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ކޮމިޓީގެ މަސައްކަތްތައް ހިނގަނީ ސޯޝަލް ކައުންސިލްގެ ދަށުންނެވެ.

ދުނިޔޭގެ ރިކޯޑް މުގުރާލާ އިވެންޓްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނައިގެން ރާއްޖޭން ހަދާ ދުނިޔޭގެ ރެކޯޑްގެ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެބަދަލުވުމނުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ރެކޯޑު ހަދަން ރާއްޖޭން ބާއްވާ އިވެންޓުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.   ނަމަވެސް އެ އިވެންޓްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ގޮތް ހާމައެއް ނުކުރެ އެވެ.

“ނޭވާ” ގެ ނަމުގައި ބާއްވާ މި ރިކޯޑް އިވެންޓުގައި 500 މީހުން ބައިވެރި ކުރަން ނިންމާފައިވެ އެވެ. އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ރެކޯޑު މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާ އިން ރެކޯޑް ހަދާފައިވަނީ އޮކްޓޫބަރު 11، 2009 ގަ އެވެ.

ދުނިޔޭގެ ރެކޯޑު ހަދަން ބާއްވާ އިވެންޓު އޮންނާނީ އަންނަ މަހުގެ އެއްވަަނަ ދުވަހު ބަރޮސް އައިލެންޑް ރިސޯޓުގެ ފަޅު ތެރޭ އެވެ. މި އިވެންޓު ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް ވެސް ބައިވެރިވާނެ އެވެ.

ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކްރިމިނަލް ކޯޓުގައި ބާއްވާ އެ ޝަރީއަތުގެ އަޑުއެހުން ތާވަން ކޮށްފައިވަނި ހެނދުނު 9:30 އަށެވެ.

މި މައްސަލާގައި ޝަރީއަތުގެ ތިން އަޑުއެހުމެއް މިހާތަނަށް ވަނީ ބާއްވައިފައެވެ. އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގިއެވެ.

އެގޮތުން ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރު މުހައްމަދު ޝަރީފް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ލުވެއިޒްގެ ހެކިބަސް އެދުވަހު ނެގިއެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެއެވެ. އޭނާގެ ހެކިބަސް ނުނެގިފައި އޮތީ އޭނާއަށް މަޖުބޫރު ކޮށްފައިވާ ކަމަށްބުނެ ހެކިބަސް ދިނުމަށް އިންކާރު ކުރެއްވުމުނެވެ.

އެހެންކަމުން، ދައުލަތުގެ ފަރާތުން ވަނީ ލުތުފީ ފުލުހުންނަށް ބަޔާން ދެއްވިއިރު، ކޮށްފައިވާ ވީޑިއޯގެ ރެކޯޑިން ޝަރީއަތުގައި ބެއްލެވުމަށް ޝަރީއަތަށް ހުށަހަޅުއްވައިފައެވެ. އެކަމާ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ދެކޮޅު ހެދި ނަމަވެސް، ގާޒީ ވަނީ ދެން އޮންނަ ޝަރީޢަތެއްގައި ދައުލަތުން ހުށައެޅި ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރާ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައެވެ.

ދައުވާގައި ބުނެފައިވާ ގޮތުން، އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށްފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސްލު ޔާމީން ވަނީ އޮޅުވާލައިފައެވެ.

މުދަލަތު ޒަކާތް ބެހުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު މުދަލު ޒަކާތް ބަހަންް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އެދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރުފަހު 2:30 އަށް، އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.

އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި މުދަލު ޒަކާތް ބަހާނެ ދުވަސް ކަނޑައަޅައި އެކަމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

3 ދިވެހިންނާއެކު ދަތުރުކުރަމުން ދިޔަ ޑައިވިން ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ

3 ދިވެހިންނާއެކު ދަތުރުކުރަމުން ދިޔަ ޑައިވިން ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަމުން ދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ މޫރިތި ނަމަކަށް ކިޔާ ޑައިވިންގް ދޯންޏެއް ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

މާފުށީ ޖަލަށް ވައްދަން އުޅުނު 70 އަށްވުރެ ގިނަ ފޯނާއި، ގިނަ ސާމާނުތަކެއް ހިފަހައްޓައިފި

 

