މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާދޭ ޚާއްސަ މަރުކަޒު ޤާއިމުކުރަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަ ކުދިންނަށް ފަރުވާ ދޭ މަރުކަޒެއް މިއަހަރުގެ ތެރޭގައި އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީ އަކީ ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ޚާއްޞަ ތަރުބިއްޔަތު ތަކަކާއި ޚާއްޞަ ފަރުވާތަކެއް ދޭން ޖެހޭ ބައެއްކަމަށާއި، މިފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް، ޤާއިމުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި، މިމަރުކަޒު ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އެވަބާއިން ސަލާމަތްކުރުމަށްޓަކާ އެކުދިންނާ، ކުދިންގެ ޢާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކާ ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ނޭޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް ޚިދުމަތް ފުޅާ ކުރުމަށްޓަކާ ނޭޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ. މި ގެނެވޭ ބަދަލާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ޚިދުމަތްތައް ތަރައްޤީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ތަރައްޤީ ކުރެވޭނެ. މީގެއިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަކޮށް، އެމީހުންނަށް ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި ޤައުމީ ދިރާސާ މަރުކަޒަކާއި ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ޤާއިމު ކުރެވޭނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާ ތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާން ޖީލް އެވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަދި އެހާމެ އިސްކަން ދެވިފައިވާ ސިޔާސަތެއްކަމުގައި ވިދާޅުވިއެވެ. އަދި، މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީން ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިޔަފާރިން ނުޙައްޤު ނަފާ ހޯދުމަށް މިޤައުމުގެ ދަރީންގެ މުސްތަޤުބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މިދެންނެވި ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަކީ އަޅުގަނޑުމެން ފަހަށް ނުޖެހި ކުރަމުން ގެންދާނެ މަސައްކަތެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މުޅި މުޖުތަމަޢު ބައިވެރި ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، މިއީ ބޭނުންވާ ނަތީޖާއާއި ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ މާ އަވަހަށް ހާސިލުވާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“މަސްތުވާތަކެތި ބޭނުން ކުރުމާއި އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުޤީޤީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ޚާއްޞަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ޤާއިމު ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މިހާތަނަށް ޤާއިމު ނުކޮށް އޮތް ނަމަވެސް، މި ސެންޓަރ ޤާއިމު ކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނަށް ޒަމާނާ ޙާލަތާއި ގުޅޭ އިސްލާހު ތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އެގޮތުން މި ޤާނޫނު މުރާޖަޢާކޮށް މި ޒަމާނަށް ފެތޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށާއި މިކަމާއި ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށްޓަކާ އެ ޤާނޫނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާ ތަކެތިން ޤައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ނުވަތަ އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާ ތަކެތި އެތެރެވުން ހުއްޓުވުންކަމަށާއި މިކަން ކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކުން މިހާރަށް ވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް ކޮށްގެންކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދަޢުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.