ސޯނަމް ދިޕިކާއަށް: ހަށިގަނޑުގެ ރީތިކަން ފެންނަ ގޮތަށް ހެދުން އަޅާ

ބޮލީވުޑްގެ މަޝްހޫރު ތަރިން އެކަކު އަނެކަކާ ދިމާކުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިފަހަރު ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރް މިވަނީ ހައްދުން ނައްޓާފައޭވެސް ބުނެވިދާނެއެވެ.

ސޯނަމް މިހާރު ނެރެން އުޅޭ ފިލްމް ޒޯޔާ ފެކްޓްރީ ޕްރަމޯޓް ކުރުމަށް ބޮލީވުޑް ހަންގާމާގައި ވާހަކަ ދައްކަމުން ސޯނަމްވަނީ ދިޕިކާ ޕަޑުކޯން ހެދުން އަޅާ ގޮތަށް ވަރަށް ފާޑު ކިޔާފައެވެ.

“އަަސްލު ދިޕިކާ ވަރަށް ރީތި. އެކަމަކު އޭނާ އެލާ ހެދުންތަކެއް ދޯ! ހަގީގަތުގައިވެސް އޭނާގެ ހަށިގަނޑަކާ ނުގުޅޭ. ހަށިގަނޑު ފެން ގޮތަށް ދިޕިކާ ހެދުން އަޅާނަމަ ވަރަށް ރީތި ވާނެ” ރެޕިޑް ރައުންޑްގައި ދިޕިކާއާ ގުޅޭ ގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ސޯނަމް ބުނެފައިވެއެވެ.

ސޯނަމް މިހެން ބުނުމާއެކު ޝޯ ހުށަހަޅާދެން އިން ފަރާތުންވަނީ މިކަމާ ދެކޮޅު ހަދާފައެވެ. މިގޮތުން ސަމާސާ ގޮތަށް ޝޯ ހުށަހަޅާދެން އިން ފަރާތުން ބުނެފައިވަނީ ދިޕިކާގެ ހެދުންތައް ތައްޔާރު ކުރަނީ ޓީމަކުން ކަމަށާއި ހެދުން އަޅާ ގޮތް އެނގޭނީ އެމީހަކަށް ކަމަށެވެ.

ސޯނަމްގެ މި ކޮމެންޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށްވަނީ އަމާޒު ވެފައެވެ.

ޑުވޭން ޖޯންސަން އާއި 12 އަަހަރުވީ ލޯބިވެރިޔާ، ލައުރެން ކައިވެނިކޮށްފި

ޑުވޭން ޖޯންސަން (ދި ރޮކް) އާއި އޭނާގެ ލޯބިވެރިޔާ ލައުރެން ހަށިއަން ކައިވެނިކޮށްފިއެވެ.

ރައްޓެހިވެގެން އުޅޭތާ 12 އަހަރުވީ ލޯބިވެރިޔާއާ ކައިވެނިކުރިކަން ޖޯންސަން އިއުލާންކުރީ އޭނާ މިއަދު ކުރި އިންސްޓަގުރަމް ޕޯސްޓެއްގައެވެ.

އަނބިމީހާ އާއި ކުރީގެ ޅިޔަނު ހިރަމް ގާސިއާ ޓެގްކޮށް، ހަވާއީގައި އިއްޔެ ބޭއްވި ކައިވެނި ހަފްލާގެ ފޮޓޯއަކާއެކު ޑުވޭންގެ 154 މިލިއަން އިންސްޓަގުރަމް ފޮލޯވަރުންނާ ހިއްސާކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ “އަހަރެމެން ގަބޫލުކޮށްފިން” ކަމަށެވެ.

އުމުރުން 47 އަހަރުގެ ޖޯންސަން އާއި 34 އަހަރުގެ ލަވަކިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ހަށިއަންއާ ބައްދަލުވީ 2006 ވަނަ އަހަރުއެވެ. އަދި 2007 ވަނަ އަހަރު އެ ދެ މީހުން ލޯބީގެ ގޮތުން ރައްޓެހިވިއެވެ. އެއީ ޖޯންސަން އާއި އޭނާގެ ކުރީގެ އަނބިމީހާ ޑެނީ ގާސިއާ ވެރިވުމަށްފަހުއެވެ.

ޖޯންސަން އާއި ހަށިއަންއަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ ޖޭސްމިން 3 އަހަރު އަދި ޓިއާނާ 1 އަހަރުއެވެ. އަދި ކުރީގެ އަނބިމީހާ ގާސިއާއަށް 18 އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވެއެވެ.

ފިލްމް ދާކަޅް އިން މިފަހަރު ކަންގަނާ ފެންނަނީ ތަފާތުކޮށް

އަންނައަހަރު ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވާ ބޮލީވުޑް ތަރި ކަންގަނާ ރަނާއުޓްގެ އެކްޝަން ތުރިލާ ފިލްމު      “ދާކަޅް”ގެ ޓީޒާ ދައްކާލައިފި އެވެ.