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނުތަކެއް އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ކަރެކްޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފޯނާއި އަދި މިނޫންވެސް ތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައިގ 21 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 21 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް އަދި 26 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ތަކެތި:

7 ސިމް ކާޑް (ދިރާގު)

62 ފޯން ޗާޖަރ

39 ޔޫއެސްބީ ޑްރައިވް

22 ހެޑްސެޓް

5 އެޑެޕްޓަރ

29 ނޮކިޔާ ފޯން

41 ސްމާޓް ފޯން

1 ނޮކިޔާ ފޯން

1 އެލް8ސްޓަރ ފޯން

2 ފެހުމަށް ބޭނުން ކުރާ ކިޓް

5 ނިޔަފަތި ކަނޑާ ދަތި

5 ސްޕަރ ގުލޫ

5 ކަތުރު

3 ވަޅި (ކުޑަ)

2 ދަޅު ފެމް

2 ކަތަރު ތިލަ ފޮށި

2 އައޮޑިން ލޮނު ޕެކެޓް

2 ލޯގަނޑު

12 ދުނި ކީސްތިލަ

5 ސަމުސާ

5 އޫ

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، ރައީސް އެމެރިކާއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އދ. އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ، އދ. ގެ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވާ ތަގުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެ އާއި އެހެން ގައުމުތަކާއި ބައިނަލްއަގުވަމީ ޖަމިއްޔާ އަދި ޖަމާއަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަގުރީރަަކަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެކި ގައުމުތަކުގެ ވެރިންނާއި އދ. ގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު އދ. ގައި ތަގުރީރު ކުރައްވާފައެއް ނުވެއެވެ. އެ މުއްދަތުގައި މުޅިން ވެސް ރާއްޖޭގެ ފަރާތުން އދ. ގައި ތަގުރީރު ކުރެއްވީ ކެބިނެޓް މިނިސްޓަރުންނެވެ.

ކެމިކަލް ގުދަންތައް މީހުން ނޫޅޭ ތަންތަނަށް ބަދަލު ކުރަން ރައީސް އަންގައިފި

މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފިއެވެ.

އެމަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދުލުވުމުގައެވެ.

މުލީއާގޭގައި މިއަދު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ވަނީ މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރެއްވުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މަޢުލޫމާތު ތަކެއް ހިއްސާ ކުރައްވާފައެވެ. މިގޮތުން މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން އެމް.އެން.ޑީ.އެފް. ގެ ހުށައެޅުއްވުމުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ޤަވާޢިދެއް ނެތުމުން އެފަދަ ހަރުދަނާ ޤަވާޢިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުޙަލާގައި ވާކަންވެސް އެމް.އެން.ޑީ.އެފުން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. މި ޤަވާޢިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް ޢަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ދެއްވާފައި ވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުން ފިލުއްވައި އެމީހުންގެ ނިދުމާއި ކެއިންބުއިމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާގޮތުގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. މިގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް މާދަމާ ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވެއެވެ.

ރޭގެ ހާދިސާއާއި ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދެއްވާނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހުގައި ކަމަށްވެސް އެސެންޓަރުން ހާމަކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަން ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކެމިކަލް ގުދަންތައް އާއްމުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރާނަން: ރައީސް

ހެންވޭރުގައި ހުރި ގުދަނެއްގައި މިރޭ ހިނގި ފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށްފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް މިރޭ ބާއްވަވާނެ ކަމަށެވެ.

އަދި ނުރައްކާތެރި ކެމިކަލް ފަދަ ތަކެތި ރައްކާކުރާ ގުދަންތައް، އާންމުކޮށް މީހުން ދިރިއުޅޭ ސަރަޙައްދު ތަކާއި ދުރަށް ބަދަލުކުރަން ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ މިރޭގެ ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ގާތަށާއި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި މީހުންގެ ހާލު ވެސް ބައްލަވައިލައްވާފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ފެހި އާބާދު ކިޔާ ގެ އަކާއި އެގެ އާއި އިންވެގެންވާ އިތުރު ގެތަކެއް އަދި ގުދަނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދުގެ ހާލަތު ބައްލަވައިލައްވާފައެވެ. އަދި ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި، ހާދިސާއާ ގުޅިގެން އެ ސްކޫލަށް ގެނެވުނު މީހުންގެ ހާލު ބެއްލެވިއެވެ.

