“ފަސޭހަ” އާއި “އަޑަފި”ގެ މައްސަލަ ބަލަނީ

ރާއްޖޭގެ ނޫސްތަކުގެ ލިޔުންތަކާއި ޚަބަރުތައް ނަގައި ރީ-ޕަބްލިޝްކުރާ އޮންލައިން ވެބްސައިޓެއް ކަމަށްވާ “ފަސޭހަ.ކޮމް” އަދި “އަޑަފި” އެޕްގެ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

އޮންލައިން ނޫސްތައް ހިންގަމުންދާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެމްއެމްސީން އެ ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

“ފަސޭހަ.ކޮމް” ވެބްސައިޓް އަދި “އަޑަފި” އެޕަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އޮންލައިން ނޫސްތަކުގައި ލިޔާ ހަބަރުތަކާއި ރިޕޯޓްތައް އެ ނޫސްތަކުގެ ހުއްދައެއް ނެތި ރީ-ޕަބްލިޝްކޮށް، އޭގެ ކޮންޓެންޓުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކުގެ އިޝްރިހާރުތައް ޖަހައިގެން އޭގެން މަންފާ ހޯދަމުންދާ ބައެކެވެ.

އެމްއެމްސީގެ މިއަދުގެ ބައްދަލުވުމުގައި، ެމްއެމްސީން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ އާ އުސޫލުގެ ފައިނަލް ޑްރާފްޓް ނިންމައި މީޑިއާތަކާ ހިއްސާކުރުމަށާއި އެކައުންސިލުން އެކި ދުވަސްތަކަށް ބަހާލައިގެން ކައުންސިލް މެމްބަރުން ހިމެނޭގޮތަށް މީޑިއާތަކާ ބައްދަލުކުރުމަށް އަދި މީޑިއާ ދަފްތަރު އަޕްޑޭޓް ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

ދީނަށް ފުރައްސާރަ ކުރަމުންދާ އިތުރު ޕޭޖެއް ބްލޮކް ކޮށްދޭން ފޭސްބުކްގައި އެދިއްޖެ

އިސްލާމްދީނަށް ފުރައްސާރަ ކުރާ އިތުރު އެހެން ޕޭޖެއް ވެސް ބޮލޮކް ކޮށްދޭން ފޭސްބުކްގައި އެދިފައިވާނެ ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައި މިވަނީ، މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ކުރެހުންތައް ފަތުރަމުންދިޔަ ފޭސްބުކް ޕޭޖް “ޖުހާ” ބުލޮކް ކޮށް، ނުވަދެވޭ ގޮތް ހަދާފައިވަނިކޮށެވެ.

ފުލުހުން ބުނީ، “ޖުހާ” ޕޭޖް ބްލޮކް ކުރަން ފުލުހުން ފޭސްބުކްގައި އެދިފައިވަނިކޮށް، މިރޭ ފޭސްބުކުން އެ ޕޭޖް ބްލޮކްކުރިކަން އަންގާފައިވާ ކަމަށެވެ.

އަދި އެފަދަ އިތުރު ޕޭޖެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ޕޭޖުގެ ނަން ފުލުހުން މީޑިއާއަށް ހާމަކުރި ނަމަވެސް، އެ ޕޭޖް މަޝްހޫރު ކުރަން މި ނޫހުން ބޭނުން ނުވާތީ އެ ޕޭޖުގެ ނަމެއް ނުގެނެސްދޭނަމެވެ.

މިރޭ ބްލޮކްކުރި “ޖުހާ”ގެ ނަމުގައި ހިންގަމުންދިޔަ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެއެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެއެވެ.

އެ ޕޭޖު ބްލޮކް ކޮށްފައިމިވަނީ، މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިއްޔެ ބުނެފައިވަނިކޮށެވެ. އަދި އާންމުން ވެސް ވަނީ އެ ޕޭޖް ބުލޮކް ކުރަން ރިޕޯޓް ކުރަމުންނެވެ.

މޫސުން ގޯސްވެ، ޅ. އަތޮޅުން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޅ. އަތޮޅުން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިރޭ 11:30 އިން ދަންވަރު 3:30 ގެ ނިޔަލަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

މެޓް އޮފީހުން މާދަމާރޭ 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައިވާ ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އިންޑިއާގެ ފުރަތަމަ ޑައިވިން އެކްސްޕޯ ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ނަޝީދު

އިންޑިއާގެ މުމްބާއީގައި އަންނަ މަހު ބާއްވާ އެގައުމުގެ ފުރަތަމަ ބައިނަލްއަގްވާމީ ޑައިވިން އެކްސްޕޯގެ ޝަރަފުވެރި މެހެމާނަކަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފިިއެވެ.

