އެންމެ މޮޅު ފޮޑި ޖެހުންތެރިޔާ ހޮވުމަށް އިންޑިއާގައި މުބާރާތެއް ބާއްވަނީ

އިންޑިއާއަކީ އެތައް ގޮތަކުން ތަފާތު ގައުމެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުން ފެށިގެން ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީ އޮތް ގައުމަކީ ވެސް އެއީ އެވެ. މި ކަންކަމުގެ އިތުރުން އިންޑިއާ އަކީ އާންމުކޮށް މީހުން ކޮށް ނޫޅޭ އެތައް ކަމެއް ކުރުމުގައި މަޝްހޫރު ގައުމެކެވެ. އެގޮތުން އެ ލިސްޓަށް އިތުރު ކޮށްލަން ވެސް މިއޮތީ ކަމެކެވެ.

އިންޑިއާގެ ގުޖުރާތް ސްޓޭޓްގެ އެންމެ ބޮޑު ސިޓީ، ސުރާތްގައި ދަނީ ފޮޑި ޖެހުމުގެ މުބާރާތެއް ބާއްވަން ތައްޔާރު ވަމުންނެވެ.

“ޑަބްލިއުޓީއެފް – ވަޓް ދަ ފާޓް” ގެ ނަމުގައި ބާއްވާ އެ މުބާރާތައި ވާދަކުރާ ބައިވެރިންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބޭނީ 60 ސިކުންތެވެ. އެ ވަގުތުގެ ތެރޭގައި އެންމެ ބާރު، އެންމެ ދިގު އަދި އެންމެ ވަރުގަދަ ފޮޑި ޖެހޭ މީހަކަށް ޓްރޮފީއަކާއެކު 15،000 ރުޕީސް (209 އެމެރިކާ ޑޮލަރު)ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މުބާރާތް އިންތިޒާމްކުރާ އިންޑިއާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޔަތިން ސަންގޮއި ބުނި ގޮތުގައި، އެފަދަ މުބާރާތެއް ބާއްވަން އޭނާގެ ހިޔާލަށް އައީ އެއް ދުވަހަކު އާއިލާ އެންމެން ފިލްމެއް ބަލަން ތިއްބާ އޭނާއަށް ޖެހުނު ފޮނޑިއެއްގެ ސަބަބުން، ފޮނޑި ޖެހުމުގެ މުބާރާތެއް ބާއްވައިފިނަމަ އޭނާ މޮޅުވާނެ ކަމަށް އާއިލާ މެމްބަރަކު ބުނުމުން ކަމަށެވެ.

“އެއީ ފޮޑި ޖެހުމުގެ މުބާރާތެއް ބާއްވަން ހިޔާލަށް އައި ގޮތަކީ. ޗައިނާ، ޔޫކޭ އަދި އެމެރިކާގައި ފަދަ ގައުމުތަކުގައި ވެސް ފޮޑި ޖެހުމުގެ މުބާރާތް ބާއްވާ. އިންޑިއާގައި އެކަހަލަ އެއްވެސް ކަމެއް ނެތް،” ސަންގޮއި ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޯމެއް ފުރައިގެން ނުވަތަ ދީފައިވާ ނަންބަރަށް ގުޅައިގެން ރަޖިސްޓްރީ ކުރެވެއެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 100 ރުޕީސް ދައްކަންޖެހެއެވެ.

ސަންގޮއި ބުނާގޮތުގައި، މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެއެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިބޭނީ، ސްޓޭޑް އަޕް ކޮމީޑިއަކާއި ގުޖުރާތުގެ ޑޮކްޓަރުންނެވެ.

Leave a Reply

Your email address will not be published.