މިރޭގެ ހާދިސާއާ ގުޅޭގޮތުން ނައިބް ރައީސް ފައިސަލް ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މަހަށް ގޮސް އުޅުނު މީހަކު މެޔަށް ތަދެއް އަރައިގެން ނިޔާވެއްޖެ

މަހަށް ގޮސް އުޅުނު މީހަކު މެޔަށް ތަދެއް އަރައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑީއާ އޮފިޝަލް އާޝިޔާ ސޯލިހު އާ ހަވާލާދީ ރާއްޖޭގެ ނޫހެއް ކަމަށްވާ “ސީއެންއެމްއިން” ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 49 އަހަރުގެ މީހެއް ނޭވާ ނުލެވި މެޔަށް ތަދެއް އަރައިގެން ރޭ 10:55 ހާއިރު އެ ހޮސްޕިޓަލަށްވަނީ ގެނެސްފައެވެ.

އެމީހާ މަރުވި ކަމަށް ނިންމީ ރޭ 11:55 ހާއިރު ކަމަށް ވެސް އާޝިޔާ ވިދާޅުވި އެވެ. އަދި އެމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވެސް އާޝިޔާ ވަނީ ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާ އަކީ ލ. މާމެންދޫ މީހެކެވެ. އަދި އޭނާގެ މެޔަށް ތަދެއް އަރާފައި ވަނީ މަހަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.

ރާއްޖެއައި ބަންގްލަދޭޝް މީހެއްގެ އަތުން 2.9 މިލިއަން ރުފިޔާގެ ކެނަބިސް!

ވައިގެ މަގުން ބަންގްލަދޭޝް އިން ރާއްޖެއައި އެގައުމުގެ ފިރިހެނެއްގެ އަތުން 2.9 މިލިއަން ރުފިޔާގެ ޑުރަގްސް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އުމުރުން 36 އަހަރުގެ އެ މީހާގެ އަތުން ޑުރަގްސް ފެނުނީ، އޭނާއާމެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން ކަމަށެވެ.

ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ޕޮޒިޓިވްވިއިރު، އަތުލައިގެން މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.69 ކިލޯ ހުއްޓެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެތީގެ މަގުމަތީގައި އަގު 2.9 މިިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

ކަސްޓަމްސް އިން މިހާރު ވަނީ އެ މައްސަލާގައި ޝާމިލްވާ މީހާ އާއި އަތުލައިގެނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.

ކަސްޓަމްސް އިން މިއަހަރުގެ މިހާތަނަށް 28.49 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި ބްރެޒިލް އަންހެނެއްގެ އަތުން އެއް ކިލޯގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ. އެތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން އަރައެވެ.

ހޭންޑް ފޫޓް އެންޑް މައުތް ފެތުރެނީ، ޑރ. ފައިސަލްގެ އިލްތިމާސަކީ މިއީ

ވައިރަސްއަކުން ޖެހޭ ހޭންޑް ފުޓް އެންޑް މައުތް ބަލި ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހިމް ނިޝާން މީޑިއާއަށް ވިދާޅުވީ، މިހާރަކަށް އައިސް އެ ބަލި ފެންނަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވެސް ވިދާޅުވީ، އެ ބަލި ވަރަށް ބާރަށް ދަނީ ފެތުރެމުން ކަމަށާއި މިހާރު އެ ބަލި ފެންނަމުންދާތާ ހަފްތާއެއް ވެދާނެ ކަމަށެވެ.

ޑރ. ވިދާޅުވި ގޮތުގައި އާންމުކޮށް 10 އަހަރުން ދަށުގެ ކުދިންނަށް ޖެހޭ އެ ބަލި ފެންނަން ފަށަނީ ތަފާތު ކޮށެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް އެ ބަލިު ޖެހުމުގެ ފުރުސަތު އޮވެއެވެ.