އޭޝިއާގެ އެންމެ ގިނަ ދުވަސް ވަންދެން ބާއްވަމުން އަންނަ ޑައިވް ޓްރެވެލް އެޖެންޓްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު އެޑެކްސް ބްރޭންޑުން އިންތިޒާމްކޮށްގެން “އެޑެކްސް އިންޑިއާ އޯޝަން ފެސްޓިވަލް”ގެ ނަމުގައި ބާއްވާ އެ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ ހަތަރަކުން ހަވަނަ ދުވަހަށް ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ.

އެކްސްޕޯ ބާއްވާ އެޑެކްސް ބްރޭންޑުން ބުނީ، ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުން މިއަހަރުގެ އެކްސްޕޯ ވެގެންދާނީ ތާރީހީ އިވެންޓަކަށް ކަމަށެވެ.

މި އެކްސްޕޯގައި ދުނިޔޭގެ މަޝްހޫރު ޑައިވިން މަންޒިލްތައް ބައިވެރިވާނެއެވެ. އޭގެ އިތުރުން އިންޑިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ތައިލޭންޑް، ރާއްޖެ، މެލޭޝިއާ އަދި ސްރީ ލަންކާގައި ހަރަކާތްތެރިވާ ޑައިވިން ސެންޓަރުތަކާއި ހިދުމަތްދޭ ތަންތަން މި އެކްސްޕޯގައި ބައިވެރިވާނެކަން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މިއަހަރުގެ އެކްސްޕޯގައި ޕެޑި، ޕާލޭ ފޮ ދަ އޯޝެންސް، ޕްލެނެޓް އޯޝަން ފައުންޑޭޝަން، އެވޯޑް ހާސިލްކޮށްފައިވާ އަންހެން ޑައިވަރުން، މޫދުއަޑީގެ ފޮޓޯގުރާފަރުންނާއި ފިލްމު ހަދާ މީހުން ތަގުރީރު ކުރާނެއެވެ.

އެގޮތުން އެކްސްޕޯގައި ރާއްޖޭގައި ޑައިވިން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ނަން ވިދަމުން އަންނަ ތަޖުރިބާކާރު ދެ އަންހެނުން ކަމުގައިވާ ޒޫނާ ނަސީމާއި ޝާހީނާ އަލީ ވެސް ތަގުރީރު ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

އެންމެ ފުރަތަމަ “ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން”ގެ މަގާމު ރާއްޖެއަށް

ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން”އަކީ ދިވެހިރާއްޖެ ކަމުގައި އިއުލާންކޮށްފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި، އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން” ގެ މަގާމު ލިބުމުން ރައީސް ވިދާޅުވީ، މި މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތްކުރާ ނޫ އިގްތިސާދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.

މިއަދު ބޭއްވި މި ދަންފަޅީގައި ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި ގާނޫނާ ގަވައިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ޕާލޭ އޭއައިއާރު ސްޓްރެޓެޖީއަށް ތައުރީފުކުރައްވައި މި ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތައުރީފު ކުރެއްވިއެވެ.

އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 2023 ވަނަ އަހަރުގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކޭލެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލެއްވިއެވެ.

އަދި މިއީ އެފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ގައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމުކަން ފާހަގަކުރައްވާ ރައީސް ވަނީ،  މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ރާއްޖެއިން ގެންގުޅޭ މޮޑެލްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

އިސްލާމްދީނަށް ފުރައްސާކޮށް ހިންގަމުންދިޔަ “ޖުހާ” ޕޭޖް ބްލޮކް ކޮށްފި

މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ކުރެހުންތައް ފަތުރަމުންދިޔަ ފޭސްބުކް ޕޭޖް “ޖުހާ” ބުލޮކް ކޮށްފިއެވެ.

“ޖުހާ” ގެ ނަމުގައި ހިންގަމުންދާ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެއެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެއެވެ.

އެ ޕޭޖް ބުލޮކް ކޮށްފައިމިވަނީ، މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިއްޔެ ބުނެފައިވަނިކޮށެވެ. އަދި އާންމުން ވެސް ވަނީ އެ ޕޭޖް ބުލޮކް ކުރަން ރިޕޯޓް ކުރަމުންނެވެ.

