މޫސުމާއި ގުޅޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު (ރީކޯ) މޫސަ ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ އދގެ 74 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެންނެވި ދިވެހި ވަފްދުގައި އޭނާ ހިމަނާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މޫސަ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާ ނިއުޔޯކަށް ވަޑައިގެންނެވީ އަމިއްލަ ޚަރަދުގައި ކަމަށާއި، އަދި އަމިއްލަގޮތުން އެދަތުރު ކުރެއްވީ ހަތް އަހަރަށް ފަހު ރާއްޖޭގެ ރައީސަކު އދގައި ތަގުރީރު ކުރައްވާ މަންޒަރު ބައްލަވައިލެއްވުމަށް ކަމަށެވެ. އަދި އދގެ މައި އޮފީހަށް ވަނުމަށް ދިވެހި މިޝަނުން ދެއްވި އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރައްވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އަދި ރައީސް ސޯލިހާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

 ކުރިން އމްޑީޕީގެ ޗެއާރޕަސަންކަންވެސް ކުރެއްވި މޫސާ މަނިކު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ޕީޕީއަށް ސޮއިކުރައްވާ އޭރުގެ އިދިކޮޅުފަރާތްތަކަށް އަދި މިހާރުގެ ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާލުވެ ޕޯޑިއަމް ތަކުގައި ވާހަކަދައްކަވަފައެވެ.

ޖަލުގެ ހާލަތު ދެނެގަނެ، ގައިދީންގެ ކަންބޮޑުވުން އައްސަން މިނިސްޓަރު އިމްރާން ޖަލަށް

ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާލޭ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ޖަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ، ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެފައެވެ.

އަދި ޖަލުތަކުގައި ތިބި ގައިދީންނާއި ވާހަކަދައްކާ އެމީހުންގެ ކަންބޮޑުވުން އޮޅުންފިލުވައި މިނިސްޓަރު އިމްރާން ވަނީ، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަން ގައިދީންނަށް ދީފައެވެ.

އެގޮތުން ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ކަންކަން ރަނގަޅުކުރެއްވުމަށް އިރުޝާދު ދެއްވައި،  ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަވަސް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނަށް މިނިސްޓަރު އިމްރާން ވަނީ އަންގަވައިފައެވެ.

ހޯމް މިނިސްޓަރު ޖަލަށް ކުރެއްވި ޒިޔާރަތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަން އަހުމަދު މުހައްމަދުފުޅާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމެރިކާގެ ރައީސް ދެއްވި ފަރިއްކޮޅެއްގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގެންފި

އ.ދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވި ޚާއްޞަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސް ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ޤައުމުތަކުގެ ރައީސުންނާއި، ބޮޑު ވަޒީރުންގެ އިތުރުން ބައެއް ޤައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ފަރިއްކޮޅަކީ، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ޤައުމުތަކުގެ ވެރިންނަށް ލިބޭ ފުރުޞަތެކެވެ.

ރައީސް ޞާލިހް ވަނީ އިއްޔެ އދގެ ޤައުމީ މަޖިލީހުގައި ތަޤްރީރު ކުރައްވާފައެވެ.

ނޭވާ ހިއްލާ މީހުން އީ-ސިގެރޭޓް/ ވޭޕް ބޭނުން ކުރުން ވަރަށް ނުރައްކާ ބޮޑު

 އީ-ސިގެރޭޓް ނުވަތަ ވޭޕް ބޭނުން ކުރާނަމަ ނޭވާ ހިއްލާ ބަލި ހުންނަ މީހުންނަށް ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނިގޮތުގައި އީ-ސިނގިރެޓަށް އަޅާ ދިޔާ އެއްޗެހީގައި ނިކޮޓީން އެކުލެވޭ މިންވަރަށް ދަށް ނަމަވެސް، އޭގެ ސިއްހީ ގެއްލުންތައް ކުޑައެއް ނޫނެވެ. އެހެންވެ، ނޭލާވާ ނިޒާމުގައި އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް ފްލެވާޑް އީ-ސިނގިރެޓްގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ބުންނެފައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފްލެވާތަކުގެ ތެރެއިން ވެސް ބައެއް ބާވަތްތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އަދި އެފަދަ ރަހަތައް ބޭނުންކުރުމުން ނޭވާލުމުގެ ނިޒާމު އިތުރަށް ހަލާކުވެ، ނޭވާ ހިއްލާބަލީގެ އުނދަގޫ ބޮޑުވާ ކަމަށް އެ ރިޕޯޓްގައިވެއވެެ.