އެގޮތުން އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށާއި ކުދިން ކުޅޭ އެއްޗެހިތައް، ދޮރުގެ އަތްގަނޑުތައް ކަހަލަ ގިނައިން އަތް ޖެހޭ ތަންތަން ރަނގަޅަށް ސާފު ކުރުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުން، ކާހިތް ނުވުން، ކަރުތެރެ ފާރުވުން، އަތްތިލަ އާއި ފައި ތިލާގައި ރަތް ކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވެގެން ދިއުން އަދި ވަރު ދެރަވުން ހިމެނެއެވެ.

އަދި ބަލީގެ ވަރިސް ހަށިގަނޑުގައި އަށަގަންނަތާ ތިން ދުވަހާއި ހަތް ދުވަސް ތެރޭގައި އަލާމާތްތައް ފެންނަން ފަށައެވެ.

ޝާހިދު ޗައިނާއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގިޝަން އާއި ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މީގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީޖޭ ޕާންޑިއަން އާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ލީ ޑައޮސޮންގްއާ މިނިސްޓަރު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގެވެ.

ފްލެޓް ކޮމިޓީ އިން ތޮލާލް އާއި މުއިއްޒު އިސްތިއުފާ، ތޮލާލް ވިދާޅުވީ ވަގުތު ނުދެވޭތީ ކަމަށް

ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް ބެލުމަށް އެކުލަވާލި ކޮމިޓީގެ ނައިބު ރައީސަކަށް ހުންނެވި މުހައްމަދު މުއިއްޒު އަދުނާނާއި ކޮމިޓީގެ މެންބަރަކަށް ހުންނެވި އަހުމަދު ތޮލާލް، އެ ކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.

ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި މަސައްކަތް ކުރައްވަމުން ފްލެޓް ކޮމިޓީގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެެވޭ ކަމަށެވެ. އެހެންކަމުން ފްލެޓް ކޮމިޓީގެ މަސައްކަތް އަވަހަށް ނިންމަން އެ ކޮމިޓީގެ މަސައްކަތަށް އެކަށީގެންވާ ވަރަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކޮމިޓީން އޭނާ ވަކިވެވަޑައިގަތީ ކަމަށެވެ.

މުއިއްޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓް މައްސަލަ ބަލާ ކޮމިޓީން މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެ ކޮމިޓީން ބަލަމުން ދަނީ، “ހިޔާ” މަޝްރޫއާއި “ގެދޮރުވެރިކުރުން” މަޝްރޫއުގެ އިތުރުން “ގުޅީފަޅު ހައުސިން ޕްރޮޖެކްޓް” މަޝްރޫއުގައި ފްލެޓް ދޫކޮށްފައިވާ ގޮތެވެ.

ރިލްވާންގެ މަރާ ގުޅިގެން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކޮށްފި

ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާތީ، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ފަނޑިޔާރު ހަސަން އަލީ މިއަދު ސަސްޕެންޑް ކޮށްފައިމިވަނީ، ރިލްވާންގެ މަރުގެ ތަހުގީގާ ގުޅިގެން ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި އޭނާއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ މައްސަލަ ޖޭއެސްސީން ބަލަމުންދަނިކޮށެވެ.

ޖޭއެސްސީން މިއަދު ބުނީ، ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކުރީ، ރިލްވާންގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލަ، ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނުން ރަސްމީކޮށް މިއަދު އެންގުމުންކަމަށެވެ.

އެހެންކަމުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގައިވާ ގޮތުގެ މަތިން، ފަނޑިޔާރު ހަސަން އަލީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް މިއަދު ބޭއްވި ޖަލްސާގައި ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ބަޔާންކޮށްފައިވަނީ، 23 ނޮވެމްބަރު 2013 އިން ފެސިގެން 20 ޖެނުއަރީ 2015 އާ ހަމައަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވިއިރު، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާކަން ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓެއް ހަދައިދިނުމަށް އިންޓެލް ދެ ފުލުހަކު އޭނަގާތު އެދުނު ކަމަށެވެ.

