ދީނަށް ފުރައްސާރަ ކުރަމުންދާ އިތުރު ޕޭޖެއް ބްލޮކް ކޮށްދޭން ފޭސްބުކްގައި އެދިއްޖެ

އިސްލާމްދީނަށް ފުރައްސާރަ ކުރާ އިތުރު އެހެން ޕޭޖެއް ވެސް ބޮލޮކް ކޮށްދޭން ފޭސްބުކްގައި އެދިފައިވާނެ ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައި މިވަނީ، މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ކުރެހުންތައް ފަތުރަމުންދިޔަ ފޭސްބުކް ޕޭޖް “ޖުހާ” ބުލޮކް ކޮށް، ނުވަދެވޭ ގޮތް ހަދާފައިވަނިކޮށެވެ.

ފުލުހުން ބުނީ، “ޖުހާ” ޕޭޖް ބްލޮކް ކުރަން ފުލުހުން ފޭސްބުކްގައި އެދިފައިވަނިކޮށް، މިރޭ ފޭސްބުކުން އެ ޕޭޖް ބްލޮކްކުރިކަން އަންގާފައިވާ ކަމަށެވެ.

އަދި އެފަދަ އިތުރު ޕޭޖެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ޕޭޖުގެ ނަން ފުލުހުން މީޑިއާއަށް ހާމަކުރި ނަމަވެސް، އެ ޕޭޖް މަޝްހޫރު ކުރަން މި ނޫހުން ބޭނުން ނުވާތީ އެ ޕޭޖުގެ ނަމެއް ނުގެނެސްދޭނަމެވެ.

މިރޭ ބްލޮކްކުރި “ޖުހާ”ގެ ނަމުގައި ހިންގަމުންދިޔަ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރެއެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުރެއެވެ.

އެ ޕޭޖު ބްލޮކް ކޮށްފައިމިވަނީ، މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިއްޔެ ބުނެފައިވަނިކޮށެވެ. އަދި އާންމުން ވެސް ވަނީ އެ ޕޭޖް ބުލޮކް ކުރަން ރިޕޯޓް ކުރަމުންނެވެ.

Leave a Reply

Your email address will not be published.