އެގޮތުން މިހާރު ވަނީ އެ ޕޭޖަށް ނުވަދެވޭ ގޮތް ހަދާފައެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް ވަނީ މިއަހަރުގެ ޖަނަވަރީ 22ގައި ހާއްސަ ކޮމެޓީއެއްވެސް އުފައްދަވާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ކޮމިޓީގެ މަސައްކަތްތައް ހިނގަނީ ސޯޝަލް ކައުންސިލްގެ ދަށުންނެވެ.

ޖަލުގެ ހާލަތު ދެނެގަނެ، ގައިދީންގެ ކަންބޮޑުވުން އައްސަން މިނިސްޓަރު އިމްރާން ޖަލަށް

ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާލޭ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ޖަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ، ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެފައެވެ.

އަދި ޖަލުތަކުގައި ތިބި ގައިދީންނާއި ވާހަކަދައްކާ އެމީހުންގެ ކަންބޮޑުވުން އޮޅުންފިލުވައި މިނިސްޓަރު އިމްރާން ވަނީ، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަން ގައިދީންނަށް ދީފައެވެ.

އެގޮތުން ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ކަންކަން ރަނގަޅުކުރެއްވުމަށް އިރުޝާދު ދެއްވައި،  ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަވަސް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނަށް މިނިސްޓަރު އިމްރާން ވަނީ އަންގަވައިފައެވެ.

ހޯމް މިނިސްޓަރު ޖަލަށް ކުރެއްވި ޒިޔާރަތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަން އަހުމަދު މުހައްމަދުފުޅާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅި ދުނިޔެއަށް ރައީސް: މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދެއްވާ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ނިއުޔޯކްގައި މިއަދު ކުރިއަށްދިޔަ “ބްލޫ ލީޑާސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް” ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަމަށެވެ.

އެހެންކަމުން ރާއްޖެ ފަދަ ގައުމުތަކަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމުކަން ފާހަގަކުރައްވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތްކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.

އަދި ވިދާޅުވީ، ދެމެހެއްޓެނިވި އަދި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިގްތިސާދުތަކެއް ބިނާކުރުމަކީ ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވާއިރު ދުނިޔޭގެ ކަނޑުތަކުގެ 30 ޕަސެންޓް ހިމާޔަތްކުރެވޭ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަގްވާމީ ލީޑަރުން އެއްބަސްވެވަޑައިގެންނެވުމަށް ވިދާޅުވިއެވެ.

ކަނޑުތަކުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލެމުންދާ ކަމަށެވެ.

އަދި މައްސަލަތައް ހައްލު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެން ރައީސް ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ސަމިޓްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ހާއްސަ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމާއި އެކަމުގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައްދަލުުވމުގެ ބައިވެރިންނާއި ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އަދި އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު އަންހެނަކު ހުއްޓުވައިފި

ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީ އަންހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީ އަންހެނަކު ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް އާދައިގެ މަތިން އެހެން ހުއްޓުވާ މީހުންގެ މައުލޫމާތެއް އިމިގްރޭޝަނަކުން މިއަދު ވެސް ހާމައެއް ނުކުރެއެވެ.

އެހެންކަމުން އޭނާއަކީ ގޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާ ރާއްޖެ އައިސްފައިނީ ކޮން ގައުމަކުން ކަމެއް ނޭނެގެއެވެ. އަދި އޭނާ ހިފެހެއްޓި ދުވަހެއް ވެސް އިމިގްރޭޝަނަކުން ނުބުނެއެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅޭ މައްސަލަތައް މިފަހަކަށް އައިސް އިމިގްރޭޝަނުން ހާމަކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

އެގޮތުން މީގެ ދެ ދުވަސް ވެސް ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ތިން ބިދޭސީއަކު ވަނީ ހުއްޓުވައިފައެވެ.

ބަޑިބޭސް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ބަޑިބޭސްތަކެއް ގެންގުޅުނު މީހަކު ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އިއްޔެ 3:50 ހާއިރު ފަރީދީ ގޯޅީގައި ހުންނަ ނައިބް ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ ހިލާލީގެ ކައިރީގައި ޝައްކުކުރެވޭ ގޮތަކަށް އަމަލުތައް ހުރުމުން ކަމަށެވެ.

އެގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ވެސް ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފަޓާސް އަދި ބަޑި ބޭހުގެ ބާވަތްތައް ރާއްޖެ އެތެރެކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން، ހާއްސަ ބޭނުންތަކަށެވެ.

ގެއްލުންވި ފަރާތްތަކަށް އެހީވުމަށް ހުޅުވި އެކައުންޓަށް 3 ދުވަހުގެ ތެރޭގައި 190،000 ރ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ދޭން ހުޅުވި ބޭންކް އެކައުންޓަށް ތިން ދުވަހުގެ ތެރޭގައި 190،000 ރުފިޔާ ލިބިއްޖެއެވެ.

ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް އެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެކަމަށް ހުޅުވާފައިވާ އެކައުންޓުގެ ތަފްސީލް:

އެކައުންޓް ނަން:  September Male’ Fire Relief Account 20

އެކައުންޓް ނަންބަރު: 7730000284246

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މިއަދުގެ ހަވީރު ހަތަރެއް ޖެހިއިރާ ހަމައަށް އެކައުންޓަށް 191،555.25 ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

މަޖީދީއްޔާ ސްކޫލް ކުރިމަތީގައި އޮންނަ އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހަދާފައިހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަދާ ހުލުވިއިރު، ހަތް އިމާރާތަކަށް އަލިފާނުގެ އަސަރުކުރިއެވެ.

އަދި އެ ހާދިސާގައި ރޯވި އިމާރާތެއްގެ ތެރޭގައި ތާށިވި އަންހެނެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. އެ ހާދިސާގައި ޖުމްލަ 443 މީހަކު ހާލުގައި ޖެހުނު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.

ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު!

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހަވީރު 5:30 މިރޭ 9:30 އާ ހަމައަށް ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ، ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް އެވްރެޖް ގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އެހެން ހިސާބުތަކަށް 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކެނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ރާޅުގެ އުސްމިން އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުތެރޭގައި ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ. އަދި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓަށް ރާޅުގެ އުސްމީން އަރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކްރިމިނަލް ކޯޓުގައި ބާއްވާ އެ ޝަރީއަތުގެ އަޑުއެހުން ތާވަން ކޮށްފައިވަނި ހެނދުނު 9:30 އަށެވެ.

މި މައްސަލާގައި ޝަރީއަތުގެ ތިން އަޑުއެހުމެއް މިހާތަނަށް ވަނީ ބާއްވައިފައެވެ. އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގިއެވެ.

އެގޮތުން ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރު މުހައްމަދު ޝަރީފް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ލުވެއިޒްގެ ހެކިބަސް އެދުވަހު ނެގިއެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެއެވެ. އޭނާގެ ހެކިބަސް ނުނެގިފައި އޮތީ އޭނާއަށް މަޖުބޫރު ކޮށްފައިވާ ކަމަށްބުނެ ހެކިބަސް ދިނުމަށް އިންކާރު ކުރެއްވުމުނެވެ.

އެހެންކަމުން، ދައުލަތުގެ ފަރާތުން ވަނީ ލުތުފީ ފުލުހުންނަށް ބަޔާން ދެއްވިއިރު، ކޮށްފައިވާ ވީޑިއޯގެ ރެކޯޑިން ޝަރީއަތުގައި ބެއްލެވުމަށް ޝަރީއަތަށް ހުށަހަޅުއްވައިފައެވެ. އެކަމާ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ދެކޮޅު ހެދި ނަމަވެސް، ގާޒީ ވަނީ ދެން އޮންނަ ޝަރީޢަތެއްގައި ދައުލަތުން ހުށައެޅި ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރާ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައެވެ.

ދައުވާގައި ބުނެފައިވާ ގޮތުން، އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށްފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސްލު ޔާމީން ވަނީ އޮޅުވާލައިފައެވެ.

މޫސުމީ ބަދަލުތަކާ ކުރިމަތިލާން ރާއްޖޭގެ މޮޑެލްއަށް އަމަލުކުރަން ރައީސް ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖެއިން ގެންގުޅޭ މޮޑެލަށް އެހެން ގައުމުތަކުން ވެސް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ 74 ވަނަ އދ. ގެ އާންމު މަޖިލީހުގެ ތެރެއިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލް ވުމަށް ގައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވެވި ސަމިޓެކެވެ.

ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން އަމަލުކުރަމުން ގެންދާ “ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް” މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށެވެ.

އަދި މިފަދަ މޮޑެލެއް އިހްތިޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ މި މޮޑެލްއަކީ ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނެ އަދި ގުޅިގެން ހާސިލްކުރެވޭނެ ފިޔަވަޅުތަކެއް ހިމެނޭ މޮޑެލެއް ކަމަށެވެ.

ރާއްޖެއިން ގެންގުޅޭ “ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް” މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައިވަނީ ތިމާވެއްޓާބެހޭ 11 މައިގަނޑު ދާއިރާއަކުން ހާސިލްކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ.

އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި އާ އީޖާދުތަކުގެ އެހީ ހޯދުމާއި އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުން ހިމެނެއެވެ.

އަދި ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމްރާނީ ތަރައްގީ ގެނައުމާއި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުން އެ މޮޑެލްގައި ހިމެނެއެވެ.

މޫސުން އިތުރަށް ގޯސްވެ، ކ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގާ މޫސުން ގޯސްވެ، ކ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިރޭގެ 12:00 އާ ހަމައަށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ކ. އަތޮޅުން ވ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވެއެވެ.

މިރޭ 8:00 އިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ، ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރޯވީ ޓެރަރިޒަމްގެ އަމަލަކުން ކަމެއް އަދި ބެލެން ނެތް، ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއްކަން ސާބިތު ކުރެވެން އަދި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން ސީރިއަސް އެންޑް އޮގަނައިޒްގެ ކުރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އެހެން ވިދާޅުވީ، އަލިފާން ރޯވީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް މިއަދު ޖަވާބު ދެއްވަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާއު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގާފައިވަނީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ތަހުގީގަށް ސާބިތުވެފައިނުވާ ކަމަށެވެ.

އަދި ތަހުގީގު ކުރިއަށްދަނީ ހުރިހާ ދިމާލަކަށް ބަލައިގެން ކަމަށާއި ތަހުގީގު ހަނިކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

” އަޅުގަނޑުމެންގެ ތަހުގީގު ކުރިޔަށް މިގެންދަނީ ހުރިހާ ޕޮޒިބިލިޓީސްތަކަށް ބަލައިގެން…އަލިފާން ރޯވީ ހިނގި އެކްސިޑެންޓަކުންތޯ ނޫނީ ގަސްދުގައި ބަޔަކު ރޯކޮށްލީތޯ، ނޫނީ ޓެރަރިސްޓް ހަމަލާއެއްތޯ އަދި އެ ނޫންވެސް ކަމަކުންތޯ މި ހުރިހާ އެންގަލް އަކުން އަޅުގަނޑުމެން އެބަ ބަލަން. އަދި ފާހަގަކުރެވިފައެއް ނެތް، ޓެރަރިޒަމްގެ އަމަލެއްކަން ސާބިތުވާ ވަރުގެ ހެއްކެތް,” ޝިފާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ހޯދިފައިނުވާ ކަމަށެވެ. އަދި ތަހުގީގަށްޓަކައި އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ ވީޑިއޯ އާއި ފޮޓޯފަދަ ތަކެތި ތަހުލީލު ކުރަން ފަށާފައިވާއިރު، ބޭރުގެ އެހީ ހޯދުމުގެ މަޝްވަރާތައް ޕޮލިސީ ލެވެލްގައި ކުރާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

ހެންވޭރު އަބަދަށްފަހި މަގުގައި ހުންނަ އަލިފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ.

އަދި ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ހާދިސާގައި އަލިފާނުގެ އަސަރު ކުރި ގެއެއްގައި ތާށިވި އުމުރުން 46 އަހަރުގެ އަންހެނަކަު ވަނީ ނިޔާވެފައެވެ. އެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކުގައި މިހާރުވެސް 290 އެއްހާ މީހުން އެބަތިއްބެވެ.

އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ދަނީ ހިންގަމުން: ހޯމް މިނިސްޓްރީ

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހެންވޭރު އަބަދަށްފަހި މަގުގައި ހުންނަ އަލިފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ. އަދި ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ހާދިސާގައި އަލިފާނުގެ އަސަރު ކުރި ގެއެއްގައި ތާށިވި އުމުރުން 46 އަހަރުގެ އަންހެނަކަު ވަނީ ނިޔާވެފައެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ، އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރާ ކަމަށާއި އެ ތަހުގީގުގެ ކަންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވާ ކަމަށެވެ.