އަދި އެގޮތަށް އެދުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ޖަވާބުގައި ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް އިންޓެލް ދެ ފުލުހުން ބުނުމުން  ދެ ފުލުހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

އެކަން މަރު ކޮމިޝަނަށް އެނގިފައި ވަނީ ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ފަލަސްތީނަށް ތާއީދުކޮށް އދ. ގައި ވޯޓުލާނެކަން ރާއްޖެއިން އިއުލާންކޮށްފި

ކުރިއަށް އޮތް އދ.ގެ އާއްމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމައަށް ތާއީދުކޮށް، ފަލަސްތީނު މައްސަލާގައި އާއްމު މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި އެގައުމާއި އެއްކޮޅަށް ވޯޓުލާނެކަން ރާއްޖެއިން އިއުލާންކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަން އިއުލާންކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ފަލަސްތީނުގެ މައްސަލާގައި ދިވެހިން ތިބީ އެގައުމާއި އެކުގައި ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެގޮތުން ޝާހިދު ވަނީ ކުރިއަށް އޮތް އިސްރާއީލުގެ އާންމު އިންތިހާބު ކާމިޔާބުވެއްޖެނަމަ ފަލަސްތީންގެ އުރުދުން ވާދީ އާއި އެހެން ބައެއް ސަރަހައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރައްވައިފައެވެ.

އަދި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީންގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށާޢި ހިފާފައިވާ ފަލަސްތީންގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާއި ގުދުސްއަށް ބައެއް ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ރާއްޖެއިން ދެކޮޅު ހަދާ ކަންކަން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި މިވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ގާނޫނީ ފިޔަވަޅުތައް އެޅުމަށް، ސައުދީގެ އިސްނެގުމަކަށެވެ.

ހެދުން އަޅަން ޖެހޭނީ ރަސޫލާ އެންގެވި ގޮތަށް، ރައީސް ނަޝީދު އަންގާ ގޮތަކަށް ނޫން: ޑރ އިޔާޒް

ހެދުން އަޅަން ޖެހޭނީ ރަސޫލާ އެންގެވި ގޮތަށް ކަމަށާއި އެއީ ރައީސް ނަޝީދު އަންގާ ގޮތަކަށް ކުރަން ޖެހޭ ގޮތެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް އިތުރަށް ވިދާޅުވީ، ހައްދު ފަހަނަ އަޅައި ގޮސްފައިވާ މީހުން ކާބަފައިން ހުއްޖަތަކަށް ހަަދަން ފެށީ އަލަށް ނޫން ކަމަށާއި އީމާންވާން ޖެހޭނީ ކާބަފައިން އުޅުނު ގޮތަކަށް ނޫން ކަމަށެވެ. އަދި ބަލަންޖެހޭނީ ގުރުއާނާއި ސުންނަތުގައިވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޔާޒް މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައިވަނީ ހެދުން އެޅުމާ ބެހޭ ގޮތުން، ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި ބެލެނިވެރިން އަދި ޓީޒަރުންނާއި މުހާތަބު ކުރައްވާ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

“އެންމެ ބޮޑު ކަމަކީ މިސްކިތްތައް ތަޅާލުން، ގަބުރުސްތާނުތައް ތަޅާލުން، ޒިޔާރަތްތައް ތަޅާލުން، މާޒީ ފުހެލުން، އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން، އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން، ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަނދެފައި ތިބޭ މީހުން އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު، އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަންފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރުވީ ފަހުން. މަންމަ ހެދުން އަޅާގޮތް، މަންމަ ބަދަލުކުރީ ބުރުގާއެއް އަޅާފަ، އެހެން ގޮތަކަށް ހެދުން އެޅީ، އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި، މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލުކުރ، އެހެންނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

ޑުރަގް އެތެރެކުރާ ދޮރުތައް ބަންދުކުރުމުގައި ފަހަތަކަށް ނުޖެހޭނަން: ރައީސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިޔާފަރިން ނުހައްގު ނަފާ ހޯދުމަށް މަސައްކަތް ކުރާ މީހުން ހޯދުމުގައި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާން ޖީލު، އެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު، ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ.