ދީނީ ހަރުކަށި ފިކުރުތައް އޮންލައިން ޕްލެޓް ފޯމްތަކުގައި ނުފެތުރުމަށް ރައީސް ގޮވާލައްވައިފި

ޓެރަރިޒަމް ފެތުރުމަށާއި، ދީނީ ހަރުކަށިކަން ފެތުރުމުގައި އިންޓަނެޓްގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، “ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް” ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ކޮންފަރެސްންގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމުގައި ކުރިން ބޭނުންކުރަމުން ގެންދިޔަ ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި، އެ ފިޔަވަޅުތަކަކީ އިޖްތިމާޢީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބުތަކަށް ރިޢާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނަސްލީ ތަފާތުކުރުމާއި، އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަކަށް ގޮވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ޚާއްޞަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެކަމުގައެވެ. އަދި، މިހާރުވެސް މިގޮތަށް ޢަމަލުކުރަމުންދާ ޤައުމުތަކަށް ތަޢުރީފުކުރައްވައި، ރާއްޖެއިން ވެސް އަނިޔާވެރިކަމާއި، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިޢުކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަރާލާފައިވާ ރާއްޖޭގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ ހާދިސާއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެއަށްވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެފަދަ ހިތްދަތި ހިތާމަވެރިކަމެއް އެހެން ދިވެހި ޢާއިލާއެއް ތަޙައްމުލުކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި  ކޮންފަރެސްންގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މިހާރު ޢަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެޤާނޫނަށް މި ބަދަލުތައް ގެނައުމުން ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކޮންމެ މީހެއްގެ ވެސް އެންމެ އަސާސީ ޙައްޤުކަމުގައިވާ މިނިވަންކަމުގެ ޙައްޤު ދެމެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ކްރައިސްޓްޗަރޗްގައި ދިން ޓެރަރިސްޓް ހަމަލާއަށް ބިނާކޮށް ނަން ދެވިފައިވާ “ކްރައިސްޓްޗަރޗް ކޯލް” އަކީ ޓެކްނޮލޮޖީ ކުންފުނިތަކާއި ގުޅިގެން ދީނީ ގޮތުން ހައްދުފަހަނައަޅާ ދިޔުމަށް އެހީވެދޭ ފަދަ ލިޔުންތައް އޮންލައިންކޮށް ދައުރުވުން ހުއްޓުވުމަށް ސަރުކާރުތަކުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާއިއެކު ޖޯޑަންގެ ރަސްގެފާނާއި، ފްރާންސްގެ ރައީސާއި، ނިއުޒިލެންޑްގެ ބޮޑުވަޒީރާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ދަނީ ހިންގަމުން: ހޯމް މިނިސްޓްރީ

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހެންވޭރު އަބަދަށްފަހި މަގުގައި ހުންނަ އަލިފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ. އަދި ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ހާދިސާގައި އަލިފާނުގެ އަސަރު ކުރި ގެއެއްގައި ތާށިވި އުމުރުން 46 އަހަރުގެ އަންހެނަކަު ވަނީ ނިޔާވެފައެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ، އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރާ ކަމަށާއި އެ ތަހުގީގުގެ ކަންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވާ ކަމަށެވެ.

އަދި އެ ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި އަރިއަޅާލި ގެ ތަޅާލުމަށް ސިފައިން އެހީތެރިވަނީ

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ރޯވެ އަރިއަޅާލި ގެއެއް ތަޅާ ލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިންއެހީ ތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަރިއަޅާލާފައިވާ ގެ ތަޅާލުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން މިއަދު 9 ޖެހި އިރުން ފެށިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މީސް މީޑިއާގައި ރޭ ދައުރުވިފޮޓޯތަކުން ފެންނަގޮތުގައި، އަރި އަޅާލި އިމާރާތް މިހާރު ހުރީ ކައިރީގައި ހުރި އެހެން އިމާރާތެއްގައި ޖެހިފައެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 24 އިމާރާތަކަށް އެކިވަރުގެ ގެއްލުންވިއިރު ހަ ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދާފައެވެ.

އަދި 562 މީހުން ހާލުގައި ޖެހި މިހާތަަނަށް 267 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވީ، ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މިހާރު ބޯހިޔާވަހިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

އަލިފާންގަނޑު ނިއްވާލައިފި، މިހާރު ކުރަނީ ދުމުގެ އަސަރު: އެމްއެންޑީއެފް

ރޭގެ އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތެއްގައި އަނެއްކާ ވެސް ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

ރޭގެ އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ މަތީގައި އަލިފާނުގެ އަސަރު ފެންނަން ހުރެގެން އެ އަލިފާންގަނޑު ނިއްވާލީ ފެން ޖަހައިގެންނެވެ.

އަދި އެ އަލިފާންގަނޑު އިތުރު ތަނަކަށް ނުވެސް ފެތުރެއެވެ. އެމްއެންޑީއެފުން ބުނީ، އެތަނުން މިހާރު ދުމުގެ އަސަރު ފެންނަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނާ ގޮތުގައި، ރޭގެ ހާދިސާ ހިނގި ސަރަހައްދުގައި ފަޔަރު ޓީމުން 24 ގަޑިއިރު، ފަޔާ ވެހިކަލްއާއެކު ދަނީ މޮނީޓާ ކުރަމުންނެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސައިޓް ދޫކޮށް ގޮސްފައިނުވާ ކަމަށެވެ.