އަދި އެ ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

މުދަލަތު ޒަކާތް ބެހުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު މުދަލު ޒަކާތް ބަހަންް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އެދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރުފަހު 2:30 އަށް، އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.

އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި މުދަލު ޒަކާތް ބަހާނެ ދުވަސް ކަނޑައަޅައި އެކަމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހިލާފުވެއްޖެނަމަ ހުއްދަ ހިފެހެއްޓޭ ގޮތަށް، ކެމިކަލްއާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ނުރައްކާތެރި ކެމިކަލް ގެންގުޅުމުގައި ގަވައިދާ ހިލާފުވެއްޖެނަމަ އެންމެ ބޮޑު އަދަދަކަށް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް ހުއްދަ ހިފެހެއްޓޭނެ ގޮތަށް ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދެއް ގެޒެޓްކޮށް، އަމަލު ކުރަން ފަށައިފިއެވެ.

ޑިފެންސް މިނިސްޓްރީން ތަންފީޒުކުރާ ގޮތަށް ހަދާފައިވާ “ނުރައްކާތެރި ކަމާބެހޭ ގަވައިދު”ގެ މަގްސަދެއް ކަމަށް ބުނެފައިވަނީ، ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުމާއި ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުމެވެ.

މީގެ އިތުރުން ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަންކޮށް، ނައްތާލުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާން ކުރުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ގަވާއިދުގައި ބުނެފައިވަނީ، ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީއަށް ފޯމެއް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި ހުއްދައަށް އެދި ހުށަހެޅުމުން ގަވާއިދުގައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހު، އެކަންކަން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

އެގޮތުން ހުއްދަ ދިނުމުގައި މައިގަނޑު ފަސް ކަމަކަށް ބަލަން ވަނީ ނިންމައިފައެވެ.

އެއީ ކެމިކަލް އެތެރެކުރާ ބޭނުން ސާފުކޮށް ބަޔާންކޮށްފައި އޮތުމާއި ރައްކާތެރިކަމާއެކު އެ ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައި ހުރުމާއި އެތެރެކުރާ ކެމިކަލް، ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމެވެ.

އަދި ކެމިކަލް އެތެރެކުރަނީ ވިއްކަން ކަަމަށްވާނަމަ، އެ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކެމިކަލް ގަންނަ ފަރާތްތަކަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމާއި ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާގޮތަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީ އަކުން އިންޝުއާ ކޮށްފައި ހުރުން ވެސް ހުއްދަ ދިނުމުގައި ބަލާކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން ގަވާއިދު ތަންފީޒުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ކެމިކަލް އެތެރެކޮށް، ލޭބަލްކޮޮށް، އެއްތަނުން އަނެއްތަނަށް އުފުލައި، ގުދަންކޮށް، ބޭނުންކޮށް، ވިއްކައި ނައްތާލަންވާނީ އެ ގަވައިދުގައިވާ ގޮތުގެ މަތިންނެވެ.

އަދި ގަވާއިދު ތަންފީޒުކުރަން ފަށާއިރު ރާއްޖޭގައި ހުރި ކެމިކަލް ގުދަންކުރާ ތަންތަނާއި ކެމިކަލް ވިއްކާ ތަންތަނުގައި، މި ގަވާއިދު ތަންފީޒު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އެ ގަވައިދުގައި އިތުރަށް ބުނެފައިވަނީ، އެ ގަވާއިދުގައި ބަޔާންކުރާ ނުރައްކާތެރި ކެމިކަލެއް، ހުއްދަ ހޯދުމަކާނުލައި ރާއްޖެއަށް އެތެރެކޮށް ގެންގުޅެނިކޮށް ފެނިއްޖެނަމަ، ބަދަލުދިނުމަކާއި ނުލައި އެއެއްޗެއް އަތުލެވޭނެއެވެ. އަދި އެ އެއްޗެއް ނައްތައިލަން ޖެހިއްޖެނަމަ، ނައްތަލައިލާނީ ޑިފެންސް މިނިސްޓްރީންނެވެ.