ރަޒްނީޝް ގާއީ ޑައިރެކްޓް ކޮށް، ސޮހައިލް މަކްލައި ޕްރޮޑިއުސް ކުރާ އެކްޝަން ތުރިލާ މި ފިލްމުގައި ކަންގަނާ އާއެކު ކޯ ސްޓާރަކަށް މިމޯހް ޗަކްރަބޯތީ ގެ އިތުރުން މުހިންމު ރޯލަކުން ތައްބޫ ވެސް ފެންނާނެކަމަށް ބްލީވުޑްގެ ޚަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

ކަންގަނާގެ މި ފިލްމު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު ކަންގަނާ ދެން އެންމެއަވަހަށް ސްކްރީނުން ފެންނާނެ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކުރާ “ޕަންގާ” އިންނެވެ.

ހުޅުދެލީގައި ބޮޑު އީދު އިތުރަށް ފުރިހަމަ ކޮށްދޭނީ ބިދަބިން

މިއަހަރުގެ ބޮޑު އީދަށް މިއޮތީ ދެ ދުވަހަށް ވެފައެވެ. ބޮޑު އީދަށް އަތޮޅު ތެރެއަށްދާ މީހުން މަތިންނާއި ތިރިން ދަތުރު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. އީދަށް ރަށްރަށަށް ދާ ފަންނާނުންނާއި ބޭންޑުތަކުން ދަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ހާއްސަކޮށް މިއަހަރުގެ ބޮޑު އީދުގައި އެންމެ ބުރަކޮށް އުޅޭ އެއް ގުރޫޕަކީ ރާއްޖޭގައި ނަގާކިޔާ ޒުވާން ބޮޑުބެރު ގުރޫޕް “ބިދަބިން” އެވެ.

މިއަހަރުގެ އީދުގައި އެ ގުރޫޕުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ އިތުރުން ޅ. ހިންނަވަރު އަދި މީދޫގައި ހުށަހަޅައިދޭން ވަނީ ތައްޔާރުވެފައެވެ. އަދި އެ އަތޮޅު ހުޅުދެލީގައި ވެސް ޝޯވ ދިނުމަށް އެ ރަށު އަންހެނުން ކޮމެޓީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ އަންނަ އަންގާރަ ދުވަހު ހުޅުދެލީގައި އެ ގުރޫޕުން ބޮޑުބެރުގެ އަޑު ގުގުމާލާނެ ކަމަށެވެ.

އަދި ހުޅުދެއްޔަށް ބިދަބިން މީގެ ކުރިން ދެ ފަހަރަކު ގޮސްފައިވާއިރު، އެރަށަކީ ބިދަބިން ބޮޑުބެރު ގުރޫޕާ ގާތް ގުޅުމެއް އޮންނަ، މެހެމާންދާރީގައި ނަމޫނާ ރަށެއް ކަމަށް އާއްކޮ ފާހަގަކުރިއެވެ.

މިއަހަރުގެ ބޮޑު އީދަށް ބިދަބިން އިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

އެގޮތުން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ދިވެހިންގެ ހިތްތައް އަތުލި ކުޑަ ނަމަވެސް ވަރުގަދަ އަޑުގެ ވެރިޔާ، މުހައްމަދު ރީހާން އާއި ލަވަކިޔުމާއި ނެށުމުގެ ތަޖުރިބާގައި ދެވަނަ އެއް ނެތް އަލީ އަހްސަން (ހޯރަ އައްޔަ)ގެ އިތުރުން މި އީދުގައި ބިދަބިންއާއެކު ރާއްޖޭގައި ނަގާ ކިޔާ ތަފާތު ދެ އަޑެއް އިވިގެންދާނެ އެވެ.

އެއީ ބޮޑުބެރުގައި ފާހަގަކޮށްލެވޭ ދެ ފަންނާނުން ކަމަށްވާ، މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލު ކަމެއް ލިބުނު އަދި ވަރުގަދަ އަޑުގެ ވެރިޔާ ނައުޝާދް ލަތީފް (ޒަރޭ) އަދި ބޮޑުބެރުގައި މަޝްހޫރު އަޑުގެ ވެރިޔާ އަބްދުﷲ މުރުޝިދް (ލާރާ) އެވެ.

ބިދަބިން އަކީ ބޮޑުބެރުގެ އިތުރުން ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭގައި ނަގާ ކިޔާ އެއް ގުރޫޕެވެ. އެގޮތުން މި އީދުގައި އެ ގުރޫޕުން ތައާރަފްކޮށްފައިވާ ޕެކޭޖުގައި ވެސް ސަގާފީ އެތައް އައިޓަމްތަކާއި ޒަމާނީ ލަވަތަކެއް ހިމަނާފައިވާނެ ކަމަށް އާއްކޮ މައުލޫމާތުދެ އެވެ.