މާލޭގައި 126 ކެމިކަލް ރައްކާކުރާ ގުދަން އެބަހުރި: މާރިޔާ

މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ފަހުގެ އަޕްޓޭޑް ހާމަ ކުރުމަށް މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުމެއްގައެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، މިގުދަންތަކުގެ ތެރެއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ ގޭގޭގައި ކަމަށާއި އަދި 92 ގުދަން ހުރީ މީހުން ދިރިއުޅޭ ގޭތަކާ އިންވެގެން ކަމަށެވެ.

މާރިޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިސަރުކާރުން ގުދަންތަކާ ގުޅޭ ޤަވާއިދެއް ހަދަމުން ދާ ކަމަށާއި މިކަން ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެންނެވުމާއެކު ކުރައްވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް މިކަމުގައި އެއްވެސް ޤަވާއިދެއް ނެތް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް މިކަން ކުރުމަށް ވަގުތުނަގަނީ، ކެމިކަލް ޤަވާއިދު ކްލާސިފިކޭޝަން ހެދުމަށް ވަގުތު ނަގާތީ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކެމިކަލް ގެންގުޅުމުގެ ގަވާއިދު ދެ ދުވަސް ތެރޭގައި ގެޒެޓް ކުރާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

(ތަފްސީލް)

އަލިފާން ރޯވެގެން އުޅުނު ވަގުތު އެ ސަރަހައްދުގައި ހުރި ގެޔަކުން ބޮޑެތި ވައްކަން ތަކެއް

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެއަކުން ބޮޑެތި ވައްކަންތަކެއް ކޮށްފިއެެވެ.

ފުލުހުން ވިދާޅުވުޅީ، އެ ސަރަހައްދުގައި މީހުން ހުސްކޮށްފައި ހުރި ގެއެއްގެ 7 ވަނަ ފަންގިފިލާއިން ވައްކަން ކޮށްފައިވާ މައްސަލ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެެގެއިން ވައްކަންކޮށްގެން ނަގާފައި ވަނީ، 700 ޔޫއެސް ޑޮލަރާއި، އައި ވޮޗްއަކާއި، އައިޕޮޑް އެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ދެން ވައްކަން ކޮށްފައި ވަނީ އެގޭގެ އަށް ވަނަ ފަންގިފިލާއިން ކަމަށެވެ. މި ވައްކަމުގައި އެ ގެއިން ނަގާފައި ވަނީ 37200 އަށް ވުރެ ގިނަ ފައިސާ އެވެ.

މިމައްސަލަ މިހާރު ތަޙްގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަލިފާނުގެ ބޮޑު ހާދިސާ: ހަތް އިމާރާތެއްގައި ރޯވެ, އެކަކު ނިޔާވި

މާލޭގައި ކެމިކަލް ރައްކާކޮށްފައިހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ މަގުގައި ހުންނަ ހ. ތިލަފުށި ގޭގައި ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

___________________________________________________________________________

1:54 – އެންމެ ބޭފުޅެއް މަދުވެގެން ރިޕޯޓެއް ކުރީ. ހުރިހާ އިމާރާތަކުން ވަރަށް ރަނގަޅަށް ބަލައިފިން. އިތުރު މީހަކު މަދުވާ ކަމަކަށް ގަބޫލެއް ނުކުރެވޭ

___________________________________________________________________________

1:52 – އާއިލާއެއްގެ ބޭފުޅަކު މަދުވާތީ ހަ ވަރަކަށް ފަހަރު ވަރަށް ރަނގަޅަށް ބަލައިގެން މީހެއް ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު. ފުލުހުންނާއި ސިފައިން އެކަން އިތުރަށް ދެނެގަނެ ހަށިގަނޑު ނެރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

___________________________________________________________________________

1:50 – އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފް ބާރަ ވެހިކަލްގެ އެމްއޭސީއެލްގެ އިތުރު ވެހިކަލް ހަރަކާތްތެރިވި. އަދި އަލިފާނާ ގުޅޭ ބައެއް އަމިއްލަ ފަރާތްތަކުންނާއި އަމިއްލަ ކުންފުނިތަކުންނާއި އާންމު ފަރާތްތަކުން ބޮޑު އެހީތެރިކަމެއް ލިބުނު

ކާނަލް އިބްރާހިމް ވިދާޅުވި ގޮތުގައި، އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ނޫނީ އެމްއެންޑީއެފަކުން ދުރަކަށް ނުދާނެ

___________________________________________________________________________

1:49 – އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ، މިރޭގެ އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނާއި ހަ ގެއަކަށް އަލިފާނުގެ އަސަރުކުރި ކަމަށް

އަދި ދުގަނުގައި ރޯވި އަލިފާންގަނު ނިންވާލެވުނީ ދެންމެ ކަމަށާއި ނަމަވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި.

___________________________________________________________________________

00:26 – އަލިފާނުގެ ހާދިސާގައި ގެއްލުނު އަންހެން މީހާ މަރުވެފައި އޮތްވާ ފެނިއްޖެ. ހާދިސާގައި ނިޔާވެފައިވަނީ ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާ، 49 އަހަރު

___________________________________________________________________________

23:26 މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެހީތެރިވުމަށްޓަކައި ފަންޑް ފޮއްޓެއްވަނީ ބަހައްޓާފައި. މި ފަންޑުފޮށި ބަހައްޓާފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރެކްރިއޭޝަން ސެންޓަރުގައި.