އަދި ކެމިކަލް ގެންގުޅޭ ފަރާތްތަކުން އެ ގަވާއިދު އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މިއަދު ގެޒެޓްކުރި ގަވައިދުގައި ކެމިކަލް ރައްކާކުރާ ގުދަން ހަދާފައި ހުންނަންޖެހޭ ގޮތް ވެސް ވަނީ ހިމަނައިފައެވެ.

އެގޮތުން، ކެމިކަލް ރައްކާކުރާ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާ ވަކިން، ތަޅުލައިފައި ހުންނަ ރައްކާތެރި ތަނެއްގައި ކަމަށާއި ކެމިކަލް ރައްކާކުރެވޭ ގުދަން، އިމާރާތެއްގެ ތިންވަނަ ފަންގިފިލާއަށްވުރެ އުސް ފަންގިފިލާއެއްގައި ހުރެގެން ނުވާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

އަދި ކެމިކަލް ރައްކާކުރުމަށް ހަދާ ގުދަނުގެ ދޮރުތައް 2/1 ގަޑިއިރުގެ ފަޔާ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭއިރު، ގުދަނުގެ ސީލިން ހަދާފައި ހުންނަންވާނީ ސިމެންތި ފިލައިން ނުވަތަ ޖިޕްސަން ބޯޑުފަދަ ފަޔާ ރެސިސްޓަންޓް މެޓީރިއަލެއް ބޭނުން ކޮށްގެންނެވެ.

އޭގެ އިތުރުން ގުދަން ހަދާފައި ހުންނަންވާނީ އިތުރު ތަނަކަށް ނުވަދެ ރައްކާތެރި ސަރަހައްދަކަށް ނުކުމެވޭ ގޮތަށް ކަމަށާއި އިމާރާތުގެ މަތީ ފަންގިފިލާތަކުން އިމާރާތުގެ ބޭރަށް ފޭބޭނެގޮތަށް އެމަޖެންސީ އެސްކޭޕް ލެޑާ ހަރުކޮށްފައި ހުނަންޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ގަވައިދުގެ އަދަބުތައް ބުނާގޮތުން، ރާއްޖެއަށް އެތެރެކުރާ ކެމިކަލް ބަންދުކޮށްފައިވާ ޕެކޭޖުގެ ބޭރުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވާ ލޭބަލްތަކާއި ކުރެހުންތައް ހަރުނުކޮށް ރާއްޖެއަށް ކެމިކަލެއް އެތެރެކޮށްފިނަމަ، އެ އެތެރެކުރި ފަރާތެއް 5000 ރުފިޔާ އިން ފެށިގެން 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި އެކަންކަން ފިޔަވައި އެ ގަވާއިދުގެ އެހެން ކަމަކާ ހިލާފު ވެއްޖެނަމަ އެކަމެއްގެ ކުޑަބޮޑުމިނެއް ބަލައި، ހިލާފުވީ ފަރާތެއް 5000 ރުފިޔާ އިން ފެށިގެން 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޖޫރިމަނާގެ އިތުރުން ދޫކޮށްފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު ވެސް ޑިފެންސް މިނިސްޓްރީއަށް ދީފައިވެއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ނައިބަކަށް ޝާތިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް ތ. ހިރިލަންދޫ/ ތިރިންގަލި، މުހައްމަދު ޝާތިރު އައްޔަން ކުރައްވައިފިއެވެ.

ޝާތިރު އެ މަގާމަށް އައްޔަންކުރެއްވީ މިއަދުއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސީނިއާ އެޑިޓަރުގެ މަގާމާއި އެ ދާއިރާގެ އެކިއެކި މަގާމުތައް އަދާކުރެއްވި ޝާތިރު އެންމެފަހުން އަދާކުރެއްވީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމެވެ.

އަދި އޭނާއަށް ވަނީ 2017 ވަނަ އަހަރު، ދިވެހި ތާރީހުގެ ދާއިރާއިން ދިވެހި ތާރީހާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައިވާ ޝާތިރަކީ ތާރީހު ދިރާސާ ކުރުމާއި މީޑިއާގެ ދާއިރާއިން އެކި ވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އެގޮތުން ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަރާތަކުގެ އަގު ވަޒަންކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ރަން ގަލަން މިއަހަރު ޝާތިރަށްވަނީ ލިބިވަޑައިގެންފައެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިއަދު ބޭފުޅަކު އައްޔަން ކުރެއްވިއިރު، އެ މިިނިސްޓްރީގައި މިވަގުތު ވެސް ދެ ނައިބުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.