އަދި އެ ސިޔާސަތު ބައްޓާން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީނުދީގެން އެމީހުން އަލުން އަނބުރާ މުޖުތަމައުއަށް ނެރުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ނުހައްގު ނަފާ ހޯދުމަށް މި ގައުމުގެ ދަރީންގެ މުސްތަގްބަލް ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަކީ، އަޅުގަނޑުމެން ފަހަށް ނުޖެހި ކުރަމުން ގެންދާނެ މަސައްކަތެއް،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޑުރަގް އެތެރެވާ ދޮރުތައް ބަންދުކުރުމުގެ ވާހަކައަކީ ބަޔަކު ކުރަމުންގެންދާ ބޮޑު ވިޔަފާރިއެއް ހުއްޓާލާ ވާހަކަ ކަމަށާއި އެއީ ވަރަށްބޮޑު އުދަނގޫ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތައް މި ސަރަހައްދުގެ އަދި ދުނިޔޭގެ ބޮޑެތި ނެޓްވޯކްތަކާ ގުޅިފައިވާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން، ޕާކިސްތާން ބޯޑަރަށް ގޮސް މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، އެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

“މި ފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން ގެންދަނީ، އެއީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައި. ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މި މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ އެމީހުން ބަދަލުކުރަމުން އޭގައި އެބަ ގެންދޭ،” ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ވަރަށް ގިނަ ފަރާތްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ކަސްޓަމްސް އާއި ފުލުހުންނާއި ކޯސްޓްގާޑާއި އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ އެކަމުން މުޖުތަމައަށްވާ ގެއްލުން ބަޔާން ކުރެވިގެން: ޝިދާތާ

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ އެކަމުގެ ސަބަބުން މުޖުތަމައަށްވާ ގެއްލުން ބަޔާން ކުރެވިގެން ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ މަސްތުވާ ތަކެތިން ސަލާމަތް ވުމަށް، އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޅި މުޖުތަމަޢުއަށް ކުރާ އަސަރު އެންމެހާ ފަރުދުންނަށް ވިސްނޭނެ ގޮތަކަށް އަޅުގަނޑު މެންގެ މަސައްކަތްތައް ބައްޓަންކުރުމެވެ.

“މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮންނަނީ، އެ ކަމުގެ ސަބަބުން އަސަރުކުރާނީ އެ ކަމުގެ ޝިކާރައަށްވެފައިވާ މީހާއަށް ކަމަށް. ނުވަތަ އެ ފަދަ މީހެއްގެ ޢާއިލާއަށް އެކަނި ކަމަށް. އެހެން ނަމަވެސް، ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާކަން.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި އަޅުގަނޑުމެންގެ މަސައްކަތް ވެސް ކާމިޔާބުކުރުމަށްޓަކައި އާ ތަޞައްވުރުތައް އެކުލަވައިލާން ޖެހޭ ކަމަށެވެ.

“މި މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން ވެސް ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ. އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި އަޅުގަނޑުމެންގެ މަސައްކަތް ވެސް ކާމިޔާބުކުރުމަށްޓަކައި އާ ތަޞައްވުރުތައް އެކުލަވައިލައި އާ ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ.” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ޝިކާރައަށް ވުމުން ރައްކާތެރިކުރުމުގެ ގޮތުން ޕްރިވެންޝަން މަސައްކަތް ހަރުދަނާކުރަން ޖެހޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. މި މަސައްކަތް ވެސް ކުރިއަށް ދާނީ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި މުޅި މުޖުތަމަޢުގެ ޝާމިލުވުމާއެކުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

“މި ފުރުޞަތުގައި، މި ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހަމަ މަގަށް އެޅުވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަޤީން ކަން އަރުވަން.” މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

އޯލެވެލްގައި ދުނިޔޭގެ 1 ވަނަ ރާއްޖޭގެ 6 ދަރިވަރަކަށް

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގައި އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނަ ރާއްޖޭގެ ހަ ދަރިވަރަކު ހޯދައިފިއެވެ.

ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، އެކިއެކި މާއްދާތަކުން ރާއްޖޭގެ 53 ދަރިވަރަކު ވަނީ ދުނިޔޭގެ ފެންވަރުގައި ހިމެނިފައެވެ.