___________________________________________________________________________

23:11 – ފެހިއާބާދު ގޭގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި. އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރާއި ފުލުހުން އަދި އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ ބައިވެރިވެފައި. އަލިފާންގަނޑު ކިރިޔާ ވެސް ކޮންޓްރޯލް ވާން ފެށީ އެމްއޭސީއެލްގެ ފަޔަރުގެ ފޮގް ޓުރަކް އައި ހިސާބުން

___________________________________________________________________________

23:09 – އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ގެއްލިގެން އެމްއެންޑީއެފުން ހޯދަން ފަށައިފި. އެމްއެންޑީއެފުން ބުނީ، އެފަދަ ރިޕޯޓެއް ލިބުމާ ގުޅިގެން ފަޔާ ޓީމުން އެކަން ބަލަމުންދާ ކަމަށް. އަދި އިތުރަށް ހޮސްޕިޓަލަށް ގެންދިޔަތޯ ވެސް ބަލަމުންދާ ކަމަށް ބުނި

___________________________________________________________________________

22:51 – ހާދިސާއާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ރައީސް ނިންމަވައިފި. ރައީސް ވިދާޅުވީ، އެ ބައްދަލުވުމުގައި އެފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަކަށް އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށް

___________________________________________________________________________

22:41 – ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، ހާދިސާއާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އެހީތެރިވުމަށް ޑޮނޭޝަން ފޯރުކޮށް ދިނުމަށް ދަނީ އެދެމުންދާ ކަމަށް. ނަމަވެސް މިވަގުތަށް ބޭނުންވާ ވަރަށް އެހީތެރިކަން ލިބިފައިވާ ކަމަށާޢި އިތުރަށް އެހީތެރިކަން ބޭނުންވާނަމަ އިއުލާން ކުރާނެ ކަމަށް ___________________________________________________________________________

22:38 – ކަލާފާނު ސްކޫލުގައި މިވަގުތު ގާއިމްކޮށްފައިވާ ވަގުތީ ހިޔާގައި މިވަގުތު 100 އަށްވުރެ ގިނަ މީހުން އެބަތިބި. އެމީހުންނަށް ބޭނުންވާ ފެނާއި ކާނާ ހަމެޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނޭ

___________________________________________________________________________

22:08 – އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ކުރަމުންދާއިރު، އެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ދަނީ ހަރަކާތްތެރިވަމުން

___________________________________________________________________________

22:06 – މާލެއަށް މިހާރު ދަނީ ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން.

___________________________________________________________________________

22:00 – އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބް ރައީސް ފައިސަލް ނަސީމް ވަޑައިގެންފި. ދައުލަތުގެ ގިނަ މިނިސްޓަރުން ވެސް ގެންދަވަނީ އަލިފާނުގެ ހާދިސާގެ ކަންކަން ގާތުން ބައްލަވަމުން

___________________________________________________________________________

21:56 – އަލިފާން ރޯވެފައިވާ ސަރަހައްދުގައި ޕާކު ކޮށްފައިހުރި ވެހިކަލްތައް މިހާރުން މިހާރަށް ނެގުމަށް ފުލުހުން އަންގައިފި. ފުލުހުން އެހެން އެދިފައިވާއިރު، އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ދުރަށް ޖެއްސުމުގައި އާންމުންދަނީ އެހީތެރިވަމުން

___________________________________________________________________________

21:44 – ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިމާރާޓަށް އެތައް ފަހަރަކު އައި ރެސްކިއު ޓީމްތަކުން ޗެކްކޮށްފައިވާ ކަމަށް. އިމާރާތްތަކުގައި ތިބި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ވިދާޅުވި

___________________________________________________________________________

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ، އަލިފާނުގެ ހާދިސާގައި ދުމުން ރައްކާޓެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާންމު ފަރާތްތަކުން ނުދިއުމަށް އިލްތިމާސް ކުރަމުންނެވެ.

އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ލެއްޕުން މުހިންމު ކަމަށާއި ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވެދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ، އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާން ސްކޫލް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހުރިހާ އާއިލާތަކެއްގެ ފަރާތްތައް ކަލާފާނު ސްކޫލަށް ދިއުމަށް އެ ސެންޓަރަށް ދިއުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ސީރިއާގައި ތިބި ރާއްޖެ އަންނަން ބޭނުންވާ މީހުން ދެ މަސް ތެރޭގައި ރާއްޖެ ގެންނަނީ

