ނިއުޕޯޓު ހުރި ބިން ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހަދާފައިވާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން 15 ދުވަސް ތެރޭ ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓުން ނިއުޕޯޓް ރެސްޓޯރެންޓް ހިންގާ ސްޓްރާޑާ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ހުކުމްކުރީ ނިއު ޕޯޓް ހުސްކޮށްދިނުމަށާއި އެ ބިމުން ދައުލަތަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެން ކުރި ހުކުމްގަ އެވެ.

ނިއު ޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ އާއި ދެކޮޅަށް ކުރި ހުކުމްގައި ބުނެފައިވަނީ ސަރުކާރުން އެކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ ކަން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކޮށްފައިވަނިކޮށް އެކުންފުންޏަށް އެ ބިން ބޭނުންކުރުމުގެ ހުއްދަ ނޯންނާނެތީވެ 15 ދުވަހުގެ ތެރޭގައި ސަރުކާރާ ބިން ހަވާލުކޮށް، ކުލީގެ ގޮތުގައި ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލު ކުރުމާ ހަމަ އަށް އަރަމުންދާ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް އަމުރުކުރާ ކަމަށްވެސް ހުކުމްގައިވެ އެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ވިއު ރެސްޓޯރަންޓް ހިންގުމަށް ބްރިޖު ސަރަހައްދުން ބިމެއް 2016 ވަނަ އަހަރުގެ ތެރޭގައި އެކުންފުންޏަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި އޭރު ހުންނެވި ޒާހިދު ރަމީޒެވެ.

Leave a Reply

Your email address will not be published.