މި ވަގުތުތަކުގައި ދުއާކުރުން މޮޅު އިތުރުވެގެންވެއެވެ

ދުޢާ އިޖާބަކުރެވޭ ވަގުތުތައް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އުއްމަތަށް ބަޔާން ކޮށްދެއްވާފައެވެ. މިވަގުތު ތަކުގައި ކުރާ ދުޢާ އެހެން ވަގުތުތަކަށްވުރެ އިޖާބަވުން ކައިރިވެގެންވެއެވެ. އަދި މިވަގުތުތަކުގައި ދުޢާކުރުން މޮޅު އިތުރުވެގެންވެއެވެ. އަދި އެ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުސްލިމުންގެ މައްޗަށް ވެއެވެ. އޭގެ ތެރޭގައި ސަޖިދައިގައި ވާ ވަގުތު ހިމެނެއެވެ.

އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އަޅާއަށް އެންމެ ކުއްތަންވެވޭ ވަގުތެވެ. އަދި ބަންގި އާއި ޤަމަތާއި ދެމެދު ވެސް އެ ވަގުތު ތަކުގައި ހިމެނެއެވެ. އަދި ހަނގުރާމައިގައި އަދުއްވުންނާއި ބައްދަލުވާ ހިނދާއި އަދި ﷲ ސުބުޙާނަހޫ ޖައްލަ ޢުލާ ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާ ވަގުތު ކަމުގައިވާ ރޭގަނޑުގެ ފަހު ވަގުތު ހިމެނެއެވެ.

ތިރީގައި މިވަނީ ދުޢާ އިޖާބަ ކުރެއްވޭ ބައެއް ވަގުތުތަކާއި އަދި އެކަމުގެ މައްޗަށް ވާ ދަލީލެވެ.

ހ. އަޅާ ސަޖިދާގައި ވާ ވަގުތު.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ

މާނައީ: ”އަޅާ އޭނާގެ ރައްބާއި އެންމެ ކައިރިވެގެންވާ ވަގުތަކީ އޭނާ ސަޖިދަގައިވާ ވަގުތެވެ. ފަހެ ތިޔަބައިމީހުން އެވަގުތުގައި ދުޢާކުރުން ގިނަކުރާށެވެ.“

ށ. ބަންގި އާއި ޤަމަތާ ދެމެދު.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.

الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ

މާނައީ: ”ބަންގިއާއި ޤަމަތާއި ދެމެދު ކުރެވޭ ދުޢާ އިޖާބަނުކުރެއްވި ނުދެއެވެ.“

ނ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގަންނަވާ ވަގުތު ނުވަތަ ހާރުދަން ވަގުތު.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ فَيَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ وَمَنْ يَسْأَلُنِي فَأُعْطِيَهُ وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ

މާނައީ: ”އަޅުގަނޑުމެންގެ ރައްބު ތަބާރަކަ ވަތަޢާލާ ރޭގަނޑުގެ ފަހުބައިކަމަށްވާ ތިންބައިކޮށްފައި އެއްބަޔަށްވުމުން( ތިންބައިކޮށްފައި ދެބައިނިމުމުން) ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވައެވެ. ތިމަންއިލާހަށް ދުޢާކުރާނީ ކާކުހެއްޔެވެ؟ އެމީހަކަށް އިޖާބަކޮށްދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ކަމަކަށް އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ފާފަފުއްސެވުން އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ފާފަ ފުއްސަވައި ދެއްވާހުށީމެވެ.“

އަދިވެސް އިތުރު ވަގުތުތައް ޙަދީޘް ބަސްފުޅުތަކުގައި ބަޔާންވެފައިވެއެވެ. އެހެން ލިޔުމެއްގައި އިތުރު ވަގުތުތަކަށް އަލިއަޅުވާލާނަމެވެ. ދުޢާއަކީ ގިނަގިނައިން ދުޢާކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވައި އަޅުގަނޑުމެންގެ ދުޢާ އިޖާބަ ކުރެއްވުމެވެ.

| މަސްދަރު : ނިދާއު ޑޮޓް ކޮމް – އައްޝައިޚް ޢަބްދުއްރަހީމް ބިން މުޙައްމަދު

Leave a Reply

Your email address will not be published.