އިންޑަސްޓްރިއަލް ވިލޭޖުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ

އިންޑަސްޓްރިއަލް ވިލޭޖުގައި މަޑުކޮށްގެން އޮތް ތެޔޮ ބައުންސަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ 7:39 ގައި ލިބުނު އެ ރިޕޯޓްގައި ރޯވެފައިވަނީ ތެޔޮ ބައުޒަރުގެ އިންޖީނުގައި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އަދި އަލިފާން ރޯވިއިރު، އޭގައި ޑްރައިވަރާއި އެހީތެރިއަކު އިން ކަމަށާއި ނަމަވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރެއްގައެވެ.

ގެއްލުންވި ފަރާތްތަކަށް ފައިސާގެ އެހީ ދޭން އެކައުންޓެއް ހުޅުވައިފި

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ދޭން ހުޅުވައިފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް އެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކަމަށް ހާއްސަ އެކައުންޓެއް މިހާރު ހުޅުވާފައިވާ ކަމަށެވެ.

އެކަމަށް ހުޅުވާފައިވާ އެކައުންޓުގެ ތަފްސީލް:

އެކައުންޓް ނަން: 20 September Male’ Fire Relief Account

އެކައުންޓް ނަންބަރު: 7730000284246

މަޖީދީއްޔާ ސްކޫލް ކުރިމަތީގައި އޮންނަ އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހަދާފައިހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ރޯވެ މިިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަދާ ހުލުވިއިރު، ހަތް އިމާރާތަކަށް އަލިފާނުގެ އަސަރުކުރިއެވެ.

އަދި އެ ހާދިސާގައި ރޯވި އިމާރާތެއްގެ ތެރޭގައި ތާށިވި އަންހެނެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

އެ ހާދިސާގައި ޖުމްލަ 443 މީހަކު ހާލުގައި ޖެހުނު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން އިއްޔެ ވަނީ ބުނެފައެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އާންމުންގެ އެހީތެރިކަމަށް ހުޅުވާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ބަޔަކު ވަނީ ގިނަ އެހީތަކެއް ވެދީފައެވެ.

އަލިފާންގަނޑު ނިއްވާލައިފި، މިހާރު ކުރަނީ ދުމުގެ އަސަރު: އެމްއެންޑީއެފް

ރޭގެ އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތެއްގައި އަނެއްކާ ވެސް ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

ރޭގެ އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ މަތީގައި އަލިފާނުގެ އަސަރު ފެންނަން ހުރެގެން އެ އަލިފާންގަނޑު ނިއްވާލީ ފެން ޖަހައިގެންނެވެ.

އަދި އެ އަލިފާންގަނޑު އިތުރު ތަނަކަށް ނުވެސް ފެތުރެއެވެ. އެމްއެންޑީއެފުން ބުނީ، އެތަނުން މިހާރު ދުމުގެ އަސަރު ފެންނަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނާ ގޮތުގައި، ރޭގެ ހާދިސާ ހިނގި ސަރަހައްދުގައި ފަޔަރު ޓީމުން 24 ގަޑިއިރު، ފަޔާ ވެހިކަލްއާއެކު ދަނީ މޮނީޓާ ކުރަމުންނެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސައިޓް ދޫކޮށް ގޮސްފައިނުވާ ކަމަށެވެ.

އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކައި ފޭރިގެންފި

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށްފަހު އެ މީހާގެ އަތުން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީގެ މަރަދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަދި އޭނާއަށް އަނިޔާ ކުރުމަށްފަހު އެ މީހާގެ އަތުން ފޭރިގެންފައިވާ މައްސަލައެއް މިރޭ 9:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފޭރުމުގެ އަނިޔާ ލިބުނީ އުމުރުން 69 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، ފޯނަކާއި ފައިސާތަކެއް ފޭރެން ވެގެން އުމުރުން ދުވަސްވީ މީހާގެ އަތުގެ ތިން ވަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. އަދި މޫނުމަތީގައި ޖެހުމުގެ ސަބަބުން މޫނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

އެހެންކަމުން އުމުރުން ދުވަސްވީ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ފޭރިގެން ގެންގޮސްފައިވަނީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެއެވެ. ފުލުހުން ބުނީ، އިތުރު މައުލޫމާތު ލިބުނު މިންވަރަކުން ހިއްސާކުރާނެ ކަމަށެވެ.