“އެމެރިކާ”ގެ ނަންދީފައިވާ ރަން ފާހާނާ ތަަށި ވަގަށް ނަގައިފި

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ ގަނޑުވަރުގައި ބަހައްޓާފައިހުރި ރަން ފާހާނާ ތައްޓެއް ވަގަށް ނަގައިފިއެވެ.

“އެމެރިކާ”ގެ ނަން ދީފައިވާ އަށާރަ ކެރެޓްގެ އެ ފާހާނަ ތައްޓަކީ އެއް މިލިއަން ޕައުންޑް (1.2 މިލިއަން އެމެރިކާ ޑޮލަރު)ގެ އަގުހުރި ފާހާނަ ތައްޓެކެވެ.

އެ ފާހާނަ ތަށި ޑިޒައިން ކޮށްފައިވަނީ އިޓަލީގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކަޓެލަން އެވެ. އަދި އެ ގަނޑުވަރުގައި އެ ތަށި ބަހައްޓާފައި ހުންނަނީ ބޭނުން ކުރެވޭ ގޮތަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ފާހާނަ ތަށި ވަގަށް ނަގާފައިމިވަނީ ބްލެންހެއިމް ޕެލެސްގައި އެތަށި ބެހެއްޓިތާ ދެ ދުވަސް ފަހުންނެވެ. މީގެ ކުރިން އެ ތަށި ބަހައްޓާފައި ހުރީ ނިއު ޔޯކްގައި ހުންނަ ދާރުލް އާސާރެއްގައެވެ.

މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، އެ މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން 66 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޑިޓެކްޓިވް އިންސްޕެކްޓާ ޖެސް މިލްނޭ ވިދާޅުވީ، ގަނޑުވަރުގެ ތެރޭގައި ޑިސްޕްލޭ ކޮށްފައިހުރި އެ ފާހާނަ ތައްޓަކީ ރަނުން ހަދާފައިވާ ވަރަށް އަގުބޮޑު އާޓެއް ކަމަށެވެ.

އަދި ބޭނުން ކުރެވޭ ގޮތަށް ހަދާފައިހުރި އެ ފާހާނަ ތަށި ނެގުމުން، އިމާރާތުގެ ތެރޭގައި ފެންހެދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ގަނޑުވަރުގެ ވަށައިގެން ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް، އެ މަންޒަރު ދުށް މީހުން އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published.