ރާއްޖެއިން ފިލައިގެން ގޮސް ސިރިއާގައި ހިނގަމުން އަންނަ ދާޙިލީ ހަނގުރާމައިގައި ބައިވެރިވެ، ރާއްޖެ އަންނަން ބޭނުންވެފައިިވާ ތިބި މީހުން ދެ މަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މިމަހުގެ ތެރޭގައި ބޭރުގެ ގައުމެއްގެ ބަޔަކު ރާއްޖެ އައިސް އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ސީރިއާއިން އަންނަ މީހުން ބައިތިއްބާނެ ހާއްސަ ތަނެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން އެފަދަ މީހުން ރާއްޖެ ގެނައުމުގެ ކުރިން ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައިވަނީ އެހެން ގައުމަކަށެވެ. އަދި އެގައުމުން އެމީހުން ރާއްޖެ ގެންނާނީ އޭގެ ތެރެއިން އައިޑެންޓިޓީ ނެތް މީހުންގެ އައިޑެންޓިޓީ ހެދުމާއި އެނޫން ވެސް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

ސީރިއާގެ ހަނގުރާމައަށް ފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަން ރައީސް ސޯލިހު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅުއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެދުވަހު ވިދާޅުވީ، ސީރިއާ ހަނގުރާމައިގައި ބައިވެރިވި ހަނގުރާމަވެރިން ބަލިވެ، އެމީހުންނާއި އާއިލާތައް މިހާރު ތިބީ އެކިއެކި ކޭމްޕު ތަކުގައި ކަމަށާއި އެތަނުގައި ތިބި ދިވެހިންގެ މައުލޫމާތު އެމީހުންގެ އާއިލާތަކުން ސަރުކާރާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހިންގެ ސައްހަ އަދަދު ސަރުކާރަކަށް ވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރެފިއުޖީ ކޭމްޕުތަކުގައި ތިބި މީހުން ނެރޭނީ ޔޫއެންގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެންނެވެ. އަދި އެތަނުން ނެރެގެން ގެންގޮސް، ސަރުކާރުގެ ބާރު ހިނގައި ނުވަތަ ގުޅުން އޮތް ހިސާބަކަށް ގެންގޮސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ.

މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށެވެ. މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުއްވާލައްވާފައި މި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީއެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ބަންގުލަދޭޝް ލޭބަރުން ގެނައުން މަނާކޮށްފި

ބަންގުލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މިއަދުން ފެށިގެން އެއް އަހަރު ދުވަހަށް އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒުކުރަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނާއި ގަވާއިދަށް ފެއްތުމަށް ފަށާ މަސައްކަތާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

މި ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެގޮތުން ކޮންމެ ގައުމަކަށް ކަނޑައެޅީ 150،000 ގެ ކޯޓާއެއް ކަމަށާއި މި މިންގަނޑަށް ބެލުމުން ބަންގްލާދޭޝްގެ ކޯޓާ މިހާރު ހަމަވެފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ނިންމައިފިން ކޮންމެ ގައުމަކަށް ވެސް ލިމިޓެއް ކަނޑައެޅުމަށް. މި ލިމިޓް ކަނޑައެޅުމުގައި މި ބަލަނީ އަންސްކިލްޑް ލޭބާގެ ކެޓަގަރީއަށް. އެހެންވީމާ މިހާރު ކަންވެފައި އޮތް ގޮތުން ބަންގްލަދޭޝް އަށް އިތުރަށް މީހުން ވެއްދޭކަށް ނެތް މިވަގުތު،” މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން މީގެ ކުރިންވަނީ ބުނެފަ އެވެ.

އައްޑު އާއި ފުވައްމުލައް، ބަޔޮސްފިޔާ ރިޒާވަކަށް ހެދުމަށް ހުށަހަޅަނީ

އައްޑު އަތޮޅާއި ފުވައްމުލަކު އަތޮޅު، ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސް އޮފީހުން ބުނީ، އައްޑު އާއި ފުވައްމުލައް އަތޮޅަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެ ބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭ ތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްގީ ގެނައއުމުގައި ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވްގެ މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިގްތިސާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީ ކަމަށެވެ.

އެގޮތުން އެ ދެ އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، އެދެ އތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުވަމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދެ އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅޭއިރު ބަޔޮސްފިޔާ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފާޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.

ހައިވޭއަށް އުދަ އަރާ ވަކި ސަރަހައްދެއް ބަންދުކޮށްފި

ސިނަމާލެ ބުރިޖަށް ދަތުރު ކުރުމަށް ހުޅުމާލެ އިން ފެށިގެން ހަދާފައި އޮންނަ ހައިވޭގެ ބުރިޖާއި ކައިރި ސަރަހައްދަކަށް ރޭ މެންދަމު ވަރަށް ބޮޑަށް އުދަ އަރައިފިއެވެ. އުދަ އެރުމުން އުދަ އެރި ސަރަހައްދު ރޭ މެންދަމުން ފެށިގެން ވަނީ ބަންދުކޮށްފައެވެ.

“ވަން އޮންލައިން” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް ގިނަ އަދަދަކަށް އުދަ އަރާފައިވާ އިރު، ވެއްޔާއި އެކު އެކި ފާޑު ފާޑުގެ ކުނި ބުނި ވެސް ވަނީ އެއްގަމަށް އަރައިފަ އެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި، ދަޅު އަދި ފުޅިމަދު ފަދަ ކުނިބުނި ހިމެނެ އެވެ.

ބުރިޖުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާތީ މީގެ ކުރީން ވެސް އެކި ދުވަސްވަރު އެކި ސަރަހައްދުތައް ބަންދުކޮށްފައި ވެއެވެ.

ބުރިޖުން ފެށިގެން ހުޅުމާލެ އަށް ދިއުމަށް ހައިވޭ ހަދާފައި ވަނީ ތޮއްޓާއި ވަރަށް ކައިރިންނެވެ. އެއީ ސީޕްލޭން ޖެއްސުމަށް ހައިވޭގެ ހުޅަނގު ފަރާތުން ޖާގަ ދޭން ޖެހޭތީއެވެ.

މިދުވަސް ވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ދިޔަވަރު ބޮޑުވާ ދުވަސް ވަރަކަށް ވާތީ ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އެކަކު އައިސީޔޫގައި

އައްޑޫ ސިޓީގެ މަރަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި، އެއް ސައިކަލު ދުއްވަންއިން މީހާއަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ސ. މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށް މިއަދު ހަވީރު 5:55 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ފުލުުހުން ބުނީ، އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބި މީހުން އެކްސިޑެންޓް ވުމާއެކު އެ ސަރަހައްދުން ފިލާފައިވާ ކަމަށެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ޓީޗަރަކާއި ދަރިވަރަކު އެކަހެރިކޮށް ކޮޓަރިއެއްގައި ތިބި މައްސަލައެއް ބަލަނީ

ބިދޭސީ ޓީޗަރަކާއި އަންހެން ދަރިވަރަކު ކޮޓަރިއެއްގެ ތެރޭގައި ތިއްބާ ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ދެކޮޅުގެ އަތޮޅެއްގެ ރަށެއްގައި ބިދޭސީ ޓީޗަރަކާއި އަންހެން ދަރިވަރަކު ކޮޓަރިއެއްގެ ތެރޭގައި ތިބި ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

ނަމަވެސް އެ މައްސަލާގައި ބަލަންޖެހޭ ކަންކަން ހުރުމުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދުގައި ފަހާނަ ބަރިއެއް

މޫދަށް އެރުމަށްފަހު ފެންވަރާލެވޭ ގޮތަށް ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދުގައި ފާހާނާ ބަރިއެއް އަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ފަތާ ޓްރެކު ސަރަހައްދުގައި ހަދާފައިވާ ފާހަނަ ބަރިތައް ބޭނުން ކުރަން މިހާރު ހުޅުވާލާފައިވާ ކަމަށާއި އެތަނުގައި އަންހެނުންނާއި ފިރިހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާތައް ހުންނާނެ ކަމަށެވެ.

ހުޅުމާލޭގައި ތަރައްގީގެ މަޝްއޫރުތައް ކުރިއަށް ގެންދާ އެޗްޑީސީ އިން ވިދާޅުވީ، ހުޅުމާލޭ ފަތާ ޓްރެކް ކައިރީގައި ހަދާފައި ހުރި އެ ފާހާނާތައް މިހާރު ބޭނުން ކުރެވޭނެ ކަމަށެވެ.

 

ހުޅުމާލޭ ބީޗު ސަރަހައްދުގައި ހުރި ރެސްޓޯރަންޓުތަކުގެ ހަޓުތަކާއި ގޮނޑިއާއި މޭޒުތައް ނެގުމަށް ފަހު އެޗްޑީސީން ނިންމާފައި ވަނީ އެތަން ތަރައްގީ ކުރުމަށެވެ.

ދިވެހިން ކުރިން އުޅުނު ގޮތާއި މިސްކިތްތަކަކީ ބިދުއައެއް ކަމަށް ބަޔަކު ދެކޭ: ނަޝީދު

ދިވެހިން ކުރިން ކުރަމުން އައި ކަންކަމާއި އާސާރީ މިސްކިތްތަކާއި ޒިޔާރަތްތަކަކީ ބިދުއައެއް ކަމަށް ބަޔަކު ދެކެން ފަށާފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމިއްޔަތެއްގެ އެންމެ މުހިންމު މާނައަކީ ކުރީގައި ވެފައި އޮތް ގޮތާއި އަދި ދެން ދާން ބޭނުންވާ ތަން ސާފުވެފައި އޮތުން ކަމަށާއި ދިވެހިންގެ އެ ގައުމިއްޔަތު ހޯދެން އޮތީ ދުވަސްވީ މިސްކިތްތަކާއި ގަބުރުސްތާނުތަކާއި ޒިޔާރަތްތަކުން ކަމަށެވެ.

