ހުކުރު ހުތުބާގައި ކަށްވަޅުގެ ނާމާންކަމާއި ގިޔާމަތް ދުވަހުގެ ބިރުވެރިކަން!

ދުނިޔޭގައި ނުބައި އަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ ދުނިޔޭގައި ހުރިއިރު އޭނާ ކޮށްފައިވާ ނުބައި އަމަލުތައް ކަމަށާއި ގިޔާމަތްވުމާ ހަމައަށް އެ މީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ގިޔާމަތްދުވަހާ މެދު ޣާފިލުނުވާށެވެ” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ލައުނަތް ލެއްވިގެންވާ ޝައިތާނާ ވަނީ އޭނާގެ ދަންތުރައިގައި އިންސާނުން ޖައްސައި، ދުންޔަވީ ލައްޒަތާއި ޝަހުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އަޅުވާފައި ކަމަށެވެ.

ނަމަވެސް ޝައިތާނާގެ މި ދަންތުރައިން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ، ޝައިތާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ހިތްތައް އީމާންކަމުގެ ނޫރުން އަލިކުރުމުންނާއި ފަނާވެދަނިވި ދުނިޔޭގެ މި ކުރު ދަތުރުގެ މަގްސަދާ މެދު ފުންކޮށް ވިސްނައި، މި ދަތުރު ނިންމާލަންޖެހޭ މަންޒިލް ކަމުގައިވާ އާހިރަތުގެ މަތީން ތާއަބަދު ހަނދުމަކުރުމުގައި ސާބިތުވެ ތިބުމުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، އިންސާނާ މަރުވެ، ކަށްވަޅަށް ދިއުމާ ހަމައިން ގިޔާމަތުގެ މަރުހަލާ ފެށުނީ ކަމަށާއި ކަށްވަޅު ވެގެންދާނީ އާހިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލް ކަމަށެވެ. އަދި އެ މަންޒިލަށް އިންސާނާ ދާން ޖެހެނީ އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލާއި ކަމަކާއި އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަކީ ދުނިޔޭގައި ހުރިއިރު އޭނާ ކޮށްފައިވާ ހެޔޮ އަމަލުތައް ކަމަށެވެ.

“ނަމަވެސް ދުނިޔޭގައި ނުބައި އަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެ ނުބައި އަމަލުތަކެވެ. އެ އަމަލުތައް، ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ. ގިޔާމަތްވުމާ ހަމައަށް އެ މީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެންމެ ނުބައި އަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ހިލާފަށް ހެޔޮ އަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ،” ހުތުބާގައި ވިދާޅުވެފައިވެއެވެ.

އަދި ޤިޔާމަތް ދުވަހަކީ ބިރުވެރިކަން ބޮޑުވެގެންވާ ދުވަހެއްކަން ފާހަގަކުރައްވާ ހުތުބާގައި ވަނީ އެދުވަހުގެ ނާމާންކަމުގެ ވާހަކަ ބަޔާންކުރައްވާ މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅޭއް ވިދާޅުވެފައެވެ.

“އޭ މީސްތަކުންނެވޭ! ތިޔަބައިމީްގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ! ހަމަކަށަވަރުން، ގިޔާމަތްވުމުގެ ޒަލްޒަލާ އަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެން ވަނީ، މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲގެ އަޒާބު ގަދަފަދައީއެވެ.”

އަދިވެސް އެދުވަހުގެ ހާލަތު ތަސައްވަރު ކުރުމަށްޓަކައި ﷲ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

“ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ! އެއީ، މީހާ އޭނާގެ އަހާގެ ކިބައިންނާއި، އޭނާގެ މަންމަ އާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާ އާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތި ކުރާނެ ކަމެއް އެ ދުވަހުން ވެއެވެ.”

ހުތުބާގައި ވިދާޅުވީ، ގިޔާމަތްދުވަހު، ކޮންމެ މީހަކު ވެސް ﷲގެ ދަރުބާރަށް ހާޒިރުވާނީ އެ މީހަކު މި ބިންމަތީގައި އުޅުނުއިރު ކުޅަ އަމަލަކާއިގެން ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް މިދުނިޔޭގެ ދަންފަޅި ހަމަކޮށް ﷲގެ ހަޒްރަތަށް ދަތުރުކުރަންޖެހޭނެ މީހަކަށްވާއިރު ގިޔާމަތް ދުވަހު ﷲ ގެ ދަރުބާރުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ދުނިޔޭގެ ހަޔާތުގައި އިންސާނާއަށް ﷲ ދެއްވި އިލްމުގެ މަދު މިންވަރުން މިއަދު އޭނާ ތަރައްގީ އާއި ތަހުޒީުގެ މަގުގައި މީގެ ކުރިން އެއްވެސް ޒަމާނެއްގައި ހޯދިފައިނުވާ ފަދަ މާއްދީ ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.

ނަމަވެސް އެ މާއްދީ ކުރިއެރުންތަކުގެ ސަބަބުން އޭނާގެ ރޫހާނިއްޔަތު ފުނޑުފުނޑުވެގެން ގޮސްފައިވާއިރު، އެކަމުގެ އިހްސާސް ވެސް އޭނާގެ ކިބައިގައި ނެތުމަކީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“އެހެންކަމުން، އޭނާ މަސައްކަތް ކުރަނީ، އޭނާގެ ސުވަރުގެ ދުނިޔެމަތީގައި ބިނާކުރެވޭތޯއެވެ. ނަމަވެސް އޭނާގެ މި ހުރިހާ ކަމެއް މޮޅަށް ބައްލަވައިވޮޑިގެންވާ އިލާހުގެ އަމުރުފުޅު އައުމުން، ގަދަފަދަ އަޑަކާއެކު އޭނާ އާއި އޭނާ ހޯދި ތަރައްގީ ފުނޑުފުނޑުވެ ވެއްޔަށް ވެގެން ހިނގައިދާހުއްޓެވެ. އޭނާ އާއި އޭނާގެ ވަށައިގެންވާ ހުރިހާ އެއްޗެއް ފަޅި ސިކުންތެއްގެ ތެރޭގައި ފަނާވެ ނެތިގެން ހިނގައިދާހުއްޓެވެ.،” ހުތުބާގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.