އޭގެ ތެރެއިން ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރުންނަށް ރޭގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

ދުނިޔޭގެ އެއްވަނަ ހޯދި ރާއްޖޭގެ ދަރިވަރުން:

1- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް، މެރިން ސައިންސުން

2- ޒަޔާން ސައުދުﷲ، ހއ. އުލިގަމު ސްކޫލް، މެތަމެޓިކްސް އިން

3- އަހުމަދު ރަސަލް ތަސްލީމް، އަހުމަދިއްޔާ ސްކޫލް. ބިޒްނަސް އަދި އިކޮނޮމިކްސް އިން

4- ޒަޔާން އަބްދުﷲ ނާޒިލް، އިސްކަންދަރު ސްކޫލް، ބަޔޮލޮޖީންލ

5- އާމިނަތު ލާމިއާ މަގްބޫލް، އިސްކަންދަރު ސްކޫލް، ޓްރެވެލް އެންޑް ޓޫރިޒަމް އިން

6- އަޒްމާން އަބްދުﷲ، ބިލަބޮންގް ސްކޫލް، ސޯޝަލޮޖީން

މިދިޔަ އަހަރުގެ ތެރޭގައި 6600 ދަރިވަރުން ސާނަވީ ތައުލީމް ނިންމިއިރު، ރާއްޖޭގެ ގަދަ 10 ވަނައިގައި 407 ދަރިވަރުން ހިމެނިފައިވެއެވެ. މީގެ ތެރެއިން ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ އެއް ވަނަ ހޯދާފައިވަނީ އަށް ދަރިވަރެކެވެ.

ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުން

1- އަހުމަދު އީޖާޒް ހުސެއިން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު

2- އާމިނަތު ޖަންނަ، އަމީނިއްޔާ ސްކޫލް

3- އާމިނަތު ނޫހާ ނިމާލް، ކަލާފާން ސްކޫލް

4- ހާޝިމް އިބްރާހިމް. ފ. އަތޮޅު ތައުލީމީ މަރުކަޒު

5- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް

6- މަރިޔަމްް އިނާން އިބްރާހިމް ރަޝީދު، އަމީނިއްޔާ ސްލޫލް

7- މުހައްމަދު އައިލަމް ހުސެއިން، އަހުމަދިއްޔާ ސްކޫލް

8- ޔޫސުފް ޔާނިއު އަހުމަދު، ޖަމާލުއްދީން ސްކޫލް

ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުންނަށް ރޭގެ ރަސްމިއްޔާތުގައި އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްބަސީ އަޅަން ބަންގްލަދޭޝް އަދި ލަންކާއަށް ހުޅުމާލޭން ބިން ދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބަންގްލަދޭޝް އަދި ސްރީ ލަންކާގެ އެމްބަސީ އަޅަން ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ.

ލަންކާ އަދި ބަންގްލަދޭޝްއަށް ޑިޕްލޮމެޓިކް އެންކްލޭވް އިން ބިން ހަމަޖެއްސިއިރު، އެ ދެ ގައުމުން ވަނީ އެގައުމުތަކުގައި ހިންގާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމަށް ބިން ދޫކޮށްފައެވެ.

މީގެ އިތުރުން އިންޑިއާއަށް ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ޑިޕްލޮމެޓިކް އެންކްލޭވް އިން ބިން ވަނީ ހަމަޖައްސައިދީ، އެތަނުގެ ބިންގާ ވެސް އަޅައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ގާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ގައުމުތަކެއްގައި ވެސް އެކަން ކުރާ އުސޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށެވެ.

އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ގާއިމްކުރެވެނީ މާލެއަކީ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއެކު ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ވެސް ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނާގޮތުގައި، ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލު ކުރާނީ ‘ރެސިޕްރޯސިޓީ’ އުސޫލުންނެވެ.

ޓެރެރިސްޓް ޤާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން އަބަދުވެސް ފާޑު ކިޔާ: ޑިފެންސް މިނިސްޓަރ

ދުނިޔޭގެ ޤައުމު ތަކުގެ ޓެރެރިސްޓް ޤާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން އަބަދުވެސް ފާޑު ކިޔާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ބިލާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ގާނޫނު ފާސްކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަދި އެކަމަކީ އައިސީސީޕީއާރްގެ 19 އަދި 20 ވަނަ މާއްދާއާއި ހިލާފު ކަމެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ، ޖިނާއީ އަދުލުގެ ގާނޫނު ތަކަކީ ކުށެއް ކުރުމުން ދައުލަތުން ދޭ ރައްދު ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ސްރީލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތައް ހިންގިޔަ ނުދިނުމަށްޓަކައި ކަަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓެރަރިޒަމް ގާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން ފާޑު ކިޔާނެ ކަމަށެވެ.