ނަމަވެސް މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި އެ ގައުމިއްޔަތުތައް ފޮހެލަން ގިނަ މަސައްކަތްތަކެއް ބަޔަކު ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ބޮޑަށް ކުރެވުނު ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅާލުން. ޒިޔާރަތްތައް ތަޅާލުން. މާޒީ ފުހެލަން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް ތެރެއަށް ތައާރަފްކުރަން ފެށުން. ހެދުން އަޅާ ގޮތް ވެސް ބަދަލުކުރުން،” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ތެރެއަށް އެހެން ދިރިއުޅުމަކާއި ސަގާފަތެއް ގެނައުމަށް މިފަހަކުން އައިސްގެން އުޅޭ ރޫހެއްގައި، ޖީލެއްގެ ތެރޭގައި ތިން ގޮތަކަށް ހެދުން އަޅަން ފަށައި، މިއޮތް ހުރިހާ ދުވަހު ދިވެހިން އުޅުނީ ގޯސްކޮށް ކަމަށް ދެކެން ފަށައިފި ކަމަށެވެ.

“އަޅުގަނޑުމެން ހަމަ އެކަން ގަބޫލުކުރަން ފަށައިފި މިއީކަން އުޅެންވާ ގޮތަކީ. މިއޮއްހާ ދުވަހު ވަރަށް ގޯސް ގޮތަކަށް އަޅުގަނޑުމެންނަށް އުޅެވިއްޖެ ކަމަށް. މިސްކިތްތަކާއި ޒިޔާރަތްތައް ތަޅާލަން ވެއްޖެކަމަށް. އެއީ ބޮޑު ބިދުއައެއް ކަމަށް. އެއީ ބޮޑު މުންކަރާތެއް ކަމަށް،” ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރާއްޖެ ބަދަލުކުރަން އެހެން ގޮތަކަށް އަނބުރާލުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށެވެ. ނަމަވެސް އެމަނިކުފާނު މި ދައްކަނީ އިސްލާމްދީނުގެ ވާހަކަ ނޫން ކަމަށާއި ދިވެހިންނަކީ މުސްލިމުންނަށްވާއިރު، ދިވެހިން އެދެނީ އަދި އުޅެން ބޭނުންވަނީ ވެސް މާތް ވެގެންވާ އިސްލާމްދީނުގައި ކަމަށެވެ.

ނަމަވެސް ދިވެހިންނަކީ އިންޑިއާ ކަނޑުގެ މެދުގައި ތިބޭ ރަށްފުށު ބައެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ދިވެހިން ތިބޭ ގޮތަށް ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ގޮތް ދޫނުކޮށް ތިބުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މާލޭ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭ ގެއެއްގެތެރޭ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮތްކަމަށް މިއަދު ހެނދުނު 9:30 ހާއިރު  ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މަރުވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެކެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

ޓީޗަރުންގެ މައްސަލަ ހައްލުކޮށް، ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތައް ގެންނާނަން: ރައީސް

މި ސަރުކާރުން ޓީޗަރުންގެ މައްސަލަތައް ފުރިހަމަކޮށް ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިމްތިޙާނުތަކުގައި ދަރިވަރުން ހޯދާ މަތީ ވަނަތަކުން ރަމްޒުކޮށްދޭ އެއް ކަމަކީ، އެކުދިންނަށް ކިޔަވައިދޭ އެދުރުންގެ ޢިލްމީ ފެންވަރާއި ބުރަ މަސައްކަތް ކަމަށެވެ.

އެހެންކަމުން ފެންވަރު ރަނގަޅު ތައުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު ޓީޗަރުން ކަމަށްވާއިރު އެއީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރާއްޖޭން ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް ވެސް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ފުރިހަމަކޮށް، ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނަން. އެ ބަދަލުތައް އައުމުން، ދަރިވަރުން ހޯދާ ކާމިޔާބީ އެތައް ގުނައެއް އިތުރުވާނެ. ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ދަރިވަރުން ހޯދާ ނަތީޖާވެސް ވަރަށް ބޮޑަށް މަތިވެގެންދާނެ،” ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތަކަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، މިދިޔަ އަހަރުތަކުގައި ދަރިވަރުން އުނގެނުނު އިލްމަކީ ތައުލީމީ މަރުހަލާގެ ބިންގާ ކަމަށެވެ.

އަދި ދެން ފަށާ ޔުނިވާސިޓީ ތައުލީމަކީ ފުރިހަމަ މާނައިގެ ތައުލީމީ މަރުހަލާ ކަމަށާއި އެއީ ކުދިން ޒިންމާދާރު މީހުންނަށް ހަދައިދީ މަސްއޫލިއްޔަތު އުފުލުމާއި ހަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް އަމަލީގޮތުން ތަޖުރިބާކޮށް، އެކަންކަން ހައްލުކުރަން ދަސްކުރާނެ މަރުހަލާ ކަމަށެވެ.

“އެމަރުހަލާގައި ކޮންމެ ކުއްޖަކުވެސް ވިސްނަންވީ، ތިމާގެ ކިބައިގައި ހަރުދަނާ ޝަހްސިއްޔަތެއް ބިނާކުރުމަށް. ގައުމު ތިމާގެ ހިދުމަތަށް އެދި ގޮވާފަދަ، ބޭނުންތެރި ޝަހްސިއްޔަތަކަށް ވުމަށް. މުޖްތަމަޢަށް ފައިދާހުރި، މުޅި މުޖްތަމައު ތިމާއަށް ބޭނުންޖެހޭފަދަ ފަރުދަކަށް ވުމަށް. ގައުމު ތިޔަ ކުދިންނާމެދު މިއަދު ކުރާ އުންމީދަކީ އެއީ،” ރައީސް ވިދާޅުވިއެވެ.

ކުރަން މިއުޅޭ ކަމަކީ އުފެއްދުންތެރި ވިސްނުން އަށަގެންނެވުން – ރައީސް ޞާލިޙް

ސަރުކާރުން ކުރަން މިއުޅޭ ކަމަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރުފުރުނު ރަން ޔޫބިލް މުނާސަބާ ފާހަގަކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ޤައުމަކަށްވެސް އެންމެ ބޭނުންވާ ކަމަކީ، އިޤްތިޞާދީ ފުދުންތެރިކަން ލިބުންކަމަށެވެ. އަދި އިޤްތިޞާދަކީ އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ފުދުންތެރިކަމާއި މާލީ ގޮތުން މެދުވެރިވާ ޙާލަތެއްކަން ފާހަގަކުރައްވައި އެ ޙާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ، އެބައެއްގެ ޢިލްމީ ޤާބިލްކަން އިތުރުވި މިންވަރަކުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ބޭނުންވާ އިޞްލާޙީ ބަދަލުތައް، ގެނެވޭނީ، ދަރިންނަށް ރަނގަޅު ތަޢުލީމް ދީގެން ކަން ފާހަގަކުރައްވައި އެކަން ކުރެވޭނީ ތަޢުލީމުގެ ތެރެއިން، ޢަދުލު އިންޞާފަށާއި ޙައްޤަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކޮށް ރިވެތި އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތު ކޮށްގެންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެންވެސް ތަޢުލީމީ ބިންގާ އެޅި، ޢިލުމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތް ފެށިފައިވާ ރަށެއްކަން ފާހަގަކުރައްވައި އެ ތާރީޚުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އަލިފުށި ސްކޫލު ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ ރައްޔިތުންކަން ފާހަގަކުރައްވައި އެ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަޚުރެއްގެ ޙައްޤުވެރިންނަކީ، އަލިފުށީގެ ލޮބުވެތި ރައްޔިތުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ކަންކަމުގެ އިތުރުން އަލިފުށީ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއްކަން ފާހަގަކުރައްވައި އެދާއިރާއިން އަލިފުށީ ރައްޔިތުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެރަށުގެ ޢަލީ ޙަސަން، ފަރުމާކޮށް ބަނދެދީފައިވާ ދޯނިފަހަރު އެހެން ޤައުމުތަކުގައި ދުއްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭނާ މިހާރު ވަނީ، ބައިނަލްއަޤްވާމީ ހޮޓެލް ޗެއިނެއްގެ ލޮޖިސްޓިކް ކުންފުންޏަކަށް، ޑައިވިން އާއި އެކްސްކާޝަންގައި ބޭނުންކުރުމަށް، ތަފާތު ސައިޒްތަކުގެ 5 ދޯންޏެއް ބަނދެދީފައިކަމަށާ އަދި މިހާރުވެސް ޒެންޒިބާރުގައި ބޭނުންކުރުމަށް، އޭނާ އިތުރު ތިން ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ފަޚުރެއްކަމާއި އަދި ނޫއިޤްތިޞާދުގެ ނަފާ، އެތައް ގުނައެއް އިތުރުވެގެން ދިޔުމުގައި، އަލިފުށީ ވަޑިންގެ ޙިއްޞާ، ވަރަށް ބޮޑުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި، ޢަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުމަށް، އިސްކަންދެނީ މިފަދަ ސަބަބުތަކަށްޓަކައިކަން ފާހަގަކުރެއްވިއެވެ. އަދި ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ޤާބިލްކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެންކަމަށާއި މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖްތަމަޢުތަކުގެ މީހުންނަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ގޭސްފުޅިއެއް ގޮވައި ހަ މީހަކު ޒަހަމްވެއްޖެ

މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކަށް ގޭސް ފުޅިތަކެއް އަރުވަން އުޅުމުގެ ތެރޭގައި ގޭސްފުޅިއެއް ގޮވައި ހަ މީހަކު ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ، އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:15 ހާއިރު ކަމަށެވެ.

ހާދިސާގައި އަނިޔާވެފައިވަނީ ހަ މީހުން ކަމަށާއި އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީން ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ އެންމެންނަށް ވެސް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކިހާ ވަރެއްގެ ޒަހަމެއް ކަމެއް އަދި ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ ނޯތު ހާބަރުގައި އޮތް “ބެސްޓް ލައިން” ނަމަކަށް ކިޔާ ބޯޓަކަށް ގޭސްފުޅިތަކެއް އަރުވަން އުޅުމުގެ ތެރޭގައި ސިލިންޑަރެއް އަތުން ދޫވެގެން ވެއްޓި، ގޮވުމުގެ ސަބަބުންނެވެ.

އަދި މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައެއް މީހުން ބުނާ ގޮތުގައި ޒަހަމްވި މީހުން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.